[ބިރުވެރި ހުވަފެނެއް...ބިރުން ކިރިޔާ ހަލާކުނުވީ.] އެއަށްފަހު، ރިޝްފާން އޭނާއަށް ފެނުނު ހުވަފެން މާޔާއަށް ކިޔައިދިނެވެ.

[ތީ ޝަހާދަތް ނުކިޔާތީ ފެންނަ ގުއި ހުވަފެން. ފިނޑި އަންހެން ކުއްޖަކަށް ވުރެންވެސް ރިޝްގެ ކަންތައް ބޮޑެއްނު. މީހާ ތިއިނީ ބިރުން ދާހިއްލާފޯވެފަ.....] މާޔާ ރިޝްފާނާ ދިމާކޮށްލިއެވެ. ރިޝްފާން ދެފަރާތަކަށް ބޯހޫރާލުމަށްފަހު، އެނދުގައި ދިގުދެމިލިއެވެ.

[މާޔާއަށްވެސް އެފަދަ ބިރުވެރި ހުވަފެނެއް ފެނުނީމާ އެނގޭނީ ވާނޭގޮތް. އަހަރެންވާ ބިރުން ހަލާކުވެއްޖެ. ހީވީ ހަމަ ކައިފާނެހެންވިއްޔަ.]

ރިޝްފާން ފުން ނޭވާއެއްލުމަށްފަހު، ދެލޯ މަރާލިއެވެ. ހަމައެއާއެކު، އަނެއްކާވެސް އެ ނާމާން ސޫރަ އޭނާގެ ލޯމަތިން ސިފަވެގެންދިޔަ ކަހަލައެވެ. އޭނާ ސިހިގެންދާފަދަ ގޮތަކަށް ދެލޯ ހުޅުވާލިއެވެ.

[އަދިވެސް ބިރުގަންނަނީދޯ؟] މާޔާ ގާތަށް ހިނިވެސް އައެވެ.

[ތިބުނީ ރަނގަޅަށް...އަދިވެސް މޭ އެބަތެޅޭ.] ރިޝްފާން ވަށައިގެން ކަޅި އުކަމުން ބުންޏެވެ.

އެރޭ ރިޝްފާންގެ ނިދި ނަގާލީ އެ ހުވަފެނެވެ. ވުމާއެކު، އޭނާ އޮފީހަށް ގޮސްފައި އޮފީސް ފޯނުން ޒައިދަށް ގުޅާފައި އެރޭގެ ޙާދިޘާ ކިޔާދިނެވެ.

[ތިފަދަ ކަންތައްތައް ތަކުރާރުވާ ކަމުގައިވަނީވިއްޔާ، ވަރަށްބޮޑު ތުރާލަކަށްވާނެ.] ރިޝްފާންގެ ވާހަކަތައް އަޑުއަހަން ހުރެފައި ޒައިދު ބުނެލިއެވެ.

[ޒައިދު ބުނަން، އެ ހުވަފެން ފެނުނީމާ ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ޝަބްނަމް. އެކަމަކު، އޭނަ މިހާރު ޗުއްޓީ ހަމަކޮށް، އޭނަގެ ޤައުމަށް ގޮސްފާނެ.] ރިޝްފާން ދެއަތަކަށް ބޯހޫރާލިއެވެ.

[އާނ، މިއަތޮޅުގައި ހުރިނަމަވެސް، އަހަރެމެންނަށް ފެންނަފަށަށްވެސް އައީހެއްނު. މިހާރު އޭނާގެ ބަނޑުވެސް އުފުލެން ފަށާފާނެތާ.] ޒައިދު ބުންޏެވެ.

[އޭ ފޯނުން ތިކަހަލަ ވާހަކަ ދައްކާނެ ކަމެއް ނެތް. އޮފީސް ނިންމާފައި ދަމުން އަހަރެން ތި ގެޔަށް ވަންނާނަން.] ރިޝްފާން ފޯނު ބޭއްވިއެވެ.

ރިޝްފާން ޤަބޫލުކުރާ ގޮތުގައި، ޝަބްނަމް މިހާރު އުޅޭނީ އޭނާގެ ޤައުމުގައެވެ. އޭނާ އޭނާގެ ބަނޑުގައިވާ ދަރިފުޅު ދުނިޔެއަށް އުފަންވިޔަކަ ނުވެސްދޭނެއެވެ. އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލަކީ އެފަދަ ދެވަނައެއް ނެތް ތަނެކެވެ. ނަހަމަ ގުޅުންތަކުން ދަރިމައިވާ ދިވެހިންނަށްވެސް އެތަނަކީ ނިކަން ޚާއްޞަ ވެގެންވާ ތަނެކެވެ. އެތާނގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި އެންމެ އާދައިގެ މީހާޔަށް ދާންދެންވެސް ގިނަ ދިވެހިން ދަނެއެވެ. އެއިންވެސް ދޭހަވަނީ ދިވެހިންނަށް އިސްލާމީ ޙުދޫދުން ބޭރުވެ ފާފަތަކަށް ފުރްޞަތުދެވޭ މިންވަރު ގިނަކަމެވެ.

ހީވެއެވެ. މާއަވަހަށް ދިވެހިންނަށް ޙައިޘިއްޔަތު އޮޅެނީއެވެ. އެކަކު އަނެކަކާ ބައްދަލުވާ މަޥްޟޫޢު އޮޅުވާލަނީއެވެ. އެކަމަކު ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ތިބެމެ، އެފަދަ ފުރްޞަތުތަކަށް އެދޭ ފިރިހެނުންނާއި، އެ ފުރްޞަތުތަކަށް މަރުޙަބާ ކިޔާ އަންހެނުންނަށްވެސް އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގެނީ ކަމަށް ވެދާނެއެވެ.

މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރާއިރު، އެފަދަ ކަންތައްތަކަށް ހޭލައްވާނަމަ، މިފަދަ ބޭއަދަބީ ޢަމަލުތަކުން އަހަރެމެންގެ މުޖްތަމަޢު ސަލާމަތް ކުރެވޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޢުމުރުގައިވެސް ރިޝްފާނަށް ކުރެވުނީ އެންމެ ކުށެކެވެ. އެކަމާ މިހާރުވެސް ރިޝްފާން ވިސްނައި ފިކުރު ކުރެއެވެ. އެކުށް ކުރެވުމުގައި އޭނާއަށް އެންމެ ބޮޑަށް ބާރުލީ ފަރާތަކީ ޚުދު ޝަބްނަމެވެ.

[ޒައިދު ބުނަން، އެ ހަނދާންތައް އާވީމާ މިހާރުވެސް ދެރަވޭ.]

ރިޝްފާނާއި ޒައިދު ވާހަކަ ދައްކަން ތިބީ ރިޝްފާންގެ ގެޔާދިމާ އަތިރިމަތީގައެވެ. ޢާންމު ގޮތެއްގައިވެސް ޚިޔާލު ބަދަލުކޮށްލަން އެވެރިން މަޑުކޮށްލާ މައިދާނަކީ އެއީއެވެ.

[ރިޝްފާން...އެކަންތަކާ ދެން މާބޮޑަށް ނުވިސްނަބަލަ. އެއީ އިންޑިޔާ އަންހެން ކުއްޖެއްނު. އޭނަ އެދަރިފުޅެއް ނުވިހާނެ.] ޒައިދު ބުންޏެވެ.

[އަހަރެންގެ ހިތަށްވެސްއަރާ ތިހެން.] ރިޝްފާން ދޮންވެލިގަނޑު މަތީގައި އޮށޯވެލިއެވެ.

[ރިޝްފާން ކުރަންވީ ކަމަކީ ތަންކޮޅެއް އަވަހަށް ކުއްޖަކު ހޯދަންވީ. އޭރުން ތިހުރިހާ ހަނދާންތަކުން މިންޖުވެވޭނެ.] ޒައިދު ޚިޔާލު ދިނެވެ.

[އަހަރެން ބޭނުންވާއިރަށް ލިބޭނޭނަމަ، މާޔާގެ ބަނޑަށް މިހާރު ތިން ހަތަރު މަސްވީސް.] ރިޝްފާންގެ ވާހަކައިން ދޭހަވީ، އޭނާ ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެންވެސް ދަރިޔަކަށް އުންމީދުކުރާ ކަމެވެ.

[އަދި ވަގުތު ނުޖެހެނީދޯ؟] ހީގަންނަމުން ޒައިދު ބުނެލިއެވެ.

[އެކަމަކު ޝަބްނަމްގެ ގައިގައި ބީހިލި އެންމެ ބީހިލުމަކުން އޭނަ ބަލިވެއިނިއްޔޯ...އަހަންނަށް ހީވަނީ އެއީ ހުސް ބުހުތާނު ދޮގުހެން.] ހާމަޔަށް އޮތް އުޑުމައްޗަށް ނަޒަރު ސީދާކޮށްގެން އޮވެ ރިޝްފާން ބުންޏެވެ.

[އޭނަ ރިޝްފާނާ އިންނަން ބޭނުންވާތީ، ޖަހަން އުޅުނު މަޅިފައްޗަކަށްވެސް ވެދާނެ. އޭ ދެން ހިނގާ...އަހަރެން އެބަޖެހޭ، މަލީޙާޔާއެކު ފިހާރަޔަކަށްވެސް ދާން.] ޒައިދު ތެދުވެއްޖެއެވެ.

މި އާދައިގައި ދުވަސްތައް ފާއިތުވަމުން، އޭގެ ޠަބީޢީ ބުރު އަޅަމުންދެއެވެ. މިހާރު ރިޝްފާނާއި މާޔާގެ ކައިވެންޏަށްވެސް އަހަރަކަށް ވުރެންވެސް ގިނަދުވަސްވީއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައިވެސް ދޭތެރެ ދޭތެރެއިން ރިޝްފާނަށް ތަފާތު ބިރުވެރި ޙާދިޘާތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް، އެކަމަށް އެއްވެސް ބޮޑު މީހެއްގެ ޚިޔާލާއި އިރުޝާދު ހޯދުމަކާނުލާ ރިޝްފާން ދިރިއުޅުމާއިގެން ކުރިއަށްދަނީ ނިކަން ސާބިތުކަމާއެކު ކެރިހުރެމެއެވެ.

[ރިޝްފާން...ޑޮކްޓަރެއްގެ ލަފާ ހޯދަން ވިސްނަބަލަ. އަޞްލު މި ބޮޑުގޭގައި އެކަނި އުޅެން ޖެހުނީމާވެސް ކިހާ ފޫހި.] އެއީ ފަހަކަށްއައިސް އަބަދުވެސް ގޭތެރެއިން އިވޭ ޝަކުވާގެ އަޑެކެވެ.

[މާޔާ....މާޔާއަށް ހީވަނީތަ، އަހަރެން ކުއްޖަކު ހޯދަން ނޫޅެނީޔޭ. އަހަރެންވެސް ހާދަ ބޭނުމޭ. ތިޔަހާ އަވަހަށް ނާއުންމީދު ނުވެބަލަ. އަދި އަހަރެމެންގެ ކައިވެންޏަށް މާގިނަ ދުވަހެއްވެސް ނުވެއެއްނު.] ރިޝްފާން މާޔާ ގެނެސް، އޭނާގެ މޭގައި ލައްކޮށްލިއެވެ.

[ކައިވެންޏަށް ދެއަހަރުވާން ދެން އޮތީ އެންމެ މަހެއް.] މާޔާ ރިޝްފާންގެ މޭގެތެރެޔަށް ބޮނޑިވެލިއެވެ.

[މާޔާ...ދެއަހަރަކީ މާދިގު މުއްދަތެއް ނޫނޭ. އެހެން ނޫނަސް ދަރިޔަކު ހޯދުމުގެ ކުރިން ޢާއިލާ ރާވަންވެސް ވަގުތު ބޭނުންވާނެއެއްނު.] ރިޝްފާން މާޔާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

[ތިބުނި ބަހުގެ މާނައެއް ނުވިސްނޭ. ޢާއިލާ ރާވަނީ ކިހިނެއްތަ؟] މާޔާ ރިޝްފާނާ ކުޑަކޮށް ފެއަށްޖެހި ރިޝްފާންގެ މޫނަށް ބަލައިލަމުން ބުންޏެވެ.

[އަހަރެންގެ މަންމަ ބުނާތީ އަހަރެން އަޑުއަހަނީ، އަހަރެންގެ ވިސްނުން ކޮށި ވާހަކަ...އެކަމަކު އަހަންނަށް ވުރެންވެސް މާޔާ ތިއުޅެނީ މާ ފަހަތުގައި. ދަރިޔަކު ހޯދުމުގެ ކުރިން ފުރަތަމަ ވިސްނަންޖެހޭ ކަމަކީ، އަހަރެމެންގެ މި ގުޅުމަކީ، ދާއިމީ ގުޅުމެއްތޯ. މިބުނީ ދަރިފުޅު ލިބޭއިރަށް ދެމީހުން ދެފަރާތަށް އެނބުރިއްޖެއްޔާ، އެ ދަރިފުޅަށް ލިބިދާނެ ގެއްލުމަކާ ދޭތެރޭ ވިސްނަންޖެހޭނޭ.] ރިޝްފާން މާދުރުވިސްނޭ މީހަކަށް ހެދުނެވެ.

[އަހަރެމެން އެބައުޅެންތަ ވަކިވާން. ތިހެން ބުނީމާ ހީވަނީ ރިޝްފާން އަހަންނަށް އިތުބާރު ނުކުރަނީހެން...] މާޔާ ތުން އޫކޮށްލިއެވެ.

[ތިގޮތަށް ތުން ދިއްކޮށްގެން ހުންނައިރު މާޔާ މާ ހިތްގައިމު...އަބަދުވެސް ތިހެން ހުންނައްޗޭ....] ރިޝްފާން މާޔާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

[އޫނ...ދެން ރިޝްފާން...އަޅެ ދެން ހިނގާ ކުއްޖަކު ހޯދަމާ...] މާޔާ ކުސްތަޅައިގަތެވެ. މާޔާ އެހެން ބުނިއިރު ހީވަނީ ރިޝްފާން ޤަޞްދުގައި ކުއްޖަކު ހޯދަން ނޫޅެނީހެންނެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް ރިޝްފާން ދޭތެރެ ދުރުކުރުމުގެ ވަސީލަތްތަކެއް ބޭނުމެއް ނުކުރެއެވެ.

[ހޯދަންށޭ ކިޔާފައި އަހަރެން ވަކި ކީއްތަ ކުރަންވީ. މާލެ ގޮސް ދެމީހުން ޓެސްޓް ކުރަމާ...އެގޮތް ރަނގަޅުތަ؟ ކޮންމެވެސް އެކެއްގެ މައްސަލަ އުޅެނީ ކަމަށް ވެދާނެ.] ރިޝްފާން ބުންޏެވެ. މައްސަލަ ޙައްލުވާނޭ އެނޫން ގޮތެއް ނޯންނާނެކަންވެސް އޭނާއަށް އެނގެއެވެ.

[އަޅެ...އަހަރެންގެ މައްސަލައެއް ވެއްޖެއްޔާ، ރިޝް އަހަރެން މަތިން މުޅިން ފޫހިވާނެދޯ...ނޫން....ނޫން....ޓެސްޓް ކުރަން އަހަރެން ބިރުގަނޭ.] މާޔާ ޝަހާދަތް އިނގިލީގައި ދަތްއަޅާލިއެވެ.

[ހަމަ ތިގޮތަށް އަހަރެންގެ މައްސަލައަކަށް ވެއްޖެއްޔާޔޯ....؟] ރިޝްފާނަށް އޭނާގެ މައްސަލައެއް ނޫންކަން ޔަޤީންވާތީ، ހިސާބަކަށް ހަމަޖެހިފައި ހުރެ ބުނެލިއެވެ.

[ދެން ތިވާހަކަ ހުއްޓާލާ. ޓެސްޓް ނުކުރާނީޔޯ. ކޮންމެ ގޮތެއްވިޔަސް، އަހަރެން ބޭނުމެއް ނޫން، ރިޝްފާނާ ވަކިވާކަށް....] މާޔާ އެމަޥްޟޫޢާއިގެން ކުރިޔަށްދާން ޖެހިލުންވިއެވެ. މާޔާގެ މައްސަލައަކަށްވެ، ރިޝްފާން އޭނަގެ މަތިން ފޫހިވެދާނެތީ އޭނާ ފަސްޖެހުނީއެވެ.

[ތިވަރަށް ކުޑަކުދިންނާ ހެދި އުޅޭ މީހަކަށް ކުއްޖަކާނުލާ ކެތްވާނެ. އަހަންނަށް އެންމެ ރަނގަޅު....] ރިޝްފާން އަނެއްކާވެސް މާޔާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

[ދަރިޔެއްހެން ގެންގުޅެން ކޮންމެވެސް ބައެއްގެ ކުއްޖަކު ހޯދާނީ. އެކަމަކު މިރަށަކުންނެއް ނޫން....މިއަތޮޅުންވެސް ކަމަކުނުދާނެ....] މާޔާ ޙައްލު ބުނެދިނެވެ. އެކަމަށް ރިޝްފާނަށްވެސް ތާއީދު ކުރެވުނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކޮންމެ ގޮތެއް ދިމާވިޔަސް، އަލަތު ކައިވެނި ރޫޅާލުމަކީ އޭނާ ކުރަން ބޭނުން ކަމެއް ނޫނެވެ.

އޭނާ ބޭނުންވަނީ، އޭނާގެ ޒަވާޖީ ބިނާއަކީ ރަނގަޅު ބިންގަލެއްގައި ބިނާކުރެވިފައިވާ ހަރުދަނާ ދިރިއުޅުމަކަށް ވުމަށެވެ.

[މައްސަލައެއް ނެތް...ތިކަމަށް އެންމެ ފަސޭހަވާނީ ޒައިދާ ގުޅާލިއްޔާ. ލ.އަތޮޅުން ކުއްޖަކު ލިބިއްޖެއްޔާ ނިކަން ފައްކާވާނެ. އެކަމާ އުޅެން ޒައިދު ގާތު މާދަން ބުނާނަން.] މިހެން ބުނެފައި ރިޝްފާން އެނދުގައި އޮށޯވެލިއެވެ.

ޖެހިގެން އައި ދުވަހު ރިޝްފާން ޒައިދު ގާތު އެމީހުން އަމިއްލަ ދަރިއެއްގެ ގޮތުގައި ބޮޑުކުރާނޭ ކުއްޖަކު ހޯދައިދިނުމަށް އެދުނެވެ.

[މާގިނަ ދުވަހެއްނުވެ އަހަންނާ މަލީޙާގެ ކައިވެނިވެސް ކުރެވޭނެ. އަހަރެމެނަށް ކުއްޖަކު ލިބިއްޖެއްޔާ ރިޝްފާންމެނަށް ދީފާނަން.] ހީގަންނަމުން ޒައިދު ބުންޏެވެ.

[ތިހެނެއް ނޫނޭ މިބުނަނީ. މިބުނަނީ ތިއަތޮޅުން ކުއްޖަކު ލިބޭތޯ ބަލައިދީބަލާށޭ....ތި ވާހަކައެއް ނޫނޭ، ކައިވެންޏަށް ތާރީޚު ކަނޑައެޅީތަ މިހާރު؟]

[މަންމަ ގާތު ބުނެގެން މަސައްކަތް ކޮށްލަން ޖެހޭނީ....އަހަރެން ކޮންމެހެން މިއައީވެސް ކައިވެންޏަށް ތާރީޚު ހަމަޖެހުނު ވާހަކަ ބުނަން. އަންނަ ހަފްތާގެ ބުރާސްފައްޗަށް ހަމަޖެއްސީ.] ޒައިދު ވާހަކަ ދެއްކީ ނިކަން އުފާވެރި އިޙްސާސެއްގައެވެ.

[ވަރަށް އުފާވެފައިދޯ ތިހުރީ....މަލީޙާގެ ބައްޕަ ޞަބްރީ އަތުވެއްޖެތަ؟] ރިޝްފާން އެއްސެވެ.

[އާނ...އިއްޔެ ހަވީރު ފްލައިޓުން އައީ...ރިޝްފާނަށް އެނގޭތަ، މަލީޙާގެ ބައްޕަ ހާދަ ރަނގަޅޭ....] ރިޝްފާނަށް ޖަވާބު ދިނުމަށްފަހު، ޒައިދު ބަފައިބެއަށް ތަޢުރީފް ކުރިއެވެ.

[ޒައިދު ހިނގާ....މިރޭ ހިތަދުއަށް ޖައްސާލަން. އަހަރެންގެ އޮފީސް ގަމީސްތައް ވަރަށް ބާވެއްޖެ. ދެތިން ގަމީހާއި މާޔާއަށް ހެދުމެއް ގަނެލަން ދާންވެއްޖެ.] ރިޝްފާން ބުންޏެވެ؟.

[މައްސަލައެއް ނެތް....ހައެއްޖަހާކަންހާއިރު އަހަރެން އަންނާނަން. ނޫނީ އަހަރެން ބަލާ ރިޝްފާން އަޔަސް އެންމެ ރަނގަޅު.] ޒައިދު ދާން ހިނގައިގެންފިއެވެ. ޒައިދު ހިނގައިގަތުމުން، ޒައިދަށް ގޮވާފައި ތިމަންނަ ދާނަމޭ ރިޝްފާން ބުންޏެވެ.

[ރިޝް އަހަންނަށް ހެދުމެއް ނުގަންނައްޗޭ. މިއަދު ނަޝްވާ އަތުވެއްޖޭ. އަހަރެން ނަޝްވާޔާއެކު ގޮސް ފޮތި ގަންނާނީ....އަހަރެން މިހާރު ރެޑީމޭޑް ހެދުން އެހާ ލާހިތެއްނުވެސްވޭ....] ޒައިދު ދިޔުމުން މާޔާ ބުންޏެވެ.

[ނަޝްވާ ކޯސް ނިންމާލާފައި އައީތަ؟ މިހާރު ނަރުހަކަށްވީދޯ؟ މާޔާވެސް ކޮންމެވެސް ކޯހެއް ހަދަންވީނު.] މިހެން ބުނެފައި ގޮސް ރިޝްފާން ވަނީ ފެންވަރަން ފާޚާނާއަށެވެ.

އެދުވަހުގެރޭ ރިޝްފާނާއި ޒައިދު ހިތަދޫއަށް ދަތުރުފެށީ މަޣުރިބު ނަމާދުން ފައިބައިގެނެވެ. ސައިކަލް ދުއްވަން އިނީ ރިޝްފާނެވެ. ޒައިދު އިނީ ފަހަތުގައެވެ.

[މި ފަޅުރަށްތަކުގެ ތެރެއިން ދަތުރުކުރަން ރިޝްފާން ބިރެއްނުގަނޭތަ؟] މަރަދޫއާއި ހަންކެޑެއާ ދެމެދު އޮންނަ ފާލަން ހުރަސްކުރި ވަގުތު ރިޝްފާންގެ ކޮނޑުގައި ޒައިދު ކޮއްޓާލިއެވެ.

[ކޮން ބިރެއް؟ އަހަރެން ކިތަންމެ ރެޔަކު އެކަނިމާ އެކަނިވެސް އަންނަން. ދުވަހަކުވެސް އަހަންނަކަށް މީސްމީހުން އެކިޔާ އުޅޭ ކަހަލަ ވާހަކަޔަކާ ދިމައެއްނުވޭ...ހައްތަހާވެސް ފުލޯކު ވާހަކަތައް މީސްމީހުން ފަތުރަނީ....] ރިޝްފާން ސައިކަލްގެ ސްޕީޑް ކުރިއަށްވުރެން ބާރުކޮށްލިއެވެ.

[އަހަރެމެންނަށް އެފަދަ ކަމަކާ ދިމާނުވާތީ، ދޮގު ވާހަކަތަކެއްހެން ހީވަނީ.] ރިޝްފާން ޤަބޫލު ނުކުރިޔަސް، އެފަދަ އަޑުތައް ޒައިދު ޤަބޫލު ކުރެއެވެ.

[އެހެންވެ ވަރަށް ބިރުންދޯ ތިއިންނަނީ...މިތަނަށް ސައިކަލް މަޑުކުރަންތަ؟] ރިޝްފާން ނިކަން ބާރަށް ސައިކަލް ބުރަކި ޖައްސާލިއެވެ. އޭރު ހިތަދޫގެ އަލި އެމީހުނަށް ފެނެއެވެ. ލަފާކުރެވޭ ގޮތުން އެމީހުން މިހާރު އެތިބީ މާމެންދޫ އަވަށް ފެށުނު ހިސާބުގައެވެ.

[އެ އަންނަނީނު....ރިޝްފާން ބަލާބަލަ، އަހަރެމެންގެ ކަނާތް ފަރާތަށް.] ދެއަހަރަށްދާ އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން މަގުގެ އެއްފަރާތުން އެދިމާއަށް އައިސް އައިސް ހުރި އަންހެނަކު ޒައިދަށް ފެނުނީ ރިޝްފާން ސައިކަލްގެ ބުރަކި ޖެއްސި ވަގުތެވެ.

އެވަގުތު ރިޝްފާނަށްވެސް ގަދަ ރަތް ލިބާހުގައި ހުރި އެ އަންހެން މީހާއާއި ކުޑަކުއްޖާ ފެނިއްޖެއެވެ. ވުމާއެކު، އޭނާގެ ގައިންވެސް ހީބިހިނަގައިގެން ދިޔައެވެ. ސައިކަލް ދުއްވާލާނަމޭ ހިތާ އަވަސް އަވަހަށް މުށްގަނޑު އަނބުރާލިއެވެ. ނަމަވެސް، އެވަގުތު ދިމާވީ މާ ދެރަގޮތެކެވެ. ސައިކަލް ހުއްޓުނީއެވެ. އޭރު ރަތް ލިބާހުގައި ހުރި އަންހެން މީހާ އެކުއްޖާ އުރާލާ ލޯބިކޮށްލަމުން، ރިޝްފާންމެނާ ދިމާއަށް އާދެއެވެ. އެއީ ޢުމުރުން ދުވަސްވުމުގެ ސަބަބުން ހިނގާބިގާވެ އުޅެންވެސް ކޮންމެވެސްވަރެއްގެ ތުރާތަކެއްވާ އަންހެނެއް ކަމަށް ބެލެވެއެވެ.

[ކޮއްކޮމެންނޭ....ދައްތައަށް އެހީވެދީ....އެހީވެދީ....] ރިޝްފާންމެން ބިރުން ވިރިވިރި ތިއްބާ އެ މުސްކުޅި އަންހެން މީހާ އައިސް އެމީހުނާ އަރާހަމަކޮށް ރޮއިގެންފިއެވެ.

[ކާކު....ތީ....؟] ޒައިދަށްވުރެންވެސް ރިޝްފާން އިނީ މާބޮޑަށް ބިރުގެންފައެވެ.

[އަހަންނަކީ އަޅާލާނެ ޔާރަކު ނެތް ނިކަމެއްޗެއް. މިއީ އަހަރެންގެ މާމަ ދަރިފުޅެއް....މިދަރިފުޅަށް....އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީ....] މުސްކުޅި އަންހެން މީހާ ރޮއި އާދޭސްކުރިއެވެ.

[ތިކުއްޖާގެ މަންމަ ކޮބާ....ބައްޕަވެސް ހުންނާނެއެއްނު.] އެ މުސްކުޅިޔާގެ ރުއިމުން ރިޝްފާންގެ ބިރުފިލައި ހަމްދަރުދީވެވުނެވެ.

[ދަރިފުޅުމެންނޭ އެއީ ވަރަށް ހިތާމަވެރި ވާހަކައެއް...ކޮންމެވެސް ރަޙުމްކުޑަ ފިރިހެނެއްގެ މަޅީގައި ޖެހި، އެ މަންޖެއަށް ލިބުނު ކެއްސެއްމީ....އެކަމާ ހިތާމަކޮށްކޮށް އެ މަންޖެ މިދުނިޔެ ދޫކޮށް ދިޔައީ...ދަރިފުޅުމެން ގާތު ދައްތަ މިއެެދެނީ، މި ދަރިފުޅަށް ލޯބިދީ، މި ދަރިފުޅު ބަލައިދިނުމަށް...ހަމަގައިމުވެސް ތިޔަކުދިންނަށް އުނދަގޫކުރާކަށް މި ދައްތައެއް ނުދާނަން. ދައްތަ މަރުވާނީ މިރޭ ނޫންކަމެއްވެސް ނޭނގެ.] އެ އަންހެން މީހާ ކެއްސަން ފެށިއެވެ. ރިޝްފާނާއި ޒައިދު އެކަކު އަނެކަކަށް ބަލައިލިއެވެ.

[މިކުއްޖާ ގެންދަމާ....] ޒައިދު ވައިއަޑުން ރިޝްފާންގެ ކަންފަތްދޮށުގައި ބުންޏެވެ.

[މައްސަލައެއް ނެތް ދައްތާ...އަހަރެން ތިކުއްޖާ ބަލައިފާނަން....އަހަރެންގެ އުފަން ދަރިއެއްގެ ގޮތުގައި ގެންގުޅޭނަން...ދައްތަ މިހާ އަނދިރީގައި ދަރިފުޅު ގޮވައިގެން ކޮންދިމާއަކަށް ތިދަނީ؟] އެމީހާގެ އުރުގައި އިން ލޯބިލޯބި އަންހެން ކުއްޖާގެ ކޮލުގައި ރިޝްފާން ހިފާލިއެވެ.

[އެހީތެރިކަމުގެ އަތެއް ލިބޭތޯ....ވަކި މިޞްރާބެއްނެތި ދެވެނީ. މިކުއްޖާއަށް ދެރަގޮތެއް ނަހަދައްޗޭ.] ރިޝްފާންގެ އަތަށް އެކުއްޖާ އެމީހާ ދިނެވެ. ރިޝްފާން އެކުއްޖާ ނެގުމާއެކު، އެކުއްޖާ ރިޝްފާގެ ކަރުގައި އެލިގަތެވެ.

[ކޮން ނަމެއްތަ މިކުއްޖާއަށް ކިޔަނީ؟] މިފަހަރު އެމީހާޔާ މުޚާޠަބުކުރީ ޒައިދެވެ.

[ރިޝްފާ.....] މުސްކުޅިޔާ ކެއްސާލަމުން ޖަވާބުދިނެވެ.

[ރިޝްފާޔޭ....އަހަންނާ ހާދަ ގުޅޭ ނަމެކޭ....މީނަ މަންމައަށް ކިޔަނީ ކޮން ނަމެއް...؟] ރިޝްފާއޭ ބުނުމުން، ލިބުނު ސިހުމަށްވުރެން އެމީހާގެ ދުލުން ދެން ބޭރުވި ޖުމްލައިން ރިޝްފާނާއި ޒައިދަށް ލިބުނު ޝޮކް މާބޮޑެވެ.

[މީނަގެ މަންމަޔަށް ކިޔަނީ ޝަބްނަމް....މި މަންޖެއަށް ބަލިވެއިންއިރު، އެ މަންޖެ އުޅުނު ޙާލު ހިތަށްއެރީމާ، މި ދައްތަގެ ހިތަށް ހާދަ އަސަރެއް ކުރެޔޭ. ދަރިފުޅުމެންނޭ....ދެން މާގިނަ ވާހަކަތައް ނުދައްކާ، މި މަންޖެ ގޮވައިގެންދޭ....ދައްތަ....ދަނީ....] ހިތަދޫއާވީ ކޮޅަށް އެމީހާ އެނބުރި ހިނގައިގަނެއްޖެއެވެ. ލިބުނު ޝޮކްމަތީގައި ރިޝްފާނާއި ޒައިދު ހިމޭންވެފައި ތިބީއެވެ.

[ޝަބްނަމް.....އިއްތިފާޤެއްބާ؟] ޒައިދުގެ މޫނަށް ބަލަހައްޓައިގެން ހުރެ ރިޝްފާނަށް ބުނެލެވުނެވެ.

[ހިނގާ އަވަހަށް އަނބުރާލާފައި ދާން...އިއްތިފާޤެއް ކަމަށޭވާނީ...މިކުއްޖާގެ މަންމަޔަކީ ހިތަދޫ މީހެއްނު....އެޔާ ޚިލާފަށް ރިޝްފާންގެ ޝަބްނަމަކީ ބޭރު މީހެއް...އެކަމާ މާބޮޑަށް ވިސްނާނެ ކަމެއްނެތް...] ރިޝްފާންގެ ހިމޭންކަން ޒައިދު ކަނޑުވާލިއެވެ. އައިކޮޅަށް ސައިކަލް އަނބުރާލުމަށްފަހު ރިޝްފާން ދުއްވާލިއެވެ. ބާރު ދުވެއްޔެއްގައެވެ. ކުއްޖާ އޮތީ ރިޝްފާންގެ ކޮނޑުމަތީގައި ކަރުގައި އެލިގަނެގެން ކަހަލަ ގޮތަކަށެވެ.

ގެޔަށް އައިސް، އެ ކުޑަކުއްޖާ ލިބުނު ގޮތުގެ ތަފްޞީލް، ރިޝްފާނާއި ޒައިދު މާޔާއަށް ދިނެވެ. ނަމަވެސް އެ މުސްކުޅި މީހާ ރިޝްފާގެ މަންމަގެ ނަން ކަމަށް ބުނި ޝަބްނަމްގެ ވާހަކައެއް އެމީހުން މާޔާއަކަށް ކިޔައެއްނުދެއެވެ. އެއީ ރިޝްފާނާ ޝަބްނަމެއްގެ ގުޅުން ހިސާބަކަށް މާޔާއަށް މޭރުންވެފައިވާތީއެވެ.

[މިކުއްޖާ މަންމަ ކޮބަޔޯ؟] މާޔާ ކުޑަކުޑަ ރިޝްފާ އުރާލާ ލޯބިކޮށްލިއެވެ.

[ނިޔާވެއްޖެޔޯ. މިކުއްޖާގެ މާމަވެސް ނިކަން މުސްކުޅިއޭ....ބަލާބެލުމަށް ހީވަނީ އަށްޑިހަ އަހަރުން މަތީގެ މީހެއްހެން ދޯ ރިޝްފާން.] މާޔާއަށް ޖަވާބު ދިނުމަށްފަހު ޒައިދު ރިޝްފާނަށް ދޯދިނެވެ.

[ޒައިދު އެބުނީ ތެދެއް...ހިއެއްނުވޭ...އެއިން މީހެއްގެ ފަރާތުން މިބުނީ މިކުއްޖާގެ ޢާއިލާގެ ފަރާތު މީހެއްގެ އެއްވެސް އުނދަގުލަކާ ކުރިމަތިވެދާނެހެނެއް. މިކުއްޖާ އަހަރެމެންގެ ދަރިޔެއްގެ ގޮތުގައި ބެލީމާ ނިމުނީއެއްނު.] ރިޝްފާގެ ކޮލުގައި ރިޝްފާން ހިފާލިއެވެ. ކުޑަކުޑަ ރިޝްފާ ހިނިތުންވެލިއެވެ.

ހީވީ ޙަޤީޤީ ބައްޕައެއްގެ ލޯބިވެތި ބީހުންތަކުން އުފާވެރިކަން އިޙްސާސްވީހެންނެވެ.

[އަހަރެންގެ މައްސަލައަކީ، މިކުއްޖާ ވަކިވަރަކަށް ބޮޑުވީމާ، ޢާއިލާގެ މީހުން އައިސް ގެންގޮސްފާނެތީ....] މާޔާ ބުންޏެވެ.

އެއީ އެފަދަ ކަންތައްތަކުގައި އެންމެ ޢާންމުކޮށް ދިމާވާ މައްސަލައެވެ.

[ހާސްނުވޭ މާޔާ...ތިކުއްޖާގެ ޢާއިލާގެ މީހަކު ތިކުއްޖާގެ ފަހަތަކުން ނުދުވާނެ. އެއީ ކިހާބޮޑު ނަޞީބެއް....] ޒައިދު މާޔާގެ ހާސްކަން ކަނޑުވައި ޔަޤީންކަންދިނެވެ.

އެރޭ ޒައިދު ގެޔަށް ގޮސް އެވާހަކަ ބުނުމުން، ރިޝްފާންގެ މަންމަ ވަރުދާ އެކުއްޖާ ދެކެލުމަށްޓަކައި ނިކަން އަވަހަށް އެގެޔަށް އަތުވެއްޖެއެވެ.

[ދަރިފުޅުމެން ބޭސްކުރަން ބޭރަށް ދާން ކިޔާފައި ކިހިނެއް ތިހެދީ....] ވަރުދާ އެދެނީ ޙަޤީޤީ މާމަ ދަރިފުޅެކެވެ.

[މަންމާ...ދެމީހުން ކުރެން އެކަކުވެސް ބޭނުމެއްނުވޭ، އެއްވެސް މީހެއްގެ މައްސަލައެއް ހުންނާކަށް. އެހެންވެ ޓެސްޓް ކުރަންވެސް ފަސްޖެހެވެނީ....] ރިޝްފާން ކުޑަކުޑަ ރިޝްފާ މަންމަގެ އުނގަށްލިއެވެ. ރަނގަޅަށް އެކުއްޖާގެ މޫނު ވަރުދާއަށް ފެނުނީ އެވަގުތެވެ. ހަމައެޔާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

[އިއްތިފާޤެއްބާ....ދަރިފުޅާ ހާދަ ވައްތަރޭ...ހީވަނީ ކުޑަ ރިޝްފާނެއްހެން....] ވަރުދާ ރިޝްފާއާ ލޯބިކޮށްލިއެވެ.

[އަހަރެންގެ ކުޑައިރުގެ ފޮޓޯއެއްވެސް މަންމަގެ އަތުގައި ހުރީކީ ނޫންވިއްޔަ. ވައްތަރަސް އަހަންނަށް އެނގޭނީ ކިހިނެއް.... އަޅެ ހަމަ އަޞްލުގައިވެސް އަހަންނާ ވައްތަރުތަ؟] ރިޝްފާ އޭނަޔާ ވައްތަރޭ މަންމަ ބުނީމާ، ރިޝްފާން ހުރީ ފިސާރި އުފާވެފައެވެ.

[ވައްތަރުހޭ!؟ ތަފާތެއްވެސް ނެތް. ބަލާބަލަ މި ލޯ....ދެން އެންމެ ރަނގަޅު....ދަރިފުޅުމެން މިކުއްޖާ ރަނގަޅަށް ބަލާތި. އުފަން ދަރިޔަކަށް ނުވިޔަސް، ލޯބި ދީފިއްޔާ، މިދަރިފުޅުވެސް ތިޔައީ މަންމައާއި ބައްޕަ ކަމުގައި ދެކޭނެ.] ވަރުދާ ބުންޏެވެ.

[އަހަންނަށް މިހާރުވެސް އިޙްސާސް ކުރެވެނީ ތީ އަހަރެންގެ ލެޔޭ.] ރިޝްފާން މާޔާއަށް ބަލައިލުމަށްފަހު ބުންޏެވެ.

[ތިގޮތަށް ދެކުދިންވެސް ދެކެންވާނެ. ދެން ތިދެކުދިންނަށް ކުއްޖަކު ލިބުނަސް، މި ކުއްޖާ ބާކީކޮށްގެން ނުވާނެ.] ވަރުދާ ނަޞޭޙަތްތެރިވިއެވެ. އާއެކޭ ބުނެފައި، މަންމަ ދާންވާނީ ކައިގެންނޭ ބުނެފައި މާޔާ ބަދިގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ގެއިން ކައިގެން އައި ނަމަވެސް، ރިޝްފާނާއި މާޔާ ހިތް ބުރަވެދާނެތީވެ ވަރުދާވެސް ކުޑަކުޑަ ރިޝްފާ ރިޝްފާންގެ އަތަށް ދިނުމަށްފަހު ބަދިގެފަރާތަށް ހިނގައިގެންފިއެވެ.

[ދަރިފުޅާ....ދަރިފުޅަށް އެނގޭތަ، މީ ދަރިފުޅުގެ ކާކުކަން؟] ރިޝްފާން ކުޑަ ދަރިފުޅާ ލޯބިކޮށްލިއެވެ.

[ބައްޕަ.....] ކުޑަކުޑަ ރިޝްފާގެ ދުލުން ބޭރުވި ލަފްޒާއެކު، ރިޝްފާންގެ ގައިން ހީބިހި ނަގައިގެންދިޔަ ކަހަލައެވެ.

[ދަރިފުޅު ހާދަ މޮޅޭ. ކާކު ބުނީ މީ ބައްޕައޭ؟] ރިޝްފާން ކުރިޔަށްވުރެންވެސް ދަރިފުޅު ގާތަށް ލަފާލިއެވެ.

[މަންމަ.] ރިޝްފާންގެ ދެލޯ ބޮޑުވިއެވެ.

[ތިހެންވީއިރު ކޮއްކޮއަށް އެނގޭތަ، ކޮއްކޮގެ މަންމަ. ދެންމެ އެދިޔައީދޯ މަންމަ.] ރިޝްފާން ބޭނުންވީ ރިޝްފާ ލައްވާ ވާހަކަ ދައްކުވާށެވެ.

[ކޮއްކޮ މަންމަޔަކީ ޝަބްނަމް....އެއީ ކޮއްކޮ މަންމައެއް ނޫން...] ރިޝްފާގެ ވާހަކަ ދެއްކުން، އެ ޢުމުރުގެ އެހެން ކުދިންނާ ތަފާތުކަން ރިޝްފާނަށް ފާހަގަކުރެވުނެވެ.

އަނެއްކާ ދިމާވާން މިއުޅެނީ ކޮންފަދަ ކަންތައްގަނޑެއްބާއޭ ހިތަށްއަރަން ފަށައިފިއެވެ. ކޮން ޝަބްނަމެއްބާއެވެ؟ ޝަބްނަމް މަރުވީބާއެވެ. މިއީ ހަމަ ޝަބްނަމާއި އަހަރެންގެ ދަރިފުޅުބާއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ޝަބްނަމަކީ ދިވެއްސެއް ނޫނެވެ. އޭނަގެ ޢާއިލާގެ މީހަކު ހިތަދޫއަކު ނޫޅޭނެއެވެ. މިއީ ހަމަ އިއްތިފާޤެކެވެ.

[ބައްޕާ...ކޮއްކޮ ނިދަން ބޭނުން...] ކުޑަކުޑަ ރިޝްފާ ބައްޕަގެ ކަރުގައި އެލިގަތެވެ. ހީވީ އެމީހުން ފެންނަފަށުގައި ހުރި މީހެއްގެ އިޝާރާތަކަށް ކުރި ޙަރަކާތެއް ހެންނެވެ.

[އަވަހަށް ހިނގާ. އެކަމަކު ދަރިފުޅު މިރޭ އަދި ކާންވާނެއެއްނު.] ދަރިފުޅު އުރާލައިގެން ރިޝްފާން ހިނގައިގެންފިއެވެ. ބަދިގެޔާވީ ފަރާތަށެވެ. އޭރު މާޔާ ރިޝްފާނާއި ކުޑަ ދަރިފުޅަށްވެސް ކާން ހަދަނީއެވެ. ވަރުދާވެސް ބަދިގެތެރޭ ކޮންމެވެސް ކަމެއްގައި ޙަރަކާތްތެރިވަމުން ދިޔައެވެ.

[މާޔާ...އަވަހަށް މި މަންޖެއަށް ކާންދީ....] ބަދިގެޔަށް ވަންނަމުން ރިޝްފާން އެދުނެވެ.

[ކޮއްކޮ ކާނީ ބައްޕަގެ އަތުން. އެއީ ކޮއްކޮގެ މަންމައެއް ނޫން....] ރިޝްފާގެ ޖުމްލައިން ސިހުނީ އެކަނި ރިޝްފާނެއް ނޫނެވެ. ވަރުދާއާއި މާޔާއަށްވެސް ލިބުނީ ޙައިރާންކަމާއެކު ބޮޑު ޝޮކެކެވެ.

[ދަރިފުޅާ....މީ ދަރިފުޅުގެ ބައްޕައަށްވީ ގޮތަށް އެއީ މަންމަޔަށްވެސް ވާނެއެއްނު. އަވަހަށް ބަސްއަހައިގެން ދޭ މަންމަގެ ގާތަށް ކާން.] ރިޝްފާން މާޔާއާ ދިމާއަށް ރިޝްފާން ދިއްކުރިއެވެ.

[ނޫން...ކޮއްކޮ ކާނީ ބައްޕަގެ އަތުން. އެއީ މަންމައެއްވެސް ނޫނޭ، ކޮއްކޮ ބުނެފީމެއްނު.] މާޔާ ރިޝްފާ އުރަން އުޅުމުން، ރިޝްފާންގެ ކަރުގައި އެލިގެންފިއެވެ.

ރިޝްފާނާއި މާޔާ ހީކުރީ ރިޝްފާއަށް އޭނާގެ މަންމަ މަރުވެއްޖެކަން އެނގޭތީ، ދިމާވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން، އެއީ މާބޮޑު ކަމަކަށް މާޔާ ނެހެދީ، ދުވަސްކޮޅެއް ފަހުން އެކަން ޙައްލުވެދާނޭ ކަމަށް ވިސްނާފައެވެ.

[މިރޭ ރިޝްފާން މިމަންޖެއަށް ކާންދޭންވީނު.[ މާޔާ މޮޑުނު ބަތްތަށި ރިޝްފާންގެ އަތަށްދެމުން ބުންޏެވެ.

އެރޭ ފާއިތުވެދިޔައީ އެކަހަލަ ގޮތަކަށެވެ. ކުޑަކުޑަ ރިޝްފާ މާޔާއާ އަނގައިންވެސް ނުބުންޏެވެ. އެކަމާ އެރޭ ކިތަންމެ ދެރަވި ނަމަވެސް، ފަހުން ރަނގަޅުވާނޭ ކަމަށް ވިސްނާފައި، މާޔާ ހިތްހަމަޖައްސާލިއެވެ. ނަމަވެސް، ކަންތައްތައް ވަމުން ދިޔައީކީ މާޔާ ހިތްހަމަޖެހޭފަދަ ގޮތަކަށް ނޫނެވެ. ކުޑަކުޑަ ރިޝްފާވީ މާޔާމެން ހީކުރި ވަރަށްވުރެން މާ ބޯހަރު ކުއްޖަކަށެވެ. މާޔާއާއި ރިޝްފާން އާދޭސް ކޮށްކޮށްވެސް، މާޔާއަކީ އޭނާގެ މަންމަ ކަމަކަށް ޤަބޫލެއް ނުކުރެއެވެ. ތަކުރާރުކޮށް އެކުއްޖާ ބުނަމުންދަނީ، އޭނަގެ މަންމައަކީ ޝަބްނަމް ކަމަށެވެ. ޝަބްނަމް އަދި އަންނާނޭ ކަމަށްވެސް އެކުއްޖާ ބުނެއެވެ.

[ރިޝްފާން...ތިކުއްޖާގަނޑު އެހެން މީހަކާ ޙަވާލުކޮށްފައި، އެހެން ކުއްޖަކު މިގެޔަށް ހޯދަން އުޅޭ....ތިކަހަލަ ބޯހަރު ކުއްޖަކު ނުގެންގުޅެވޭނެ.] ދުވަސްތައް ފާއިތުވަމުން ދިޔުމާއެކު، އެކުއްޖާގެ އާދަތަކުގެ ސަބަބުން އެކުއްޖާ މަތިން މާޔާ ފޫހިވާން ފަށައިފިއެވެ.

[މާޔާ...އަހަންނަށް ހީވަނީ އަދި ރަނގަޅުވާނޭހެން. ބައްޕައެއް ގޮތަށް އަހަރެން ދުށްގޮތަށް، މަންމައެއްގެ ގޮތުގައި މާޔާވެސް ޤަބޫލުކުރާނޭ. އަދި މަންމަ ހަނދާންތަކުން އަދި މިންޖު ނުވެވެނީ ކަމަށްވާނީ.] އެއީ ރިޝްފާން ވިސްނާ ގޮތެވެ. ރިޝްފާން އެކަންޏެއް ނޫނެވެ. އޭނާގެ މަންމަ ވަރުދާވެސް ބުނަނީ އެހެންނެވެ.

[ދަރިފުޅު ރަނގަޅަށް ލޯބިދީ....އޭރުން އެމަންޖެގެ ހިތުގައި ދަރިފުޅަށް ލޯބި އަށަގަންނާނެ.] މާޔާގެ ބުރަކަށީގައި ފިރުމާލަމުން ވަރުދާ ބުންޏެވެ.

[މަންމާ....އަހަރެން ލޯބިނުދީގެންތަ، އެ މަންޖެ އަހަރެން މަތިން އެހާ ފޫހި އެވަނީ. އަދިވެސް އަހަރެން މަސައްކަތް ކުރާނަން.] އުންމީދު ގެއްލިފައިވާފަދަ ގޮތަކަށް މާޔާ ބުންޏެވެ.

އެދުވަހަށްފަހުވެސް، ކުޑަކުޑަ ރިޝްފާގެ ލޯބި ހޯދުމަށްޓަކައި މާޔާ ނިކަން މަސައްކަތް ކުރިއެވެ. ނަމަވެސް ވީ އެއްކަމެއްވެސް ނެތެވެ. ވުމާއެކުވެސް ކަންނޭނގެއެވެ. މާޔާވެސް އެކުއްޖާ މަތިން މަޑުމަޑުން ފޫހިވާން ފަށައިފިއެވެ. އެއީ މާބަނޑުވުމުގެ ޢަލާމާތްތައް މާޔާގެ ކިބައިން ފެންނަން ފެށި ދުވަސްވަރުވެސް މެއެވެ. ގަދަ ވަސްތަކަށް ބޯއަނބުރާ ގޮތްވެ ހޮޑުލަވަނީއެވެ. އޭރު އޭނާގެ މަސްވަރުކަންތަކުގެ ދުވަސްވަރު ފާއިތުވެ ގޮސްފައިވުމާއެކު، އޭނާގެ ހިތުގައި އުފާވެރި ޝުޢޫރުތަކެއް ހިނގައިގަނެ، މައިދައިތަ ވަރުދާ އެގެޔަށް އައުމާއެކު މާޔާ އެވާހަކަ ބުނެފިއެވެ. ވުމާއެކު، ވަރުދާ ޤަޞްދުކުރީ ރިޝްފާނަށްވެސް ސިއްރުން މާޔާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށެވެ.

އެއީ އުފާވެރި ޚަބަރަކަށް ވެއްޖެނަމަ، އެ ޚަބަރު އައިސް ރިޝްފާނަށް ދިނުމަށް ނިންމައިގެން ނިކަން ސިއްރިއްޔާތުގައި ވަރުދާއާއި މާޔާ އެދުވަހު ހޮސްޕިޓަލަށް ހިނގައްޖެއެވެ.

[ފަސް ހަފްތާ....މަރްޙަބާ....] ޑޮކްޓަރ ވިރާދާ އުފާވެރި ޚަބަރު ވަރުދާއާއި މާޔާއަށް ދިނެވެ. މާޔާއާއި ވަރުދާއަށް ލިބުނީ ބަޔާންކުރަންވެސް ދަތިވާވަރުގެ އުފަލެކެވެ. އެ އުފަލާއެކު، ވަރުދާއަށް ބޭއިޚްތިޔާރުގައި މާޔާގެ ގައިގައި އޮޅުލައިގަނެވިއްޖެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން