ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ވައިގެ ބަނދަރު ތަކުގައި ޤާއިމު ކުރުމަށް ކެމެރާތަކެއް ގެނައީ ޢަލީ ވަހީދު ކަމަށް ބުނާ އޯޑިއޯއެއް ލީކުވިއެވެ. މި އޯޑިއޯގައި ވަނީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ އަޑުކަން މި އޯޑިއޯއާއި ގުޅިގެން އުފެދުނު ދެބަސްވުމެއްގެތެރެއިން އެނގިގެން ދިޔައެވެ. މި އޯޑިއޯގައި ހެލްތު މިނިސްޓަރ އަމީނަށް ގޮންޖަހާލަމުން އަލީ ވަހީދު ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ގުޅިގެން ރާއްޖެއަށް އަންނަ މީހުން ސްކްރީން ކުރުމަށް ކެމެރާތައް ގެނައީ އޭނާ މެދިވެރިވެގެން ކަމަށެވެ. އަމީނަށް މިކަން ވެސް ކޮށްނުލެވުނު ކަމަށާއި މިކަމާއި ގުޅިގެން ރައީސް ޞާލިޙުގެ އަރިހުގައި “މެޑަލް” ޖައްސަވާލެއްވި ކަމަށް ސިފަވާ ގޮތަށްވެސް މި އޯޑިއޯގައި ޢަލީ ވަހީދު ވާހަކަ ދައްކަވައެވެ.

ކޮންމެ އަކަސް އަލީ ވަހީދުގެ މި އޯޑިއޯގައި ހުރި ވާހަކަ ތަކާއި މިއަދު ކަންކަން ހިނގަމުންދާ ގޮތާއި ފެންނަ މަންޒަރުތަކާމެދު ފުންކޮށް ވިސްނާލުމުން އެ އޯޑިއޯގައި އަލީ ވަހީދު މިނިސްޓަރ އަމީނާއި ގުޅޭ ގޮތުން އެދެއްކެވި ވާހަކަތަކާއި ރައީސް ޞާލިޙުގެ އަރިހުގައި އަލީ ވަހީދަކީ ވަރުގަދަ “މީހެއް” ކަން ކަށަވަރުވެއެވެ.

އެއްވެސް ކަމެއް ނުކޮށް “ގުޅަތަށްޓެއް ކާލައިގެން” ގޮތް ދައްކަން ފޮޓޯ ނަގަން އުޅޭ މިނިސްޓަރެއް ކަމަށް އަލީ ވަހީދު ސިފަ ކުރައްވާ ވާހަކަ ދައްކަވާފައިވާއިރު މިނިސްޓަރ އަމީންގެ އަރިހުގައި އެންމެ ގިނައިން މިހާރު ފެންނަ ބޭފުޅަކީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. ކޮރޯނާވައިރަހާއި ގުޅިގެން ސަރުކާރުން ބުނާ ކޮންމެ ބަހެއްގެ ބޮޑު ބައި ވިދާޅުވަމުން ގެންދަވަނީ އަލީ ވަހީދެވެ. އަމީނަށް ބަހެއް ވިދާޅުވާން ލިބެނީ އަލީ ވަހީދު ފުރުޞަތު ދެއްވިއްޔާއެވެ. ހަމަގައިމުވެސް އެދެބޭފުޅުން އެކުގައި ކެމެރާގެ ކުރިމައްޗަށް އަރާވަޑައިގަންނަވާނީ ފަރުދާގެ ފުރަގަހުގައި “ހޯމް ވޯކް” ހައްދަވައިގެންތާއެވެ.

މިދެންނެވި ގޮތަށް ދެބޭފުޅުން “ހޯމް ވޯކް” ހައްދަވާއިރު ވެސް ކެމެރާ ކުރިމަތީގައި އެކުގައި ތިއްބަވާއިރުވެސް އަދި ޕްރެސް ނިންމާލާފައި ސައިފޮދު ހިއްޕަވަން ވެދެވަޑައިގަންނަވާއިރުވެސް ދެބޭފުޅުންގެ ވެސް އިހުސާސް ތަކެއް ހުންނާނެއެވެ. ދެބޭފުޅުންވެސް މިދެންނެވި އޯޑިއޯގެ މަތިން ހަނދުމަފުޅުވާނެއެވެ. ހިތާހިތާ ކޮންމެވެސް އެއްޗެކޭ ވިދާޅުވެވޭނެއެވެ.

ކޮންމެއަކަސް ކޮރޯނާވައިރަހާއި ގުޅިގެން މައުލޫމާތު ހާމަ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވަނީ މިނިސްޓަރ އަލީ ވަހީދެވެ. މި ނޫސްކޮންފަރެންސް ތަކުގައި ސަރުކާރުގެ ސިޔާސަތުތައް ވެސް ހާމަ ކުރައްވަނީ އަލީ ވަހީދެވެ. ރާއްޖޭގައި ބަލީގެ ހާލަތާއި ގުޅިގެން ހިންގަމުން ގެންދާ ހަރަކާތްތަކާއި މިހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ލޮޅުންތަކާއި އިޤްތިޞާދު ނަގާ ކޮޅަށް ޖެހޭނެ ގޮތާއި، މިހެންގޮސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި މިހާރުގެ ހާލަތާއި ގުޅުވައިގެން ސުވާލު ކުރިއަސް ހަމަ “ޓަސްލާފައި” ޖަވާބު ދެއްވަނީ އަލީ ވަހީދެވެ.

ކޮރޯނާވައިރަހާ ގުޅިގެން އަލީ ވަހީދުގެ ވިދުން ގަދަވަމުން ގޮސް އެންމެ ފަހުން ފެނިގެން ދިޔައީ ކޮރޯނާވައިރަސް ފުރަތަމަ ފެތުރޭންފެށި ޗައިނާގައި ފެނުނު މަންޒަރުތަކުގެ ތެރެއިން ގިނަ ބަޔަކު ޚައިރާންކޮށްލި ދެ ހަފުތާއިން ވަގުތީ ހޮސްޕިޓަލެއް އިމާރާތް ކޮށްލި ފަދަ މަންޒަރެކެވެ.

އަލީ ވަހީދު ތައްޔާރު ކުރެވީ ކަރަންޓީން ފެސިލިޓީއެކެވެ. ގޮނޑަކަށް ވެފައި އޮތް ފަޅުރަށެއްގައި ބިން ސާފުކޮށްގެން 10 ދުވަހުގެ ތެރޭގައި 30 ކޮޓަރީގެ މި ކަރަންޓީން ފެސިލިޓީ ނިންމާލަފައި ޓައިމްލައިން ފޮޓޯތަކާއެކު އަލީ ވަހީދުގެ މި މަސައްކަތް މީސް މީޑިޔާގައި ދައްކާލުމުން ހަމަ “ސޮނި” ވެއްޓޭވަރުވީ މީހުންވެސް ތިބި ކަމަށް ވެއެވެ. ރާއްޖޭގެ އާބާދީއާއި ހާލަތަށް ބަލާއިރު 30 ކޮޓަރީގެ ކަރަންޓީން ފެސިލިޓީއަކީ ހަމަ ޗައިނާއިން ގާއިމުކުރި ފަދަ ވަގުތީ ހޮސްޕިޓަލާއި އަޅާ ނުކިޔޭނެ ތަނެއް ނޫނެވެ.

އަލީ ވަހީދުގެ އޯޑިއޯގައި އެވިދާޅުވާ ގޮތަށް ރައީސް ޞާލިޙުގެ އިތުބާރު ލިބޭވަރަށް އޭނާގެ މަސައްކަތުންވެސް އެބަ ނަތީޖާ ދައްކަވައެވެ. އަދި ޕްރެސް ކޮންފަރެންސް ތަކުގައި އެވިދާޅުވާ ވަރުގަދަ ބަސްތަކާއި ދެއްވާ ސްޓޭޓްމަންޓް ތަކަކީ ރައީސުލްޖުމްހޫރިއްޔާ އެވާހަކަތައް ވިދާޅުވާން ބޭނުންފުޅު ވިޔަސް ކެބިނެޓުގެ ބަހެއް ނެތި ވިދާޅު ނުވާނެ ފަދަ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުންހުރި ސްޓޭޓްމަންޓް ތަކެކެވެ.

މިވޭތުވެދިތަ ހަފުތާގެ ސިޔާސީ މަޝްރަހުގެ އޮއިވަރު ހުރި ގޮތަށް ބަލާއިރު މިނިސްޓަރ އަމީންގެ “ރޭޓިންގ” އުޅެނީ ތަންކޮޅެއް ދަށުގައެވެ. މަޖިލީހުގައި ކޮރޯނާވައިރަހާއި ގުޅިގެން ވާހަކަ ދެކެވުނު ދެދުވަހުވެސް “އެފަކީރު ކަތިލައި” ނިންމައިފިއެވެ. “ކަތިލީ” އާދައިގެ ބޭފުޅެއް ނޫނެވެ. އެމްޑީޕީގައާއި ރައީސް ޞޯލިޙާއި ރައީސް ނަޝީދުގެ އަރިހުގައި ވެސް ސިޔާސީ ގޮތުން ބަސްވިކޭ ވަރަށް ފުންނާބުއުސް އެއްނަމްބަރުގެ ބޭފުޅެއް ކަމަށްވާ ހަސަން އަފީފެވެ. އެބުނާ އަލީ ވަހީދުގެ އޯޑިއޯގައި މިނިސްޓަރ އަމީނަށް ވަށިވަށިން ދެއްވީ ސަބަބުތަކެއް އޮތީމާކަން މިހާރު ގަބޫލުކުރަން މަޖުބޫރެވެ.


ކިޔުންތެރިންގެ ހިޔާލު


13

ޢަލީ ވަހީދު

18-Apr-2020

ނޫސްވެރިންގެ ޒިންމާއަކީ ފިތިނަފަސާދަ އުފެއްދުންތަ. މި ދެން ކޮންހަބަރެއް..ޓްރެންޑިން