]އަދި ރާނީ ދޫކޮށްލާނެ ކަމަށްވެސް ވިސްނަންތަ؟ އަހަންނަކަށް އިތުބާރެއް ނުކުރަންދޯ؟] ޒަހީން ރާނިޔާ އޭނަގެ ހަށިގަނޑާ ދުރުކޮށްލިއެވެ.

[އިތުބާރު ކުރަން. އެކަމަކު....] ރާނިޔާ ހުއްޓާލިއެވެ.

[އެކަމަކު! ކީކޭ.....ކީއްވެ ހުއްޓާލީ....] ރާނިޔާ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލުމުން، ޒަހީން ހާސްވިއެވެ.

[ގަސްވެސް ކަނޑާ މަށާ ހެދުމުން ނޫނީ، އޭގައި ލަކުޑި ހުރިވަރެއް ނޭނގޭނެއެއްނު.] ރާނިޔާ ޖުމްލަ ފުރިހަމަކޮށްލިއެވެ.

[ތިޔަބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނު.] ރާނިޔާ ކީ އެއްޗެއް ޒަހީނަށް ނުވިސްނުނެވެ.

[އެއްވެސް މީހަކު ހުންނަ ގޮތަކުން ނޭނގޭނެ، އެމީހެއްގެ ޙަޤީޤަތެއް. އެވެސް ޖެހޭނީ ހޯދަން.] ރާނިޔާ ތަފްޞީލްކޮށްދިނެވެ.

[ތިޔަހެން ތިބުނީ އަހަރެން ރާނީއަށް ކަމެއް ސިއްރު ކުރަނީތަ؟] ޒަހީން އެއްސެވެ.

[އުހުނ ޒަހީން ސިއްރުކުރި ވާހަކައެއް ނޫން. އަހަރެން އަމިއްލަ ވާހަކައެއް މިބުނީ.] ރާނިޔާ ބުންޏެވެ.

[ތިހެންވީއިރު، ރާނީ އަހަންނަށް ކަންތަކެއް އެބަ ސިއްރުކުރޭތާ.] ޒަހީން ބުންޏެވެ. ހިނިތުންވެލަމުންނެވެ.

[ވެދާނެ ތިޔަހެން ކަމަށްވެސް.] ރާނިޔާ އުޅުނީ ކުރު ޖަވާބަކުން ނިންމާލާށެވެ.

[އަހަންނަށް ކިޔައިދޭންވީނު.] ޒަހީންގެ ހިތް އަވަސްވިއެވެ. އެކަން އެނގެނީ އޭނާ އުޅުނުގޮތުންނެވެ.

[އަހަރެން ބުނީމެއްނު، އަމިއްލައަށޭ ހޯދަން ޖެހޭނީ.] ރާނިޔާ ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ރައްކަލަށް ވިސްނައިގެންނެވެ.

ރާނިޔާ ކިޔައިނުދެނީސް، ކިހިނެއް އަހަންނަށް އެނގޭނީ.] ޒަހީން އެއްސެވެ.

[އަޅެ މަސައްކަތް ކޮށްލަބަލަ. ހީވޭ ވިސްނިދާނެހެން.] ރާނިޔާ ޒަހީނާ ގާތަށް ޖެހިލިއެވެ.

[ނުވިސްނޭނެ ކިހިނެއް ވިސްނާނީ. ދެން ކިޔާދީބަލަ.] ރަޝްފާ ވާހަކަ ދެއްކީ، އޭނާގެ ފިރިމީހާ މާއިލާއެވެ.

[ވަރަށް އުފާވެރި ޚަބަރެކޭ އަދި ވިސްނާލަބަލަ.] މާއިލް ބުންޏެވެ.

[ތިހާ އުފާވެރި ޚަބަރެއް ވެއްޖިއްޔާ، އަޅެ ދެން ބުނެބަލަ.] ރަޝްފާ އާދޭހުގެ ރާގަކަށް އެދުނެވެ.

[ދޭންއުޅޭ އުފާވެރި ޚަބަރަކީ، އަހަންނަށް ފުރޭގޮތްވި ޚަބަރު.] މާއިލް އުފާވެރި ޚަބަރު ރަޝްފާއަށް ދިނެވެ.

[އައްދޭ ތިޔައީ އެހާ އުފާވެރި ޚަބަރެއް؟ ނަޞީބެއްނު ނުވިސްނުނުކަން. މާއިލް ފުރުމުން އަހަރެން ވާންވީ އުފާތަ؟] މާއިލް ހީކުރިގޮތަށް، ރަޝްފާ އުފަލެއް ނުވިއެވެ.

[އަހަންނަށް ކުރިންވެސް އިނގެޔޭ، ރަޝްފާ އުފާނުވާނެކަން. އޭޖެންސީއިން އަންގައިފި، މާދަމާރޭ ފުރޭގޮތަށް ތައްޔާރަށް ހުންނާށޭ.] ރަޝްފާއާ ވަކިވެގެން ދާން ޖެހުމުން، މާއިލްވެސް ހުރީ ދެރަވެފައެވެ.

އެހެން ނަމަވެސް، މާއިލް އެކަމެއް ރަޝްފާއަކަށް ނުދައްކައެވެ.

[ވަރަށް އުފާވެފަދޯ ތިހުންނަނީ. އަޅެ އަހަރެން ވަރަށް ފޫހިވާނެއެއްނު.] ރަޝްފާ ކުޑަކުއްޖަކު ފަދައިން މޫނުމައްޗަށް ވައްތަރުތަކެއް ޖައްސަމުން އައިސް، މާއިލް އިށީނދެ އިން އެނދުގައި އިށީނެވެ.

[ރަޝް...ދެރަނުވޭ....އެންމެ ދެއަހަރު ދުވަހެއްނު. ފައިސާއާނުލާ އެންމެ ނޭވާއެއްވެސް މިހާރަކު ނުލެވޭނެ. އަހަރެން ދަތުރުކުރަން ދިޔުމުން، ހަމަ އެ ފައިދާ ކުރާނީ ރަޝްއަކަށްނު.] ރަޝްގެ ޙާލު އަޙުވާލު ބަލަން އަހަރެން ދާނީ ޒުބޭރާ ޙަވާލުކޮށްފަ.] މާއިލް ރަޝްފާއަށް ވިސްނައިދިނެވެ.

ޖެހިގެން އައި ހޮނިހިރު ދުވަހުގެރޭ ރަޝްފާގެ ފިރިމީހާ މާއިލް ދަތުރުކުރަން ދިޔުމަށްޓަކައި [ގުޑް ޝިޕިންގ] އިން ފުރައިފިއެވެ. މާއިލް ފުރިތާ ދެވަނައަށްވީ ދުވަހު ޒުބޭރު ރަޝްފާގެ ޙާލު ބަލަން އެގެޔަށް އައެވެ.

[ކޮބާ ޙާލު ރަނގަޅުތަ! ކަމެއް ޖެހިއްޖިއްޔާ އަންގާލައްޗޭ.] ޒުބޭރު އެތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.

[އާނ....ކަމެއް ޖެހިއްޖިއްޔާ ގުޅާލާނަން. މާއިލް އެބައޮތް ނަމްބަރުވެސް ދީފަ.....އިށީނދޭ....] ރަޝްފާ ބޮޑު ކޮޓަރީގައި ހުރި ގޮނޑިއަކަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. ޒުބޭރަކީ މާއިލްގެ ކުރިން ރަޝްފާއަށް ފެނުނު އެންމެ ރީތި ޒުވާނާއެވެ. ޒުބޭރުގެ ރީތިކަން އޭނާގެ ކުރިމަތީގައި ފަނޑުވީ މާއިލް ފެނުނީމައެވެ. އެހެން ނަމަވެސް، މިހާރު އޭނާ ބުނާކަހަލައެވެ. ޒުބޭރު މާރީއްޗެވެ. ޔަޤީނެވެ. މާރީއްޗެވެ.

[ހާދަވަރަކަށް ތިބަލަނީ ލަދުގަންނަވަންތަ؟] ރަޝްފާ ބަލަން ފެށިގޮތުން ޒުބޭރު ލަދުގަތެވެ.

[މިބަލަނީ އެހެރަ ފެންނަ....] ރަޝްފާ އިޝާރާތް ކުރީ ޒުބޭރުގެ މޭމައްޗަށެވެ. ގަމީހުގެ މަތީ ދެގޮށް ނާޅުވާ ހުރުމުން، ޒުބޭރުގެ މޭމަތިން ބޮޑު ބައެއް ވަނީ ހާމައަށެވެ.

[ކޯއްޗެއް ހަޑިވެފައި ހުރީތަ؟] ޒުބޭރު އަމިއްލަ މޭމައްޗަށް ބަލާލިއެވެ. އެވަގުތު އޭނާއަށްވެސް އޭނާގެ މޭމައްޗާ ދިމާލުން ކަރުގައި ހުރި ރަތް ކުލައިގެ ނިޝާން ފެނުނެވެ.

[އެއަށްތަ ތިޔަ ބަލަނީ. އެއީ ދެން އެހާވަރުގެ ކަމެއްތަ؟] ޒުބޭރު ގަމީހުގައި ނާޅުވާހުރި ދެގޮށް އެޅުވިއެވެ.

[ދެން ކީއްކުރަން އަޅުވަންވީ. އޭތް އަހަރެން ވަރަށް ފޫހިވާނެ. މިގޭގައި އުޅެނީ މަންމަ އެކަނި. ތަންކޮޅެއް ގިނައިން އަންނައްޗޭ.] ރަޝްފާ ބުންޏެވެ.

[ދުވާލަކު ކިތައްފަހަރުތަ އަންނަންވީ؟] ޒުބޭރު ހިނިތުންވެލަމުން އެހިއެވެ.

[ދުވާލަކު އެއްފަހަރު. ރޭގަނޑުވެސް އަންނަންވާނޭ.] ރަޝްފާ ތާވަލް ރާވާލަދިނެވެ.

[މިރޭވެސް އަންނަންވީތަ؟] ޒުބޭރަށް ރަޝްފާގެ ބަލާލުންތަކުގެ ނިވަލުގައި ފުން މާނައެއްވާކަން އެނގުނެވެ. އެހެންވެ ފަހުން އޭނާގެ ހިތުގައިވެސް މަޤްޞަދެއް އާލާވިއެވެ.

[އާނ....މިރެޔަކީވެސް ހަމަ ރެއެއްނު. ކޮންމެވެސް އެއްޗެއް ބޮއިގެންދާންވާނީ.] ރަޝްފާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

[ކިހާ ދުވަހަކަށްތަ މާއިލް ދިޔައީ؟] ރަޝްފާ ހިނގައިގަތުމުން ޒުބޭރު އެހިއެވެ.

[ދެއަހަރޭ އަހަރެން ގާތުގައި ބުނީ.] ރަޝްފާ ކޮޓަރިން ނުކުންނަމުން ބުންޏެވެ. ރަޝްފާގެ މި ޖަވާބާ ވިއްދައިގެން ދެން ކުރާނެ ސުވާލެއް ރާވައިގެން ޒުބޭރު ހުއްޓާ، ރަޝްފާ ދެތަށި ޖޫހާއި، ދެތިން ވައްތަރެއްގެ ބިސްކޯދު ތަބަކެއްގައި އަތުރާލައިގެން އައިސް ވަދެއްޖެއެވެ.

[ދެއަހަރޭ! އެހާ ދުވަސް ވަންދެން ރަޝްފާއަށް ކެތްކުރެވޭނެތަ؟] ރަޝްފާ ދިއްކުރި ޖޫސްތަށީގައި ހިފަމުން ޒުބޭރު އެހިއެވެ. ޒުބޭރުގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނުވިސްނުނީ ކަމަށްވެސް ވެދާނެއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.

ޒުބޭރު އިތުރަކަށް އެސުވާލު ތަކުރާރެއް ނުކުރެއެވެ. ވެދާނެއެވެ. އޭނާއަށް އޭނާ ބޭނުން ޖަވާބު ލިބުނީއެވެ. އޭނާ އެގެއިން ނުކުމެގެން ދިޔައީ، އެ ހިތްހަމަޖެހުމާ އެކުގައެވެ.

**********************

ހޯމަ ދުވަސް ކައިރިވަމުންދިޔަ ވަރަކަށް، ރާނިޔާގެ ހިތުގެ ހިނގުންވެސް ދިޔައީ އަވަސްވަމުންނެވެ.

[ބުނެބަލަ ރާނީ، ރާނީ ބުނީމެއްނު، އަހަންނަށް ކަމެއް ސިއްރުކުރާ ވާހަކަ. އެއީ ކޮންކަމެއްތަ؟] ޒަހީން ވިސްނާ ވިސްނާ ވަރުބަލިވުމުން ،އަނެއްކާވެސް ރާނިޔާ ގާތުގައި އެހިއެވެ.

[އަހަރެން ނުބުންޏަސް، އެނގޭނަ ދުވަސް ވަރަށް ކައިރިވެއްޖެ. އެދުވަހަކަށް ޒަހީން އިންތިޒާރު ކުރޭ.] ރާނިޔާއަށް މިހެން ބުނެވުނުތަނާހެން، ދަރިފުޅު ޝާއިން ރޮއިގަތް އަޑު އިވިގެން ރާނިޔާ ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. ރާނިޔާ ދިޔުމުން ޒަހީން ވިސްނިއެވެ. ރާނިޔާ އެ ބުނި އެއްޗަކާ މެދުގައެވެ.

[ކޮން ވިސްނުމެއް؟] ރަޝްފާ ވިސްނުމެއްގެ ތެރޭގައި އިންދާ، އެގެޔަށް އައިސް ވަން ލަހުފާ ސިއްސުވާލިއެވެ. އޭރު ރޭގަނޑު އެގާރަ ޖަހަނީއެވެ.

[އަހަނ....ނުވިސްނަން...] ރަޝްފާ ސިއްސައިގެންދާފަދަ ގޮތަކަށް ތެޅިގަތެވެ.

[އެނގެޔޭ....އެނގެޔޭ...ކޯއްޗެއް އޮޅުވާލަން ތިއުޅެނީ....މާއިލްގެ ސިޓީއެއް ނުލިބިގެންދޯ ތިވިސްނަނީ.] ލަހުފާ ހުރިހާ ކަމެއް އެނގޭ ކަމަށް ހެދިއެވެ.

[އޭތް އެއްކަލަ ޒުބޭރު މިހާރު ވަރަށް ގިނައިން މިގެޔަށް އާދޭ. މިހާރު ވަކިން މާރީތި.] ރަޝްފާ ޒުބޭރުގެ ރީތިކަމަށް ތަޢުރީފު ކުރިއެވެ.

[އޭނަ ރީއްޗޭ ކިޔާފަ ދެން ރަޝް ކީއްތަ ކުރާނީ. ރަޝްއަކަށް ނެތެއްނު މިހާރަކު ފުރްޞަތެއް.] ލަހުފާ ރަޝްފާއާ ދިމާކޮށްލިއެވެ.

[މިހާރުވެސް ފުރްޞަތު އެބައޮތް. ހީވޭ މާއިލަށްވުރެން މާ ލޯބިހެންވެސް....] ރަޝްފާގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ.

[އައްދޭ، މިހާރު ތިހުރީ ހަމަ ރަނގަޅަށްވެސް އޭނާގެ ޢިޝްޤުގައި ޖެހިފަދޯ. އެކަމަކު ބުނަން، މަގޭވެސް ނަޞޭޙަތެއް އެބައޮތް. ބޮނޑިއެއް ނުބޯތި.] ލަހުފާ ބުންޏެވެ.

[އަހަރެންވެސް ވަރަށް ދެރަވަން. އަހަރެންގެ ހިތް މިހާ އަވަހަށް ބަދަލުވީތީ.] ރަޝްފާ ގޮނޑިން ތެދުވެގެން ގޮސް އެނދުގައި އޮށޯވެލައިފިއެވެ.

[ރަޝް އެކަމަކު ތީ ބޮޑުވަރު. މާއިލް ބޭރަށް ދިޔަތާ އަދިމިވީ އެންމެ ހަތަރު ދުވަހޭ.] އެއީ [ލަހުފާ މާރުހޭ ކަމަކަށް ނުވިއެވެ.

[މައްސަލައެއް ނެތެއްނު. އަހަރެން މާއިލަށްވުރެން ކުރިން ލޯބިވީ ޒުބޭރު ދެކެއެއްނު.] ރަޝްފާ ހުރީ ހަމަ ރަނގަޅަށް ޒުބޭރުގެ މަޅީގައި ޖެހިފައެވެ. އެމީހުން ވާހަކައިގެ ފޯރީގައި ތިބިވަރުން ދޮރުމަތީ އެމީހުންގެ ވާހަކަތައް އަޑުއަހަން ޒުބޭރު ހުރިކަންވެސް ނޭނގުނެވެ. އެމީހުންނަށް ކިރިޔާވެސް ހިލަމެއްވީ ޒުބޭރު ކަރުކެހިލީމައެވެ.

[ކޮން ވާހަކަތަކެއް. ހާދަ [ސީރިއަސް] ވާހަކަތަކެއްހެން ހީވެޔޭ.] ޒުބޭރު ނުދެނަހުރި ކަމަށް ހެދިގެން ހުރެ ވާހަކަ ފެށިއެވެ. ކުއްލިއަކަށް ޒުބޭރު އައިސް ވަނުމުން، ރަޝްފާއަށް ލަދުން އިސްޖަހާލެވުނެވެ.

[މިދައްކަނީ ހަމަ ޒުބޭރުގެ ވާހަކަ.] ލަހުފާ ލާނެތް ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުން ބުންޏެވެ.

[އެހެން ހީވެގެން މި އެހީވެސް.] ޒުބޭރު ރަޝްފާއަށް ބަލާލަމުން ބުންޏެވެ.

[އޭތް ރަޝް އަހަންނަކަށް ނެތޭ ހުރެވޭކަށް. މިވަގުތު ދެން ގޮސްލަނިއްޔޭ.] ލަހުފާ ކޮޓަރިން ނުކުތެވެ.

[ތެދެއް ކޮން ވާހަކަތަކެއްތަ ދެންމެ ދެއްކީ.] ޒުބޭރު ލަހުފާ ދިޔުމުން، ރަޝްފާ އިން އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. ރަޝްފާ ހަމަ އެއިންގޮތަށް އިނީއެވެ. ލަދުގެންފައެވެ. ޒުބޭރަށް އެކަން ފާހަގަކުރެވުނެވެ. ޒުބޭރު މަޑުމަޑުން ރަޝްފާއާ ގާތަށްޖެހި، ރަޝްފާގެ ދަތްދޮޅީގައި ހިފާ މައްޗަށް ހިއްލާލިއެވެ.

އެވަގުތުކޮޅު ރަޝްފާއަށް އޭނާގެ ޖަޒްބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ބޭއިޚްތިޔާރުގައި ޒުބޭރުގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ. ޒުބޭރު ހުރީ އެފަދަ ފުރްޞަތަކަށް އެދިއެދި ކަމަށްވުމުން، އޭނާވެސް ރަޝްފާއަށް މަރްޙަބާ ކިޔެވެ. ރަޝްފާއަކީ އަމިއްލަ ނަފްސަށް ބާރު ނުހިންގޭ މީހެއްކަން އެނގުނީ އެދުވަހުއެވެ. އެދުވަހު ޒުބޭރުގެ ކޮންމެ ޙަރަކާތަކުންވެސް ރަޝްފާއަށް ޙާޞިލްވަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. އެހެން ނަމަވެސް، އޭނާއަށް ނޭނގޭކަހަލައެވެ. މިލިބެނީ ވަގުތީ އުފާތަކެއްކަމެވެ.

ފަހުން ރަޝްފާ ލަދުގަތެވެ. ދެރަވެސްވިއެވެ. ވެދާނެއެވެ. އޭނާއަށް އޭނާގެ މަޤާމު ވިސްނުނީއެވެ.

[ކިހިނެއްވީ؟ ލަދުގަތީދޯ.] ޒުބޭރު ޓީޝާޓް ބޮލުން ވައްޓާލަމުން އެއްސެވެ. ރަޝްފާއަށް ޖަވާބެއް ނުދެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހެން ފަށައިފިއެވެ؟

[ރަޝްއަށް ހީވަނީތަ؟ މިކަންތައް މާއިލަށް އެނގޭނެހެން.] ޒުބޭރު ރަޝްފާ ހަމަޖައްސަން އުޅުނެވެ.

[އަހަންނަށް މިކުރެވުނީ ކޮންފަދަ ބޮޑު ފާފައެއް....] ރަޝްފާއަށް ބާރުބާރަށް ރޮވެން ފެށުނެވެ.

[ރަޝް...ތި ހިތާމަ ކުރަނީ ފާފައެއް ކުރެވިގެނެއް ނޫނެއްނު. އަހަންނަށް އެބަ އެނގޭ، ރަޝްފާ ތިދެރަވާ ސަބަބު. އަހަރެންގެ ފަރާތުން އިތުރު އެއްވެސް މީހަކަށް މިކަމެއް ނޭނގޭނެ. ޔަޤީންކުރޭ ރަޝްފާ.] ޒުބޭރު ޔަޤީންކަންދިނެވެ.

ރަޝްފާ ގަދަކަމުން ހިނިތުންވެލިއެވެ. ޒުބޭރު ގެޔަށް ދިޔައީ، ރަޝްފާ ހިތްހަމަޖައްސައިދިނުމަށްފަހުގައެވެ.

ހޯމަ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. މިއަދުވާނީ ރާނިޔާއަށްޓަކައި އައި ޠޫފާނީ ދުވަހަކަށެވެ. ހެނދުނުއްސުރެން އަދި ރާނިޔާގެ ލޮލުން ކަރުނަ ނުހިކެއެވެ.

[ރާނީ ކީއްވެތަ، މިއަދު ހެނދުނުއްސުރެ ތިޔަރޮނީ؟ އަޅެ ބުނަންވީނު. ރާނީ ކޮންކަމެއްތަ އަހަންނަށް ސިއްރު ކުރަނީ؟] ލޯބިވާ އަނބިމީހާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފެނުމުން ޒަހީނަށްވެސް ރޮވޭގޮތްވިއެވެ.

[ސިއްރު ފާޅުކޮށްދިނުމުން، ޒަހީން އަހަންނަށް މަޢާފް ކުރާނަންތަ؟] ރާނިޔާއަށް ގިސްލެވުނެވެ.

[މަޢާފަށް އެދޭވަރުގެ ކުށެއް ރާނީ ކޮށްފިންތަ؟] ޒަހީން ރާނިޔާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަދެމުން ބުންޏެވެ.

[އަހަންނަކީ ޒަހީނަށް ފެށުނީއްސުރެ ކުށްވެރިއެއް. މަޢާފަށް އެދެން ޖެހިފައިވާ މީހެއް.....] ރާނިޔާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

[އޭނ....އަހަންނަކަށް ނުވިސްނޭ. ތިބުނާ އެއްޗެއް....] ޒަހީނަކަށް ނުވިސްނުނެވެ.

[ޒަހީން...ވިސްނުމުގެ ކުރިން ބުނޭ. އަހަރެންނަށް މަޢާފް ކުރާނަންތަ؟] ރާނިޔާ ބޭނުންވީ، ފުރަތަމަ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާށެވެ.

[އާނ....ކީއްވެ ނުކުރަންވީ އަވަހަށް ކިޔައިދީ.] ޒަހީން ހުރީ ހިތްއަވަސްވެފައެވެ.

[ޒަހީން.....އަހަރެން ނެތަސް އަހަރެންގެ ދަރިފުޅު.] ރާނިޔާގެ އަޑު ކަރުބުޑުގައި ތާށިވިއެވެ.

[ކީކޭ! ތިޔަކިޔާ އެއްޗެއް ވިސްނޭގޮތަށް އޮޅުންފިލުވައިދީބަލަ.] ޒަހީން އެދުނީ ވިސްނޭގޮތަށް އޮޅުންފިލުވައިދިނުމަށެވެ.

[އަޑުއަހާ ޒަހީން....އަހަންނަކީ.....] ރާނިޔާ ކިޔައިދޭން ފެށިއެވެ.

[އާނ....ކީއްވެ ހުއްޓާލީ.....އަވަސް! ކިޔައިދީބަލަ.....] ޒަހީން ރާނިޔާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.

[އާނ.....ޒަހީން.....އަހަންނަކީ ޒަހީންގެ ޝިޒްނީއެއް ނޫން....އަހަންނަކީ އިންސާނެއް ނޫން....] ރާނިޔާ ޒަހީންގެ އަތުން ވީއްލިގަތެވެ. ޒަހީންގެ ބަސް ހުއްޓުނު ކަހަލައެވެ. ކުރީގެ ރޭތަކެއްގެ މެންދަމުގެ ވަގުތުތަކެއް، ހަނދާނުގެ ސްކްރީނަށް އަރަން ފަށައިފިއެވެ.

[އޭނ....އިންސާނެއް ނޫނޭ!] ޒަހީނަށް ބުނެވުނެވެ.

[އާނ.....އިންސާނެއް ނޫން....ޒަހީންގެ ޝިޒްނީ ހއ. ކެލާގައި ފަސް އަހަރު ކޮށްފައި މިހާރު އައިސް އޭނާގެ ގޭގައި އެބައުޅޭ.] ރާނިޔާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.

[ރާނިޔާ އަހަންނަށް.....އޮޅު....އޮޅުވާލީ.] ޒަހީންގެ ގާތަށް ރުޅިއައެވެ.

[ނޫން...ޒަހީން ތިޔަހެން ނުބުނޭ....އޮޅުވާލީކީ ނޫން. ޒަހީންދެކެ ލޯބިވީ. ހަމްދަރުދީވީ. ކޮންމެ ރެޔަކު ދަންވަރު ލޮނުޒިޔާރަތްކޮޅުގައި ހިތާމަކުރަން ހުންނަތަން ފެނުމުން، މިހިތަށް އަސަރުކުރީ.] ރާނިޔާ ހިނގައިގަތީ ކޮޓަރިން ނުކުންނަ ދޮރާ ދިމާލަށެވެ.

އަހަރެން ކިތަންމެ ބޭނުންވިޔަސް ދަރިފުޅު އަހަންނެއް ނުގެންދާނަން. މެންދަން ވަގުތުތަކުގެ ހަނދާނެއްގެ ގޮތުގައި ޒަހީނާއެކު ކުޑަދަރިފުޅު ޝާއިންވާނެ.] ރާނިޔާ ދޮރުމައްޗަށް ހުއްޓި ހުރެ ވާހަކަ ދެއްކިއެވެ. އައިސްފައިވާ ރުޅި ގަދަކަމުން، ޒަހީން ހުރީ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ.

[އަހަރެން ދިޔުމުގެ ކުރިން އަހަންނަށް މަޢާފް ނުކުރާނަންތަ؟] ރާނިޔާ ތަކުރާރުކޮށް މަޢާފަށް އެދުނެވެ.

[ކީއްވެ މިއަދު ޙަޤީޤަތް ހާމަކުރަން ތިޔަޖެހުނީ.] ރުޅި އައިސްފައިވާ ޒަހީން ރުޅީގެ މައްޗަށް ބުއްދި އިސްކުރަމުން އެއްސެވެ.

[އަހަރެން މިރަށުން ބާލަން މިރަށު މީހުން ފަންޑިތަ ހަދަން އުޅޭތީ. ޒަހީން! އަހަރެން ޤަޞްދުގައި އެއްވެސް މީހަކު ނުމަރަން. މަރުވި ހުރިހާ މީހުންވެސް މަރުވީ ޒަހީންގެ ސަބަބުން. އާނ! ޒަހީން އަހަންނަށް މޫދާ ހަމައަށް ދިޔުމުގެ ފުރްޞަތު ނުދިނީތީ. އަހަންނަށް ގަޑިއަށް މޫދަށް ފޭބިއްޖިއްޔާ....މީހަކު މަރެއްނުވާނެ....] ރާނިޔާ ޙަޤީޤަތް ތަފްޞީލުކޮށް ކިޔައިދިނެވެ. އޭނާ ހީކުރިއެވެ. ޒަހީން އޭނާއަށް މަޢާފް ކުރާނެއެވެ. އެހެނަސް ހީކުރިގޮތަކަށް ނުވިއެވެ. ރާނިޔާގެ ޙަޤީޤަތް އެނގުނު ވަރަކަށް ޒަހީންގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ.

[އަހަންނަށް ކަލޭގެ ތިޔަ ރަޙުމްކުޑަ ވާހަކަ ކިޔައިދޭނެ ކަމެއް ނެތް. އަހަރެންގެ ކުރިމަތިން ދުރަށްދޭ.] ޒަހީންވެސް ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ.

[އާނ.....އަހަރެން ހިނގައިދާނަން. އަހަރެންގެ ދަރިފުޅާ ދޭތެރޭ ވިސްނާތި. ޚާއްޞަކޮށް، ފަނަރަ އަހަރަށްފަހު، އާނ.....ފަނަރަ އަހަރަށްފަހު، މެންދަމަށް އެ ދަރިފުޅު މިނިވަން ކުރާތި. އެހެން ނޫނީ ނުރައްކާވާނީ ރަށުގެ ރައްޔިތުންނަށް....] ކުއްލިއަކަށް ވިދުވަރެއް ކަހަލަ އައްޔަކަށްފަހު ރާނިޔާ ގެއްލުނެވެ. ޒަހީން ބިރުގަތީ ދެނެވެ. އެއްދިމާއަކަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ.

**********************

ރަޝްފާ ބޯއަނބުރާގޮތްވެ ހޮޑުލެވޭތީ، ހޮސްޕިޓަލަށް އޭނާ ގޮވައިގެން ދިޔައީ ޒުބޭރެވެ. މިހާރު މިގޮތަށް އޭނާއަށް ހޮޑުލެވޭތާ މިއީ ތިންވަނަ ދުވަހެވެ. މީގެކުރިން އޭނާގެ މައިދައިތަ ޑޮކްޓަރަށް ދިޔުމަށް އެދުމުން، އޭނާ ކުރަމުން އައީ އިންކާރެވެ. މިއަދުވެސް ޒުބޭރު އެދުނުވަރުން ނޫންނަމަ، އޭނާ ހޮސްޕިޓަލަށް ނުދިޔައީހެވެ.

[މިހާރު މިއީ ކިތައްވަނަ ފަހަރު.] ރަޝްފާ ބެލި ޑޮކްޓަރު ޙުސްނުބާނީ ޒުބޭރަށް ބަލާލަމުން އެހިއެވެ.

[މިއަދުވެސް ދެފަހަރު ހޮޑުލެވިއްޖެ.] ޒުބޭރު ޖަވާބު ދިނެވެ.

[އަޅުގަނޑު މިބުނަނީ، އަލަށް ވެއްޖިއްޔާ ރަޝްފާ މަންމައަކަށްވަނީއޭ.] ޑޮކްޓަރު ހިތުން ދިނީ އުފާވެރި ޚަބަރެކެވެ.

[އޭނ....ނޫން....ނުވާނެ.....] ރަޝްފާއަށް ހަޅޭއްލަވައިގަނެވުނެވެ. ރަޝްފާ ލަވައިގަން ހަޅޭކުގެ އަޑަށް ޑޮކްޓަރުވެސް ދިޔައީ ސިއްސައިގެންނެވެ.

[ކިހިނެއްވީ؟ ކުއްޖަކު ބޭނުން ނުވަނީތަ؟] ޙައިރާންވެފައި އިން ޙުސްނުބާނޫ އެއްސެވެ.

ރޮވިފައި އިން ރަޝްފާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

[ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ބޭނުންކުރިނަމަ، ތިހެން ނުވީހެއްނު. މިހާރު ދެން ކުރެވޭނެ މާބޮޑު ކަމެއްނެތް. ބަނޑަށް ގާތްގަނޑަކަށް މިހާރު ތިޔައިނީ ފަސް ހަފްތާވެފައި.] ޑޮކްޓަރު އޮޅުންފިލުވައިދިނެވެ.

[ޒު.....ޒުބޭރު....] ރަޝްފާއަށް ގޮވާލެވުނީ ޒުބޭރަށެވެ. ރަޝްފާ އެހާ ހާސްވެފައި އިންއިރުވެސް، ޒުބޭރުގެ މޫނުމައްޗަކުން އެއްވެސް ނުތަނަވަސްކަމެއް ނުފެނެއެވެ. އޭނާހުރީ ހިނިއައިސްފައެވެ. ހީވާކަހަލައެވެ. އެއީ އޭނާ ބޭނުންވިގޮތެވެ. މަޤްޞަދެއް ޙާޞިލްވީއެވެ. ރަޝްފާއަށް ރޮވުނީ ގެޔަށް އާދެވުނީމައެވެ.

[ރަޝް ކީއްވެ ދެރަވަނީ. ކާކަށް އެނގޭނީ މާއިލަށް ނޫންކަން ރަޝް ބަލިވެއިނީ.] ޒުބޭރު ހުރީ ހަމަޖެހިފައެވެ.

[އެހެން އެއްވެސް މީހަކަށް ނޭނގުނަސް، މާއިލަށް އިނގޭނެއެއްނު. އޭނަ ދިޔައިރު އަހަރެން ބަނޑު ބޮޑު ނޫންކަން.] ރަޝްފާ ގިސްލަ ގިސްލާފައި ރޯން ފަށައިފިއެވެ.

[އަޅެ....އެކަމަކު ދެން ކިހިނެއް ހަދާނީ. އަހަރެން މަސައްކަތް ކުރާނަން، ބޭސް ގުޅައެއް ލިބޭތޯ.] ޒުބޭރުވެސް ކަންބޮޑުވިއެވެ. ޒުބޭރުގެ މި ޖުމްލައިން ރަޝްފާއަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބުނުހެން ހީވެއެވެ.

[އަވަހަށް ހޯދާތި. ގިނަ ދުވަސްވާ ވަރަކަށް ބޭސް ގުޅައަކުން ފުއްދާނުލެވޭވަރު ވެދާނެ.] ރަޝްފާގެ ހިތުގެ ހިނގުންވެސް އަވަސްހެން ހީވެއެވެ.

[އަހަރެން އަންނާނަން ޑޮކްޓަރަކާވެސް ވާހަކަ ދައްކައިގެން ހަމަޖެހޭތޯ ބަލާފަ.] ޒުބޭރު ނުކުތެވެ. ޒުބޭރު ދިޔުމުން ރަޝްފާވެސް މޫނު ދޮވެލާ ތާޒާވެލިއެވެ.

*****************

ރާނިޔާގެ ޙަޤީޤަތް އެނގުމާއެކު، ޒަހީން ދިޔައީ ޝިޒްނީގެ ގެޔަށް ޝިޒްނީއާ ބައްދަލުކުރުމަށެވެ. ވެދިޔަ ކަންތަކަށް މަޢާފަށް އެދޭށެވެ.

[ޝިޒްނީ......] ޒަހީން އެގެޔަށް ވަދެ އަޑުގެކޮޅަށް ގޮވާލިއެވެ. ކޮޓަރިތެރޭގައި އިން ޝިޒްނީއަށް، އެ އަޑު އިވުނީ ވަރަށް ފަނޑުކޮށެވެ. ކިތަންމެ ފަނޑުކޮށް އަޑު އިވުނު ނަމަވެސް، އެއީ އޭނާގެ ދެދުނިޔޭގެ ލޯބިވެރިޔާ ޒަހީންގެ އަޑުކަން އޭނާއަށް ޔަޤީންވިއެވެ.

[ޝިޒޫ......] ޚަބަރެއް ނުވުމުން، ދެންވެސް ޒަހީން ގޮވާލިއެވެ. ދެވަނަފަހަރަށް ޒަހީންގެ އަޑު އިވުމުން، ޝިޒްނީ ނުކުތެވެ.

[ޒަހީން....] ޝިޒްނީގެ ނުކުތީ ވައި އަޑެކެވެ. ފެންކަޅިވެފައި ހުރި ޒަހީނަށް ހުރި ފިޔަވަޅު މަތީ ހުއްޓެވިއްޖެއެވެ.

[ޝިޒޫ......ޒަހީންގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފަށައިފިއެވެ.

[ޒަހީން....ކޮންތާކު އުޅެފައި ތިޔަ އައީ.....] ޝިޒްނީއަށްވެސް ރޮވިއްޖެއެވެ.

[ޝިޒޫ.....އަހަންނަށް މިއޮއްހާ ދުވަހު ޝިޒްނީ ކަމަށް ހީކޮށް މިއުޅެވުނީ....ޝިޒްނީގެ ސިފައިގައިވާ ޖިންނިއަކާއެކު.] ޒަހީން ކޮށިއަރަމުން ޖުމްލަ ފުރިހަމަކޮށްލިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން