އަހުމަދު ޔާމިން   9 އޮކްޓޯބަރު 2020 - 15:58
ރޭގެ މެޗުގައި އޯވާހެޑަކުން އިނގިރޭސިންގެ ތިންވަނަ ގޯލް ޑެނީ އިންގްސް ކާމިޔާބު ކުރަނީ
ރޭގެ މެޗުގައި އޯވާހެޑަކުން އިނގިރޭސިންގެ ތިންވަނަ ގޯލް ޑެނީ އިންގްސް ކާމިޔާބު ކުރަނީ
ބައިނަލް އަޤްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ވޭލްސްގެ މައްޗަށް އިނގިރޭސިން 0-3 އިން ކުރިހޯދައިފިއެވެ.

ޒުވާން ޓީމަކާއެކު ރޭގެ މެޗަށް އިނގިރޭސިން ނިކުމެފައި ވާއިރު، މި މެޗުގައި އެވަޓަންގެ ޒުވާން ފޯވަރޑް ކަލްވާޓް ލެވިންއާ އެކު އިނގިރޭސި ފޯވާޑް ލައިންގައި ކުޅެފައިވަނީ ޑެނީ އިންގްސް އެވެ. މެދުތެރެއަށް ސައުތުގޭޓް ނެރެފައި ވަނީ ޖެކް ގްރީލިޝް އާއި ލީޑްސްގެ ކެލްވިން ފިލިޕްސް އަދި ހެރީ ވިންކްސްއެވެ. ވިންގް ޑިފެންޑަރުންނާއެކު ކުޅުނު އިންގްލެންޑްގެ ވިންގް ބެކުން ފެނިފައި ވަނީ އާސެނަލް ޒުވާން ތަރި ބުކަޔޯ ސަކާ އާއި ކީރަން ޓްރިޕިއާ އެވެ. ފަހަތުން ފެނިގެން ދިޔައީ ކޯނާ ކޯޑީއާއި މައިކަލް ކީން އަދި ލިވަޕޫލްގެ ޖޯސެފް ގޮމޭޒްއެވެ. ރޭގެ މެޗުގައި ގޯލް ބެލެހެއްޓީ ނިކް ޕޯޕެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލް 26 ވަނަ މިނެޓުގައި ކަލްވާޓް ލެވިން ޖެހީ ގްރީލިޝްގެ ރީތި ހުރަހަކުންނެވެ. ކަލްވާޓް ލެވިން އަކީ މިދިޔަ 35 އަހަރު ތެރޭގައި އިނގިރޭސި ގައުމީ ޓީމަށް ވެމްބްލީގައި ގޯލް ޖެހި އެވަޓަންގެ ފުރަތަމަ ކުޅުންތެރިޔާއެވެ. 35 އަހަރު ކުރިން އެވަޓަންގެ ޖާޒީގައި ވެމްބްލީގައި ގޯލް ޖެހީ އިނގިރޭސި ގައުމީ ޓީމުގެ ލެޖެންޑް ގެރީ ލިނެކާއެވެ. އޭނާ ވަނީ 1985 ވަނަ އަހަރު ތުރުކީއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ހެޓްރިކް ހަދައިފައެވެ.

އިނގިރޭސިންގެ ދެވަނަ ގޯލް ޖެހީ، ޓްރިޕިއާގެ ހިލޭ ޖެހުމަކުން ޑިފެންޑަރު ކޯޑީއެވެ. އޭގެ ދިހަ މިނެޓް ފަހުން ހިތްގައިމު އޯވާހެޑަކުން އިނގިރޭސިންގެ ތިންވަނަ ގޯލް ޖެހީ ޑެނީ އިންގްސްއެވެ.

ރޭގެ މެޗަކީ އުމުރުން 23 އަހަރުގެ ޑޮމިނިކް ކަލްވާޓް ލެވިން އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މިހާތަނަށް މި ސީޒަންގައި ކަލްވާޓް ލެވިން ކުޅުނު ހަތް މެޗުގައި 10 ގޯލް ވަނީ ޖަހާފައެވެ. އިނގިރޭސިންނަށް ކުރިއަށް އޮތީ ޔޫއެފާ ނޭޝަންސް ކަޕް ގައި ބެލްޖިއަމް އާއި ޑެންމާކާ ދެކޮޅަށް ކުޅޭ ދެމެޗެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން