މުހައްމަދު ރަފީއުގެ އަޑުން ލަވަކިޔާ، 'ޗޯޓޭ މުހައްމަދު ރަފީއު' ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ، ސައުރަވް ކިޝަން
މުހައްމަދު ރަފީއުގެ އަޑުން ލަވަކިޔާ، 'ޗޯޓޭ މުހައްމަދު ރަފީއު' ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ، ސައުރަވް ކިޝަން
ކަޅާއިހުދުގެ މަންޒަރު ތަކުގެ ޒަމާނުގައި ހިންދުސްތާން ފިލްމީ ދުނިޔެއަށް ތަޢާރަފުވެ ހިންދުސްތާނު ފިލްމީ ދުނިޔޭގައި އެންމެ ބޮޑު މަޝަހޫރު ކަމެއް ހޯދި އަދި އެންމެ ގިނަ ބަޔަކު އެއަޑެއް ދެކެ އެންމެ ލޯބިވި މަގުބޫލު އަޑަކީ މަރްހޫމް މުޙައްމަދު ރަފީޢުގެ އަޑެވެ. މުޙައްމަދު ރަފީޢުގެ މަސްތުގައި ޖެހުނީ ހަމައެކަނި އިންޑިއާގެ ރައްޔިތުންނެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު އެއަޑަކަށް އެންމެ ޝައުޤުވެރިވާ އެންމެ މަގުބޫލު އަޑަކީ ރަފީޢުގެ އަޑޭ ދެންނެވުމަކީ ކުށަކަށް ނުވާނެެއެވެ. މިގޮތުން މި ދިވެހި ރާއްޖޭގައި ވެސް އަދިވެސް އެންމެ ގިނަ ބަޔަކު ދަންނަ އެންމެ ގިނަ ބަޔަކަށް މަގުބޫލު އެއް އަޑަކަށް ރަފީޢުގެ އަޑު ވާނެއެވެ.

މުޙައްމަދު ރަފީޢު އަޅުގަނޑުމެންނާ ވަކިވިތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަކު އޭނާގެ އަޑު އަދިވެސް މިދުނިޔޭގައި އޭނާގެ އަޑަށް ލޯބިކުރާ މީހުންނާއި އެކުގައި ވާ ކަހަލައެވެ. އެންމެ ބޮޑު އަޖާއިބަކީ އަދިވެސް ދެގޮތެއް ނުވެ، ފޫހި ނުވެ ގިނަ ބަޔަކު އަޑުއަހާ އަޑަކީ ރަފީޢުގެ އަޑަށްވާ ކަމެވެ. އަނެއްކޮޅުން ރަފީޢު މި ދުނިޔެއާއި ވަކިވެ ދިޔަފަހުން ދުނިޔެއަށް އުފަންވި އެތައް ބަޔަކަށް ވެސް ރަފީޢުގެ އަޑު ކަމުދިއުމަކީ ހަމަ އަޖާއިބެއް ފަދަ ކަމެކެވެ.

މުހައްމަދު ރަފީއުގެ ގިނަލަވަތަކަކީ މިހާރުވެސް ހަމަ އިއްޔެއެކޭ އެއްފަދައިން މަޝްހޫރުކަމާއި މަގުބޫލުކަމަށް ފަނޑުކަމެއް ނާންނަ ލަވަތަކެކެވެ. ލަވައިގެ ދުނިޔޭގައި މަޝްހޫރު ފަންނާނުންނާއި މިފަހުން އަރަމުން އަންނަ ފަންނާނުންވެސް މުޙައްމަދު ރަފީޢުގެ ލަވައެއް ކިޔާލެވޭތޯ މަސައްކަތް ކުރަނީ އެލަވަ ތަކަށް މީހުން އަދިވެސް ލޯބި ކުރާތީއެވެ. އަދިވެސް ގިނަ ބަޔަކު ފޫހިކަމެއް ނެތި އަޑު އަހާތީއެވެ. މުހައްމަދު ރަފީއުގެ މަޝްހޫރު ލަވަތައް ހަމަ އެގޮތަށް، އެއަޑުން ކިޔާލެވޭތޯ ގިނަ ބަޔަކު މަސައްކަތް ކުރަނީ، މުހައްމަދު ރަފީއުގެ މަޝްހޫރު ލަވަތައް ރަފީޢުގެ އަޑުން ނުވަތަ ރަފީޢާ ވައްތަރު ގޮތަކަށް ކިޔާލުމުން ގިނަ ބަޔަކު އެލަވަކިޔުންތެރިއަކާމެދު ޚާއްޞަ ނަޒަރަކުން ދެކި އެމީހަކަށް ތަޢުރީފު ކުރާތީއެވެ. މިހާރުވެސް މިދެންނެވި ފަދަ ލަވަކިއުންތެރިން ސްޓޭޖްތައް ފަޅުފިލުވައިދޭ، ދެގޮތެއް ނުވާ ލަވަތަކުގެ ތެރޭގައި، ކިޔާ ހުވާ ތޭރާ ވާދާ، ބަހާރޯނ ޕޫލު ބަރްސާއޯ، ލިއްކޭ ޖޯ ހަތު ތުޖޭ، ޔޭ ޗާންދް ސަ ރޯޝަން ޗެހެރާ ފަދަ ލަވަތައް ފާހަގަ ކޮށްލެވެއެވެ.

ދޭތެރެ ދޭތެރެއިން ރަފީޢުގެ ހަނދާންތައް އާކޮށްދޭ ލަވަކިއުންތެރިން އިންޑިއާގެ ލަވައިގެ ދުނިޔެއަށް އުފަންވެ ރަފީޢުގެ މަޝްހޫރު ކަމުގެ ހިޔަނީގައި މަޝްހޫރުކަން ވެސް ހޯދައެވެ. އެގޮތުން މިހާރު އަނެއްކާވެސް މިއުޅެނީ އިންޑިއާއަށާއި މުޅި ދުނިޔެއަށް އެފަދަ ތަރިއެއް އަރައިގެންނެވެ. ކަންފަތުގައި އެއަޑު ޖެހުމުން ހަމަ ދަނީ ހީބިހި ނަގައިގެންނެވެ. އޭނާ ނުފެނި އަޑު އިވުމުން ހަމަ ސުވާލު އުފެދޭނެއެވެ. އެއީ ހަމަ ރަފީޢުގެ ސަޅި ރީތި އޮމާން އަޑެވެ. ތަފާތެއް ނެތެވެ. ހަމަ ކޫރުމެއް ވެސް ނެތެވެ.

ސައުރަވް ކިޝަން އަކީ މިހާރު މަތީ ތަޢުލީމު ހާސިލު ކުރާ ދަރިވަރެކެވެ. އޭނާ ޗައިނާގައި ގެންދަނީ މެޑިސިންގެ ދާއިރާއިން މަތީތަޢުލީމް ހާސިލު ކުރަމުންނެވެ. އިންޑިއާގެ މަޝްހޫރު ފަންނާނުންނާ މަޝްހޫރު މުއްސަދި މީހުން ވެސް ދަނީ ސައުރަވްގެ ވާހަކަ ޓްވީޓް ކުރަމުންނެވެ. ކެރެލާގެ ކޯޒިކޯޑަށް އުފަަން ސައުރަވް ކިޝަން މަޝްހޫރީކީ ހަމައެކަނި ކެރެލާއަކު ނޫނެވެ. އޭނާގެ ވާހަކަ މުޅި އިންޑިއާގައި އެބަ ދައްކައެވެ. ޔޫޓިބާއި ފޭސް ބުކްގެ ފޭނުން އެހާ ގިނައެވެ.

"ރަސް އޮންލައިން" ގެ ޓީމުން މިވަނީ މިދެންނެވި މުހައްމަދު ރަފީއުގެ އަޑާ ނުވަތަ "ޗޯޓޭ ރަފީއު" ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ، އިންޑިޔާގެ ކެރަލާއަށް އުފަން އުމުރުން އެންމެ 23 އަހަރުގެ ސައުރަވް ކިޝަން އާ ވާހަކަ ދައްކާލާ މި ނޫހުގެ ކިޔުންތެރިންނަށް އޭނާއާއި ބެހޭ އިތުރު މަޢުލޫމާތު ގެނެސްދިނުމަށް މަސައްކަތް ކޮށްލާފައެވެ. އަޅުގަނޑުމެންގެ ޓީމަށް ވަގުތު ކޮޅެއް ހުސް ކޮށްލަދިނީތީވެ، ސައުރަވް ކިޝަންއަށް އަޅުގަނޑުމެންގެ ޓީމުން ޝުކުރު އަދާކުރަމެވެ.

ރަސް: "ޗޯޓޭ މުހައްމަދު ރަފީއު" ގެ ނަމުން މަޝްހޫރު ވެފައި ވާއިރު، މުހައްމަދު ރަފީއުގެ އަޑުން ލަވަކިޔޭކަން އެނގުނީ ކިހިނެއް؟

ޝައުރަވް: ލަވަ މުބާރާތެއްގަ ބައިވެރި ވިއިރު، މަލަޔާލަމް ގެ މަޝްހޫރު މިއުޒިކް ޑިރެކްޓަރެއްގެ ލަފާގެ މަތިން މުހައްމަދު ރަފީއުގެ ލަވަތައް ކިޔަން ފެށުނީ، އޭގެ ފަހުން "ޗޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޯޓޭ ރަފީއު" ގެ ނަން މީހުން ކިޔަންފެށީ، އަދި އެނަން ހަރުލީ.

ރަސް: މިހާތަނަށް، ލަވަކިއުމުގެ ކޮން މުބާރާތް ތަކަކު ބައިވެރި ވެވުނީ؟

ސައުރަވް: 2010 ވަނަ އަހަރު، ގަންދަރްވަ ސަންގީތަމް ޖޫނިއަރ. މިމުބާރާތުން ސެމީ ފައިނަލިސްޓެއްގެ މަގާމް ލިބުނު.



ރަސް: ކުރީގެ ލަވަތައް އަޑު އަހަންތަ ނޫނީ ހަމަ އެކަނި މުހައްމަދު ރަފީއުގެ ލަވަތައް އެކަނިތަ އަޑުއަހާ ހިތްވަނީ؟

ސައުރަވް: މުހައްމަދު ރަފީއުގެ ލަވަތަކަކީ އަބަދުވެސް ހިތް އުފާ ކޮށްލަދޭ ލަވަތަކެއް. އަދި ކުރީގެ ލަވަތައް ވަރަށް ކަމުދޭ، މުހައްމަދު ރަފީއުގެ އިތުރުން ކިޝޯރް، މަހެންދްރަ ކަޕޫރް، ހެމަންތު ކުމާރު، ލަތާ، އާޝާ، މަންނާ ޑޭ ސާބް އަދި މުކޭޝް ގެ ލަވަތައް ވަރަށް ހިތްގައިމު.

ރަސް: މުހައްމަދު ރަފީއު ގެ ލަވަތަކަށް ލޯބި ޖެހުނީ ކިހިނެތް؟

ސައުރަވް: ކާފަގެ ގްރެމަފޯން އިން ވަރަށް ގިނައިން މުހައްމަދު ރަފީއުގެ ލަވަތައް ޖަހާނެ، ބައެއް ފަހަރު ހެނދުނު ހޭލައިގެން، ނިދަން އޮށޯންނަންދެންވެސް މުހައްމަދު ރަފީއުގެ ލަވަތަކުގެ އަޑު ނުކެނޑޭ، މިއީ ބޮޑަށް ހިތް ޖެހުނު ގޮތަކީ.

ރަސް: މުހައްމަދު ރަފީއުގެ ލަވަތަކުގެ އިތުރުން އެހެން ލަވަކިއުންތެރިއެއްގެ ލަވައެއް ކިޔާލާ އާންމުކުރުމަށް ވިސްނަންތަ؟

ސައުރަވް: އާނ! މިއުޒިކަށް ވަރަށް ލޯބިކުރަން، އެހެންވީމަ އެހެން ފަންނާނުންގެ ލަވަތައްވެސް ކިޔާހިތްވޭ.

ރަސް: މިއުޒިކީ ދާއިރާއިން ކުރިއަށް ދިއުމަށް އެއްވެސް ވަރަކަށް ވިސްނަންތަ؟

ސައުރަވް: އާނ! ވަރަށް ބޭނުން އެކި ކަހަލަ މިއުޒިކް ތަޖްރިބާ ކޮށްލާ މިދާއިރާއިން ކުރިއަށް ދާން.

2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މުހައްމަދު ރަފީއުގެ ހަނދާނުގައި ކެރަލާގެ ކަލިކަޓް ގައި ބޭއްވޭ ޝޯތަކުގައިވެސް ލަވަކިޔާފަ ހުންނާނެ.

ރަސް: އެއްވެސް ވަރަކަށް އަމިއްލައަށް ލަވައެއް އުފައްދަން ހިޔާލު ކުރަންތަ؟

ސައުރަވް: މިހާރު އެބަކުރެވޭ ކޮންމެވެސް ވަރަކަށް އަމިއްލަ ލަވައެއް އުފެއްދުުމުގެ މަސައްކަތް.

ރަސް: ސައުރަވް ގެ ގިނަ ލަވަތަކެއް ޔޫޓިއުބުން މުޅި ދުނިޔެއަށް އާންމު ވެފައިވާއިިިިިިިިިިިިިިިިިިިިިިިިިރު، ދިވެހި ރާއްޖޭގަ ވެސް އެބަތިބި ސައުރަވް ގެ ފޭނުން، ކީކޭ ހުރިހާ ފޭނުންނަށް ބުނެލަން ބޭނުމީ؟

ސައުރަވް: ވަރަށް ބޮޑަށް ޝުކުރިއްޔާ، ދެމުންދާ ތަރުހީބަށް، މިހުރިހާ ކަމެއްވެސް ހީވަނީ ފޮނި ހުވަފެނެއްހެން، ހޭލާކަށްވެސް ބޭނުމެއް ނުވޭ. އެންމެންގެ ފަރާތުން ލޯތްބާ ތަރުހީބު ލިބިގެން ކުރިއަށްދާން ބޭނުމީ ވެސް.

"ރަސް އޮންލައިން" ގެ ޓީމުން އެދެނީ ސައުރަވް ކިޝަން މިއުޒިކީ ދާއިރާއިން ކުރިއަށް ދިއުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު މަސައްކަތަކަށް ވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން