ރޭ ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރި މެޗްގެ ތެރެއިން
ރޭ ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރި މެޗްގެ ތެރެއިން
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރޭ ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ޕޯޗުގަލްގައި ކުޅުނު މި މެޗް ނިމުނީ 0-0 އިންނެވެ. ރޭގެ މެޗުގައި ދެޓީމުންވެސް ވަނީ ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތު ދީފައެވެ.

މި މެޗްގެ ފުރަތަމަ ހާފު ޑޮމިނޭޓް ކޮށް ސްޕެއިނުން ކުޅެފައިވާއިރު، މި ހާފުގައި ޕޯޗުގަލްގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯ ފެނުނީ ވަރަށް ބިޒީ ކީޕަރެއްގެ ގޮތުގައެވެ. ފުރަތަމަ ހާފާއި ޚިލާފަށް މެޗްގެ ދެވަނަ ހާފް ގައި ވަރުގަދަކޮށް ފެނުނީ ޕޯޗުގަލް އެވެ. މި ހާފުގެ ކުރީކޮޅު ރޮނާލްޑޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެނާޓޯ ސަންޗޭސް ޖެހި ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗް ނިމެން ގާތްވެފައި ވަނިކޮށް މެޗުން މޮޅުވާން ޕޯޗުގަލްގެ ޔާއޯ ފެލިކްސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މި ދެ ޓީމަށްވެސް ކުރިއަށް އޮތީ ޔުއެފާ ނޭޝަންސް ލީގު މެޗުތަކެވެ. އަންނަ ހޮނިހިރު ދުވަހު ސްވިޓްޒަލެންޑާ ދެކޮޅަށް ސްޕެއިން ނުކުންނަ އިރު ޕޯޗުގަލް ނުކުންނާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ.

ރޭ ކުޅުނު މެޗުން އިޓަލީ މޮޅުވީ އަމިއްލަ ދަނޑުގައި މޯލްޑޮވާ އަތުން 6-0 އިންނެވެ.

މި މެޗުގައި އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ވަނީ ގިނަ ޒުވާން ކުޅުންތެރިން ތަކަކަށް ފުރުސަތު ދީފައެވެ. އެގޮތުން މި މެޗުގައި ކެޕްޓަންކަންކުރީ ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅޭ ސްޓެފަން އައް ޝަރާވީ އެވެ.

މި މެޗުގައި ޝަރާވީ ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ބާކީ ހަތަރު ލަނޑުގެ ތެރެއިން އެއް ލަނޑަކީ މޯލްޑޮވާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ތިން ލަނޑު ޖެހީ ބްރަޔަން ކްރިސްޓޭން އާއި ފްރަންސެސްކޯ ކަޕޫޓޯ އަދި ޑޮމެނިކޯ ބެރާޑީ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން