[އޭނ....ޖިންނިއެކޭ؟ ޝިޒްނީއަށް ޤަބޫލު ކުރަން ދަތިވިއެވެ. އެވަގުތު ބޮޑު ކޮޓަރިތެރެއަށް ވަރުގަދަ އައްޔެއް ވެގެން ދިޔައެވެ. ވިދުވަރެއްގެ އައްޔާ ދާދި އެއްކަހަލަ އައްޔެކެވެ. ޒަހީނާއި ޝިޒްނީއަށްވެސް ބަލައިލެވުނީ، އެ އައްޔާ ދިމާއަށެވެ. އެއަލި ކަނޑައިގެން ދިޔަ ވަގުތު އެތަނުގައި ރާނިޔާ ހުއްޓެވެ.

[އާނ....ޝިޒްނީ....ޝިޒްނީގެ ސިފައިގައި ޒަހީންގެ އަންބެއްގެ ގޮތުގައި އުޅެމުން އައީ އަހަރެން. އަހަންނަކީ އިންސާނެއް ނޫން. މި ފަސްއަހަރު ތެރޭގައި އަހަރެން އަދާކުރަމުން އައި ޒަހީންގެ އަނބިމީހާގެ މަޤާމް، ދެން ފުރާނީ ތިޔަ ޝިޒްނީ. އެކަމަކު އަހަރެން ޝިޒްނީގެ ފަރާތުން އެދެން، އަހަރެންގެ ދަރިފުޅަށް މައެއްގެ މަޤާމް ދިނުމަށް.] ރާނިޔާ ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ.

[އަންބެއްގެ މަޤާމޭ....އަހަރެން ކިހިނެތް އެމަޤާމު ފުރާދޭނީ. އަހަންނަކީ....] ޝިޒްނީ ވާހަކަ ދެއްކި ގޮތުން ބިރުގެންފައިވާކަން އެނގެއެވެ.

[އަހަންނަށް ޝިޒްނީގެ ޙާލަތު އެނގޭ. ޝިޒްނީގެ އޮޕަރޭޝަނަށް ބޭނުންވާނެ ފައިސާ މިހިރީ.] އެކަމަކު ބުނަން، އަހަރެންގެ ދަރިފުޅަށް ދެރައެއް ލިބުނަ ނުދޭތި. ކިތަންމެ ދުރުގައި ހުއްޓަސް، ދަރިފުޅުގެ ޙާލު އަހަންނަށް އެނގޭނެ.] ކުއްލިއަކަށް ރާނިޔާ ގެއްލުނެވެ. ޒަހީން އަތަށް ބައިވަރު ފައިސާތަކެއްވެސް ދީފައެވެ.

[އަޅެ....އަހަރެން ބިރުގަނޭ....] ޝިޒްނީއަށް ޒަހީންގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ.

ދުވަސްތައް މާޒީވަމުންދެއެވެ. މިހާރު ޒަހީން ހުންނަނީ ހުރިހާ ގޮތަކުންވެސް ހިތްހަމަޖެހިފައެވެ. ޝިޒްނީގެ އޮޕަރޭޝަން ކާމިޔާބުވެ، އޭނާގެ އަންބެއްގެ މަޤާމު ޝިޒްނީއާ ޙަވާލު ކުރެވުނީތީއެވެ. ރާނިޔާ އެދުނު ފަދައިން، ޝިޒްނީ ކުޑަކުޑަ ޝާއިނަށް މައެއްގެ މަޤާމު ދިނެވެ. އޭނާ ޝާއިން ދެކެނީ އޭނާގެ އުފަން ދަރިއެއްގެ ގޮތުގައެވެ.

މިހާރު ޝާއިންގެ ޢުމުރުންވެސް ފަސް އަހަރު ފުރެން ކައިރިވަނީއެވެ. ރާނިޔާ ބުނެފައިވާ ގޮތުން ޝާއިން މެންދަމަށް މިނިވަން ކުރަން ދެން އޮތީ ދިހަ އަހަރެވެ. ޒަހީންމެން އެކަމަށް ނުވިސްނައިފިއްޔާ، އެދުވަސްވަރަކީ އަނެއްކާވެސް ބިރުބޮޑު ދުވަސްތަކަކަށް ވެދާނެއެވެ.

***********************އަދިވެސް ރަޝްފާގެ މަސައްކަތަށް ކާމިޔާބެއް ނުލިބެއެވެ. މިހާރު ރަޝްފާގެ ބަނޑަށް ފަސް މަސް ފުރެނީއެވެ. ރަޝްފާ ކޮންމެ ދުވަހަކުވެސް ޒުބޭރު ގެނެސްދޭ ބޭސްތައް ކައެވެ. [ބޭސް] ބޭނުންކުރާތާ މިވީ ތިންމަސް ދުވަހުގެ ތެރޭގައިވެސް އޭނާއަށް މިރޭ އެވާ ގޮތްތަކެއް މީގެކުރިއަކުން ނުވެއެވެ. އާދަޔާ ޚިލާފަށް ބަނޑަށް ތަދުވަނީއެވެ.

އޭނާއަށް ބަލާލެވުނީ، ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. ޒުބޭރަށް ފޯނުކޮށްގެން ޒުބޭރު ގެންނާށެވެ.

އެހެނަސް ގަޑި ބަލާލުމުން، ވަގުތަކީ ޒުބޭރު ނިދާފައިވާނެ ވަގުތުކަން އެނގުމުން، ޒުބޭރާ ގުޅުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ. ކުއްލިއަކަށް ބަނޑަށް މާބޮޑަށް އުނދަގޫވާން ފެށިއެވެ. ހަޅޭއްލަވައިގަންނަންވެސް ހިތަށްއެރިއެވެ. އެހެނަސް ބޭޒާރުވެދާނެތީ އޭނާ ކެތްތެރިވިއެވެ. ކިތަންމެ ކެތްތެރިވިޔަސް، ލޮލުން އޮހެމުންދާ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ.

ބަނޑަށްވާ އުނދަގޫ އިޙްސާސް ކުރަމުން، ބަނޑުން ލޭފައިބާ ކަމުގެ އިޙްސާސް ކުރެވުނީ، ލޭފައިބާތާވެސް އިރުގަނޑެއްވީ ފަހުންނެވެ. އޭރު އެނދުގައި އޮތް [ބެޑްޝީޓް] ގައިވެސް ކޮންމެވެސް ވަރަކަށް ލޭހުއްޓެވެ. ރަޝްފާއަށް އެކަން އެނގުމާއެކު، ދުވެފައި ގޮސް ފާޚާނާއަށް ވަނެވެ. ފާޚާނާއަށް ވަދެވުނު ވަގުތު، ލޭ ފޭބިލެއް އަދި ވަކިން އިތުރެވެ. ކުއްލިއަކަށް އޭނގެ ހަށިގަނޑަށް ލުއިވެގެން ދިޔަހެން ހީވިއެވެ. އޭނާއަށް ބަލައިލެވުނީ ފަޔާ ދިމާލުން ބިންމައްޗަށެވެ. އެޔާއެކު އޭނާގެ ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ އުފާވެރި ހިނިތުންވުމެކެވެ. އޭނާގެ ފަޔާ ދިމާލުން ބިންމަތީގައި އެއޮތީ ޖިންސް ވަކިވާވަރުގެ ކުއްޖެކެވެ. ގުނަވަންތައް ޙަރަކާތް ކުރާހެންވެސް ހީވެއެވެ. އެކަމަކު އެއީ ބިރުގެންފައި ހުރިވަރުން އޭނާއަށް ހީވި ގޮތެކެވެ.

ރަޝްފާ ވިސްނާލިއެވެ. އެކުއްޖާއަށް ހަދާނެ ގޮތަކާ މެދުގައެވެ. އިރުކޮޅެއް ވަންދެން ވިސްނަން އިނުމަށްފަހު، އޭނާއަށް ވިސްނުނު އެންމެ ފަސޭހަ ގޮތަކަށް، ކުއްޖާގެ ކަންތައް އޭނާ ނިންމާލިއެވެ. އޭރު ގަޑިން ބާރަޖަހާ ބޮޑުވެ، މެންދަމަކަށް ފެށިގެން ކުރިއަށް ދަނީއެވެ. އޭނާ އެ ކުޑަ ދަރިފުޅު ފާޚާނާ ތަށްޓަށްލާ [ފްލަޝް] ކޮށްލިއެވެ. ފަހުން އޭނާއަށް ރޮވުނެވެ. ފާފަތަކުގެ މައްޗަށް ފާފަ އިތުރުވީތީއެވެ.

[ހެނދުނުވީއިރު [ބެޑްޝީޓް] ދޮވެ ހުރިހާ ކަމެއް އޭނާ ނިންމާލިއެވެ. އެދުވަހު ޒުބޭރު އައީ މެންދުރުއެވެ. އޭރު ރަޝްފާ ކޮޓަރީގައި އިނެވެ. އެކަނި ހުރެގެން ކާމިޔާބީގެ އުފާ ފާޅުކުރަނީއެވެ.

[ކޮބާ އަދިވެސް ކާމިޔާބެއް ނުވޭތަ؟] ޒުބޭރު އެތެރެއަށް ވަންނަމުން އެހިއެވެ. ޖަވާބު ދިނުމުގެ ގޮތުން ރަޝްފާ ހީލިއެވެ. އެއީ މިއިން ދުވަހަކުވެސް ރަޝްފާގެ މޫނުމަތިން ފެނިގެންނުދާ އަސަރުތަކަކަށް ވުމުން، ޒުބޭރަށް ކާމިޔާބުވެއްޖެކަން ޔަޤީން ކުރެވިއްޖެއެވެ.

[އައްދޭ! ހާދަ އުފާވެފައި. ކާމިޔާބީއޭދޯ؟] ޒުބޭރު ތަކުރާރު ކުރިއެވެ.

[އަހަންނަކީ ނަޞީބުވެރިއެކޭ.] ރަޝްފާ ފަޚުރުވެރިވިއެވެ.

[ކޮބާ ކުއްޖާ ކިހިނެއް ހެދީ؟] ޒުބޭރު ބޭނުންވީ، ކުއްޖާއަށް ރަޝްފާ ހެދިގޮތް އޮޅުންފިލުވާށެވެ.

[އެވަގުތު އަހަންނަށް ފެނުނު އެންމެ ރައްކާތެރި ގޮތަށް ޢަމަލުކުރީ.] ރަޝްފާ ބުންޏެވެ.

[އެއީ ކޮންގޮތެއް؟] ޒުބޭރު އެގޮތެއްވެސް އޮޅުންފިލުވަން ބޭނުންވިއެވެ.

[ފާޚާނާ ތައްޓަށްލާ ފްލަޝްކޮށްލީ. ރަނގަޅެއްނު. ހީވި ކުއްޖާ ޙަރަކާތް ކުރިހެންވެސް.] ރަޝްފާ އޭނާ ހެދިގޮތް ކިޔައިދިނެވެ.

[އެހެންވީމާ ވަރަށް [އީޒީ] ދޯ؟] ޒުބޭރު ހުރީ އުފާވެފައެވެ.

[ދެންވެސް މިކަހަލަ ގޮތަކަށް ދިމާވެއްޖިއްޔާ ބިރެއް ނެތްކަން ސާބިތުވެއްޖެއެއްނު.] ޒުބޭރު ވާހަކަ ދެއްކީ އޭނާއަށް ފާއިދާހުރި ގޮތަށް ވިސްނައިގެންނެވެ.

[ވަގަކަށް ހާސް ދުވަހޭ. ވެރިޔަކަށް އެއްދުވަހޭ ބުނާތީ ނާހަންތަ؟] ރަޝްފާ ކުރިއަށް ވިސްނިއެވެ. ޒުބޭރަކީ ދުރަށް ވިސްނާ މީހެއް ނޫނެވެ. އޭނާ ވިސްނަނީ ވަގުތީ އަރާމަށެވެ. އެއީ އޭނާގެ ޠަބީޢީ އުނި ސިފައެކެވެ.

[ޒުބޭރު! އަހަރެންގެ ހިތަށްއަރާ، ކީއްވެބާއޭ އަހަރެން އެހާ އަވަހަށް ބަދަލުވީ. ޚުދު އަހަރެންވެސް ޙައިރާންވަން.] ރަޝްފާ އަމިއްލައަށް މަލާމާތް ލިބިގަތެވެ.

[ރަޝްފާ އަދިވެސް އެކަންތަކާމެދު ވިސްނަނީތަ؟ ކޮބާތަ މައްސަލައަކީ. މިއީ ހަމަ އާދައިގެ ކަމެއްނު.] ޒުބޭރު މަސައްކަތް ކުރަނީ އަދި އެއްފަހަރު ނަމަވެސް، ރަޝްފާގެ ސިކުނޑިއާ ކުޅެލާށެވެ. އެދުވަހު ޒުބޭރު އެގެއިން ދިޔައީ، ވަރަށްގިނަ ގޮތްގޮތަށް ވާހަކަ ދެއްކުމަށްފަހުގައެވެ.

ޖެހިގެން އައި ދުވަހުގެ ރެއެވެ. ވަގުތަކީ މެންދަމު ބާރަޖެހި ވަގުތެވެ. މަސައްކަތާހުރެ ހަވީރު ފެން ނުވަރާހުރި ރަޝްފާ ފެންވަރަން ފާޚާނާއަށް ވަނީ އެވަގުތެވެ.

މިހާރު ފާޚާނާއަށް ވަދެވޭ ކޮންމެ ފަހަރަކުވެސް ފާޚާނާ ތަށްޓާ ދިމާލަށް ވަރަށް ޚާއްޞަ ނަޒަރަކުން އޭނާއަށް ބެލެއެވެ. އެފަދައިން މިރޭވެސް އޭނާ ފުރަތަމަ ހިތް ފުރެންދެން ތަށްޓަށް ބެލިއެވެ. އޭނާއަށް ހީވަނީއެވެ. އެދަރިފުޅު އެ ހިމަ އާނގައިން ޖަންކުޝަނާ ހަމައަކަށް ނުދާނެއެވެ.

އިރުކޮޅަކު އެގޮތަށް ބަލަން ހުރުމަށްފަހު، އޭނާ ފެންވަރަން ފަށައިފިއެވެ. ފާޚާނާ ހުރި ދިމާލުން ކުއްލިއަކަށް ޒާތެއްގެ އަޑެއް އިވުމުން، އޭނާގެ އަތުން ޝަވަރު ދޫވިއެވެ. އެއާއެކު އޭނާއަށް އެދިމާލަށް ބަލައިލެވުނެވެ. އޭރު ފާޚާނާ ތަށިތެރެއިން ފާޑެއްގެ އައްޔެއްވާތަން ރަޝްފާއަށް ފެނުނެވެ. އޭނާއަށް ހަމަވަގުތުން ހަޅޭއްލަވައިގަނެވިއްޖެއެވެ.

[ކާ....ކަކާކު؟] ބިރުގެންފައިވާ ރަޝްފާގެ އަޑު ނުކުތެވެ.

[އަހަރެން....ކަލޭ އެއްވެސް ރަޙުމެއްނެތި މަރާލި ކަލޭގެ ދަރިފުޅު.] ފާޚާނާ ތަށިތެރެއިން ވާހަކަ ދެއްކި އަޑު އިވުމުން، ރަޝްފާ އަދި ވަކިން ބިރުގަތެވެ. އޭނާ ސަލާމަތަށް އެދި މަންމައަށް ގޮވަން ފެށިއެވެ.

[ތިއަޑު އިވޭނެ އިތުރު މީހަކު މިގެއަކު ނެތް. ހިއެއް ނުކުރަންދޯ، އަހަރެން އަތުވެދާނެ ކަމަކަށް.] ދެންވެސް އަޑުއައީ ތަށިތެރެއިންނެވެ.

[ނޫން...ނޫން....ތިޔައީ ކާކު؟] ރަޝްފާއަށް ރޮވިއްޖެއެވެ. އޭނާއަށް ވާހަކަ ދެއްކުނީވެސް ބޭއިޚްތިޔާރުގައެވެ.

[ބުނެފީމެއްނު، އަހަރެންނަކީ ކަލޭގެ ރަޙުމް ކުޑަ އަނިޔާތަކުން މަރާލި ކަލޭގެ ދަރިފުޅޭ. ދަރިފުޅޭ ކިޔާނެ ކަމެއް ނެތް. ވަރިހަމަ ރޫޙޭ ކިޔަސް.] މިހާރު ފާޚާނާ ތަށި މަތިން ފެންނަން އެހުރީ އޭނާ ކުރީރޭ އެތަށިން ފްލަޝް ކޮށްލި ދަރިފުޅެވެ.

[މަމަ....ރެއް...ނުވޭތަ؟] ރަޝްފާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.

[އުނހު....މަރުވެއްޖެ! އަހަންނަކީ ރޫޙެއް....] ތަށިމަތީގައި އިން ރޫޙު ހިނިގަނޑެއް ޖަހާލި އަޑު ފާޚާނާތެރެއިން ގުގުމާލިއެވެ.

[އަހަން....ނަށް މަޢާފްކުރޭ....] ރަޝްފާ ބާރަށް ރޯން ފެށިއެވެ.

[މަޢާފޭ!؟] ކުއްލިއަކަށް އެކުއްޖާ ގެއްލުނެވެ. ދެން އިވެން ފެށީ ކުޑަކުއްޖަކު މަންމަގެ ބަނޑުން އުފަންވާ ވަގުތު ރޯކަހަލަ ރުއިމެއްގެ އަޑެވެ. ހަމަ އެތަށީގެ ތެރެއިންނެވެ. ރަޝްފާ ދުވެފައި ގޮސް ފާޚާނާއިން ނުކުތެވެ. ބިރުގެންފައި ހުރިވަރުން ހަށިގަނޑުގައި އެންމެ ނިވާފަށެއްވެސް ނެތްކަން އެނގުނީ ކޮޓަރިންވެސް ނުކުމެވުނު ފަހުންނެވެ. އޭރު ރަޝްފާގެ ރުއިމުގެ އަޑަށް ކޮޓަރިއާ ދިމާލަށް މާއިލްގެ މަންމަ އަންނަނީއެވެ. މަންމަ ފާއިޤާއަށް ރަޝްފާ ހުރި ޙާލު ފެނުމުން، އިންތިހާއަށް ޙައިރާންވިއެވެ.

[ދަރިފުޅާ ކިހިނެއްވީ؟ ކޮބާ ހެދުން؟] ފާއިޤާ އެއްސެވެ. ރަޝްފާ ރޮމުން މައިދައިތަގެ ގައިގައި އޮޅުލައިގަތެވެ. ވީނުވީއެއް ނޭނގި ހުރި ފާއިޤާއަށްވެސް ޅީދަރިފުޅު ރޯތަން ފެނުމުން ރޮވޭގޮތްވިއެވެ.

[މަންމާ....ބިރުގަނޭ....] ވީގޮތް ކިޔައިދޭން އުޅެފައި އޭނާ ހުއްޓާލިއެވެ. އޭނާއަށް ވިސްނުނީއެވެ. ޙަޤީޤަތަށް ކިޔައިދީފިއްޔާ، ސިއްރު ބޭޒާރުވާނެއެވެ.

[ފާޚާނާތެރެއިން....ބިރުވެރި އެއްޗެއް....] ރަޝްފާ ކޮށިއެރިއެވެ. އެއްކޮށް ކިޔައިދޭން އޭނާ ބޭނުމެއް ނުވިއެވެ.

[ހިނގާބަލަ މަންމައާއެކު. އެވާނީ ދަރިފުޅަށް ހީވި ހީވުމަކަށް.] ފާއިޤާ ރަޝްފާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

[ދަރިފުޅު ހެދުން ލާ. މަންމަ ފާޚާނާ ބަލާލާނަން.] ފާއިޤާ ފާޚާނާއަށް ވަނެވެ. ފާޚާނާތެރެ އޮތީ އަމާންކޮންނެވެ. ބިރުވެރިކަމެއް އޭނާއަކަށް އެތަނަކުން ނުފެނުނެވެ. ހުރިހާ ދިމާލަކަށް ވަކިވަކިން ބަލާލުމަށްފަހު، ފާއިޤާ ނުކުތްއިރު، ރަޝްފާ ހެދުން ލައިގެން އިނެވެ.

[ކޯއްޗެއް ފެނުނީ. މަންމައަކަށް ނުފެނުނު.] ފާއިޤާ ފާޚާނާއިން ނުކުންނަމުން ވާހަކަ ދެއްކިއެވެ. އޭރުވެސް ރަޝްފާ ރޮނީއެވެ.

[އެކަމަކު....ބިރުގަނޭ....މިތާ އެކަނި އޮންނާކަށް ނުކެރޭނެ.] ރަޝްފާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.

[މިރޭ މަންމަވެސް މި ކޮޓަރީގައި އޮންނާނަން. ދަރިފުޅު އޮށޯވެ ނިދާލާ....މަންމަ ނިދާނީ ދަރިފުޅަށް ނިދުނީމަ.] ފާއިޤާ ރަޝްފާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.

[މަންމާ! އަހަރެން އެކަނިކޮށްފައި އެނދުގައި ނުދައްޗޭ.] ރަޝްފާ އިނީ ވަރަށް ބިރުގެންފައެވެ.

[އާނ...މަންމަ ނުދާނަން. ދަރިފުޅު އޮށޯވެ ނިދޭތޯ ބަލާލަބަލަ.] ފާއިޤާ އެނދުގެ އެއްފަރާތެއްގައި އޮށޯތެވެ.

އެރޭ ރަޝްފާއަށް ނިދުނީ ހަތަރެއްވެސް ޖެހިފަހުންނެވެ. އެހެން ދުވަސްތަކާ ޚިލާފަށް، ޖެހިގެން އައި ދުވަހު އޭނާއަށް ހޭލެވުނުލެއްވެސް އަވަހެވެ. ހެނދުނު ހައެއް ނުޖަހަނީސް އޭނާއަށް ހޭލެވުނެވެ.

ދުވާލުވުމުންވެސް އޭނާ ގެންފައިވާ ބިރެއް ނުކެނޑެއެވެ.

[އަދިވެސް ބިރުގެންފަތަ ތިހުންނަނީ. އަވަހަށް މޫނުދޮވެލާ ހަދައިގެން ސައިބޯން އާދޭ. ދުވާލު ގަޑީގައި ބިރުވެރި އެއްޗެތިތަކެއް ނޫޅޭނެޔޭ.] ފާއިޤާ ގޮސްވަނީ ކާކޮޓަރިއަށެވެ. ބިރުން ވިރިވިރި ހުރި ރަޝްފާ ގޮސް ފާޚާނާއަށް ވަނެވެ. މިފަހަރު އޭނާ ފާޚާނާ ތަށްޓާ ދިމާލަށް ނުވެސް ބެލިއެވެ. ވަރަށް އަވަސް ކޮށްލައިގެން މޫނު ދޮވެލައިފިއެވެ.

އޭނާ ތަށްޓާ ދިމާއަށް ބަލައިލީ ފާޚާނާއިން ނުކުންނަން ދޮރު ހުޅުވާލަމުންނެވެ. އެ ބަލާލުމާއެކު، ކުޑަކުއްޖަކު ރޮއިގަތް އަޑު އޭނާއަށް އިވުނެވެ. އޭނާ އަވަސް އަވަހަށް ފާޚާނާއިން ނުކުމެ، ބާރަށް ދޮރު ލެއްޕިއެވެ. އޭރު އޭނާހުރީ ނޭވާ ކުރުވެފައެވެ. ބިރުން ދެލޯ ފެންކަޅިވެއްޖެއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުމެއްޖެއެވެ. އޭރު ބޮޑު ކޮޓަރީގައި ފާއިޤާ އިނެވެ.

[އަވަހަށް ދޭ ސައިބޯން. އަދިވެސް ބިރުގަންނަނީތަ؟ ބަލަ މި ޒަމާނަކީ ޖިންނި ޝައިޠާނުން އުޅޭ ޒަމާނެއް ނޫނޭ.] ފާއިޤާ، ރަޝްފާ ހަމައަކަށް އަޅުވަން އުޅުނެވެ. ރަޝްފާގެ އަރުތެރެއަށް އެދުވަހު އެންމެ ފެން ކޯވަރެއްވެސް އެތެރެ ނުވިއެވެ. އޭނާ ބިރުގަންނަނީއެވެ. އޭނާއަށް ހީވަނީއެވެ. ފެންތަށީގެ ތެރޭގައިވެސް ރޫޙު އޮވެދާނެއެވެ.

ޒުބޭރު ހަވީރު އައިސް ރަޝްފާގެ ކޮޓަރިއަށް ވަނުމާއެކު، ރަޝްފާއަށް ރޮއިގަނެވިއްޖެއެވެ. ރަޝްފާ ރޯން ފެށުމުން، ޒުބޭރަށް ބަސް ހުއްޓިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ.

[ރަޝްފާ ކިހިނެއްވީ؟ މާއިލް މަންމަމެނަށް އެނގުނީތަ؟] ޒުބޭރު ހާސްވިއެވެ. ޒުބޭރުގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރަޝްފާއަށް ގިސްލެވެނީއެވެ.

[އަޅެ....އެނގުނީތަ؟] ޒުބޭރުގެ ހިތް އަވަސްވަމުން ދިޔައެވެ.

[ޒުބޭރު.....އަހަރެން....ބިރުގަންނަނީ؟] ރަޝްފާ ކިޔައިދޭން އުޅުނެވެ.

[ބިރޭ؟ އެއީ ކީއްވެ؟ މިހާރު އެކަންތައް ނިމިއްޖެއެއްނު.] ޒުބޭރުގެ މޫނުމަތިން ފާޅުވެގެންދިޔައީ ޙައިރާންކަމުގެ ކުލަވަރެވެ.

[ނު.....ނުނިމޭ....އެ ކުއްޖާ......] ރަޝްފާއަށް ޒުބޭރުގެ އަތްތިލައިގައި ބާރަށް ހިފަހައްޓާލެވުނެވެ.

[ކީކޭ؟ ނުނިމެއޭތަ؟] ޒުބޭރު އިތުރަށް ޙައިރާންވިއެވެ. ރަޝްފާ ރަނގަޅަށް ޒުބޭރަށް ޙާދިޘާ ތަފްޞީލުކޮށް ކިޔައިދިނެވެ. އެހެން ނަމަވެސް، ޒުބޭރަށް ޤަބޫލު ކުރަން ދަތިވިއެވެ.

[އޭނ....ހާދަ ޤަބޫލު ނުކުރެވެޔޭ.]

[ހަމަ ތެދެއް ޒުބޭރު. އަހަރެންގެ މިދެލޮލުންނޭ ދުށީ.] ރަޝްފާ ޔަޤީންކަން ދިނެވެ.

[ތީ އެކަމަކު ހާދަ ނުވާ ކަމެކޭ.] ޒުބޭރުވެސް ބިރުގެންފިއެވެ.

[އަހަރެން ބުނީމެއްނު، ވެރިއަކަށް އެއްދުވަހޭ. ވަގަކަށް ހާސްދުވަހޭ. މީ ހަމަ އެކަހަލަ ކަމެކޭ....] ރަޝްފާ ބުންޏެވެ.

[މިވަގުތު އިހަށް ދަނިއްޔޭ.....މަ ވެސް މިހާރު ބިރުގެންފި.] ޒުބޭރު ހިނގައިގަތެވެ.

[ހާދަ އަވަހަކަށް! ހުޝާމް ވާހަކަ ދައްކަމުން ދިޔައީ ޒަހީނާއެވެ. އޭރު ދުރުގައި ހުރި ގޮނޑިއެއްގައި ދަރިފުޅު ޝާއިން އުރާލައިގެން ޝިޒްނީ އިނެވެ.

[އަވަސްތަ؟ އެންމެ ހަފްތާއަކަށޭ އިންޑިޔާއަށް ދިޔައީ. އިރާދަކުރެއްވީތީ ޝިޒޫގެ އޮޕަރޭޝަންވެސް ވަރަށް ކާމިޔާބު.] ޒަހީން ވާހަކަ ދެއްކީ އުފާވެފައި ހުރެގެންނެވެ.

[ފަހަރަކު ނަމެއްތަ އަނބިމީހާއަށް ތިޔަ ކިޔަނީ. ކުރީގައި ރާނީ މިހާރު މިވީ ކިހިނެއް؟] ހުޝާމް އެހިއެވެ.

[އަދިވެސް ތަފާތު ނަންތަކަށް ބަދަލުވާނެ. ރާނިޔާވެސް ކިޔިދާނެ. ޝިޒޫވެސް ކިޔިދާނެ. އެއީ ދެނަމުގެ ވެރިޔެކޭ.] ޒަހީން ހުރީ އުފަލުންނެވެ.

[ދެން އަހަރެން ކިޔަންވީ ކީކޭ؟] ހުޝާމް ޝިޒްނީއަށް ބަލާލިއެވެ. މިހާރު ޝިޒްނީގެ މޫނުމަތިންވެސް ފެންނަމުން ދަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

[ޝިޒޫ ކިޔާ. އަހަރެންވެސް މިހާރު ކިޔަނީ އެހެނޭ. އަހަރެންގެ ރަޙްމަތްތެރިންވެސް ކިޔަން ޖެހޭނީ އެހެނެއްނު. ޝިޒޫދޭބަލަ ހުޝާމަށް ކޮންމެވެސް އެއްޗެއް ގެންނަން.] ޝިޒްނީ ކޮޓަރިން ނުކުތެވެ.

ދުވަސްތައް ފާއިތުވަމުން މާޒީގެ ޞަފްޙާތަކަށް ތަފާތު ކަންތައްތައް އިތުރުވަމުންދެއެވެ. ބައެއް މީހުންނަށް އުފަލާއި ހިތްހަމަޖެހުމުގެ ދުވަސްތަކެވެ. އަނެއްބައި މީހުންނަށް ވޭނާއި ހިތާމައިގެ ދުވަސްތަކެވެ. މިހާރު އެންމެބޮޑު ހިތާމަތަކެއް އުފުލަމުންދާ އެކަކު ކަމުގައި ހަމަ ޔަޤީނުންވެސް ރަޝްފާ ވާނެއެވެ.

މިހާރަކަށް އައިސް ކޮންމެ ރެޔަކުވެސް ރަޝްފާ ތަޙައްމަލު ކުރަން ޖެހިފައިވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. މެންދަމުގެ ވަގުތުތަކުގައި ފާޚާނާއަށް ނުވަންނަން ރަޝްފާ ކިތަންމެ ވަރަކަށްވެސް ބޭނުމެވެ. އެހެނަސް އޭނާއަށް އެއްވެސް ބާރެއް ނުދެއްކެއެވެ. ރޫޙުގެ ބާރުން ކޮންމެ ރެޔަކުވެސް އޭނާއަށް ފާޚާނާއަށް ވަދެވެއެވެ.

ހަމަ އެފަދައެވެ. މިރޭވެސް އޭނާ އެ ވަންނަނީ ފާޚާނާއަށެވެ. ޔަޤީނެވެ. މިރޭވެސް [ރޫޙު] އޭނާގެ ސިކުނޑިއާ ކުޅެލީއެވެ.

ރަޝްފާއަށް ރޫޙުގެ މަތިން ހަނދާންވީ ފާޚާނާއަށް ވަދެވުނު ފަހުންނެވެ. ހަނދާންވުމުން ރަޝްފާއަށް ބަލައިލެވުނީ ފާޚާނާ ތަށްޓަށެވެ. ތަށްޓާ ދިމާލުން އެއްވެސް ނާމާން ކަމެއް ނުފެނެއެވެ. އެހެންވެ އޭނާ ހިތްހަމަޖައްސާލުމަށްފަހު، ފާޚާނާ ކުރަން ތަށިމަތީގައި އިށީނެވެ.

[ވަރަށް ހިތްހަމަޖެހިފަދޯ ތިޔައިނީ.] ކުއްލިއަކަށް ތަށިތެރެއިން އަޑު އައެވެ. ގަތް ބިރެއްގެ ސަބަބުން ރަޝްފާއަށް ތެދުވާކަށްވެސް ނޭނގުނެވެ.

[އޭތް ކުރާ ކަމެއް ކޮށް ނިމިގެން ނޫނީ ނުތެދުވައްޗޭ. އަހަރެން މީގެތެރޭގައި އޮތީމާތަ ތެދުވަން ތިޔަ އުޅެނީ.] ރަޝްފާ ތެދުވަން އުޅުމުން ތަށިތެރެއިން ރޫޙު ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ! މަންމައަށް މަޢާފެއް ނުކުރާނަންތަ؟] ބިރުގެންފައިވާ ރަޝްފާގެ ދެލޯ ކަރުނައިން ތެމެމުން ދިޔައެވެ. ރަޝްފާ ތަށީގެ އެތެރެއަށް ބަލާލިއެވެ. ތަށީގެ ތެރެއިން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.

[މަޢާފޭ! މަޢާފަށް އެދެން ޖެހޭނީ އަހަރެންގެ ގާތަކުން ނޫނޭ. ފުރަތަމަ އަހަރެމެން މިދުނިޔެއަށް ފޮނުއްވި ފަރާތުގެ މަތިން ހަނދާންކޮށްބަލަ.] މިފަހަރު އަޑު އައީ ފާޚާނާގެ ދޮރުގެ ކުރިމަތިންނެވެ. ރަޝްފާއަށް ރޮވެން ފެށުނެވެ.

[މިހާރު ތިޔަ ރޯ ރުއިމަކުން އަހަންނަށް އެއްވެސް އަސަރެއް ނުކުރާނެ.] ދޮރުމަތީ ހުރި ރޫޙު ރަޝްފާއަށް މިފަހަރު ވަރަށް ރަނގަޅަށް ފެނުނެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން އޭނާ ފާޚާނާ ތަށްޓަށްލާ ފްލަޝް ކޮށްލި ފިރިހެން ކުއްޖާއެވެ.

[އަހަނ....އަހަރެން ނުކުތަނުދޭންތަ ދޮރުމަތީގައި ތިޔަ ހުންނަނީ؟] ރަޝްފާ ރޮމުން ވާހަކަ ދެއްކިއެވެ.

[ބުނެބަލަ، އަހަރެން ދުނިޔެއަށް އައުމުން ލިބިދާނެ ފައިދާތަކަށް ވިސްނިންތަ؟ މަރާލުމުން ލިބިދާނެ ގެއްލުންތަކަށް ވިސްނިންތަ؟] ދޮރުމަތީގައި ހުރި ރޫޙުގެ ރާގު ހަރުކަށްޓެވެ. ރަޝްފާ ޖަވާބެއް ނުދެއެވެ. ހަމަ ހުއްޓާނުލާ ރޮނީއެވެ. އޭނާ ރޮމުން ތަށިމަތިން ތެދުވި ވަގުތު، ރޫޙު ތަށީގެ ތެރެއަށް ފޭބިތަން ރަޝްފާއަށް ފެނުނެވެ. އެމަންޒަރު ފެނުމުން، ރަޝްފާ އަދި ވަކިން ބިރުގަތްލެއް ބޮޑެވެ.

[ރޫޙު....އަބަދު....ރޫޙު....އަބަދު އުޅެނީ ތަށިތެރޭގައިތަ؟] ރަޝްފާ ބިރުވެރިކަން އޮއްބަމުން ވާހަކަ ދެއްކިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން