ވޭލްސްގެ ފޯވަޑް ގެރެތު ބޭލް
ވޭލްސްގެ ފޯވަޑް ގެރެތު ބޭލް
ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްގެ ވޭލްސް ފޯވަޑް ގެރެތު ބޭލް، އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާއާ އަލުން ގުޅިއްޖެއެވެ.

އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގައި ބޭލް ޓޮޓެންހަމަށް ބަދަލުވި އިރު، ދުނިޔޭގެ ރެކޯޑް އަގަކަށް 2013 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް ބޭލް ރެއާލަށް ބަދަލުވީ 100 މިލިއަން ޕައުންޑްގެ އަގަކަށެވެ. ފުރަތަމަ ދެތިން ސީޒަން ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދައި، ބޮޑެތި ކާމިޔާބީތަކެއް އޭނާ ހޯދި އިރު، އަނިޔާއާއި ފޯމުގެ މައްސަލަތަކަށްފަހު ޒިދާންގެ ޓީމުން އޭނާ ބަކީވީ 2017 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

ރެއާލް އާ ގުޅުމަށް ފަހު ބޭލް ވަނީ 100 އަށް ވުރެ ގިނަ ގޯލު ޖަހައިދީ 4 ޗެމްޕިޔަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން 2 ލަލީގާ އާއި، ކޮޕާ ޑެލް ރޭ އެއްގެ އިތުރުން، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑް ކަޕްވެސް ރެއާލްއާ އެކު އޭނާ ހޯދިއެވެ.

މިދިޔަ ސީޒަނުގައި ވެސް ޓީމު ދޫކޮށްލަން އަންގާފައިވާ ބޭލްގެ ސޮއި ހޯދައި ޓޮޓެންހަމް ކުޅުންތެރިއަކަށް އޭނާވެފައިވާ ކަން ރެއާލް މެޑްރިޑާއި، ޓޮޓެންހަމުން ވެސް ރޭ ވަނީ އިއުލާން ކޮށްފަ އެވެ. ބޭލް ސައުތުހެމްޕްޓަން އިން ސްޕާސް އާ ގުޅުނީ އުމުރުން 17 އަހަރުގައި 5 މިލިޔަން ޕައުންޑަށެވެ. ޓޮޓެންހަމްއަށް މީގެ ކުރިން ކުޅުނު 203 މެޗުން ބޭލް ވަނީ 55 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޓޮޓެންހަމްއާއެކު ޕީއެފްއޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.

ބޭލްގެ އިތުރުން މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ސެވިއްޔާގައި މޮޅު ކުޅުމެއް ދެއްކި ރެގީލޯން ވެސް ވަނީ ރޭ ޓޮޓެންހަމަށް ސޮއިކޮށްފަ އެވެ. ޒުވާން ޑިފެންޑަރުގެ ސޮއި ޓޮޓެންހަމުން 35 މިލިއަން ޕައުންޑުގެ އަގަކަށް ހޯދި އިރު އޭނާ ކުރީ ސީޒަނުގައި ކުޅުނު ސެވިއްޔާއިން ވެސް ރެގީލޯން ހޯދުމަށް އައީ މަސައްކަތް ކުރަމުންނެވެ.

ޓްރާންސްފަރ ބާޒާރުގެ އެހެނިހެން ޚަބަރުތަކަށް ބަލާލާއިރު، ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ވަނީ ލިވަޕޫލަށް ބަދަލުވެފައެވެ. އުމުރުން 29 އަހަރުގެ ތިއާގޯ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ލިވަޕޫލަށް ސޮއިކުރީ 20 މިލިއަން ޕައުންޑް (26 މިލިއަން ޑޮލަރު) އަށެވެ. މި ފައިސާ ދައްކަން އެއްބަސްވެފައިވަނީ ހަތަރު އަހަރަށް ބަހާލައިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތުގައި ލިވަޕޫލްގައި ހުރެ ތިއާގޯ ހޯދާ ކާމިޔާބީތަކަށް ބެލުމަށް ފަހު ލިވަޕޫލުން އިތުރު 7 މިލިއަން ޑޮލަރު ދޭން ޖެހޭ ގޮތަށް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ.

ތިއާގޯގެ އިތުރުން ވުލްވްސްގެ 23 އަހަރުގެ ފޯވާޑު ޑިއޯގޯ ޖޯޓާ ވަނީ 45 މިލިޔަން ޕައުންޑަށް ލިވަޕޫލް އަށް ބަދަލުވުމަށް އެއްބަސް ވެފައެވެ. ޖޯޓާ ވެގެން ދާނީ ލިވަޕޫލް އިން މި ޓްރާންސްފަރ ވިންޑޯގައި ގެންނަ ތިން ވަނަ ކުޅުންތެރިޔާ އަށެވެ. ތިއާގޯ އަދި ސިމިކަސް އަކީ ލިވަޕޫލް އިން ފުރަތަމަ ގެނައި ދެ ކުޅުންތެރިން ނެވެ. ޖޯޓާ އެތްލެޓިކޯ އިން ވުލްވްސް އާ ރަސްމީކޮށް ގުޅިފައި ވަނީ 2018 ގައެވެ. އޭގެ ކުރިން ލޯނެއްގެ ދަށުން ޖޯޓާ ވަނީ 2017 ގައި ވުލްވްސް އަށް ކުޅެފަ އެވެ. ޖޯޓާ ވުލްވްސް އާ ގުޅުނީ 12.8 މިލިޔަން ޕައުންޑަށެވެ.

ޖޯޓާ ވަނީ ވުލްވްސް އަށް 131 މެޗު ކުޅެދީ 44 ގޯލު ޖަހައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ގައި ދެ ހެޓްރިކް ވެސް ޖޯޓާ ވަނީ ހަދައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން