ހިތަދޫއެފްސީ - މަރަދޫއެފްސީ އިން ކުޅުނު ފައިނަލް މެޗުގެ ތެރެއިން
ހިތަދޫއެފްސީ - މަރަދޫއެފްސީ އިން ކުޅުނު ފައިނަލް މެޗުގެ ތެރެއިން
އައްޑޫސިޓީ، ހިތަދޫ އަވަށު ހިތަދޫ އެފްސީ އިން މަރަދޫ އެފްސީގެ މައްޗަށް ކުރިހޯދައި "އައްޑޫ ޔޫތް ޗެލެންޖް 2020" ކާމިޔާބުކޮށްފިއެވެ.

އައްޑޫސިޓީ މީދޫގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ ތަށި ހިތަދޫ އެފްސީއިން އުފުލާފައިވަނީ މަރަދޫ އެފްސީގެ މައްޗަށް 1-0 ގެ ނަތީޖާ އިން ކުރިހޯދައިގެންނެވެ.

މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލީގުގައި އެންމެކުރި ހޯދައި އެއްވަނަ ޓީމްގެ ގޮތުގައި ކުޅެން ނުކުތް މަރަދޫ އެފްސީގެ މައްޗަށް ހިތަދޫ އެފްސީ އިން އިއްޔެގެ ފައިނަލް މެޗް ކާމިޔާބު ކޮށްފައިވަނީ ލީގުގައި އެދެޓީމް ވާދަކުރި މެޗުން ސީދާ 3-0 ނަތީޖާއިން މަރަދޫ އެފްސީން އެޓީމް ބަލިކޮށްފައިވަނިކޮށެވެ.

ބޮޑުތަފާތަކުން ބަލިވެފައިވުމާއެކު ބަދަލުހިފުމުގެ ރޫޙެއްގައި ފައިނަލް މެޗުގައި ކުޅެން ނުކުތް، ހިތަދޫއެފްސީން މުޅި ލީގުގައި ހިއްވަރު ގަދަ ކުޅުމެއް ފެނިގެންދިޔަ މަރަދޫއެފްސީގެ މައްޗަށް ތަފާތު ކުޅުމެއް ދެއްކިއިރު މުޅި މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ހިތަދޫއެފްސީންނެވެ. އެގޮތުން އެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ހިތަދޫއެފްސީ އަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ހާފުގެ 36 ވަނަ މިނިޓުގައި އެޓީމުގެ ޖޯޒީ ނަމްބަރު 17 އައިމަން ނަޒީރެވެ.އައްޑޫސިޓީ، މީދޫ އަވަށު ފުޓްބޯޅަ ދަނޑުގައި ލީގު އުސޫލުން ކުރިއަށް ގެންގިޔަ އައްޑޫ ޔޫތް ޗެލެންޖުގައި އެސިޓީގެ ފަސް އަވަށަކުން 6 ޓީމެއް ވަނީ ވާދަކޮށްފައެވެ. އުމުރުން 16 އަހަރާއި 23 އަހަރާއި ދެމެދުގެ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ފެނިގެންދިޔަ އެޓީމްތަކަކަކީ ހިތަދޫއިން ވާދަކުރި 2 ޓީމް ކަމަށްވާ، ހިތަދޫ އެފްސީ އާއި ހިތަދޫ އެފްސީ ޖޫނިއަރ، މަރަދޫއިން ވާދަކުރި މަރަދޫ އެފްސީ، ފޭދޫއިން ވާދަކުރި ފާހި ސްޕޯޓްސް ކްލަބް، ހުޅުދޫއިން ވާދަކުރި ހުޅުދޫ އެފްސީ އަދި މުބާރާތް ކުރިއަށް ދިޔަ މީދޫއިން ބައިވެރިވި މީދޫ ޔޫތް އެވެ.

މަރަދޫއެފްސީ ފައިނަލަށް ގޮސްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ 2 މެޗުން އެއްވަރުވެ، ޖުމްލަ 11 ޕޮއިންޓާއެކު ލީގުގެ ޕޮއިންޓް ތާވަލް ކުރި ހޯދައިގެންނެވެ. އަދި 10 ޕޮއިންޓާއެކު ލީގުގެ ދެވަނަ ޓީމްގެގޮތުގައި ހިތަދޫ އެފްސީ ކުޅެން ނުކުތީ އެޓީމް ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ 01 މެޗުން ބަލިވެ އަދި 01 މެޗުން އެއްވަރުވެގެންނެވެ.

ފައިނަލް މެޗަށްފަހު ޓްރޮފީއާއި އިނާމާއި ހަނދާނީލިޔުން ހަވާލުކުރުމުގެ ހަފްލާ ކުރިއަށް ދިޔައިރު، އެހަފްލާޝަރަފްވެރިކޮށްދެއްވީ އައްޑޫސިޓީ، މީދޫ ކައުސިލަރ ހިޔާޒް ހަސަން އެވެ.

* މުބާރާތުގެ ވަނަތައް:

- ޗެމްޕިއަން ޓީމް: ހިތަދޫ އެފްސީ

- ރަނަރަޕް ޓީމް: މަރަދޫ އެފްސީ

- ފެއަރ ޕްލޭ ޓީމް: ހިތަދޫ އެފްސީ

- ފެއަރ ޕްލޭއަރ: ހުސެއިން އައިކް، މަރަދޫ އެފްސީ

- ޓޮޕް ސްކޯރަރ: ހުސެއިން އައިކް، މަރަދޫ އެފްސީ

- ބެސްޓް ޕްލެއަރ: ހާޒިމް ފައުޒީ، ހިތަދޫ އެފްސީ

- ބެސްޓް ކޯޗް: އަހުމަދު ހަބީބު، ހިތަދޫ އެފްސީ

* މުބާރާތުން ހޮވާލެވުނު ޑްރީމްޓީމްގައި ހިމެނުނު ކުޅުންތެރިން:

1. މުޙައްމަދު ޒަޔާން، ހިތަދޫ އެފްސީ (ކީޕަރ)

2. އަބްދު ﷲ ޝިޔާއު ރަޝީދު، ފާހި ސްޕޯޓް ކްލަބް

3. ހަސަން ލަވްހް، މަރަދޫ އެފްސީ

4. ހުސެއިން އިމްތިޔާޒް، މީދޫ ޔޫތް

5. އަބްދު ﷲ ވިޝާލް، މީދޫ ޔޫތް

6. ހަސަން ޞަޙާފް، މީދޫ ޔޫތް

7. ހާޒިމް ފައުޒީ، ހިތަދޫ އެފްސީ

8. އީމާން ނަޒީރު، ހިތަދޫ އެފްސީ

9. މުޙައްމަދު ޞަބާޙް މަސްރޫރު، ހިތަދޫ އެފްސީ

10. ހުސެއިން އައިކް، މަރަދޫ އެފްސީ

11. ހުސެއިން ޒައިން ހަނީފް، ހިތަދޫ އެފްސީ

މުބާރާތާގުޅޭގޮތުން ރަސް އޮންލައިން އަށް މައުލޫމާތުދެމުން މިމުބާރާތުގެ އިންތިޒާމް ކޮމިޓީގެ އިންޗާޖް، އަކްރަމް މުޙައްމަދު ބުނީ މިމުބާރާތަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އައްޑޫގައިވެސް ގިނަ ޒުވާނުންތަކެއްގެ ވަޒީފާގެއްލި، ކުރާނެކަމެއް ނެތި މަގުމަތިވެފައިވަނިކޮށް، މިފަދަ ޒުވާނުން މަގުއޮޅި ގެއްލިހިނގައިދާނެ ކަމުގެ ބިރު އޮތުމާއެކު އެފަދަ ޒުވާނުން ހަމަ މަގުން ނެއްޓިގެން ދިޔުމަށް ފުރުޞަތު ނުދީ އައްޑޫސިޓީގައި ހުނަރުވެރި ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ. އަދި މިއަހަރުގެ މިމުބާރާތަކީ އައްޑޫ ޔޫތު ޗެލެންޖުގެ ފެށުން ކަމަށާއި ދެން ކޮންމެ އަހަރަކުވެސް މިމުބާރާތް މިއަށްވުރެ އިތުރު ފުރިހަމަކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އަކްރަމް ބުންޏެވެ މީގެ އިތުރުން އޭނާވަނީ މުބާރާތް އިންތިޒާމުކުރުމުގައި އެހީތެރި ވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ޔޫތު ޗެލެންޖް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުންފެށިގެން އޮކްޓޫބަރު މަހުގެ 02 ވަނަ ދުވަހުގެނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން