ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަން
ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަން
ޕެންސިލްވޭނިއާ ސްޓޭޓުން ކުރި ހޯއްދެވުމާއެކު އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ ވަރަށް ގާތަށް ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަން ޖެހިލައިފިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް 270 އިލެކްޓޯރަލް ވޯޓް ބޭނުންވާއިރު، ބައިޑަންއަށް މިހާތަނަށް 254 އިލެކްޓޯރަލް ވޯޓް ލިބިވަޑައިގެންފައިވެއެވެ. ރައީސް ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ.

20 އިލެކްޓޯރަލް ވޯޓު ޕެންސިލްވޭނިއާ ސްޓޭޓަށް ލިބޭއިރު، އެ ސްޓޭޓަކީ މިއިންތިޚާބު ކާމިޔާބުކުރުމަށް ދެ ކެނޑިޑޭޓުންނަށްވެސް މުހިއްމު ސްޓޭޓެކެވެ، ޚަބަރުތައް ބުނާގޮތުން އެ ސްޓޭޓްގެ 98 އިންސައްތަ ވޯޓު ގުނައި ނިމިފައިވާއިރު، 10 ހާސް ވޯޓުން ކުރީގައި އުޅުއްވަނީ ބައިޑަންއެވެ. ޕެންސިލްވޭނިއާގެ އިތުރުން ޖޯޖިޔާ ސްޓޭޓްގައިވެސް ކުރީގައި އުޅުއްވަނީ ބައިޑަންއެވެ. މިއީވެސް އިންތިޚާބު ކާމިޔާބުކުރުމަށް މުހިއްމު ސްޓޭޓެކެވެ. ނަމަވެސް މި ދެ ސްޓޭޓްގެ ވޯޓު ފޮށިތައް އަލުން ގުނުމަށް ޓްރަމްޕްގެ ކެމްޕެއިން ޓީމުން ވަނީ ކޯޓަށް ގޮސްފައެވެ.

ޕެންސިލްވޭނިއާގެ ވޯޓުން ބައިޑަންއަށް ކުރި ލިބިވަޑައިގެންފިނަމަ، އެ ސްޓޭޓްގެ 20 އިލެކްޓޯރަލް ވޯޓު އޭނާއަށް ލިބިވަޑައިގެން އިންތިޚާބު ކާމިޔާބުވާނެއެވެ. ޕެންސިލްވޭނިއާ ސްޓޭޓަކީ 2016 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ޑިމޮކްރެޓިކް ޕާޓީއަށް ތާޢީދުކުރާ ސްޓޭޓެކެވެ، ނަމަވެސް އެންމެފަހުން 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެ ސްޓޭޓްގެ އަޣުލަބިއްޔަތު ލިބުނީ ރިޕަބްލިކަން ޕާޓީއަށެވެ،

މިހާތަނަށް ނަތީޖާ ނުލިބޭ މަދު ސްޓޭޓްތަކުގެ ތެރެއިން ޖޯޖިޔާ ސްޓޭޓަށް ބަލާލާއިރު، އެ ސްޓޭޓަކީ 1992 ވަނަ އަހަރުން ފެށިގެން ރިޕަބްލިކަން ޕާޓީއަށް ތާޢީދުކުރާ ސްޓޭޓެކެވެ، ނަމަވެސް މިފަހަރުގެ އިންތިޚާބުގައި މިހާތަނަށް ގުނި ވޯޓުން ކުރީގައި އުޅުއްވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންއެވެ، ނަމަވެސް އޭނާ ކުރީގައި އުޅުއްވަނީ 1500 އެއްހާ ވޯޓުގެ ތަފާތަކުންކަމަށް ވާއިރު އެ ސްޓޭޓްގެ ވޯޓްތައް އަލުން ގުނަން ވަނީ ނިންމާފައެވެ،

ނެވޭޑާ އާއި ނޯތު ކެރޮލައިނާގެ ވޯޓު ގުނާ ނުނިމޭތީ، އެ ސްޓޭޓްތަކުންވެސް ކުރި ހޯއްދަވަނީ ކޮން ބޭފުޅެއްކަމެއް ލަފާކުރަން އަވަސްކަމަށް ޚަބަރުތައް ބުނެއެވެ.

ޕެންސިލްވޭނިއާގެ ވޯޓުން އެކަނިވެސް ބައިޑަންއަށް އިންތިޚާބު ކާމިޔާބު ކުރެވެން އެބައޮތެވެ. ނުވަތަ އެރިޒޯނާ، ނޯތު ކެރޮލައިނާ، ނެވާޑާ ނުވަތަ ޖޯޖިޔާ، މިހަތަރު ސްޓޭޓްގެ ތެރެއިން 2 ސްޓޭޓެއް ކާމިޔާބުކުރިޔަސް ބައިޑަންއަށް އިންތިޚާބު ކާމިޔާބުވާނެއެވެ.

ޓްރަމްޕަށް އޮތް ހަމައެކަނި ގޮތަކީ، އެރިޒޯނާ، ނޯތު ކެރޮލައިނާ، ނެވާޑާ، ޖޯޖިޔާ، މި 4 ސްޓޭޓްގެ ތެރެއިން 3 ސްޓޭޓްގެ ވޯޓު ކާމިޔާބުކުރުމާއެކު، ޕެންސިލްވޭނިއާގެ ވޯޓުވެސް ކާމިޔާބުކުރުމެވެ.

ނަތީޖާތައް ދައްކާގޮތުން މި ސްޓޭޓްތަކުގެ ތެރެއިން ގިނަ ސްޓޭޓްތަކުގައި ކުރީގައި އުޅުއްވަނީ ޖޯ ބައިޑަންއެވެ، އެހެންކަމުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ހުވާކުރައްވާނީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންކަމަށް މިހާރު ބުނެވިދާނެއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން