ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު އެވަޓަންގެ ކުޅުންތެރިން
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު އެވަޓަންގެ ކުޅުންތެރިން
މި ސީޒަންގައި މޮޅުވުމުގެ ރިކޯޑް ދަމަހައްޓައި ލީގުގައި ކުޅުނު ހަތަރު ވަނަ މެޗު ވެސް އެވަޓަން ކާމިޔާބުކޮށްފިއެވެ.

ރޭ ބްރައިޓަންއާ ދެކޮޅަށް އެވަޓަން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-2ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާއެކު 12 ޕޮއިންޓާއެކު އެޓީމް އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. މިރޭގެ މެޗުގައި ވެސް އެވަޓަން އިން ވިދާލީ އަލަށް ޓީމާ ގުޅުނު ހަމޭސް ރޮޑްރިގޭޒް އާއި ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ޑޮމިނިކް ކަލްވާޓް ލެވިން އެވެ.

މެޗުގެ ފުރަތަމަ ގޯލް ކަލްވާޓް ލެވިން ކާމިޔާބުކުރީ ގުލްފީ ސިގަޑްސަންގެ ހުރަސް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުއާޕޭ އެވެ. އެވަޓަންގެ ފަހު ތިން ގޯލް ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ޔެރީ މިނާ އާއި ހަމޭޒް ރޮޑްރިގޭޒްގެއެވެ. ހަމޭޒް ރޮޑްރިގޭޒް މި މެޗުގައި ދެ ގޯލް ޖަހާފައިވާއިރު، ޔެރީ މިނާގެ ގޯލަށް ފުރުސަތު ފަހިކޮށްދިނީ ވެސް ރޮޑްރިގޭޒް އެވެ. މި މެޗުގައި ބްރައިޓަންގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ބިސޯމާއެވެ.

ޗެލްސީ އާއި ކްރިސްޓަލް ޕެލަސްގެ ކުރިމަތިލުން

ލީގުގައި ރޭ ކްރިސްޓަލް ޕެލެސްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި ޗެލްސީ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 4-0ގެ ނަތީޖާ އަކުންނެވެ. ޗެލްސީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މި ސީޒަނަށް ޗެލްސީއާ އަލަށް ގުޅުނު ބެން ޗިލް އެވެ. ގޯލެއް ޖެހުމުގެ އިތުރުން ބެން ޗިލް ވަނީ މި މެޗުގައި އިތުރު ގޯލެއް ޖެހުމަށް އެހީތެރިވެދީފައެވެ. ލެސްޓާ ސިޓީއިން 45 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވި ޗިލްވެލް އަށް މިރޭގެ މެޗަކީ ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗެވެ.

ޗެލްސީގެ ދެވަނަ ގޯލް ޗިލްވެލްގެ ހުރަހަކުން ކާމިޔާބުކޮށްދިނީ ކާޓް ޒޫމާއެވެ. ޗެލްސީގެ ތިންވަނަ އަދި ހަތަރު ވަނަ ގޯލަކީ ޖޯޖީނިއޯގެ ދެ ޕެނެލްޓީ އެވެ. ފުރަތަމަ ޕެނެލްޓީ ހޯދައިދިނީ ޓެމީ އަބްރަހަމް އެވެ. ދެވަނަ ޕެނެލްޓީއަކީ ސަކޯ ކައި ހަވާޓްސްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީއެކެވެ.

ސިޓީ އަށް ލީޑްސް އަތްދަށުން ސަލާމަތެއް ނުވެވުނު

ލީޑްސްގެ ދަނޑުގައި ރޭ ކުޅުނު މެޗު 1-1 އިން ނިމުނުއިރު، މި މެޗުގައި މޮޅު ކުޅުމެއް ދެއްކީވެސް ލީޑްސް އެވެ.

ފޯރިގަދަ މި މެޗުގައި ރަހީމް ސްޓާލިންގެ ގޯލާއެކު މެޗުގެ ކުރި ހޯދީ ސިޓީއެވެ. ނަމަވެސް ލީޑްސް އިން ދޫނުދީ ކުރި ހިތްވަރާއެކު ސްޕެއިންގެ ރޮޑްރިގޯގެ ގޯލާއެކު ލީޑްސްއިން ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ސިޓީގެ ކީޕަރ އެޑަސަން ހިފަހަން އުޅުނު ބޯޅައެއް އޭނާގެ އަތުން ވެއްޓުމުން ލިބުނު ފުރުސަތުގައި ރޮޑްރީގޯ ޖެހި ގޯލެކެވެ.

މިދިޔަ އަހަރުގެ އިނގިރޭސި ދެވަނަ ޑިވިޝަންގެ ތަށްޓާއެކު ޕްރިމިއާ ލީގަށް އައި ލީޑްސް ޔުނައިޓެޑު ހަތަރު މެޗުން ހަތް ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ސިޓީ އަށް މި ސީޒަންގައި އަދި މާ އެދެވޭ ކުޅުމެއް ނުދެއްކޭއިރު މިދިޔަ ހަފްތާ ގައި ސިޓީން ލީގުގައި ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗުންވެސް ވީ ބައްޔެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން