ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޯސްކީ އަށް އަރުވަނީ
ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޯސްކީ އަށް އަރުވަނީ
މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހޯދައިފިއެވެ.

ސްވިޒަލެންޑުގެ ނިޔޯނުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާން ކޮށްފައިވާއިރު، މި މަގާމު ލެވަންޑޯސްކީ ހޯދީ އެ ޓީމުގެ ގޯލްކީޕަރު މެނުއެލް ނޯޔާ އާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއާ ވާދަކޮށްގެންނެވެ. މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޯސްކީ ހޯދިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ފޯވާޑުގެ މަގާމުވެސް ހޯދާފައެވެ.

ބަޔާން މިއުނިކުން މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ލެވަންޑޯސްކީ ވަނީ އެ މުބާރާތުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ވަނީ 34 ލަނޑު ޖަހާފައެވެ. އަދި ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގާއި ޖަރުމަން ލީގުގެ އިތުރުން މިދިޔަ ސީޒަނުގެ ޖަރުމަން ކަޕުވެސް ކާމިޔާބުކޮށްފައެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބަޔާނުގެ ކެޕްޓަން ނޯޔާއެވެ. އަދި އެންމެ މޮޅު ޑިފެންޑަރަކީ ހަމަ އެ ޓީމުގެ ޑިފެންޑަރު ޖޯޝުއާ ކިމިޗެވެ. އަދި މިދިޔަ ސީޒަގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ މެންޗެސްޓަރ ސިޓީގެ ޑި ބްރޭނާއެވެ.

މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެނެމް މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ޗެލްސީއަށް ކުޅެމުން އަންނަ ޑެންމާކުގެ ފޯވާޑް ޕާނިލް ހާޑާ ހޮވިފައި ވާއިރު މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަޔާންގެ ކޯޗް ހަންސީ ފްލިކެވެ. ފްލިކުގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ މިހާތަނަށް ފަސް ތަށި ކާމިޔާބުކޮށްފައެވެ.

ލެވަންޑޮސްކީ ވެފައިވަނީ 2013 ވަނަ އަހަރު ފްރޭންކް ރިބަރީގެ ފަހުން ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބަޔާންގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މިއަހަރުގެ ބެލޮންޑިއޯ އަދި ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވަނީ ކޯވިޑް-19 އާ ގުޅިގެން ކެންސަލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން