[ކީއްވެ ކުރިން ޙަޤީޤަތް ހާމަނުކުރީ؟] އަދިވެސް ރިޝްފާން ހުރީ ހިސާބަކަށް ބިރުގެންފައެވެ.

[ރިޝްފާންދެކެ ލޯބިވާތީ...ފުރަތަމަ އަހަރެން ބޭނުންވީ ލޯބި ޙާޞިލްކޮށް، އަހަރެންގެ ދިރިއުޅުމުގައި ރިޝްފާން ޤައިދުކޮށްލަން. އަހަރެމެންގެ ދަރިފުޅު ރިޝްފާއަކީ އަހަރެމެން ވަކިނުވެވޭނޭ ކަމުގެ ހެއްކެއް. ރިޝްފާނަކަށް ނުވިސްނޭނެ. އެމަންޖެ ރިޝްފާންދެކެ ހާދަ ލޯބިވެޔޭ. އަބަދުވެސް އޭނަ ބޭނުންވަނީ އަހަރެމެން އެކުގައި ދިރިއުޅެން. މާޔާ އޭނަޔާ ދޭތެރޭ ކަންތައްކުރާ ގޮތުގެ ވާހަކަ، ކޮންމެ ދުވަހަކުވެސް ރޮއިފައި އަހަރެން ގާތު އެމަންޖެ ކިޔައިދޭ....އަދި ބުނަން، މާޔާ ގާތު ބުނޭ، އެމަންޖެއާ ދޭތެރޭ ރަނގަޅަށް ހިތާށޭ...އެހެން ނޫނީ...އަހަރެން....] ޝަބްނަމް ދޮރު ހުޅުވާފައި ބޭރަށް ނިކުމެއްޖެއެވެ. އެހިނދު ރިޝްފާން ޝަބްނަމް ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް، ޝަބްނަމް އެދިޔައީ ވަރުގަދަ އިންޒާރެއް ދިނުމަށްފަހުގައެވެ. ޖުމްލަ ފުރިހަމަ ނުކުރިޔަސް، އެއީ އިންޒާރުގެ ބަހެކެވެ. އެކަމަށް ރިޝްފާން ވިސްނަން ޖެހޭނެއެވެ. މާޔާއެއް ނުވިސްނާނެއެވެ. މާޔާއަކީ އެއިން އެއްވެސް ކަމެއް މޭރުންވާ މީހެއް ނޫނެވެ.

ރިޝްފާން ގަނޑުވެފައި ހުރެމެ، ދަރިފުޅުގެ ސާމާނުތައް ހިފައިގެން ބޭރަށް ނިކުތްއިރު، ދޮރުމަތީގައި އޭނާ އައި ޓެކްސީ އޮތެވެ.

[އެތެރެޔަށް ވަދެ ނިދީތަ؟ މިހާރު ކޮންއިރެއް؟] ރިޝްފާން ކާރަށް އެރުމާއެކު ޑްރައިވަރު ރާޝިދު ބުންޏެވެ.

[ފާޚާނާޔަށް ވަދެލީމާ ލަސްވީ. އަވަހަށް ހިނގާ...ތިބުނިހެން ވަރަށް ލަސްވެއްޖެވިއްޔަ....] އަތުގައި ހުރި ސާމާނުތައް ފަހަތު ސީޓަށްލައި، ކުރީ ސީޓްގައި ހަމަޖެހިލަމުން ރިޝްފާން ބުންޏެވެ. ރާޝިދު ކާރު ދުއްވާލިއެވެ.

ރިޝްފާނަށް ހޮސްޕިޓަލަށް ދެވުނުއިރު، މާޔާ ވިއްސާ ކޮޓަރިއަށް ވައްދައިފިއެވެ. ވިއްސާ ކޮޓަރި ދޮރުމަތީގައި މާޔާގެ މަންމައާއި ރިޝްފާންގެ މަންމަމެން ތިއްބެވެ. ފަހަރެއްގައި ލޭ ބޭނުންވެދާނޭ ކަމަށް ޑޮކްޓަރު ބުނީތީ ޒައިދުވީ ލޭ ލިބޭތޯ ކޮންމެވެސް ދިމާއަކަށް ގޮހެވެ.

[ޒައިދު ކޮބާ؟] މަންމަމެނާ އަރާހަމަކޮށް ރިޝްފާން އެއްސެވެ.

[ލޭ ހޯދަނ ޑޮކްޓަރު ބުނެގެން ލޭ ލިބޭތޯ އެބައުޅޭ.] ޖަވާބުދިނީ މާޔާ މަންމައެވެ.

[ލޭ ހޯދަންވީއޭ! ރިޝްފާން ކުޑަކޮށް ހުއްޓުންއެރިއެވެ. އެހިނދު އެތަނާ ފަންސާހަކަށް ފޫޓް ދުރުގައި އެދިމާއަށް ބަލަހައްޓައިގެން ޝަބްނަމް ހުއްޓެވެ. ހިނިއައިސްފައެވެ. އިރުކޮޅެއް ވަންދެން ރިޝްފާންމެނާ ދިމާއަށް ބަލަން ހުރެފައި އޭނާ އެތާހުރި ތަނބެއްގެ ބިއްދޮށަށް ޖެހިލިއެވެ. އެއަށްފަހުވީ ހިނދުކޮޅެކެވެ. އެ ތަނބުގެ އަރިމަތިން އެނުކުތީ ޒުވާން ފިރިހެނެކެވެ. އޭނާ އިރުކޮޅެއް ވަންދެން ރިޝްފާންމެން ތިބި ދިމާޔަށް ނަޒަރު ސީދާކޮށްގެން ހުރެފައި އެދިމާއަށް ހިނގައިގެންފިއެވެ. އޭނާ އެއައި ގޮތަށް އައިސް ރިޝްފާނާ ދާދި ގާތަށް ހުއްޓިއްޖެއެވެ.

[ކޮން ގްރޫޕެއްގެ ލެޔެއް ބޭނުންވަނީ؟] އެ ޒުވާނާ ރިޝްފާންގެ ގާތަށް ހުއްޓެމުން އެއްސެވެ. ރިޝްފާން ސިއްސައިގެންދާފަދަ ގޮތަކަށް އެމީހާޔާ ދިމާއަށް އެނބުރުނެވެ.

[އޭ ނެގެޓިވް....] ރިޝްފާން ޖަވާބު ދިނެވެ.

[އަހަރެން ލޭ ހަދިޔާކޮށްފާނަން....އަހަންނަށް ކިޔަނީ ޒުހުރީ....] އެ ޒުވާނާގެ ސަބަބުން ރިޝްފާނަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

[ޝުކުރިއްޔާ....ލެބޯޓްރީއަށް ދަމާ ހިނގާ....] ރިޝްފާން ޒުހުރީއަށް ޝުކުރު އަދާކުރުމަށްފަހު، ލެބޯޓްރީއާ ދިމާއަށް ހިނގައިގެންފިއެވެ.

[އަދި އަހަރެންގެ ޝަރުޠެއް އެބައޮތް. އަހަރެންގެ ގައިން ނަގާ ލޭ އަހަރެން ލޭ ހަދިޔާކުރާ މީހެއްގެ ގަޔަށް އެޅެންޖެހޭނެ....މިހެން މިބުނަނީ...ގިނަފަހަރު ހޮސްޕިޓަލުން ލޭ ނަގާފައި ހަދިޔާކުރާ ލޭ، ބްލަޑް ބޭންކަށްދާތީ....] ރިޝްފާނާއެކު ހިނގައިގަންނަމުން އެމީހާ ބުންޏެވެ. ޖަވާބުގައި، މައްސަލައެއް ނެތް ކަމަށް ރިޝްފާން ބުންޏެވެ.

[ދިމާވަންޏާ....ސީދާ ހޮޅި ގުޅައިގެންވެސް ލޭ އެޅިދާނެ....] ނަރުސް ކުއްޖާ ބުންޏެވެ. ޓެސްޓް ކުރަން ފަށަމުންނެވެ.

ނަޞީބުގެ އިއްތިފާޤެކޭ ރިޝްފާންގެ ހިތަށްއެރިއެވެ. އެއްވެސް ހުރަހެއްނެތި ޒުހުރީގެ ލެޔާ މާޔާއާ ގުޅުނީއެވެ.

އެދުވަހު މާޔާގެ ބަނޑުން އާދަޔާ ޚިލާފަށް ލޭ ފޭބުމުގެ ސަބަބުން މާޔާއަށް ލޭއަޅަން ޖެހުނެވެ. އެޅީ ޒުހުރީގެ ގައިން ނެގި ލެޔެވެ. ދަރިފުޅު އުފަންވީ އޭގެ ކުޑަ ހިނދުކޮޅެއްގެ ފަހުންނެވެ.

ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ވަގުތުން އެންމެންގެ މޫނުމަތި އުފާވެރި ކުލަތަކުން އަލިވެގެންދިޔައެވެ. ނަމަވެސް، އެ އެންމެންގެ ތެރެއިންވެސް ރިޝްފާން އެހާ ހިތްހަމަޖެހިފައި ހުރިހެނެއް ހިއެއްނުވެއެވެ. އޭނާ ހުންނަނީ މުޅިން އެހެން ވިސްނުމެއްގައެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ޙަޔާތަށް ވަނީ ބޮޑު ކަންތައްގަނޑެއް ލައިގެންފައެވެ.

[މި އުފާވެރި ދަނޑިވަޅުވެސް ކޮންހާ ފިކުރުތަކެއް...ރިޝްފާން ހީނުވޭ، އަލަށް ކުއްޖަކު ލިބިގެން އުޅޭހެންވެސް.] ރިޝްފާންގެ ޚިޔާލީ ވާފަށް ކަނޑުވާލީ ޒައިދެވެ.

[ތިހާ ކުޑައިރު ނަގައިގެން މޮޑޭކަށް ނުވާނެ. އެހެންނޫނީ އަވަހަށް ބޮޑެއް ނުވާނެ.] ރިޝްފާން ދަރިފުޅާ ލޯބިކޮށްލިއެވެ. އޭރު ހިނިއައިސްފައި މާޔާ އޮތެވެ. އޭނާ އޮތީ ނިކަން އުފާވެފައެވެ.

[ދަރިފުޅާ...ރަށަށް ގޮސް މި މަންޖެގެ ހެދުމެއް ގެންނަންވެއްޖެ....] އެނދު ކައިރީ ހުރި ކަބަޑްތެރެ ހާވާލަމުން މާޔާގެ މަންމަ އެދުނެވެ.

[މަންމަ ދާންވީނު...ޒައިދާއެކު. އަހަރެން އިހަށް މަޑުކުރާނަން. އަހަރެމެން އަލަމާރިތެރޭ ހުންނާނެ މާޔާގެ ގަމީސްތައް....ދޯ މާޔާ؟ ރިޝްފާން ބުނީ، އޭނާގެ މަންމަ ގާތުގައެވެ. މާޔާއަށް ދޯދެމުންނެވެ. އެއީ މާޔާވެސް ބޭނުންވެފައިވާ ގޮތެވެ. އޭނާ އެދެނީ އޭނާގެ ގާތު ގިނަވަގުތު ފިރިމީހާ ހުންނާށެވެ.

[ވަރުދާއްތަ ހިނގާ ދަމާ....އަހަރެ ގެޔަށް ވަދެލާފައި އަންނަންވާއިރަށް އެއްޗެތި ތައްޔާރުކުރާތި.] ޒައިދާއި ވަރުދާ ހިނގައިގެންފިއެވެ. އެވަގުތު އެމީހުންގެ ފަހަތުން ބޭރަށް ނިކުމެލާނަމޭހިތާ ރިޝްފާންވެސް ހިނގައިގެންފިއެވެ. ނަމަވެސް، ވަކި ހިސާބަކަށް ގޮސްފައި އޭނާ ހުއްޓިއްޖެއެވެ. މަޑުމަޑުން ފަހަތަށް ޖެހެން ފަށައިފިއެވެ.

ގޮނޑިއެއްގައި މާ ނަލަކޮށް އިށީނދެގެން އެއިނީ ޝަބްނަމެވެ. ހީވާކަހަލައެވެ. އޭނާ އެއިނީ ރިޝްފާންގެ އިންތިޒާރުގައެވެ.

[ރިޝްފާން ފަހަތަށް ނުޖެހި އައިސްބަލަ. ހެޔޮކަމެއް ކޮށްދިނީމާ، ޝުކުރު އަދާކުރުމެއްވެސް ނެތީތަ؟] ޝަބްނަމްގެ އަޑުއިވުނީ އެކަނި ރިޝްފާނަށެވެ. ހީވާގޮތުން އޭނާ ފެންނާނީވެސް ރިޝްފާނަށް އެކަންޏެވެ. އެހެން ނޫންނަމަ، އޭނާ އިންތަނާ ދާދި ކައިރިން ދިޔައިރު، ޒައިދުމެނަށް އޭނާގެ ހިލަންވީހެވެ.

[ކޮން ހެޔޮކަމެއް. އަހަރެންގެ ދިރިއުޅުމަށް ތުރާލަކަށްވެ ހުރެ ތިބުނަނީ، އަހަންނަށް ހެޔޮ ކަންތައް ކޮށްދޭ ވާހަކަ....ހާދަ ރަނގަޅޭ...] ރިޝްފާން ބިރުކަނޑާލާފައި ޝަބްނަމާ އަރާހަމަކުރިއެވެ.] އަހަންނަށް އެނގޭ، މާޔާއަށް ލޭ ހަދިޔާކުރީ ކާކުކަން ނޭނގޭތީކަން ތިހެން ތިބުނަނީ....މާޔާއަށް ލޭދިން ޒުހުރީއަކީ އަހަރެން....] މިޖުމްލަޔާއެކު ޝަބްނަމްގެ ސިފަ ޒުހުރީގެ ސިފަޔަށް ބަދަލުވެއްޖެއެވެ. ރިޝްފާންގެ ގައިން ހީބިހި ނަގައިގަތެވެ. ދެލޯ ބޮޑުވެ މީހާ ފަހަތަށް ޖެހެން ފަށައިފިއެވެ.

[ކަލޭގެ ލޭ....!؟] ރިޝްފާން ނިކަން ހާސްވެއްޖެއެވެ.

[އާނ....މާޔާއަށް ލޭދިނީ އަހަރެން...] ޒުހުރީގެ ސިފައިގައި ހުރި ޝަބްނަމް ހިނިތުންވެލިއެވެ. އެހިނދު ރިޝްފާން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެން ނަމަވެސް، ޝަބްނަމްގެ ނުރައްކާތެރިކަން ވިސްނޭތީ، އޭނާ ރުޅި އިސްނުކޮށް ކޮންޓްރޯލް ކުރިއެވެ.

[ހަންޑިޔަކަށް އިންސާނަކަށް ލޭ ދެވުނީ ކިހިނެއް؟] ރުން ކުރުވެފައި ރިޝްފާން އެއްސެވެ. މަލާމާތުގެ ފާޑަކަށް ޝަބްނަމް ހީގަތެވެ. ޒުހުރީގެ ސިފައިގައި ހުރެއެވެ.

[ކިހިނެއްވީ؟] ރިޝްފާންގެ ރުޅިއިސްވާން އުޅުނެވެ.

[ރިޝްފާންގެ މޮޔަކަން ހިތަށްއެރީމާ، ހިނިއަންނާނެއެއްނު. ސިފަ ބަދަލުވުމުގެ ބާރު ލިބިފައިވާ ގޮތަށް، އަހަންނަށް އެހެން ކަންކަމުގެވެސް ބާރު ލިބިފައިވެޔޭ.] މިހެން ބުނެފައި، ގަދަފަދަ އައްޔަކާއެކު ޝަބްނަމް ގެއްލިއްޖެއެވެ. ރިޝްފާންގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ. އޭނާ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

ހަންޑިއެއްގެ ލޭ އިންސާނެއްގެ ގަޔަށް އެޅީމާ ވާނީ ކިހިނެއްބާއޭ ހިތަށްއަރައި، ރިޝްފާންގެ ސިކުނޑި ނިކަން ހާސްވެއްޖެއެވެ.

ރިޝްފާން އިރުކޮޅެއް ވަންދެން ވިސްނުމުގައި ހުރެފައިމެ، މާޔާ އޮތް ވޯޑާ ދިމާޔަށް ހިނގައިގަތީ ނިކަން ބާރަށެވެ. އޭނާ މާޔާ އޮތް އެނދާ އަރާ ހަމަކޮށް މާޔާގެ މޫނަށް ބަލަންފެށިގޮތުން މާޔާއަށް ހިސާބެއްގެ ޙައިރާންކަމެއް ލިބުނުވެސްމެއެވެ.

[ރިޝްފާން...ހާދަ ފާޑަކަށް ތި ބަލަނީ...ކިހިނެއްވީ؟ މޫނުގައި ޢައިބެއް ހުރީތަ؟] މާޔާ ރިޝްފާންގެ އަތުގައި ހިފަހައްޓާލިއެވެ.

[ކަމެއްނުވޭ....ރީތިކަމުން ބެލެނީ....ވިހޭމާ މާޔާ މާރީތި.] އެކަނި މާޔާއަށް އިވޭވަރަށް ވައިއަޑުން ރިޝްފާން ބުނެލިއެވެ. ލިބުނު އުފަލާއެކު، މާޔާ ހީލިއެވެ. އަދިވެސް ރިޝްފާނަށް ބެލެނީއެވެ. މާޔާގެ މޫނަށެވެ. މާޔާއަށް ބަދަލުތަކެއް އަންނަހެން ހީވާތީއެވެ. މާޔާގެ ގަޔަށް އެޅި ލޭގެ އަސަރު ކުރާނެކަމަށް އޭނާއަށް ޤަބޫލު ކުރެވެނީއެވެ.

[މާޔާ....ކިރުތަށްޓެއް ދެންތަ؟] ރިޝްފާން މާޔާގެ މަގަތުގައި ޖައްސާލަމުން އެހިއެވެ. މާޔާ ބޯހޫރާލިއެވެ.

[ދެންމެ ބޮއިފިން....ރިޝްފާން އެއްވެސް އެއްޗެއް ކައިފިންތަ؟ ސައިބޮއިގެން އަންނަންދާންވީނު...އަންނައިރު މަންމަޔަށް ދޭންވެސް ކޮންމެވެސް އެއްޗެއް ގެނެސްދޭތި....] މާޔާ އެ ޙާލުގައި އޮވެވެސް ފިރިމީހާޔާ ދޭތެރޭ ވިސްނައެވެ. އެކަން ހިތަށްއެރީމާ، ރިޝްފާން ނިކަން އުފާވެސްވިއެވެ.

[އަހަރެން އަންނާނަން....މަންމަޔަށް ކޯއްޗެއްތަ ގެންނަންވީ؟] ރިޝްފާން ތެދުވިއެވެ.

[ދަރިފުޅަށް ފެންނަ އެއްޗެއް ރަނގަޅުވާނެ.] މާޔާގެ މަންމަ ޒަޙީރާ ބުންޏެވެ. ރިޝްފާން ނުކުތެވެ.

ރިޝްފާން ހޮސްޕިޓަލް ކައިރި ގޯޅިތެރޭ ހުންނަ ސައި ހޮޓަލަށް ވަދެ އިށީންތަނާހެން ދޮރު ހުޅުވާފައި ޝަބްނަމް ވަނެވެ. ޝަބްނަމް ފެނުމުން ކިތަންމެ ރުޅިއައި ނަމަވެސް، އިސްއޮބާލުން ފިޔަވައި ބޮޑުވަރެއް ރިޝްފާނަކަށް ނުކުރެވުނެވެ.

އޭރު ހޮޓާ އޮތީ ގާތްގަނޑަކަށްހެން ފުރިބާރުވެފައެވެ. އެހެންކަމުން، ޝަބްނަމާ ދެކޮޅަށް އެއްޗެކޭ ބުނާނޭ ފުރްޞަތެއް އޭނާއަކަށް ނުލިބުނެވެ. ޝަބްނަމް އައިގޮތަށް އިށީނީ ރިޝްފާންގެ ކުރިމަތީ ގޮނޑީގައެވެ.

[އަހަރެންވެސް ސައިބޯނަން....] މަޑުމަޑުން ޝަބްނަމް ބުނެލިއެވެ. އެކަނި ރިޝްފާނަށް އިވޭވަރަށެވެ.

[ބޭނުން އެއްޗެއް ގެނޭ....] އޭރު އެތާނގައި ތިބި ގިނަ މީހުންގެ ނަޒަރު ސީދާވެފައިވަނީ އާދަޔާ ޚިލާފު ރީތި ސިފަތަކެއްގެ ވެރި ޝަބްނަމަށެވެ. އެންމެންވެސް ސިއްރު ސިއްރުން ދައްކަމުން އެދަނީ ޝަބްނަމްގެ އާދަޔާ ޚިލާފު ރީތިކަމުގެ ވާހަކައެވެ. ޚާއްޞަކޮށް، އޭނާގެ ބޮލުގައިވާ ރަން އިސްތަށިގަނޑުގެ ވާހަކައެވެ. އެތަނުން ބައެއް މީހުން އެއީ ދިވެހި ކުއްޖެއް ނޫނޭވެސް ބުނަމުންދިޔައެވެ.

އެވަގުތު ވެއިޓަރު އައިސް ޝަބްނަމްގެ އޯޑަރު ނެގިއެވެ.

[ރިޝްފާނަށް ގެންނަ ވައްތަރަކުން އެއްޗެއް އަހަންނަށްވެސް ގެނޭ....] އެންމެނަށް އިވޭވަރަށް ބާރަށް ޝަބްނަމް ބުންޏެވެ. އެއާއެކު އެތަނުން ބައެއް މީސްމީހުންގެ ތަލިން ކުޅު ހިކުނު ކަހަލައެވެ.

[ޝަބްނަމް...އަހަރެންގެ ދިރިއުޅުމުން ދުރަށް ހިނގައިދާނަންތަ؟] އޯޑަރު ނަގައިގެން ވެއިޓަރު ދިޔުމުން، ޝަބްނަމަށް އެކަނި އިވޭވަރަށް މަޑުމަޑުން ރިޝްފާން ވާހަކަ ދެއްކިއެވެ.

[އަހަރެމެންގެ ދެމެދަށް ދަރިޔަކު އުފަންވެފައި ނެތްނަމަ.....އެކަމަކު މިހާރު އަހަންނަކަށް ރިޝްފާންގެ ދިރިއުޅުމުން ދުރަށް ދެވޭނޭ އެއްވެސް ގޮތެއް ނެތް. އަހަރެން ބޭނުން، މާޔާއެކޭ އެއްފަދައިން ރިޝްފާންގެ ދިރިއުޅުމުގައި ޙިއްޞާވާން.... ރިޝްފާން ހިތްހަމަޖެހުމާއި އަރާމުގެ ލައްޒަތު ފުރަތަމަ ލިބިގަތީ އަހަރެންގެ ފުށުން....ވީއިރު ރިޝްފާނަކަށްވެސް އަދި އަހަންނަކަށްވެސް އެ ހަނދާންތަކުން މިންޖެއްނުވެވޭނެ.] އެންމެންގެ ތެރޭގައި ޝަބްނަމް މަޑުމަޑުން އޭނާގެ އަތް ރިޝްފާންގެ އަތްމަތީގައި ބާއްވާލިއެވެ.

ބޭއިޚްތިޔާރުގައި ކުއްލިއަކަށް ރިޝްފާނަށް އޭނާގެ އަތް ދަމައިގަނެވުނެވެ. ވެއިޓަރު އައިސް މޭޒުމަތީގައި ތަށިތައް އަތުރަން ފެށީ އެވަގުތެވެ.

[ޝަބްނަމް....ކަލޭ މިހާރު އަހަންނާ ދިމާކުރާކަށް ތަނެއް ތަނެއް ނޯވޭދޯ. ރަށު މީހަކު މިތަނަށް ސައިބޯން ވަދެއްޖެއްޔާ.....ހަދާނީ ކިހިނެއް....] ހިތްހަމަނުޖެހިފައި ރިޝްފާން ބުނެލިއެވެ.

[ތިރަށު މީހަކު އަހަރެން މިތާ އިންދަކާ ނުވަންނާނެ. އަހަންނަށް ލިބިފައިވާ ބާރުގެ ވާހަކަ، ކުރީދުވަހު ބުނީމެއްނު....] ޝަބްނަމް ހީގަތެވެ. މަޑުމަޑުންނެވެ.

[ބާރެއް ލިބިފައިވާތީ ވަރަށް ބޮޑާވެފައިދޯ ތިހުންނަނީ؟ ތިބުނާފަދަ ބާރެއް ހުރިއްޔާ، ނިކަން އަހަރެން ނޫން އެހެން މީހަކާ އަވަލަންވީނު....] ރިޝްފާން ބޭނުންވީ މަލާމާތްކޮށްގެންވެސް ޝަބްނަމް، އޭނާގެ ދިރިއުޅުމުން ފޭއަށް ޖައްސާލާށެވެ.

[އަހަރެން ނޫޅެމޭ ރިޝްފާނަކާ އަވަލައިގެނެއް. އަހަންނަށް ރިޝްފާންދެކެ ލޯބިވެވުނީތީ....ރިޝްފާންވެސް ތިހުންނަނީ ނިކަން ބޮޑާވެފައެއްނު....އަހަރެން ބޭނުމިއްޔާ، މާޔާ މަރާވެސްލެވިދާނެ....] ޝަބްނަމް އެންމެފަހުން ރިޝްފާނަށް އިންޒާރު ދިނެވެ. ކުރިންވެސް ވާހަކަ ދެއްކިހެން މަޑުމަޑުންނެވެ.

[އަހަންނަށްވެސް ޝަބްނަމް މަރާލެވިދާނެ. އޭރުންނޯ....] ޝަބްނަމްގެ އިންޒާރުން ރިޝްފާންގެ ގާތަށް ރުޅިއައެވެ. ވުމާއެކު، އޭނާ އޯޑަރު ދިން ކާއެއްޗެތި ނުވެސްކައި މައިދައިތައަށްވީ ޕާރުސަލް ހިފައިގެން ހިނގައިގަތެވެ. ޝަބްނަމް ހިނިއައިސްފައި އިނީއެވެ. އޭނާ އެތަނުން ނިކުތީ ރިޝްފާން ނިކުތީމާ އޭނާގެ ފަހަތުންނެވެ.

[ރިޝްފާން މަޑުކޮށްބަލަ....ރިޝްފާނަށްވެސް އެނގެންވާނެއެއްނު، އަހަރެން ރިޝްފާނަށް ދެރައެއް ނުދޭނޭކަން...އަހަރެން ހޯދަ ލޯބިވެޔޭ ރިޝްފާންދެކެ....] ރިޝްފާންގެ ފަހަތުން އައިސް ރިޝްފާނާ އަރާހަމަކޮށް ޝަބްނަމް ބުންޏެވެ. ރިޝްފާން މަޑުޖެހިލިއެވެ.

[އަހަންނަށް އެނގޭކަށް ނުޖެހޭނެ. އިންސާނަކަށް ނުވާއިރު، އިންސާނެއްގެ ސިފައިގައި އައިސް އަހަންނަށް އޮޅުވާލުން އެއީ ކަލޭކުރި މަޢާފް ޙައްޤުވާ ވަރަށްވުރެން ބޮޑު ކުށެއް....] ރިޝްފާން ހުރީ ނިކަން ރުޅިއައިސްފައެވެ.

[މިވަގުތު ކިތަންމެ ރުޅިއައިސްފައި ހުއްޓަސް، ރިޝްފާން އަހަންނަށް މަޢާފްވެސް ކުރާނެ. ރިޝްފާނަށް މާޔާ ފެނުނީ މާފަހުން. ތީ އެއްވެސް ޢަޒުމެއް ނެތް މީހެއް...އަހަންނަކީ އިންސާނަކަށް ނުވިޔޭ ކިޔާފައި، ރިޝްފާނަށް އޮތީ ކޮން ގެއްލުމެއް. އާދައިގެ އަންހެނެއްގެ ފުށުން ލިބޭނޭ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއްވެސް އަހަރެންގެ ފުށުން ލިބޭނެ. ތީ އަހަރެންގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ޙިއްޞާކުރި މީހާ....ބުނެބަލަ...މާޔާއާ އަހަންނާ ހުރީ ކޮންތަފާތެއް....؟] ޝަބްނަމް ހިތުގައި ޖެހުނީއެވެ. އިސާހިތު އޭނާގެ ދެލޯ ކަރުނުން ތެމެން ފަށައިފިއެވެ.

[އިންސާނުންނަށްވެސް އަހަރެމެނާ ދޭތެރޭ ބޭނުންގޮތެއް ނެހެދޭނެ. އަހަރެންވެސް އަހަރެންގެ ލޯބި ކާމިޔާބު ކުރާނަން...ލޯބީގައި ދާއިމްވާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން....] ޝަބްނަމް ރޮމުން ކުރިޔަށް ހިނގައިގަތެވެ. ހިނދުކޮޅެއް ވަންދެން ޝަބްނަމްގެ ފަސް ބަލަހައްޓައިގެން ރިޝްފާނަށް ހުރެވުނެވެ. ޝަބްނަމްގެ މިފަހަރުގެ އިންޒާރުން ރިޝްފާން ޖެހިލުންވީކަންނޭނގެއެވެ. ޙަޤީޤަތުގައިވެސް ޝަބްނަމް އެދިޔައީ އޭނާ ބިރުގަންނަވާފައެވެ.

އިރުކޮޅެއް ވަންދެން ޝަބްނަމްގެ ޖުމްލަޔާމެދު ވިސްނަން ހުރެފައި ރިޝްފާން ގޮސް މާޔާ އޮތް ވާރޑަށް ވަނެވެ.

[ފްރައިޑް ރައިސްއެއް ގެނައީ.] މައިދައިތަގެ އަތަށް ކޮތަޅުދެމުން ރިޝްފާން ބުންޏެވެ. އެވަގުތު މާޔާގެ ގާތުގައި އޮތް ދަރިފުޅު ރޮއިގަތީމާ، ރިޝްފާން ގޮސް ދަރިފުޅު ނަގާ ލޯބިކޮށް ނާނާކިޔަން ފެށިއެވެ. ޙަޤީޤަތުގައި އޭރުވެސް ދޭތެރެ ދޭތެރޭން އޭނާ މާޔާއަށް ބަލައިލައެވެ. ހީވާކަހަލައެވެ. ޝަބްނަމްގެ ލޭ މާޔާގެ ގަޔަށް އެޅުނީތީ، އޭނާ ޖެހިލުންވަނީއެވެ. މާޔާއަށް ގޮތެއް ވެދާނެތީ އޭނާ ބިރުގަންނަނީއެވެ. މިހާރުވެސް އޭނާއަށް މާޔާގެ ފުށުން އާދަޔާ ޚިލާފު އަސަރުތަކެއް ފެންނަމުންދާ ކަހަލައެވެ. ކުރިޔާ އަޅާބަލާއިރު، މާޔާގެ ދެލޯވެސް އާދަޔާ ޚިލާފަށް ރަތް ކަމަށްވެސް އޭނާއަށް ފާހަގަކުރެވެއެވެ.

[ރިޝްފާން....ހާދަހާ ފާޑަކަށް އަހަންނާ ދިމާޔަށް ތި ބަލަނީ....މާބޮޑަށް ފަލަވީމާ....ފޫހިވޭދޯ؟] ރިޝްފާންގެ ނަޒަރުން ސަލާމަތްވަމުން މާޔާ ބުންޏެވެ.

[މަންމާ...މި މާޔާ މީ ހާދަ ހިތްނުބައި މީހެކޭ....ތިގޮތަށް ވިސްނާކަށްވެސް ނުވާނެއެއްނު. އިނދެގެން އުޅޭ އަނބިމީހާ ފަލަވިޔޭ، ބަލިވިޔޭ ކިޔާފައި ދެން ފޫހިވާންޖެހޭތަ؟ ތިކަހަލަ އެއްޗެހި މާޔާގެ ހިތަށްއަރަނީ، ސެލްފް ކޮންފިޑެންސް ނެތީމާ. ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރަންވާނެ.] ރިޝްފާން ކުޑަ ދަރިފުޅު މަސަލަސްވީމާ، މާޔާގެ އެއްއަރިދަށުގައި ބޭއްވިއެވެ.

[އެސޮރު އެބުނީ ރަނގަޅަށް. އެކަހަލަ އެއްޗެހި ހިތަށްއަރުވާކަށް ނުވާނެ.] ޒަޙީރާ ރިޝްފާނަށް ތާއީދު ކުރިއެވެ. މާޔާ ކުޑަކޮށް އަރިޔަކަށް ޖެހިލުމަށްފަހު ދަރިފުޅަށް ބުއް ޖެއްސިއެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރެއްހާއިރު، މާޔާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. މާޔާމެން ގެޔަށް އައިއިރު މަލީޙާވެސް ރިޝްފާ ގޮވައިގެން އެގޭގައި އުޅެއެވެ. ގެ ތައްޔާރު ކުރުމުގެ މަސައްކަތުގައި ޒައިދާއި ވަރުދާވެސް އުޅެއެވެ. އޭރުވެސް އެންމެންގެ ޙަރަކާތްތަކަށް ބަލަން އެގޭގެ ކޮންމެވެސް ހިސާބެއްގައި ޝަބްނަމް ހުއްޓެވެ. ރިޝްފާ ފިޔަވައި އެހެން އެއްވެސް މީހަކަށް ނުފެންނާނޭހެންނެވެ.

ރިޝްފާ އޭރުވެސް އޭނާގެ މަންމަ ފެންނަން ހުރީތީ، އުޅެނީ ނިކަން އުފާވެރިކޮށެވެ. އެއީ ޝަބްނަމް ބޭނުންވާ ގޮތެވެ. އެ ދަރިފުޅު އަބަދުވެސް އުފަލުގައި އުޅޭތަން ދުށުމަކީ އޭނާގެ އުންމީދެވެ. ރިޝްފާންމެން ކާރުން ފައިބައިގެން އައިސް ގެޔަށް ވަނުމާއެކު، ކުޑަކުޑަ ރިޝްފާ ގޮސް ރިޝްފާންގެ ގައިގައި އެލިގަތެވެ. ނިކަން ލޯބިވެތި ގޮތަކަށް ބައްޕާއޭ ކިޔާ ގޮވަމުންނެވެ. ހިނިއައިސްފައި އެ މަންޒަރު ބަލަންވެސް ޝަބްނަމް ހުއްޓެވެ.

[ރިޝްފާން...އިހަށް ތިކުއްޖާ ގައިން ދޫކޮށްލާފައި، މި އެއްޗެހި ވައްދަން އުޅެބަލަ....] ރިޝްފާން ރިޝްފާ އުރާލީމާ، ހިތްހަމަނުޖެހިފައި ހުރި މާޔާ ބުންޏެވެ. މާޔާގެ އެ ޖުމްލައިން ޝަބްނަމްގެ ހަށިގަނޑުގައި ތުރުތުރެއް އުފެދުނު ކަހަލައެވެ. އޭނާ ރުޅިވެރި ގޮތަކަށް މާޔާއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ރިޝްފާނަށްވެސް ރުޅިއައިސްފައި މާޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޝަބްނަމް ފެނުނެވެ.

[މާޔާ ވަދޭ...އަހަރެން އެއްޗެހި އެބަ ވައްދަން...] ރިޝްފާން ރިޝްފާ ބިންމަތީގައި ބޭންދިއެވެ. އޭރު ޝަބްނަމް ރިޝްފާންގެ ނަޒަރުން އެއްފަރާތްވެލައފިއެވެ. ހީވެއެވެ. ޝަބްނަމް މިޞްރާބުޖެހީ، މާޔާގެ ފަހަތުންނެވެ. އެތެރެޔަށް ވަދެގެން ދިޔައިރު، މާޔާއަށްވެސް އާދަޔާ ޚިލާފު އިޙްސާސްތަކެއް ކުރެވުނެވެ. ކޮންމެވެސް މީހަކު އޭނާގެ ފަހަތުގައި ވިއްދާފައި ހުންނަހެން އޭނާއަށް ހީވަނީއެވެ. ބައެއްފަހަރު ވަރުގަދަ ހޫނެއްވެސް އިޙްސާސް ކުރެވޭ ކަހަލައެވެ.

ކުޑަ ދަރިފުޅު ނިދިފައިވެސް އޮތުމާއެކު، މާޔާ ފުރަތަމަ އެ ދަރިފުޅު އެނދުގައި ބާއްވާލުމަށްފަހު ގޮސް ވަނީ ފާޚާނާޔަށެވެ. ކޮޓަރި ދޮރުވެސް ތަޅުލުމަށްފަހުގައެވެ. ފާޚާނާގެ ދޮރު ހުޅުވާލުމާއެކު، އަބަދުވެސް އާދަ ފަދައިން އޭނާ މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. އެއާއެކު އޭނާގެ ސިފަ ފެނުނު ގޮތުން، އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. މާޔާއަށް ފެނުނީ އޭނަ ނާމާން ސިފައެއްގައެވެ.

މާޔާ ނިކަން ބާރަށް ހަޅޭއްލަވައިގަތުމަށްފަހު މޫނުގައި އަތް ކާއްތާލިއެވެ. އެއާއެކު، އަތުގައި ކޮންމެވެސް އެއްޗެއް އުނގުޅިއްޖެއެވެ. އޭނާ އަތްތިލައަށް ބަލައިލިއެވެ. އަތުގައި ހުރީ ހުސް ލެޔެވެ. އޭނާ ބޭރަށް ނިކުމެގެން ދުއްވައިގަތީ ދެނެވެ. އޭރު ކޮޓަރި ދޮރުވެސް ހުރީ ހުޅުވިފައެވެ.

[މާޔާ....ކިހިނެއްވީ؟] މާޔާގެ އަޑަށް ކޮޓަރިއަށް އައިސް ވަން ރިޝްފާން އެއްސެވެ. އޭރު މާޔާ ބިރުން ތެޅިފޮޅެނީއެވެ. މޫނުމަތީގައި އަތް ކާއްތަމުންނެވެ. ނަމަވެސް، މިހާރަކު އޭނާގެ އަތްތިލަޔަކު އެއްވެސް އެއްޗެއް ނޫނގުޅެއެވެ.

[މާޔާ....ދެންވެސް ވެގެން އުޅޭގޮތެއް ބުނެބަލަ] ކުޑަ ދަރިފުޅު ހޭލަފާނެތީ، ރިޝްފާން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

މާޔާ ރޮއިރޮއިފައި، ވީގޮތް ރިޝްފާނަށް ކިޔައިދިނީ، ރިޝްފާން އެވާހަކަ ޤަބޫލު ކުރާނޭ ކަމަށް ވިސްނާފައެއް ނޫނެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން