[އަޅޭ....ނުދަމޭ.....ނުދަމޭ....ޤަބޫލުކޮށްބަލަ....] ޝިޒްނީއަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.

[ވެދާނެދޯ، ޝިޒްނީގެ ސިފައިގައި ޖިންނިއަކު އުޅެނީ ކަމަށްވެސް.] ލަހުފާ އިރުކޮޅަކު ވިސްނަން ހުރެލާފައި ސަމާސާކޮށްލިއެވެ.

[ޤަބޫލު ނުކުރެވެންޏާ އަހާބަލަ. އަހަންނަކީ އެއްވެސް ފިރިހެނަކަށް ބޭނުންވާނެ މީހެއް ނޫން...އަހަންނަށް ކިހިނެއް ކުއްޖަކު ލިބޭނީ. އާނ އެއްވެސް ފިރިހެނަކަށް، އަހަރެންގެ ފަރާތުން އުފަލެއް....] ޝިޒްނީއަކަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ރޮމުން އަމިއްލަ ބޯ، ފާރުގައި ތަޅަން ފެށިއެވެ. ޔަޤީނެވެ. ޝިޒްނީފަދަ ކޮންމެ އަންހެނަކީވެސް އުފާތަކުން މަޙްރޫމް ވެފައިވާނެ އަންހެނެކެވެ.

[ޝިޒޫ ހިތްވަރުކުރޭ....މިއޮއްހާ ދުވަހުވެސް ހިތްވަރު ކުރީނު.] ޙަފީޒާ ޝިޒްނީ ހިފެހެއްޓިއެވެ.

[ޝިޒޫ....ހުއްޓާލާ...ހުއްޓާލާ...ވެގެން އުޅޭގޮތް އަހަރެމެންނަށް ކިޔައިދީ....] ރަޝްފާއަށްވެސް ރޮވިއްޖެއެވެ. ރަޝްފާ އެދުމުން، ޝިޒްނީ ލޮލުން އޮހެމުންދިޔަ ކަރުނަތައް، ހިތްވަރުކޮށްލާފައި ފޮހެލައިފިއެވެ.

[ކީއްކުރަން ކިޔާދެނީ. ޔަޤީން، ރަޝްމެން ޤަބޫލު ނުކުރާނެކަން.] ޝިޒްނީ ކިޔައިދޭން އުޅެފައި ހުއްޓާލިއެވެ.

[ޤަބޫލު ކުރެވޭ ކަހަލަ ވާހަކައަކަށް ވަންޏާވެސް އެނގޭނީ ކިޔައިދިނީމައެއްނު. ކިޔައިދީބަލަ.] ރަޝްފާ އެދުނެވެ.

[ނޫން..ރަޝްފާ ދެން އެވާހަކަ ހުއްޓާލާ.] ޝިޒްނީ ބޭނުންވީ، އެވާހަކަ ހުއްޓާލާށެވެ. ވެދާނެއެވެ. ޒަހީން ބަދުނާމު ކުރަން އޭނާ ބޭނުން ނުވަނީއެވެ.

*******************

ޒަހީން ދަރިފުޅު އުރާލައިގެން ވަކި މިޞްރާބެއް ނެތި ދަނިކޮށް، ދިމާވީ ގެއްލިދިޔަ ރަޙްމަތްތެރިޔާ ނާފިޒްގެ މަންމައާއެވެ.

[އަހަނ ޒަހީން...ކޮންތާކަށްތަ ދަނީ. މިހާރު އަހަރެމެން ގެޔަށް ނުދަނީ ކީއްވެ؟] ނާފިޒްގެ މަންމަ ނަޢީމާ ވާހަކަ ދެއްކީ ޝަކުވާގެ ރާގަކަށެވެ.

[ވަރަށްދެރަ. މިއުޅެނީ ވަންނާނެ ތަނެއް.....] ޒަހީން ހުއްޓާލިއެވެ.

[ކޮބާ އަންހެނުންގެ ގެ. އަންހެނުން ވަރިކުރީތަ؟] ނަޢީމާ އެހިއެވެ.

[ވަރިއެއް ނުކުރަން. އަންހެނުންގެ ހިތަކީ ދުވަހުން ދުވަހަށް ބަދަލުވާ އެއްޗެއްނު. އެގޮތުން ރާނިޔާވެސް ބަދަލުވީ. އެކަން ފާހަގަކުރެވުމުން، ދަރިފުޅާއެކު އެގެއިން ނުކުތީ....] ޒަހީން ފެންކަޅިވެއްޖެއެވެ.

[ޒަހީން...ޒަހީނަކަށް ނުޖެހޭނެ، ތިގޮތަށް ވަންނާނެ ތަނެއް ނެތިގެން އުޅޭކަން. ނާފިޒްގެ ދުނިޔޭގައި އޭނަގެ ފަރާތުން ލިބެމުންދިޔަ އެހީ މިހާރުވެސް ޒަހީނަށް ލިބޭނެ. އަވަހަށް މިކާރަށް އަރާ.] ނަޢީމާ ކާރުގެ ފަހަތު ދޮރު ހުޅުވިއެވެ. ޒަހީން ދެކޮޅު ހެދުމެއްނެތި ކާރަށް އަރައިފިއެވެ.

[ޖާވީދު ކާރު ދުއްވާލާ....] ހުރިހާ މީހުން އަރާ ހަމަޖެހުމުން، ނަޢީމާ ޑްރައިވަރަށް އެންގިއެވެ. މީގެ ފަސް އަހަރު ކުރިން މަރުވި ނާފިޒަކީ، ނަޢީމާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންވެ ނާފިޒްގެ ހުރިހާ ރަޙްމަތްތެރިންވެސް ނަޢީމާ ދެކެނީ، އޭނާގެ ދަރިންގެ ގޮތުގައެވެ.

[މިއޮއްގަދަ އަވީގައި ދަރިފުޅު ގޮވައިގެނެއްނު ތިދަނީ. އަހަންނާ ބައްދަލުނުވިނަމަ ކޮންތާކަށްދާނީ.] ކާރު ދުއްވަން ފެށުމުން ނަޢީމާ އެއްސެވެ.

[ރަށަށް ފުރާނެ ބޯޓެއް އޮތްތޯ ދަނިކޮށް، ނަޢީމައްތައާ ބައްދަލުވީ.] ޒަހީން ބުންޏެވެ.

[ދީބަލަ ކުޑަދަރިފުޅު. ދަރިފުޅަށް ކިޔަނީ ކޮން ނަމެއްތަ؟] ނަޢީމާ ޒަހީންގެ އަތުން ޝާއިން އަތުލިއެވެ. ނަޢީމާ ނެގުމާއެކު ޝާއިން ރޯން ފެށިއެވެ. އޭރު އެކާރުގެ ފަހަތު ޝީޓްގައި ރާނިޔާވެސް އިނެވެ. އެތަނުން އެކަކަށްވެސް ރާނިޔާއެއް ނުފެނެއެވެ.

ޝާއިން ރޯން ފެށުމުން، ރާނިޔާ ޝާއިންއަށް ފެނިލިއެވެ. ޝާއިންއަށް ނާނާގެ އަޑު އިއްވަން ފެށިއެވެ. ރާނިޔާގެ ނާނާގެ އަޑު އިވުމާއެކު، ޝާއިން ރުއިން ހުއްޓާލިއެވެ.

[ޒަހީން މީނަ މިބަލަނީ ކޮންދިމާލަކަށް.] ޝާއިން ފަހަތު ޝީޓްގައިވާ ހުސް ޖާގައަށް ބަލަން ފެށުމުން ނަޢީމާ ބުންޏެވެ. ނަޢީމާއަށް މިހެން ބުނެވުނުއިރު، ކާރު އެގޭ ބޮޑު ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ.

ފުރަތަމަ ކާރުން ފޭބީ ނަޢީމާއެވެ. ޒަހީނާއި އޭނާގެ މަންމައާއި ބައްޕަ ފޭބީ އޭގެފަހުންނެވެ.

[މިއަދުން ފެށިގެން ޒަހީންމެން އުޅެންވާނީ މިގޭގައި. މިގެއިން އެއްވެސް ކަމެއް ދައްޗެއް ނުވާނެ.] ނަޢީމާ އެތެރެއަށް ވަނެވެ. ޒަހީންވެސް އެތެރެއަށް ވަނެވެ.

[އަހަންނަށް މިގޭގައި އުޅެން ވަރަށް އުނދަގޫވާނެ.] ޒަހީން ބުންޏެވެ.

[އެޔޯ؟] ނަޢީމާ އެއްސެވެ.

[ނާފިޒް ހަނދާންވާތީ....] ކުރީގެ ހަނދާންތަކެއް އާވުމުން، ޒަހީންގެ ލޮލުން ކަރުނަ ފޭދުނެވެ.

އެދުވަހުގެ ފަހުން ޒަހީންމެން އުޅެމުން އައީ އެގޭގައެވެ. އެގޭ ނަޢީމާ ދެކެނީ، ޒަހީނަކީ އޭނާގެ އުފަން ދަރިއެއްގެ ގޮތުގައެވެ. އެހެންވެ އޭނާ ޒަހީންގެ ޢާއިލާއަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދެއެވެ.

މިހާރު ޝިޒްނީ އުޅެނީ ޒަހީނާ ބައްދަލުނުވެގެންނެވެ. ވެގެން އުޅޭގޮތް ޒަހީނަށް އޮޅުންފިލުވައިދޭށެވެ.

[ދައްތާ، ޒަހީން ފެނޭތޯ އަހަރެން ވަރަށް މަސައްކަތް ކޮށްފިން....] ޝިޒްނީގެ ވާހަކައިން އެނގެނީ، އުއްމީދު ގެއްލިފައިވާ ކަމެވެ.

[ވެދާނެއެއްނު، އެމީހުން ރަށަށް ދިޔައީ ކަމަށްވެސް.] ޙަފީޒާ ބުނެލިއެވެ.

[ތިހެންވެސް ވެދާނެ.] އެކަމަކު ވަޒީފާ ދޫކޮށްފަ އޭނަ ދާނެހެނެއް ހިއެއްނުވޭ.] ޝިޒްނީ ތުންފަތުގައި ދައިގަތެވެ.

[ތިޔަހެންވީއިރު ޝިޒޫއަށް އެނގޭތަ، އޭނާގެ އޮފީސް ނަންބަރު؟ ގުޅަންވީނު.] ޙަފީޒާ ޚިޔާލެއް ދިނެވެ. ޝިޒްނީއަށް އެޚިޔާލު ކަމުދިޔައެވެ.

ޝިޒްނީ ފުރަތަމަ ދިރާގުން ނަންބަރު ހޯދިއެވެ. އެހެން ނަމަވެސް، އެވަގުތަކީ ޒަހީންގެ އޮފީސް ގަޑި ނޫންކަން ހަނދާންވުމުން ޝިޒްނީ ހުއްޓާލިއެވެ.

[މިހާރަކު ޒަހީން އޮފީހަކު ނޫޅޭނެ. އަދި ގަޑިއެއްހާއިރު ފަހުން ގުޅަނިކޮށް ރަނގަޅުވާނެ.] ޝިޒްނީ އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ބުންޏެވެ.

ދިރާގުން ލިބުނު ނަންބަރާ، އެއްގަޑިއިރު ފަހުން ޝިޒްނީ ގުޅިއެވެ.

[ހަލޯ....ޓީ.ވީ މޯލްޑިވްސް.] އެކޮޅުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ.

[ޒަހީނާ ބައްދަލުކޮށްލެވިދާނެތޯ؟] ޝިޒްނީ އެދުނެވެ.

[މަޑުކޮށްލައްވާ....] އެ އަންހެން ކުއްޖާ އެހެން ސެކްޝަނަކަށް ޕާސްކުރި ޓޯނެއް ޝިޒްނީއަށް ލިބުނެވެ.

އިރުކޮޅަކު ރިންގުވުމަށްފަހު، ފިރިހެނަކު ވާހަކަ ދެއްކި އަޑު އިވުނެވެ.

[ހަލޯ ޒަހީނާ ބައްދަލުކޮށްދީފާނަންތަ؟] ޝިޒްނީ ތަކުރާރުކޮށްލިއެވެ.

[ޒަހީނޭތޯ؟ ޒަހީން މިހާރު އެއްމަސް ދުވަހުގެ ޗުއްޓީއެއް ނަންގަވައިގެން އުޅުއްވާތާ ދެދުވަސްވަރުވެދާނެ.] އެކޮޅުން ވާހަކަ ދެއްކި މީހާ ޖަވާބު ދިނެވެ.

[ގޭގެ ނަންބަރު ނުވަތަ ގުޅޭނެ އެހެން ނަންބަރެއް ދެއްވަފާނަންތޯ؟] ޝިޒްނީ އެދުނެވެ.

[ގޭގެ ނަންބަރު އެކަނި އަޅުގަނޑަށް ލިބިފައި އޮތީ. 325910] ޝިޒްނީ ފޯނު ބޭއްވިއެވެ. އެމީހާ އެދިނީ ޝިޒްނީގެ ގޭގެ ނަންބަރެވެ. ޝިޒްނީ މާޔޫސްވެއްޖެއެވެ. ދައްތަ ބުނިގޮތަށް އޭނާ ރަށަށް ދިޔައީ ކަމަށް ޤަބޫލުކުރެވި، ދެލޮލުން ކަރުނަތައް އޮހެން ފަށައިފިއެވެ.

[ކީކޯ؟] ޝިޒްނީ ފޯނު ބޭއްވުމުން ޙަފީޒާ އެހިއެވެ.

[އެއްމަސް ދުވަހުގެ ޗުއްޓީއެއްގަޔޯ.] ޝިޒްނީއަށް ގިސްލެވެން ފެށުނެވެ. ޒަހީނާ ބެހޭގޮތުން ތަފާތު ޚިޔާލުތައް އޭނާއަށް ކުރެވުނެވެ.

[ހުއްޓާލާ ހުއްޓާލާ ދަރިފުޅާ....] ޒަހީންގެ މަންމަ ފާއިޒާ ޝާއިން މަސަލަސް ކުރަމުން ދިޔައެވެ. ޝާއިން ހަމަ ރޮނީއެވެ. ޒަހީންވެސް މިހާރު ދަރިފުޅު ހުއްޓުވޭތޯ ވަރަށް މަސައްކަތް ކޮށްފިއެވެ. އެހެނަސް ހުއްޓައެއްނުލިއެވެ. ޝާއިން ރޮނީ މަންމައާ ހެދިއެވެ. ކުއްލިއަކަށް ޝާއިން ރުއިން ހުއްޓާލިއެވެ. ޒަހީނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

[މަން....މީ....] ޝާއިން ގޮވި އަޑު އިވުނެވެ. ފާއިޒާއާއި ޒަހީނަށް ކޮޓަރިދޮރާ ދިމާއަށް ބަލައިލެވުނީ އެވަގުތުއެވެ. ދޮރުމަތީގައި ޝާއިނާ ދިމާއަށް ހިނިތުންވެގެން ހުރީ ރާނިޔާއެވެ.

ރާނިޔާ ފެނުމާއެކު ރުޅި އައިސްފައިވާ ޒަހީން މޫނު ކުނިކޮށްލިއެވެ.

[ޒަހީން އަހަންނަށް މަޢާފް ކޮށްފާނަންތަ؟] ރާނިޔާ ދެލޮލަށް ކަރުނަ ގިނަކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ.

[މަޢާފޭ.....؟] ޒަހީން ހުރި ފިޔަވަޅުމަތީގައި ހުރެ ވާހަކަ ދެއްކިއެވެ.

[އާނ....ޒަހީން...އަހަންނަށް އަހަރެންގެ ދަރިފުޅާ ވަކިން ނޫޅެވޭނެ. އަހަންނަށް މަޢާފްކުރޭ....] ރާނިޔާ އެތެރެއަށް ވަދެ، ކުޑަކުޑަ ޝާއިން އުރާލިއެވެ.

[މިއޮއްހާ ދުވަހުވެސް ތިދަރިފުޅާ ވަކިން އުޅުނީނު.] ޒަހީން ގޮތްދޫކުރާ ޚިޔާލެއް ނުކުރެއެވެ.

[ޒަހީންމެނަށް ނޭނގުނަސް، އަހަރެން ކޮންމެ ދުވަހަކުވެސް އަހަރެންގެ ދަރިފުޅާ ބައްދަލުކުރަން...] ރާނިޔާ ދަރިފުޅު މެޔާލާ ބޮނޑިކޮށްލިއެވެ.

[ރާނީއަކަށް އަހަރެމެންނަށް ނޭނގި، މިދަރިފުޅަކާ ބައްދަލެއް ނުކުރެވޭނެ!] ޒަހީނަށް ރާނިޔާއަކީ ކާކުކަން އެނގޭނަމަ، އެހެނެއް ނުބުނީސްކަން ޔަޤީނެވެ.

އިރުކޮޅެއް ވަންދެން ރާނިޔާ ކިޔާ އެއްޗެއް އަޑުއަހަން ހުރުމަށްފަހު، ފާއިޒާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެއްޗެއް ވިސްނުނީ ކަމަށްވެސް ވެދާނެއެވެ. ދޮރުން ނުކުންނަން އުޅެފައި ފާއިޒާ ހުއްޓުނެވެ.

[ދަރިފުޅާ ތިޔަ ކުޑަ ދަރިފުޅަށްޓަކައި ނަމަވެސް ރާނިޔާއަށް މަޢާފްކުރޭ....] މިހެން ބުނެފައި ފާއިޒާ ނުކުމެއްޖެއެވެ. މަންމަ އެދުނީމާ ކަމަށްވެސް ވެދާނެއެވެ.

ޒަހީން އެންމެފަހުން ގޮތްދޫކުރިއެވެ.

[ރާނީ...އަހަރެމެން މިގެ ދޫކޮށްފައި ދާކަށް މިގޭ ދައްތަ ނުރުހޭނެ.] ޒަހީން ބުންޏެވެ. އެއީ ރާނިޔާވެސް އެދޭގޮތެވެ. އަނެއް ގެޔަށް ގޮއްސިއްޔާ އޭނާ ބާކީވާނެކަން އޭނާއަށް އެނގެއެވެ.

[އަދިވެސް އަހަންނަކަށް މަޢާފެއް ނުކުރަމެއްނު.] ރާނިޔާ ހަނދާންކޮށްލަދިނެވެ.

[މަޢާފް ނުކުރާނަމަ، ތިޔަހެން މިކޮޓަރިތެރޭ ހުރެވުނީސްތަ؟] ޒަހީން ހިނިތުންވެލަމުން އައިސް ރާނިޔާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލިއެވެ.

[ދަރިފުޅަށް ނިދެނިއްޔޭ. އިހަށް މަޑުކޮށްބަލަ.] ޒަހީން މާބޮޑަށް ގާތްވާން ފެށުމުން ރާނިޔާ ބުންޏެވެ.

[މިހާރު ތިޔަ އޮތީ ނިދިފައެއްނު. އެނދުގައި ބާއްވާލަބަލަ.] ޒަހީން ގޮސް ކޮޓަރި ތަޅުލިއެވެ. ރާނިޔާ ނިދިފައި އޮތް ޝާއިން އެނދުގައި ބޭއްވިއެވެ.

[މަންމަ އަތުވެދާނެއެއްނު.] ރާނިޔާ އެނދުމައްޗަށް ވެއްޓިގަތެވެ.

[ދޮރު ތަޅުލާފައޭ ހުރީ....] ޒަހީން އިތުރަށް ރާނިޔާއާ ގާތްވެލައިފިއެވެ. ޒަހީން ހުރީ ބުޅަލަކަށް މަސްކޮޅެއް ނުލިބޭތާ ދުވަސްތަކެއްވުމުން ވާގޮތްވެފައެވެ. ވަގުތަކީ މެންދަމަކަށް ފެށުނު ވަގުތުކަމުން ރާނިޔާގެ ހިތް އަވަސްވިއެވެ. ރާނިޔާ ޒަހީންގެ އަތްދަށުން ސަލާމަތްވެގަންނަން މަސައްކަތް ކުރިއެވެ. ޒަހީން ދުލެއް ނުކުރިއެވެ. ރާނިޔާގެ ހަށިގަނޑުގައި ބާރަށް ބައްދައިގަތެވެ.

[ރާނީ....އަޅެ މިވަގުތު ދާން ނޫޅޭ.....] ޒަހީންގެ މުޅި ހަށިގަނޑަށް ވެރިވެފައިވަނީ މަސްތީ އަސަރުތަކެވެ.

[ޒަހީން [ޕްލީޒް] އަހަރެންގެ ގައިން ދޫކޮށްބަލަ. އަންނާނަށް ވަރަށް އަވަހަށް.] ރާނިޔާ ތެދުވަން މަސައްކަތް ކުރަމުން ދިޔައެވެ.

[އަވަހަށް އަންނައްޗޭ....] ޒަހީން ރާނިޔާގެ ހަށިގަނޑުން ދޫކޮށްލައިފިއެވެ. ރާނިޔާގެ ޙަރަކާތް ވަރަށް އަވަހެވެ. ވަރަށް ހަލުއިކޮށް ކޮޓަރިން ނުކުތެވެ. ރާނިޔާގެ ޙަރަކާތްތަކަށް ބަލަން އޮވެފައި ޒަހީންވެސް ތެދުވިއެވެ. ރާނިޔާގެ ފަހަތުން ކަހަލަ ގޮތަކަށް އޭނާވެސް ކޮޓަރިން ނުކުތެވެ. ކުއްލިއަކަށް ރާނީގެ ރޭތަކެއްގެ ހަނދާން ޒަހީނަށް އާވިއެވެ.

އޭނާ ރާނިޔާގެ ޙަރަކާތްތަކަށް ބަލަން ނިދާ ބޮތްކެއްގެ ފަނޑުއަލި ފެތުރިފައިވާ ބޮޑުކޮޓަރީގެ އެއްކަނެއްގައި މަޑުޖެހިލިއެވެ.

ރާނިޔާ ނުކުތީ ބޭރަށެވެ. ޒަހީން އެގޮތަށް ބަލަން ހުއްޓައެވެ. ޒަހީން އިރުކޮޅެއް ވަންދެން ހުރެފައި މަގަށް ނުކުތެވެ. އޭރު ރާނިޔާ ހުރިގޮތަށް ހިނގާފައި ދަނީއެވެ. ހީވަނީ ދާއިމީ މައިޒާނަކާ ދިމާލަށް މިޞްރާބު ހުރިހެނެވެ.

ޒަހީން ރާނިޔާ ދާ ތަނެއް ބަލަން އަޅާނުލާ ފަހަތުން ހިނގަމުންދިޔައެވެ. ޒަހީންގެ ހިތުގައި މިހާރުވަނީ ރާނިޔާ ދާތަނެއް ބެލުމުގެ ޝައުޤެވެ.

ކުއްލިއަކަށް ޒަހީނަށް މަޑުޖެހިލެވުނެވެ. ކުރީ ރޭތަކެއްގައިވެސް އޭނާއަށް ފެނުނު ފަދައިން، މިރޭވެސް އެފެނުނީ އެބިރުވެރި މަންޒަރެވެ. އާއެކެވެ. ރާނިޔާގެ ސިފަ ބަދަލުވީ، އޭނާ ބަލަން ހުއްޓައެވެ. އެވަގުތު އޭނާގެ ހިތުގައި ބިރުވެރި ކަމަށްވުރެން ބޮޑަށް އުފެދުނީ ސުވާލުތަކެކެވެ. [ގައިމެވެ. އިންސާނަކަށް އެގޮތަށް ދެސިފައަކަށް ބަދަލެއް ނުވެވޭނެއެވެ. އެއީ ހަމަ ރާނިޔާ ހެއްޔެވެ؟] ޒަހީންގެ ހިތުގައި އުފެދެމުން ދިޔައީ، ޖަވާބު ހޯދަން ދަތި ސުވާލުތަކެކެވެ.

ބިރުނުގަތް ނަމަވެސް، އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ޒަހީނަކަށް ނުކެރުނެވެ. މަންޒަރު ފެނުނަސް އެއީ ރާނިޔާ ކަމަށް ޤަބޫލު ކުރަން ޒަހީނަށް ދަތިވިއެވެ.

މިހާރު ބިރުވެރި ސިފައިގައިވާ ރާނިޔާ ގޮސް ވަނީ އެދިމާލުގައި ހުރި ތިންބުރި ޢިމާރާތެއްގެ ތިރީގައި ހުރި ގަރާޖެއްގެ ތެރެއަށެވެ. އެމަންޒަރުވެސް ޒަހީން ދުއްޓެވެ. އަވަސް އަވަހަށް ޒަހީން އެނބުރި އައީ ގެޔަށެވެ. ބޮޑު ކޮޓަރިއަށް ވަންއިރު ސޯފާގައި މީހަކު އޮތްހެން ހީވެގެން ޒަހީން ހޮޅިބުރި ދިއްލިއެވެ. ސޯފާގައި ނިދާ ހަރުވެފައި އޮތީ ރާނިޔާއެވެ.

ޒަހީން ބިރުގަތީ ދެނެވެ. އޭނާއަށް ހީވެއެވެ. އޭނާ ނުކުތްއިރަކު ރާނިޔާއެއް އެ ސޯފާއަކު ނެތެވެ. ޒަހީން ރާނިޔާއާ އަޅާވެސް ނުލާ ފުރަތަމަ ގުޅީ ސިފައިންގެޔަށެވެ. ތަފްޞީލް ބަޔާން ދިނުމަށްފަހު، އޭނާ ފޯނު ބޭއްވިއެވެ.

[ރާނީ....ރާނީ...ކޮޓަރިން ނުކުތީ ސޯފާގައި ނިދަންތަ؟] ޒަހީން ވާހަކަ ދެއްކީ ބިރުން ހުރެއެވެ.

[އޭނ....ޒަހީން އަޅެ އުނދަގޫ ނުކޮށްބަލަ.] ރާނިޔާ ފުރޮޅިލިއެވެ.

[ރާނީ ތެދުވެބަލަ. ދަރިފުޅުވެސް ހޭލައިގެން އެބައުޅޭ.] ޒަހީން ރާނިޔާ ހޭލައްވަން ދޮގު ހެދިއެވެ. ރާނިޔާ ކުކުރަމުން ދެލޯ އުނގުޅަމުން ތެދުވިއެވެ.

[ތިޔައީ ހަމަ ރާނިޔާތަ؟] ޒަހީނަށް ޝައްކުވިއެވެ.

[އޭނ....ހީނުވަނީތަ. މިހާރު އަނބިމީހާވެސް އޮޅެނީތަ؟] ރާނިޔާ މަޖާވެލިއެވެ.

[އެންމެ ރަނގަޅު. ރާނިޔާ ދެންމެ މަގަށް ނުކުތިންތަ؟] ޒަހީން ޔަޤީން ކުރުމުގެ ގޮތުން އެހިއެވެ.

[ކިހިނެއްވީ....؟ ނުނުކުންނަން. ޒަހީން އަހަންނަށް ކަމެއް ސިއްރު ކުރާހެންވެސް އެބަހީވޭ.] ރާނިޔާ ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.

[އަހަރަންނެއް ނޫންކަންނޭނގެ ސިއްރު ކުރަނީ.] ޒަހީން ސީދާ ރާނިޔާއަށް އަމާޒުކޮށް ބުންޏެވެ.

[އަހަރެން ވާހަކަތަ؟] ރާނިޔާއަށް ތެޅިގަނެވުނެވެ.

[އުނހު، އެއީ އެހެން ބުނި އެއްޗެއް ނޫން.] ޒަހީން ރާނިޔާގެ ފަހަތުން ކޮޓަރިއަށް ވަދެއްޖެއެވެ.

[ޒަހީން ބުނީމެއްނު، ދަރިފުޅު ހޭލައިފިޔޭ.] ޝާއިން ނިދާފައި އޮތް އެނދާ ދިމާލަށް ބަލާލަމުން، ރާނިޔާ ބުންޏެވެ.

[އެއީ ރާނީ ހޭލައްވަންޖެހި މަޅިއެއް.] ޒަހީން އެނދުގައި އޮށޯވެ، ނިތްކުރިމަތީ އެއްއަތް އަޅައިގެން އޮވެ ވިސްނަން ފެށިއެވެ.

[ރާނީ....ކީއްކުރަންތަ ކޮޓަރިން ނުކުތީ. މިތާ ނުނިދޭނީތަ؟] ޒަހީން އެއޮތް ގޮތަށް މައްޗަށް ބަލަން އޮވެފައި އެއްސެވެ.

[ޒަހީން، ދަރިފުޅު ޝާއިންއާ ދުރުގައި ހޭދަކުރަން ޖެހުނު ރޭތަކުގެ ތެރެއިން އެއްވެސް ރެއެއްގައި އަހަންނަކަށް ނުނިދޭ. އެހެންވެ ނިދި އައިސް ލޮލަށް ބަރުވީމަ ހިތަށްއެރީ، ބޮޑު ކޮޓަރިއަށް ނުކުމެ ސޯފާގައި އޮށޯވެ ނިދާލާނީޔޭ.] ރާނިޔާ އަމިއްލަ ދިފާޢަށްޓަކައި ދޮގު ހަދަމުން ދިޔައެވެ.

[ރާނީ....ތިޔައީ ހަމަ ރާނީތަ؟ އަހަންނަށް މިހާރު ތިއީ ރާނީ ކަމަށް ޤަބޫލުކުރަން ދަތިވޭ....] ޒަހީން ރާނިޔާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

[އެއީ ކީއްވެ؟] ރާނިޔާ ކޮންމެވެސްވަރަކަށް ހާސްވެއްޖެއެވެ.

[އެއީ....އެއީ އަހަންނަށް މިހާރު މި ގަޑީގައި މަގަށް ނުކުމެވޭ ކޮންމެ ވަގުތަކުވެސް، ރާނިޔާގެ ސިފައިގައިވާ އިތުރު މީހަކު ފެނޭ. އަހަރެން މިހާރު މިހުންނަނީ ވަރަށް ބިރުގެންފަ.] ޒަހީން ރާނިޔާއަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.

[އަހަންނާ ވައްތަރު މީހެކޭ؟ ތީ އެހެންވީއިރު ޢަޖައިބެއްތާ. ކޮންތާކުން ޒަހީނަށް ފެނުނީ؟] ރާނިޔާ ޒަހީންގެ ވާހަކައާ ގަޔާވާގޮތް ދެއްކިއެވެ.

[މިގެޔާ ވަރަށް ކައިރިން. ހީވީ މިގެއިން ނުކުތްހެން. އަނެއްކާ.....] ޒަހީން ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ.

[އާނ....ކުރިއަށް...އަނެއްކާ....ދެން ކީކޭ؟] ޒަހީން ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލުމުން، ރާނިޔާ ބުންޏެވެ.

[އަނެއްކާ އެއީ ރާނިޔާއެއް ނޫންހޭ؟] ޒަހީން ފުރިހަމަކޮށްލިއެވެ.

[އާނ....އަހަރެން. ޒަހީން ބިރެއްނުގަނޭތަ؟] އެއީ ރާނިޔާ ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި އޭނާ މަޖާވެލައިފިއެވެ.

ހެނދުނު ޒަހީން ތެދުވިއިރު ނަޢީމާއާއި ޒަހީންގެ މަންމަ ފާއިޒާ ބޮޑު ކޮޓަރީ ސޯފާގައި ކޮންމެވެސް އޮލަ ވާހަކައެއްގައި ތިއްބެވެ.

[ޒަހީން، ރޭގައިވެސް މީހަކު މަރާލާފައި އޮއްވާ ފެނިއްޖެއެއްނު.] ޒަހީން ކޮޓަރިން ނުކުތުމުން، ނަޢީމާ ބުންޏެވެ.

[ދެނަހުރިން. އަހަރެން ސިފައިންނަށްވެސް ފުރަތަމަ އެންގީ.] ޒަހީންވެސް ހަމަ އެ ސޯފާގައި އިށީނެވެ.

[ޓީ.ވީ ޚަބަރުން ބުނެފި، އިންސާނެއްގެ ކަމެއް ނޫނޯވެސް. ރަށުތެރެއިން ކިޔާ އަޑުއިވޭ، ރޭގައި މަރުވި ޙަސީނާގެ ޢާއިލާއިން ޙަޤީޤަތް ހޯދަން ފަންޑިތަ ހަދާ ވާހަކަ.] ނަޢީމާ އިތުރަށް އޮޅުންފިލުވައިދިނެވެ. ނަޢީމާ ދެއްކި ވާހަކަތައް އަޑުއަހަން ކޮޓަރިން ނުކުމެ ރާނިޔާވެސް ހުއްޓެވެ. ނަޢީމާ ފަންޑިތައިގެ ވާހަކަ ދެއްކުމުން، ރާނިޔާ ވަރަށް ކަންބޮޑުވިއެވެ.

[ކިހިނެއް ދަރިފުޅަށް އެނގުނީ. ރޭގައިވެސް ދަންވަރު ބޭރަށް ނުކުތީދޯ؟] ޒަހީން އެހިއެވެ.

[އާނ....މަންމާ، އަހަރެން މަގަށް ނުކުތްއިރު އަންހެނަކު ސިފަ ބަދަލުވެ، އެގެޔަށް ވަންތަން އަހަންނަށް ފެނުނު. އަހަރެން ގެޔަށް އައިސް ވަގުތުން ގުޅީ ސިފައިންގެޔަށް.] ޒަހީން މަންމައަށް އޮޅުންފިލުވައިދިނެވެ.

ޒަހީންމެން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ރާނިޔާ އެހުރިގޮތަށް ހުއްޓެވެ.

[ރާނީ...ރާނީ....] ޒަހީންގެ އަޑަށް ރާނިޔާ ސިހުނެވެ. އެންމެފަހުން ރާނިޔާއަށް ޖެހުނީ ބޮޑު ކޮޓަރިއަށްދާށެވެ.

[ހާދަ ބީރައްޓެހިކޮށް، މިއީ ހަމަ ރާނީގެވެސް ގެޔޭ.....] ރާނިޔާ އައިސް ހުއްޓުމުން ނަޢީމާ ބުންޏެވެ. ރާނިޔާ ހިނިތުންވެލިއެވެ.

[އަދި ސައިވެސް ނުބޮމެއްނު. ދެކުދިންދޭބަލަ ސައިބޯން.] ނަޢީމާ ތެދުވަމުން ބުންޏެވެ. ރާނިޔާ ކާކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އެދުވަސް ފާއިތުވެ ހިނގައްޖެއެވެ. ކުރިއަށް އޮތް މަހުގެ ނަވާވީސްވާ ހޯމަ ދުވަހަކީ ކުދުރުވާގޭ ޙަސީނާ މޫސާގެ މަރުގެ ސިއްރު ހޯދުމަށްޓަކައި، އެގޭ މީހުން ރާއްޖޭގެ ހަތަރު ސަރަޙައްދަކުން ފަންޑިތަވެރިން ގެނެސް، ކިޔެވެލި ކިޔަވަން ފަށާ ދުވަހެވެ.

މި ޕްރޮގްރާމް ހިނގަމުންދާކަން އެނގުނުފަހުން ރާނިޔާ ހުންނަނީ މޯޅިވެފައިވާ މަލެއް ފަދައިން މޮޅިވެފައެވެ. ބަސްމަދުވެ ޙަރަކާތްތައް ލަސްވެފައެވެ. މިކަން ޒަހީނަށްވެސް ފާހަގަކުރެވުނެވެ.

[އަހަންނަށް ހީވަނީ، ރާނީ ކޮންމެވެސް ކަމަކާ ހިތާމަ ކުރަމުންދާހެން. އަނެއްކާ އަހަންނަށް ކުށެއް ކުރެވުނީތަ؟] ޒަހީން ރާނިޔާގެ އަތުގައި ހިފަހައްޓަމުން އެއްސެވެ.]

[އަހަރެން......ކިތަންމެ ބުންޏަސް...ނޫން....ނޫން.....] ރާނިޔާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

[ބުނެބަލަ އަހަރެންމީ ފިރިމީހާ. އަހަންނަށް ސިއްރު ކުރަންޖެހޭވަރުގެ ކަންތައްތައްވެސް ހުރޭތަ؟] ޒަހީންވެސް ދެރަވެއްޖެއެވެ.

[މިހާރަކަށް އައިސް އަހަރެން ދައްތަގެ މަތިން ހަނދާންވަނީ.] ޙަޤީޤަތް ހާމަކުރަން އުޅެފައި، ރާނިޔާ ޚިޔާލު ބަދަލުކޮށްލިއެވެ. ވެދާނެއެވެ. ރާނިޔާއަށް ރަނގަޅު ގޮތަކަށް ވިސްނުނީއެވެ.

[އެކަމާތަ ތި ހިތާމަ ކުރަނީ؟ މިހާރު އެކަން ހަނދާން ނައްތާލަން ވެއްޖެއެއްނު.] ޒަހީނާ ރާނިޔާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެދިނެވެ.

[މިހާރު އަހަރެންގެ ތިމާގެ މީހަކުވެސް ހުރީއެއް ނޫން. ދެން ޒަހީން އަހަރެން އެއްލާލައިފިއްޔާ، އަހަންނަށް ޖެހޭނެ ޙާލު ހިތަށްއަރަނީ.] ރާނިޔާ ޒަހީންގެ މޭގައި ބޯއަޅައިގެން އޮށޯވެލައިފިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން