ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު އެސްޓަންވިލާގެ ކެޕްޓަން ޖެކް ގްރީލިޝް
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު އެސްޓަންވިލާގެ ކެޕްޓަން ޖެކް ގްރީލިޝް
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ކޮޅަށް 7 ގޯލް ޖަހައި އެސްޓަން ވިލާ އިން ލިވަޕޫލް ލަދުގަންނަވާލައިފިއެވެ.

އެސްޓަން ވިލާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ލިވަޕޫލްގެ ގޯލްކީޕަރު އެޑްރިއާން ހެދި ގޯހެއްގެ ފައިދާނަގައި އެސްޓަން ވިލާ އަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި ހެޓްރިކް ހެދި އޮލީ ވަޓްކިންސް އެވެ. އެޑްރިއާން މި މެޗުގައި ކުޅުނީ ހޮނިހިރު ދުވަހު ލިވަޕޫލުން ބޭއްވި ފަރިތަކުރުންތަކުގައި އެ ޓީމުގެ އެއް ވަނަ ގޯލްކީޕަރު އެލިސަން ބެކާ ކޮނޑަށް އަނިޔާވުމުންނެވެ.

އެސްޓަން ވިލާ އަށް ލީޑުފުޅާކޮށްދިނީ މެޗުގެ 22 ވަނަ މިނިޓްގައި ވަޓްކިންސް އެވެ. އޭގެ ފަހުން ލިވަޕޫލްގެ ސަލާހު ވަނީ މެޗުގެ 33 ވަަނަ މިނިޓްގައި ލިވަޕޫލަށް ލަނޑެއް ޖަހައިދީފަ އެވެ. ނަމަވެސް އޭގެ ދެ މިނިޓް ފަހުން ޖޯން މެގިން ޖެހި ބޯޅައެއް ލިވަޕޫލްގެ ގޯލަށް ވަނީ ވާޖިލް ވެން ޑައިކް ފައިގައި ޖެހިފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މަހުމޫދު ޓްރެޒެގޭ ދިން ބޯޅައަކުން ވަޓްކިންސް ވަނީ އެސްޓަން ވިލާ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ 10 ވަނަ މިނިޓްގައި އެސްޓަން ވިލާ އަށް ފަސް ވަނަ ލަނޑެއް ޖަހައިދިނީ ރޮސް ބާކްލީ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ އަލެކްސަންޑަ އާނޯލްޑް ފައިގައި ޖެހިފައި ކީޕަރު އެޑްރިއަން އަތްމަތިން ގޮހެވެ. އޭގެ ހަތަރު މިނިޓް ފަހުން ސަލާހް ވަނީ ލިވަޕޫލަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ. އެސްޓަން ވިލާގެ ފަހު ދެ ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ޖެކް ގްރީލިޝް އެވެ. ގްރީލިޝް ޖެހި ފުރަތަމަ ގޯލު ވަނީ ފަބީނިއޯ ގައިގައި ޖެހިފަ އެވެ.

ރޭގެ މެޗަކީ 1963 ވަނަ އަހަރަށް ފަހު ލިވަޕޫލް ކޮޅަށް ލީގުގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ފަހުގެ ޗެމްޕިއަނެއް ކޮޅަށް ޕްރިމިއާ ލީގުގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމެއް ބަލިވި އެންމެ ބޮޑު ނަތީޖާ އެވެ. ލިވަޕޫލާ އެކު ކްލޮޕް އެންމެ ތަފާތު ބޮޑުކޮށް ބަލިވީ މީގެ ދެ އަހަރު ކުރިން މެންޗެސްޓާ ސިޓީ ދަނޑުގައި 5-0 އިންނެވެ.

ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެފަ އެވެ. އާސެނަލްގެ ގޯލުތައް ޖެހީ ބުކާޔޯ ސަކާ އާއި ނިކޮލަސް ޕެޕޭ އެވެ. ޝެފީލްޑްގެ ގޯލު ޖެހީ ސްކޮޓް މެކްގޯލްޑްރިކް އެވެ. ލެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. މިއީ މި ސީޒަނުގައި ލެސްޓާ އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ ފަހަރެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު ގައުމީ ޓީމުތަކުގެ މެޗުތަކަށް ލީގު މެދުކަނޑާލާނެ އެވެ. އެއަށްފަހު ލީގުގެ ކުޅުން އަލުން ފަށާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައިވާ އެވަޓަން އެވެ. ދެ ވަނައިގައި އޮތް އެސްޓަން ވިލާ އާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ހަތަރު ވަނައިގައި އޮތް އާސެނަލްގެ އިތުރުން ފަސް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން އެސްޓަން ވިލާ ނޫން ކޮންމެ ޓީމެއް ވަނީ ހަަތަރު މެޗު ކުޅެފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން