ލިވަޕޫލްގެ މާނޭ (މ).
ލިވަޕޫލްގެ މާނޭ (މ).
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗްތައް ލިވަޕޫލް، ޓޮޓެންހަމް އަދި ލެސްޓަރ ސިޓީ ކާމިޔާބު ކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މެޗް ކާމިޔާބުކުރީ ވަރުގަދަ ޗެލްސީ 2-0 ން ބަލި ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޗެލްސީގެ ޑިފެންޑަރު ކްރިސްޓެންސަން އަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. މި މެޗުގައި ލިވަޕޫލްގެ މާނޭ ވަނީ ދެ ގޯލު ޖަހައިފައެވެ. ފިރްމީނިއޯ ނެގި ހުރަހެއް ބޮލުން ޖަހައި މާނޭ ފުރަތަމަ ގޯލު ޖަހާއިފައިވަނީ 50 ވަނަ މިނެޓުގައެވެ. އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީގެ ކީޕަރު ކެޕާ ހެދި ގޯހަކުން މާނޭ ވަނީ ދެވަނަ ގޯލު ކާމިޔާބު ކޮށްފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ލިވަޕޫލް އާ އަލަށް ގުޅުނު ތިއާގޯ އޭރިއާ ތެރެއިން ވާނާ އަށް ކުރި ފައުލް އަކާއި ގުޅިގެން ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. ޖޯޖީނިއޯ ފޮުނުވާލި މި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަންވަނީ ދިފާއު ކޮށްފައެވެ.

ލީގުގައި ފުރަތަމަ ފަހަރަށް ޓޮޓެންހަމް މޮޅުވީ ސައުތެމްޕްޓަން އާއި ބައްދަލުކުރި މެޗު 5-2 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ސަން ޖެހި ހަތަރު ގޯލު ވެސް އެސިސްޓް ކޮށްދީފައިވަނީ ކޭން އެވެ. މެޗުގެ ފުރަތަމަ ގޯލު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސައުތެމްޕްޓަންގެ ޑެނީ އިންގްސް އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ކޭން ދިން ބޯޅައެއް ސަން ގޯލު ތެރެއަށް ފޮނުވައިލައިގެން ވަނީ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ސަން ވަނީ ފުލުފުލުން 3 ގޯލު ޖަހައިފައެވެ. އަދި އޭގެ ފަހުން ކޭން ވެސް ވަނީ ގޯލެއް ޖަހައި 5-1 އަށް ނަތީޖާ ބަދަލުކޮށްފައެވެ. މެޗުގެ 90 ވަނަ މިނެޓުގައި ސައުތެމްޕްޓަން އަށް ލިބުނު ޕެނަލްޓީއެއް ޑެނީ އިންގްސް ވަނީ ކާމިޔާބު ކޮށްދީފައެވެ. މި ގޯލާއެކު މެޗު ނިމުނީ 5-2 ކުން ޓޮޓެންހަމް މޮޅުވެގެންނެވެ.

ލީގުގައި ރޭ ލެސްޓާ މޮޅުވީ 4-2 ކުން ބާންލީ ބަލި ކޮށްގެންނެވެ. ރޭގެ މޮޅާއެކު ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ވަނީ ލީގުގައި 100 މެޗުން މޮޅުވެފައެވެ. މި މެޗުގައި ކްރިސް ވުޑްގެ ގޯލުން ފުރަތަމަ ލީޑު ނެގީ ބާންލީ އެވެ. ނަމަވެސް ދިހަ ވަރަކަށް މިނެޓު ފަހުން ލެސްޓާގެ ހާވީ ބާންސް ވަނީ ނަތީޖާ އެއްވަރު ކޮށްދީފައެވެ. ލެސްޓާ އަށް ލީޑު ލިބިފައިވަނީ އެރިކް ޕީޓާސް ޖެހި ބައި ގޯލަކުންނެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޖޭމްސް ޖަސްޓިން ލަނޑު ޖަހައި ލެސްޓާ އަށް ލީޑު ފުޅާ ކޮށްދިން ނަމަވެސް ބާންލީގެ ޖިމީ ޑޫން ވަނީ ލަނޑެއް ޖަހައި ބާންލީ އަށް ފަރަގު ކުޑަ ކޮށްދީފައެވެ. ނަމަވެސް ލެސްޓާގެ ޑެނިސް ޕްރެޓްވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 4-2 އަށް ހަދައިފައެވެ.

އިނގިރޭސި ލީގުގެ ޓޭބަލްގެ އެއްވަނައިގައި މިވަގުތު އޮތީ ލެސްޓަރ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން