ބީއެމްއެލް އޭޓީއެމް ސެންޓަރެއް
ބީއެމްއެލް އޭޓީއެމް ސެންޓަރެއް
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާ ހުރެ، މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ކޮންމެ މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތައް ދަށްކުރުމަށް މިއަދު ނިއްމައިފިއެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރު ކަމަށާއި، ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރު ކަމަށެވެ. އެ ބަދަލު ގެންނަން މަޖުބޫރުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރު މަދުވުމުގެ މައްސަލަ ހައްލު ކުރުމަށާއި ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު މަދުކުރުމަށް ޓަކައި ކަމަށް ބީއެމްއެލުން ބުނެ އެވެ.

"ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މި ފިޔަވަޅު އަޅަން މަޖުބޫރު ވީ އެވެ." ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބީއެމްއެލްއިން އަދި ބުނީ މި ބަދަލާ ގުޅިގެން ބޭންކުގެ 95 ޕަސެންޓު ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެކަމަށެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެއްކަމަށާއި، ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން އިއާދަ ކުރާނެ ކަމަށްވެސް ބޭންކުން ބުނެއެވެ. ލިމިޓްތައް ކަނޑައެޅިފައި މިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށް އެކަނި ކަމަށް ވެސް ބީއެމްއެލްއިން ހާމަކުރެއެވެ.

ބީއެމްއެލް އިން ބުނީ ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ ކަމަށެވެ. މި ގޮތުން ޑޮލަރު އެކައުންޓަކުން ދުވާލަކަށް 3000 ޑޮލަރުގެ މުއާމަލާތްކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.ބީއެމްއެލްގެ ކުއްލި މިނިންމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ބަޔަކީ މިދަތި އުނދަގޫ ދަނޑިވަޅުގައި އެކިއެކި ޒަރޫރީ ބޭނުން ތަކުގައި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ފަރާތްތަކަށެވެ. ބީއެމްއެލްގެ މިނިންމުމާއި ގުޅިގެން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ދަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން