ރޭގެ މެޗުގައި ރަޝްފޯޑް ގޯލް ކާމިޔާބު ކުރަނީ
ރޭގެ މެޗުގައި ރަޝްފޯޑް ގޯލް ކާމިޔާބު ކުރަނީ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗްތައް ޔުނައިޓެޑާއި ޗެލްސީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ އާރްބީ ލިޕްޒިގްގެ އަތުން 0-5ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގައި ދެން އޮތް ޕީއެސްޖީއާއި ތުރުކީގެ އިސްޓަންބުލް ބަސަކްސެހިރް ބައްދަލު ކުރި މެޗު 0-2 އިން ކާމިޔާބު ކުރީ ޕީއެސްޖީ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ލީޑް ނަގައިދިނީ 21 ވަނަ މިނަޓުގައި މޭސަން ގްރީންވޫޑް އެވެ. މި ގޯލާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް ގޯލުޖެހި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިއާއަށް ވެފަ އެވެ. ޔުނައިޓެޑަށް އެންމެ ޒުވާން އުމުރުގައި މި މުބާރާތުގައި ގޯލު ޖަހައިދިނީ ވޭން ރޫނީ އެވެ. އޭނާ ފުރަތަމަ ގޯލު ޖަހާފައި ވަނީ 18 އަހަރުގަ އެވެ.

މި މެޗުގައި ޔުނައިޓެޑްގެ ރަޝްފޯޑް ވަނީ ހެޓްރިކް ހަދާފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން ރަޝްފޯޑް ފުލުފުލުގައި ދެ ގޯލު ޖެހި އިރު، ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލަކީ ޕެނަލްޓީއަކުން މާޝިއަލް ޖެހި ގޯލެކެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ރަޝްފޯޑް ވަނީ އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ހެދި ދެވަނަ ހެޓްރިކެވެ. އެޓީމްގެ ފުރަތަމަ ހެޓްރިކަކީ އެ ޓީމުގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ 1999 ވަނަ އަހަރު ހެދި ހެޓްރިކެކެވެ.

މި ގްރޫޕްގައި ދެ މެޗުން ކުރި ހޯދައި ޔުނައިޓެޑް އެއްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ޕީއެސްޖީ ތިން ޕޮއިންޓާ އެކު އޮތް އިރު، ތިންވަނައިގައި އޮތް ލިޕްޒިގުން ވެސް ވަނީ ތިންޕޮއިންޓް ހޯދައިފަ އެވެ.

ރޭ ރަށުންބޭރުގައި ޗެލްސީން ކުޅުނު މެޗުގައި ކްރްސްނޮދާރު އަތުން ކުރި ހޯދީ 0-4ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޗެލްސީން ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ ހަޑްސަން-އޮޑިއީއާއި، ޓީމޯ ވާނާ އާއި ހަކީމް ޒިޔެޗުގެ އިތުރުން ކްރިސްޓިއަން ޕުލިސިޗް އެވެ.

މި ގްރޫޕްގައި ހަތަރު ޕޮއިންޓް ހޯދައިގެން ޗެލްސީ އެއްވަނައިގައި އޮތް އިރު، ދެވަނާގައި ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ސެވިއްޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން