ރޭގެ މެޗުގައި ގޯލް ކާމިޔާބު ކުރުމަށްފަހު އިންޓަރގެ ލުކާކޫ
ރޭގެ މެޗުގައި ގޯލް ކާމިޔާބު ކުރުމަށްފަހު އިންޓަރގެ ލުކާކޫ
އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ބެނެވެންޓޯ އަތުން 5-2 އިން މޮޅުވެ އިންޓަރ މިލާން ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން ލުކާކޫ ވަނީ ލީޑު ނަގައިފަ އެވެ. އިންޓަގެ ދެ ވަނަ ގޯލް 25 ވަނަ މިނެޓުގައި ޖެހީ ރޮބާޓޯ ގަގްލިއަޑިނީ އެވެ. އަދި އޭނާ ދިން ބޯޅައަކުން އޭގެ ތިން މިނެޓު ފަހުން ލުކާކޫ އިތުރު ލަނޑެއް ޖެހިއެވެ.

ބެނެވެންޓޯ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ޖިއަންލޫކާ ކަޕްރަރީ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅު އިންޓަ ހަތަރު ވަނަ ލަނޑު ޖެހީ ހަކީމީ އެވެ. އިންޓަގެ ފަސް ވަނަ ގޯލް 71 ވަނަ މިނެޓުގައި ލޮޓާރޯ މާޓިނޭޒް ޖަހާފައިވަނިކޮށް ބެނެވެންޓޯގެ ދެ ވަނަ ގޯލް 76 ވަނަ މިނެޓުގައި ޖެހީ ކަޕްރާރީ އެވެ.

ރޭ ރަށުން ބޭރުގައި އެޓަލާންޓާ ވަނީ ލާޒިއޯ އަތުން 4-1 އިން މޮޅުވެފަ އެވެ. މި މެޗުގައި އެޓަލާންޓާގެ އަލެހަންދްރޯ ގޯމޭޒް ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ ރޮބިން ގޮސެންސް އާއި ހަންސް ހަޓެބޮއާ އެވެ. ލާޒިއޯގެ ހަމައެކަނި ލަނޑު ޖެހީ ފެލިއްޕޭ ސައިސޭޑޯ އެވެ.

އިޓާލިއަން ލީގުގެ އެއްވަނާގައި 6 ޕޮއިންޓާއެކު ނަޕޯލީ އޮތް އިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އޮތީ 6 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން