ސުއާރޭޒް (ވ). މޮރާޓާ (މ). ވިޑާލް (ކ).
ސުއާރޭޒް (ވ). މޮރާޓާ (މ). ވިޑާލް (ކ).
ލުއިސް ސުއާރޭޒް އެތްލެޓިކޯ މެޑްރިޑަށް

ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ވިއްކާލަން ބާސެލޯނާ އިން އެއްބަސްވެއްޖެ އެވެ.

އެތުލެޓިކޯ މެޑްރިޑާ ގުޅެން ސުއަރޭޒް ނިންމާފައިމިވަނީ ޔުވެންޓަސް އާ ގުޅުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. އިޓަލީގެ ޕާސްޕޯޓު ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ ރަށްވެހި ކަމުގެ ޓެސްޓުގައި ސުއަރޭޒް މަކަރު ހެދި މައްސަލައެއްވެސް މިހާރުވަނީ ފެންމަތިވެފައެވެ.

މި ޓްރާންސްފަރ އާ ގުޅިގެން އެތުލެޓިކޯ އިން ބާސެލޯނާ އަށް އެންމެ ގިނަ ވެގެން ދައްކަން ޖެހޭނީ 4 މިލިޔަން ޔޫރޯ އެވެ. ބާސެލޯނާގައި އަހަރަކު މުސާރައިގެ ގޮތުގައި ސުއާރޭޒް އަށް 30 މިލިއަން ޔޫރޯ ލިބުނު ނަމަވެސް އެތުލެޓިކޯ ގައި ސުއާރޭޒްގެ މުސާރައަކީ ގާތްގަނޑަކަށް އަހަރަކަށް 15 މިލިޔަން ޔޫރޯއެވެ.

2014 ވަނަ އަހަރު ލިވަޕޫލުން 74 މިލިއަން ޕައުންޑަށް ބާސެލޯނާ އާ ގުޅުނު ސުއާރޭޒް ވަނީ އޭނާ އެޓިމަށް ކުޅުނު 6 އަހަރު ތެރޭގައި 283 މެޗުން 198 ގޯލު ޖަހައިފައެވެ. ސުއަރޭޒް ވަނީ ބާސެލޯނާ އާ އެކު ހަތަރު ލަލީގާ އާއި، 4 ކޮޕާ ޑެލް ރޭ، އެއް ކުލަބު ވޯލްޑް ކަޕު އަދި އެއް ޗެމްޕިޔަންސް ލީގު ހޯދައިފައެވެ.

އަލްވާރޯ މޮރާޓާ ޔުވެންޓަސް އަށް

ޓްރާންސްފަރ ބާޒާރުގައި ސްޕެއިންގެ ފޯވާޑު އަލްވާރޯ މޮރާޓާ ވަނީ ލޯނެއްގެ ދަށުން ކުރީގެ ކުލަބު ޔުވެންޓަސް އާއި އަލުން ގުޅިފައެވެ.

އެތުލެޓިކޯ މެޑްރިޑުން އެއް އަހަރުގެ ކޮންޓްރެކްޓަކަށް މޮރާޓާ ދޫކުރި ނަމަވެސް ދެ ފަރާތުން އެއްބަސް ވެގެން ލޯނުގެ މުއްދަތު އަދި އެއް އަހަރަށް އިތުރު ކުރުމުގެ އިހްތިޔާރު އޮންނާނެއެވެ. ނުވަތަ މޮރާޓާ ގަތުމުގެ އިހްތިޔާރުވެސް ޔުވެންޓަސް އަށް އޮންނާނެއެވެ.

މޮރާޓާ ޔުވެންޓަސްގައި ހުންނަ ކޮންމެ ސީޒަނަކަށް ޔުވެންޓަސް އިން އެތުލެޓިކޯ މެޑްރިޑަށް 10 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. ޔުވެންޓަސް އިން ފުރަތަމަ ސީޒަން ނިމުމަށް ފަހު މޮރާޓާ ގަންނަން ބޭނުންނަމަ ދައްކަން ޖެހޭނީ 41 މިލިޔަން ޕައުންޑެވެ. އަދި ދެވަނަ ސީޒަނެއް ނިމުމަށްފަހު ގަންނަ ނަމަ ދައްކަން ޖެހޭނީ 32 މިލިޔަން ޕައުންޑެވެ.

މީގެ ކުރިން މޮރާޓާ ވަނީ 2014 އިން ފެށިގެން 2016 އަށް ޔުވެންޓަސް އަށް ކުޅެ ދެ ލީގު ހޯދާފައެވެ.

އާޓޫރޯ ވިޑާލް އިންޓަރ މިލާނަށް

ބާސެލޯނާގައި ތިބި ދުވަސްވީ ކުޅުންތެރިން ދޫކޮށްލުމުގެ ސިޔާސަތުގެ ދަށުން އެޓީމުން ވަނީ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އިންޓަ މިލާނަށް ވިއްކާލާފައެވެ.

33 އަހަރުގެ ވިޑާލް އިންޓަ މިލާން އާ ގުޅިފައިވަނީ 1 މިލިޔަން ޔޫރޯ އަށެވެ. 2018 ވަނަ އަހަރު ބާސެލޯނާ އާ ގުޅުނު ފަހުން ވިޑާލް ވަނީ ބާސެލޯނާއަށް 11 ގޯލު ޖަހައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން