[އާނ، ބުނެބަލަ....] ފަޒްލާއަކީ ނިކަން ހުޝިޔާރު އަންހެން ކުއްޖެކެވެ. ކޮންމެފަދަ ކަމަކާ ކުރިމަތިލާކަށްވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. ސަތޭކަ ފަންސާސް ފޫޓްގެ ދިގު ރުކަކަށް އަރަން ޖެހުނަސްވެހެވެ.

[ޝަބްނަމް މިގެޔަށް ގެނެސްދީފާނަންތަ؟] ޒައިދު މިހެން ބުނީމާ، ހޭވައްލާ ތައްޔާރޭ ބުނެފައި، ފަޒްލާ އޭނާގެ އެކުވެރި ކުދިންތަކާއެކު ނުކުމެގެން ހިނގައިގެންފިއެވެ.

[އޭނަ އެއްވެސް ކަމަކަށް ފަހެއްނުޖެހޭނެ. ޔަޤީން މިއަދު އިރުއޮއްސުމުގެ ކުރިން ޝަބްނަމް މިގެޔަށް ވައްދާނެ.] ފަޒްލާމެން ދިޔުމުން ފަޒްލާއަށް އިޝާރާތް ކޮށްފައި ޒައިދު ބުންޏެވެ.

[އެހެންތަ؟] އުފާވެފައި ހުރި ރިޝްފާނަށް ފުން ނޭވާއެއްލެވުނެވެ. އެވަގުތުން ފެށިގެން ރިޝްފާނަށް ވަގުތު ގުނަން ފެށުނެވެ. ހިތްއެދޭ ބައިވެރިޔާގެ އިންތިޒާރުގައެވެ.

[ގަޑީގެ ކަށި އެނބުރުން މިއަދު މާ ލަސްހެން ހީވަނީ.] ގަޑިއަށް ބަލަން ހުރެފައި ރިޝްފާން ބުންޏެވެ. ޒައިދަށް ދެފަރާތަށް ބޯހޫރާލެވުނީއެވެ. އެހިނދު ޒައިދުގެ ހިތަށްއެރިއެވެ.

[ރިޝްފާންގެ މަޢުޞޫމް ހިތް ފަތަޙަ ކުރުމުގައި ޝަބްނަމަށް ލިބިފައިވަނީ ކޮންފަދަ ބާރެއް ހެއްޔެވެ. ރިވެތިކަމާއި ފުރިހަމަކަމުގެ ގޮތުގައި އޭނާގެ ފުށުން ރިޝްފާނަށް ފެނިގެން އެއުޅެނީ ކޮން ސިފަތަކެއްބާއެވެ. ގައިމެވެ. ޖާދުވީ އަންހެން ކުއްޖެއްގެ ރީތި އެއްވެސް ސިފައެއް ޝަބްނަމްގެ ކިބަޔަކު ނެތެވެ. އެކަމަކު ރިޝްފާނަށް އޭނާ ރީތިވެއްޖެއެވެ. ރީތި ހުސްކޮށްފައިވާ ކުއްޖެއްގެ ގޮތުގައި، އެ ކަޅު ޗަބީ އަންހެން ކުއްޖާ ސިފަކުރަން ފަށައިފިއެވެ. ރަނގަޅެވެ. އެހެން ވެދާނެއެވެ. ލޯތްބަކީ އަނދިރި އެއްޗެއްވިއްޔާއެވެ.

[ޒައިދު....އާގަމަވެފައި ތިހުންނަނީ ކޮންކަމަކާ؟] ޒައިދުގެ ޚިޔާލީ ވާފަށް ކަނޑާލީ ރިޝްފާނެވެ.

[ލޯތްބަކީ ހަމަ ޙަޤީޤަތުގައިވެސް ކަނު އެއްޗެކޭ ހިތަށްއެރީ....އަހަރެންގެ ކޮން ސިފައެއް ހުރެގެންތަ، މަލީޙާ އަހަރެންދެކެ އެވަރަށް އެ ލޯބިވަނީ...ރިޝްފާނަށް އެނގޭތަ، މިއަދުވެސް ދެތިންފަހަރު ގުޅައިފި....] ރިޝްފާނަށް ނޭނގޭގޮތަށް ޒައިދު މަލާމާތް ކުރިއެވެ. ނަމަވެސް، ރިޝްފާނަކަށް ނުވިސްނުނެވެ. އެކަމަކު ޒައިދު އެބުނީ ސީދާ ޝަބްނަމްގެ ވާހަކައެވެ. ޝަބްނަމްފަދަ ކުއްޖަކަށް ރިޝްފާންގެ ހިތް ފިދާވާތީ، އޭނާ އެހުންނަނީ ޢަޖައިބުވެފައެވެ.

[ޒައިދު ތީ ނުލާހިކު ސްމާރޓް ފިރިހެނެއްނު.] ރިޝްފާން މިހެން ބުނެފައި، ގޭގެ މައިދޮރާ (ވަންނަ ދޮރާ) ދިމާއަށް ބަލައިލި ވަގުތަކީ، ފަޒްލާ ދޮރުން އެތެރެޔަށް ވަން ވަގުތެވެ. އޭނާގެ ފަހަތުން ކުރިންވެސް އޭނާޔާއެކު އެގެޔަށް އައި ތިން އަންހެން ކުދިންގެ އިތުރުން، ޖާނުވަރު ހުރި ކަޅު އަންހެން ކުއްޖަކުވެސް ވަދެއްޖެއެވެ.

[ކޮބާ ޝަބްނަމް....] އިތުރު ކުއްޖަކު ވަދޭތޯ ރިޝްފާންގެ ނަޒަރު އަމާޒުވެފައިވަނީ މައިދޮރާ ދިމާއަށެވެ.

[މިއެއްނު ޝަބްނަމަކީ.] ޖާނު ވަރުހުރި ކަޅު އަންހެން ކުއްޖާއަށް އިޝާރާތްކޮށްފައި، ފަޒްލާ ބުންޏެވެ. ލިބުނު ޙައިރާންކަމާއެކު ރިޝްފާންގެ ދެލޯ ތައްމިނަށް ހުޅުވުނެވެ.

[ޝަބްނަމޭ!؟] ތީ ޝަބްނަމެއް ނޫން....] ރިޝްފާން ބޯހޫރާލިއެވެ. ރިޝްފާން އެހެން ބުނީމާ، އެންމެނަށްވެސް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ޚުދު ޝަބްނަމްވެސް ހުރީ ވާނުވާ ނޭނގޭތީ ޙައިރާންވެފައެވެ.

[ކީއްކުރަން އަހަރެން މިތަނަށް ގެނައީ!؟] ޙައިރާންވެފައި ހުރި ޝަބްނަމް، ފަޒްލާ ގާތު އެއްސެވެ. ފަޒްލާ އިޝާރާތްކުރީ ރިޝްފާނަށެވެ. އޭނާ ބުނެގެނޭ ބުނާފަދައިންނެވެ.

[ތީކީ އަހަރެންގެ ޝަބްނަމެއް ނޫން.] ރިޝްފާން ވީ ފޫހިން ކޮޓަރިއަށް ވަދެއްޖެއެވެ. އެހެން ކަންތައް ދިމާވުމުން، ޝަބްނަމް ގަތީކީ އަމަށަކު ލަދެއް ނޫނެވެ. ދެނެކާ ދެނެއް ނެތެވެ. އޭނާ އެގެއިން ނުކުމެގެން ހިނގައިގަތީ ފަޒްލާމެނާ ދިމާއަށް ކުދިކިޔަމުންނެވެ.

ރިޝްފާން ކޮޓަރިޔަށް ވަންގޮތަށް އެނދުގައި އޮށޯވެ އޮތެވެ. މިހާރު އޭނާގެ ޚިޔާލީ ތަޞްވީރަށް ސިފަވަމުން ދަނީ، އެ ހިތްގައިމު އަންހެން ކުއްޖާއެވެ. ފަތިހުގެ ފިނި ފައިބާ ވަގުތު ބަގީޗާތެރެއިން ދިމާވެ، އޭނާގެ ޒުވާން ހިތް އެދިމާއަކަށް ލެންބުވި ޖާދުވީ ކަމަނާއެވެ. ހަމަ ރަނގަޅަށް އޭނާ ހަނދާން އެބަހުއްޓެވެ. އެކުއްޖާ އޭނާގެ ނަމެއް ކަމަށް ބުނެފައިވަނީ ޝަބްނަމެވެ. ޝަބްނަމްގެ ބައްޕައަކީ އިންޑިޔާގެ ރައްޔިތެކޭ ބުނި ހަނދާންވީވެސް އެވަގުތެވެ.

އެ ހަނދާން އާވުމާއެކުހެން، ރިޝްފާން ފުންމައިގެން ތެދުވެއްޖެއެވެ. ވެދާނެއެވެ. އެވާހަކަ ޒައިދު ގާތު ބުނަން އޭނާ ބޭނުންވީއެވެ. އެ މަޢުލޫމާތުގެ އަލީގައި އޭނާގެ ހިތުގެ ރަނިކަނބާ ހޯދަން ކޮންމެވެސްވަރެއްގެ ފަސޭހަތަކެއް ލިބިދާނެތީއެވެ.

ޒައިދު އައިސް ކޮޓަރިއަށްވަނީ އޭނާ އެނދުން ތެދުވިތަނާއެވެ. ކެތް މަދުވެފައި ހުރި ރިޝްފާން އެވާހަކަ ޒައިދަށް ކިޔާދިނެވެ.

[މިރަށު މީހަކު އިންޑިޔާ މީހަކާ އިނދެ ދަރިން ލިބިފައިވާ ކަމުގެ މަޢުލޫމާތެއް އަހަންނަކަށް ލިބިފައެއް ނެތް. މަންމަ ގާތު އަހާލަމާ....] ޒައިދު ކޮޓަރިން ނުކުތެވެ. ފަހަތުން ރިޝްފާންވެސް ނުކުތީ ޝަބްނަމްގެ މަޢުލޫމާތު ހޯދަން ބޭނުންވެފައިވާތީއެވެ.

ޒައިދު ކޮޓަރިން ނުކުމެ، އޭނާގެ މަންމަ ފަރީދާއަށް ގޮވައި، މަންމަ އެތަނަށް ގެނެސްފިއެވެ. ފަރީދާ އައުމާއެކު، ރިޝްފާނާ ލައިގަނެގެން އުޅޭ ޝަބްނަމްގެ ވާހަކަ، ޒައިދު އޭނާގެ މަންމައަށް ކިޔާދިނެވެ. އިތުރު ތަފްޞީލު ދިނީ ޚުދު ރިޝްފާނެވެ.

[ދައްތަ އަލަށް މި އަޑުއެހީ، މިރަށު މީހަކު އިންޑިޔާ މީހަކާ އިނދެގެން ދަރިން ތިބި ވާހަކަ. މިރަށުގައި އުޅޭނީ އެންމެ ޝަބްނަމެއް. އެއީ ދޮން ޙަސަންބޭގެ އިބްރާހީމްގެ ދަރި....] ފަރީދާވެސް ބުނީ، ކުރީ ދުވަހެއްގައި ޒައިދުވެސް ބުނި ވާހަކައެކެވެ.

[އެކަމަކު...އޭނަ ބުންޏޭ، އޭނައަށް ކިޔަނީ ޝަބްނަމޭ....ފަރިއްތާ ބުނަން، މިދުނިޔެއަކުން މީގެކުރިޔަކުން އަހަންނެއް ނުދެކެން، އެފަދަ ރީތިކަމެއް. މީހުން ބުނޭ، އައްޑޫގައިވެސް ޗާލޫ ކުދިން އުޅެޔޭ....އެކަމަކު....އަހަރެންގެ ޝަބްނަމްވަރުގެ ފުރިހަމަކަމެއް ނުދެކެން. ޅެންވެރިޔަކަސް، އަދީބަކަސް އެ ރީތިކަން ސިފަކުރަން އެނގޭނެހެނެއް ހިއެއްނުވޭ.] ރިޝްފާން ފުން ނޭވާއެއްލުމަށްފަހު، ދެލޯ މަރާލީ ޚިޔާލީ ލޮލަކުން ޝަބްނަމް ބަލާލުމަށްޓަކައެވެ.

[އެންމެ ރަނގަޅު...ފުރުމުގެ ކުރިން ތިބުނާ މަންޖެޔަކާ ދިމާވެއްޖެއްޔާ، ރަނގަޅަށް އޮޅުންނާރާނޭ ގޮތަށް އޭނާގެ ޙަސަބާއި ނަސަބު އޮޅުންފިލުވާތި.] ފަރީދާ ހީލަމުން މިހެން ބުނެފައިމެ، ރިޝްފާންގެ ބޮލުގައި ފިރުމާލާފައި ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ.

ކުރީރޭ ހިސާބަކަށް ލޮލުފިޔަ ޖެހުނު ކަމުގައިވިޔަސް، ޖެހިގެން އައިރޭ ކުޑަ ހިނދުކޮޅަކަށްވެސް ރިޝްފާންގެ ލޯ ނިންޖަކަށް ތަނެއް ނުދިނެވެ. ފަތިސް ވަންދެން އޭނާ އޮތީ ޝަބްނަމްގެ ޚިޔާލާތުން ހިތް އުފާކޮށްލަ ކޮށްލާއެވެ. އޭނާ ބަލަމުންދަނީ ފޮނި ހުވަފެނީ މަންޒަރުތަކެވެ. އެ ރީތި ޖާދުވީ ސިފަތަކުގެ ވެރި ލޯބިވެތި އަންހެން ކުއްޖާ އާދެ! ޝަބްނަމާއެކު އޭނާ ހިތްއުފާކުރަނީއެވެ.

[ރިޝްފާން ހޭލާ އޮވެގެން ހުވަފެން ބަލަނީތަ؟ ހުވަފެނުގެ ކިހާ ހިސާބެއްގައިތަ، ޝަބްނަމް މިހާރު އުޅެނީ.] ނިތްކުރިމަތީގައި އެއްއަތް ބާއްވައިގެން ޚިޔާލީ ފުން ކަނޑެއްގައި އޮޔާ ބެހެމުންދިޔަ ރިޝްފާން ހިފެހެއްޓީ، ކޮޓަރި ބޮކި ދިއްލާފައި ހުރުމުގެ ސަބަބުން ހޭލެވުނު ޒައިދެވެ.

[ނިކަން ގާތުގައި ޝަބްނަމް އެބައުޅޭ. އަހަންނަށް ޝަބްނަމްގެ ވަސްވެސް އެބަ ދުވާ. ދުވަނީ ފިޔާތޮށި ފިނިފެންމަލުގައި އެހުންނަ ހިތްގައިމު ވަސް.....] ރިޝްފާން އެއޮތް ގޮތަށް އޮވެ ޒައިދާ ދިމާއަށް އެނބުރުނެވެ.

[ރިޝްފާން ކުއްލިއަކަށް މާ ޢިޝްގީވީމާ، އަހަރެން މިހުންނަނީ ނިކަން ޢަޖައިބުވެ އަންތަރީސްވެފައި.] ޒައިދު ބުރަކަށި ތެދުކޮށް އެނދުގެ ފަޑީގައި ލެނގިލިއެވެ.

[އަބަދުވެސް އަހަރެން ބުނަމެއްނު، އަހަރެން ހިތްއެދޭ ސިފަތަކުގެ ވެރިޔަކާ ޖެހޭ ހިނދު، ޤަޞްދަކާނުލާ އަހަންނަށްވެސް އެފަރާތަކަށް ޝައުޤުވެރިވެވޭނޭ. މިއޮތީ އެދުވަސް އަހަންނާ ކުރިމަތިވެފައި....] ރިޝްފާންވެސް ތެދުވެ ފަޑީގައި ލެނގިލިއެވެ.

[ދެރައީ ރިޝްފާން ޝައުޤުވެރިވާ ފަރާތަކީ އެހެން އެއްވެސް މީހެއްގެ ލޮލަށް ނުފެންނަ މަޚްލޫޤަކަށްވާތީ...ތީ އަނެއްކާ ޖިންނިއެއް ނޫންބާ....] ޒައިދުގެ ނިދިވެސް މިހާރު އެއްކޮށް ފިލައިފި ކަހަލައެވެ.

[ޖިންނިޔަކަސް، ހަންޑިޔަކަސް، ސަންޑޭއަކަށް ވިޔަސް ވަރިހަމަ....އަހަރެންގެ ހިތް އެދެނީ އެ ރީތި ސިފަޔަށް...] ޒައިދު ކުރި ސަމާސާޔާ ވިއްދައިގެން މިހެން ބުނެފައިމެ، ރިޝްފާން ގަޑިޔަށް ބަލައިލީ ހާގޮވާއަޑު ހިސާބަކަށް އިވެން ފެށީމައެވެ.

[ޝަބްނަމް މިހާރު އިންތިޒާރު ކުރާނެ. އަވަހަށް ދާންވީނު.] ފާރުގައިވާ ގަޑިއަށް ނަޒަރު ހިންގާލަމުން، ދިމާކުރާފަދަ ގޮތަކަށް، މަލާމާތުގެ ރާގެއްގައި ޒައިދު ބުނެލިއެވެ.

ރިޝްފާން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ އަތްފަޔާ މޫނު ދޮވެލާ ހަދާލައިގެން، ކުޑަގޮތަކަށް ގައިގެ ވަސްމީރު ކޮށްލައިގެން ކޮޓަރިން ނުކުމެ ބަގީޗާއަށް މިޞްރާބު ޖަހައިފިއެވެ.

ޙަޤީޤަތުގައި އޭރު އަދި ޝަބްނަމް އަންނަ ގަޑި ނުވެސްޖެހޭމެއެވެ. އެއީ ފަތިސް ފެށުމުގެ ހިނދުކޮޅެއްގެ ކުރިން ކަމުން، ދެން އިންތިޒާރުގެ ވަގުތު ރިޝްފާން ގުނަންފެށީ ޖޯލީގައި އޮށޯވެ އޮވެއެވެ.

ރަށްފުށުގެ އެފަދަ ވަގުތުތަކަކީ ނާމާން ވަގުތުތަކެއް ކަމަށް މީހުން ކިޔާ އުޅުނު ނަމަވެސް، ވަކި އެދުމެއް ހިތްމައްޗަށް ގަދަވެގެންފައިވާތީ، ރިޝްފާންގެ ހިތުގައި ބިރުވެރިކަމުގެ ޒައްރާއެއްވެސް ނެތް ކަހަލައެވެ. ދޭތެރެ ދޭތެރެއިން އިވޭ ނާމާން އަޑުތަކަކުންވެސް އޭނާގެ ހިތަކު ބިރުވެރިކަމެއް ނުއުފެދެއެވެ. އޭނާ އެފަދަ އަޑުތަކާ ދޭތެރޭ ވިސްނާހެނެއްވެސް ހިއެއްނުވެއެވެ.

ނަމަވެސް، ކުއްލިއަކަށް ދާދި ގާތުން އިވުނު ބިރުވެރި އެހާމެ ނާމާން އަޑެއްގެ ސަބަބުން ރިޝްފާންގެ ވިސްނުން ބަދަލުވިކަހަލައެވެ. އެ ނާމާން އަޑު ހީވީ އޭނާގެ ކަންފަތުގެ ހިނދުރި ފޫއަޅުވާލިހެންނެވެ. ކުރިން ބިރުނުގަތަސް، މިފަހަރު އެއިވުނު ނާމާން އަޑުގެ ސަބަބުން އޭނާ ސިހި ނިކަން ބިރުގަނެއްޖެއެވެ. އެޔާއެކު ދެލޯ މަރާލެވި، ޖޯލީގައި ދެއަތުން ނިކަން ބާރަށް ހިފަހައްޓާލެވިއްޖެއެވެ. އޭރުވެސް އެ ނާމާން އަޑު އިވިއިވި ހުއްޓެވެ. ހީވަނީ ކަންފަތްބުޑުން އިވޭހެންނެވެ.

[ކާ.....ކު؟] ބިރުން ތުރުތުރުއަޅާ އޮވެމެ، ރިޝްފާން ވާހަކަ ދެއްކިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ރިޝްފާން އޮތީ ދެބުމަ ގޮށްޖެހޭވަރަށް ދެލޯމަރާ ބާރުކޮށްލައިގެނެވެ. އެހެންކަމުން، ޖެހިގެންހުރި ޖޯލި ހުރީ ހުހަށް ކަމެއްވެސް އޭނާޔަކަށް ނޭނގެއެވެ. ނަމަވެސް، އިސާހިތު ރިޝްފާން ކުރިން ތަޖްރިބާކޮށްފައިނުވާ އާދަޔާ ޚިލާފު ވަހެއް ނޭފަތުގައި ޖެހުމާއެކު، ހަޅޭއްލަވައިގަނެވި ދެލޯ ތައްމިނަށް ހުޅުވުނެވެ. ކުރިމަތީގައި ހުރީ ބޮޑު ހިޔަންޏެކެވެ.

[ކާކު.....؟] ރިޝްފާން އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް، އެ ހިޔަނި އެއްލި އަތުން ރިޝްފާންގެ އަތުގައި ހިފިއެވެ.

ބާރަށް ހަޅޭއްލަވައިގަނެވުމާއެކު، ރިޝްފާނަށް އެ ހިޔަންޏާ ދިމާއަށް އެނބުރިލެވިއްޖެއެވެ.

ހަމައެޔާއެކު، ބިރުފިލައި އޭނާ ހަމަޔަކަށް އެޅިއްޖެއެވެ. އާއެކެވެ. މިހާރަކު އޭނާގެ ކުރިމައްޗަކު އެއްވެސް ނުރައްކަލެއް ނެތެވެ. ހިނިއައިސްފައި ހުރީ ޝަބްނަމެވެ.

[ވަރަށް ބިރުގެންފިދޯ؟] ހީގަންނަމުން ޝަބްނަމް ބުންޏެވެ.

[މޭގަނޑު އަތަށް ނައީ ކިރިޔާ.] ރިޝްފާން ޝަބްނަމްގެ އަތުގައި ހިފަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. މިހާރު ރިޝްފާންގެ ބިރުވެރިކަން އެއްކޮށް ފިލައިފިއެވެ. އަޑުއަޑު ލެއްވީ ޝަބްނަމްކަން އެނގުނީމައެވެ.

[ފަތިސްނުވާތީ ހިތަށްއެރީ ރިޝްފާން ތަޅުވާލާނީއޭ. އަދިވެސް މޭގަނޑު ތެެޅޭއަޑު އެބައިވޭ.] ސަމާސާ ޙަރަކާތަކާއެކު، ޝަބްނަމް ރިޝްފާންގެ މޭގައި އަތްޖައްސާލިއެވެ.

އެރޭގެ ބައްދަލުވުމުގައި، ރިޝްފާން އެންމެ ފުރަތަމަވެސް އަވަސްވެގަތީ ޒައިދުގެ މަންމަ ފަރީދާ ދިން ނަޞޭޙަތުގައި ހިފައި، އޭގެ ބޭނުން ލިބުނު ފުރްޞަތުގައި ކުރާށެވެ.

އެހެންކަމުން، އެންމެ ފުރަތަމަވެސް ރިޝްފާން ޝަބްނަމް ގާތު އެހީ ޝަބްނަމްގެ ޢާއިލާއާބެހޭ ސުވާލުތަކެވެ.

ރިޝްފާންގެ ސުވާލުތަކަށް ޖަވާބުދިންއިރު ޝަބްނަމް ހީވަނީ އެ ސުވާލުތަކަށް ޒަވާބުދޭން މާކުރިން ފަރިތަކޮށް ދަސްކޮށްފައިވާހެންނެވެ. އެހާވެސް އޭނާ ޖަވާބުދިންލެއް އަވަހެވެ.

[އަހަންނަކީ ދިވެއްސެއް ނޫން....އަހަރެންގެ މަންމައަކީ އިންޑިޔާ މީހެއް. ބައްޕައަކީ ރަޝިޔާ މީހެއް. މަންމައާއި ބައްޕަވެސް ދިރިއުޅެނީ އިންޑިޔާގައި.] ރިޝްފާން ކުރި ސުވާލެއްގެ ޖަވާބުގައި ޝަބްނަމް ބުނެފައިވެއެވެ. ޝަބްނަމްގެ ކަރުގައި އަޅާފައި އޮތް ފަށުގެ ފުލަކަށްލާފައި އޮތް ޞަލީބު ރިޝްފާނަށް ފެނުނީވެސް އެ ޖަވާބު ލިބުނު ވަގުތެވެ.

[މާނައަކީ ތިޔައީ މުސްލިމެއްވެސް ނޫނޭތަ؟] ޝަބްނަމްގެ ކަރުގައި އޮތް ފަށުގެ ފުލަށް ބަލަން ހުރެފައި ރިޝްފާން އެއްސެވެ.

[އާނ...އަހަންނަކީ ކްރިސްޓިއަނެއް. އެކަމަކު އަހަރެން މިހާރު ބޭނުންވަނީ އިސްލާމްވުމަށްފަހު، ދިވެހިރާއްޖޭގައި ރިޝްފާނާއެކު ދިރިއުޅެން.] ރިޝްފާންގެ އަތުގައި ހިފައިގެން ގޮސް ޖޯލީގައި ޝަބްނަމް އިށީނެވެ.

[ހަމަ ޙަޤީޤަތުގައިވެސް ޝަބްނަމް އަހަންނާއެކު ދިރިއުޅެން ބޭނުންތަ؟] ޝަބްނަމްގެ ވާހަކައިން ރިޝްފާންގެ ހިތް އުފަލުން ފުރިގެން ބަންޑުންވި ކަހަލައެވެ.

[އާނ...ތީ އަހަރެންގެ ފުރަތަމަ ލޯބި. އަހަރެން ބޭނުންވަނީ، ފުރަތަމަ ލޯބީގައި ދާއިމްވެ ހުންނަން.]

އެޔަށްފަހ،ު ރިޝްފާން އޭނާ ފުރަން އުޅޭ ޚަބަރު ޝަބްނަމަށް އެރޭ ދިނުމަށްފަހު ޝަބްނަމް އެރަށުގައި އުޅޭ ސަބަބު އޮޅުންފިލުވިއެވެ. ޖަވާބުގައި ޝަބްނަމް ބުނީ އޭނާ އުޅެނީ ސީދާ އެރަށުގައި ނޫން ކަމަށާއި، އޭނާ އުޅެނީ ގަމުގައި ކަމަށެވެ.

ބޭނުމަކީ ކުރު ޗުއްޓީއެއް ހަދާލުން ކަމަށްބުނެ، ނިކަން އަވަހަށް އައްޑުއަށްދާނޭ ވާހަކަވެސް އޭނާ ބުންޏެވެ. ވުމާއެކު، ފަހުގެ ބައްދަލުވުން ވެގެންދިޔައީ، ރިޝްފާންގެ ހިތަށް ނުހަނު އުފަލާއި ހިތްހަމަޖެހުން ލިއްބައިދިން ބައްދަލުވުމަކަށެވެ. ނަމަވެސް، އެރޭ ކިތަންމެ އުފާވެރިކަން މިލްކުވެ ހިތްހަމަޖެހުން ޙާޞިލް ކުރެވުނު ކަމުގައިވިޔަސް، އެރޭ ހިނގާދިޔަ އެއްވެސް ކަމެއް ޒައިދަކަށް ރިޝްފާން ކިޔައެއްނުދެއެވެ. އެއީ ޝަބްނަމް އެދުނުގޮތެވެ. ޝަބްނަމް އެދުނީ ދެވެރިންގެ ގުޅުން ބަދަހި ޖަވާޖީ ބަނދެވުމަކުން އައްސާލެވެންދެން، ބައެއް ކަންތައްތައް ރައްޓެހިންނަށްވެސް ސިއްރުކޮށްދިނުމަށެވެ. އެހެން ފަރާތެއްގެ އެސްފީނާ ޖެހިދާނެތީކަންނޭނގެއެވެ.

އެހެންކަމުން، ޝަބްނަމާ ފަހުން ބައްދަލުވި ވާހަކަވެސް، އެއްވެސް މީހެއްގެ ގާތަކު ރިޝްފާން ނުބުނެއެވެ. ޒައިދުމެން ކުރެން މީހަކު އެކަމާ ބެހޭގޮތުން އޭނަޔާ ސުވާލު ނުކުރޭވެސްމެއެވެ.

އޭގެއިތުރުން، ދަތުރު ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން ޒައިދު ހަނދާންވެސް ނެތުނީއެވެ.

އެކަން އެނގުނީ ދަތުރުމަތީގައި (ފްލައިޓް މަތީ) ޒައިދު ރިޝްފާނާ ސުވާލުކުރި ގޮތުންނެވެ.

[އޭތް...އަދި މިހުންނަނީ ހަނދާންނެތިފައޭ، ޝަބްނަމާ ދިމާވިތަ ރޭގަ؟] ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޒައިދު އެއްސެވެ.

އޭރު ކޮޅިތައް ކަފަމުން، އައިލޭންޑް އޭވިއޭޝަންގެ ޑޭޝް އެއިޓްގެ މަތިންދާބޯޓް ދަތުރުކުރަމުން އެދަނީ އައްޑުއަތޮޅު ގަމާ ދިމާއަށެވެ. ޒައިދު އެހީތީ ރަޙްމަތްތެރިޔާއަށް ސިއްރުކޮށްގެނެއް ޒައިދަކަށް ނުހުރެވުނެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާ ހުރިހާ ވާހަކައެއްވެސް ޒައިދަށް ކިޔާދިނެވެ.

[ކްރިސްޓިއަނެކޭ! ޔަޤީން، ވަރުދާއްތަމެން ޤަބޫލުނުވާނެކަން.] ވަރުދާ އެކަންޏެއް ނޫނެވެ. އެއީ ޒައިދުވެސް ރުހޭ ކަމެއް ނޫނެވެ. ޒައިދު ޤަބޫލުކުރާ ގޮތުގައި، ކްރިސްޓިއަނަކު މުސްލިމްވިޔަސް، އެމީހުންގެ ކާބަފައިންގެ އާދަކާދަ ކަނޑުވައެއް ނުލެވޭނެއެވެ.

[ޝަބްނަމް ރަނގަޅުވާނެ. އޭނަ އޭނަގެ ކާބަފައިންގެ އާދަކާދަ ދިރުވާކަށް މަސައްކަތެއް ނުކުރާނެ. އަހަރެން އޭނަޔަށް ރަނގަޅަށް އިސްލާމްދީނުގެ އުޞޫލުތަކާއި ހަމަތައް ދަސްކޮށްދޭނަން. ޝަބްނަމްގެ ސޫރަ އެކަނި ފެނުނަސް މަންމަމެން ރުހޭނެ. އެހާވެސް އޭނަ ޗާލުވާނެ.] ރިޝްފާން އޭނާގެ ޖީބުގައި އޮތް ފޯއް ޕެކެޓުން ފޯއްކޮޅެއް އަނގަޔަށްލިއެވެ.

[އަހަރެން މޮޔަވެދާނެތީދޯ އަހަންނަށް ނުދެއްކީ.] ރިޝްފާނާ ދިމާކުރާފަދަ ގޮތަކަށް ސަމާސާ ރާގުގައި ޒައިދު ބުންޏެވެ.

[ނޫނޭ...ޙަޤީޤަތުގައި ޒައިދަށް ދައްކާނެ ފުރްޞަތު ނުލިބުނީ. ކިރިޔާވެސް ދަނޑިވަޅެއް ލިބުނުނަމަ، ޒައިދަށް އަހަރެންގެ ބައިވެރިޔާ ތަޢާރަފްކޮށްދޭނަމެއްނު.] ފޯއް ޕެކެޓް ޒައިދަށް ރިޝްފާން ދިއްކޮށްލިއެވެ.

[އެއްވެސް މީހަކަށް، އެމީހެއްގެ ހުވަފެނީ ބައިވެރިޔާ، އެހެން މީހުނަށް ދެއްކުުމުގެ ބާރެއް ލިބިގެނެއްނުވޭ. ހުވަފެނަކީ ބިލާހެއް.] ބައެއްފަހަރު ޒައިދުގެ ވާހަކަތަކުން ހީވަނީ ރިޝްފާން ދައްކާ ވާހަކަތައް އޭނާއަށް ޤަބޫލު ނުކުރެވިގެން އުޅޭހެންނެވެ.

[އަދިވެސް ޤަބޫލެއް ނުކުރެވޭދޯ.....މައްސަލައެއް ނެތޭ. އަހަރެން ކަނޑަނީ ހުސް ފޮނި ބައިސާ. އަހަންނަށް އަންހެން ކުއްޖަކު ނުވެސްވާނެ.] ޒައިދުގެ ވާހަކަތަކުން ރިޝްފާންގެ ގާތަށް ރުޅިއަތުވެއްޖެއެވެ.

[ރުޅިއައީތަ؟ އެއްފަހަރުވެސް އަހަރެން ބުނެފިންތަ، ރިޝްފާނަށް އަންހެން ކުއްޖަކު ނުވާނޭ. ރިޝްފާން ތި ސިފަކުރާ ޝަބްނަމަށްވުރެން ރީތި ކުއްޖަކުވެސް ރިޝްފާންގެ ދިރިއުޅުމަށް އަތުވެދާނެ. ކޮންމެ ކަމަކީވެސް ތަޤްދީރު.] ރިޝްފާންގެ ކޮނޑަށް ޒައިދު އަތް ވައްޓާލިއެވެ.

ފަހަތު ސީޓުގައި އިން މީހަކު އެވަގުތު ކަރުކެހިލީމާ، ޒައިދު ފަހަތަށް އެނބުރި ބަލައިލިއިރު، އެއްވެސް ސީޓެއްގައި އޭނާ ދަންނަ މީހަކު ނެތެވެ. ނަމަވެސް، އެންމެ ފަހަތުގެ ބޮޑު ސީޓްގެ މެދަށްވާ ގޮތަށް އިން އަންހެން ކުއްޖާއަށް އޭނާގެ ނަޒަރު ސީދާވެ އަމާޒުވެސް ވެއްޖެއެވެ. އެ އަންހެން ކުއްޖާ އިނީ އޭނާޔަށް ބަލަހައްޓައިގެނެވެ. ތުންފަތުގައި ކުޅެމުންދަނީ ހިތްގައިމު ހިނިތުންވުމެކެވެ.

[ރިޝްފާން ބަލާބަލަ...ކޮންފަދަ ނަލަކަމަކާއި ޗާލޫކަމެއް. އެހެރަ ޖާދުވީ ހިނިތުންވުމެއް. ރިޝްފާން ތިބުނާ ޝަބްނަމް އެކުއްޖާހާ ރީތިވާނެތަ؟] ރިޝްފާންގެ ކޮނޑުގައި ހިފާލަމުން ޒައިދު ބުނެލިއެވެ. ރިޝްފާނަށް އެކަނި އިވޭވަރަށް ސިއްރުންނެވެ.

ރިޝްފާން އެނބުރުނެވެ. ހަމައެއާއެކު އޭނާގެ ދެލޯ ތައްމިނަށް ހުޅުވިއްޖެއެވެ.

[ޝަބްނަމް....] އާއެކެވެ. އެއީ ހަމަ އެ އަންހެން ކުއްޖަކަށްޓަކައި ރިޝްފާންގެ ހިތް ފިދާވަމުންދާ އަންހެން ކުއްޖާ، ޝަބްނަމެވެ.

[ޝަބްނަމް ކީއްވެތަ ފުރާ ވާހަކަ އަހަރެން ގާތު ނުބުނީ؟] ރިޝްފާން ތެދުވެގެން ގޮސް ފަހަތުގައި ހުހަށް ހުރި ސީޓްގައި އިށީނދެއްޖެއެވެ.

[ސަޕްރައިޒް....] ޝަބްނަމްގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.

[އަހަންނާއެކު އަހަރެންގެ ގެޔަށްދޯ ދާނީ. ޝަބްނަމަށް ދައްކަންތަ، އަހަރެންގެ ބެސްޓް ފްރެންޑް.] ރިޝްފާން ޒައިދާ ދިމާއަށް ބަލައިލުމަށްފަހު އެއްސެވެ.

[އާނ....ދަންނަން. ޒައިދުގެ ވާހަކައެއްނު ތިކިޔަނީ!] ޒައިދާ ދިމާއަށް އިނގިލި ދިއްކޮށްފައި ޝަބްނަމް ބުންޏެވެ. ޝަބްނަމްގެ އެ ޖުމްލައިން ރިޝްފާންގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

[ކިހިނެއްތަ، ޝަބްނަމަށް ޒައިދު އެނގުނީ. އަހަރެން މިހުންނަނީ ހަމަ ޙައިރާންވެ އަންތަރީސްވެފައި...އަހަރެންގެ ހުރިހާ ކަމެއްވެސް ޝަބްނަމަށް އެބަ އެނގޭ.] އޭރު ޒައިދުވެސް އިނީ ލިބުނު ޙައިރާންކަމާއެކު އަނގައިގެ ބަސް ހުއްޓި ގުނަވަންތަކުގެ ޙަރަކާތްވެސް ހުއްޓިފައެވެ.

[ރިޝްފާންގެ ޢާއިލާއާ ބެހޭގޮތުން އަހަންނަށް ނޭނގޭ އެއްކަމެއްވެސް ނުވާނެ. އަހަރެން މިދަނީ ދުރާއި ގާތުން ރިޝްފާނަށް ބަލަމުން.] ޝަބްނަމް އޭނާގެ އަތުގައި އޮތް ދަބަސްތެރެއިން ނިކަން ރީތި ފިޔާތޮށި ފިނިފެންމަލެއް ނަގާފައި ރިޝްފާނަށް ދިނެވެ.

[އޭތް....އަދި ހަނދާންނެތިފައޭ މިހުންނަނީ. ކިހިނެއްތަ ތިހާ ރީތިކޮށް ދިވެހިބަހުން ވާހަކަ ދައްކަން ދަސްކުރީ. ކޮށިގޮތެއް ހުއްޓަސް، ދިވެއްސެއް ނޫންކަމެއް ނޭނގޭވިއްޔަ.] ޝަބްނަމް ދިން މާ، ރިޝްފާންގެ ނޭފަތުގައި ޖައްސާލިއެވެ.

[އިންޑިޔާގައި އަހަރެންގެ ގޭގައި އުޅޭނެ، ކިޔަވަން ގޮސް ތިބޭ ދެކުއްޖަކު. އަހަންނަށް ދިވެހި ދަސްކޮށްދިނީ އެކުދިން.] ޝަބްނަމް ހެދީ ދޮގެވެ. ނަމަވެސް، ރިޝްފާން ޤަބޫލުކުރީ އެއީ ތެދު ކަމަށެވެ.

[ވާހަކަ ދައްކާ ތަޢާރަފްވެލަން، މިހުރި ހުސް ސީޓަށް ޒައިދުވެސް ގެނެސްބަލަ.] ޒައިދާ ދިމާއަށް ބަލައިލަމުން ޝަބްނަމް ބުނެލިއެވެ.

[ޒައިދު....] ރިޝްފާން ޒައިދަށް ހަނާއަޅާލިއެވެ. ޝަބްނަމްގެ ރީތިކަން ފެނި ކޮސްވެފައި އިން ޒައިދު ތެދުވެގެން އައިސް، ރިޝްފާންމެނާ ޖެހިގެން ކަހަލަ ގޮތަކަށް ހުރި ހުސް ގޮނޑީގައި އިށީނެވެ.

[ޝަބްނަމް....] ޒައިދު ބަލައިލީ ޝަބްނަމްގެ ކަންފަތުގައި ލާފައިވާ މުންޖަށެވެ.

ކުރީދުވަހު ރިޝްފާނާ ބައްދަލުވިއިރު އެ މުދި ބޭނުންކޮށްފައިވަނީ، ކަރުގައި އަޅާފައިވާ ހުދު ރަނުގެ ފަށުފުލަކަށެވެ. ޞަލީބެއްގެ ބައްޓަމަށް ފަރުމާ ކުރެވިފައިވާ އެ މުންޖަކީވެސް ހުދު ރަނުގެ ގަހަނާއެއް ކަމަށް ޤަބޫލު ކުރެވެއެވެ.

އައިލޭންޑް އޭވިއޭޝަންގެ މަތިންދާބޯޓް، އައްޑޫގެ ވައިގެ ބަނދަރަށް ޖައްސަންދެން އެތިންވެރިން ތިބީ ތަފާތު ވާހަކަތަކުގައެވެ.

ޒައިދު އޭނާގެ ލޯބިވެރިޔާ މަލީޙާގެ ވާހަކަތައްވެސް ޝަބްނަމަށް ކިޔާދިނެވެ. ޝަބްނަމް ބުނީ މަލީޙާއަކީ ރަނގަޅު ގެވެހި އަންހެން ކުއްޖެއް ކަމަށެވެ.

[ކިހިނެއް...މަލީޙާ ގެވެހިވާނެކަން ޝަބްނަމަށް އެނގެނީ؟] ދުވަހަކުވެސް ލޮލުން ނުދެކޭ، ނުވެސް ދަންނަ އަންހެން ކުއްޖަކަށް ޝަބްނަމް އިންޞާފް ކުރީތީ، ރިޝްފާނާއި ޒައިދާ ދެމީހުން ގާތަށްވެސް ހިނިއައެވެ.

[ޒައިދު މަލީޙާގެ ތަޢާރަފްދިން ގޮތުން އަހަރެން އެގޮތަށް މާނަކުރަނީ.]

އޭރު ބޯޓުގެ ސިޑި ޖެއްސުމާއެކު، މީހުންތައް ފައިބަން ފަށައިފިއެވެ. އެހެން ދުވަސްތަކާ ޚިލާފަށް، އާދަޔާ ޚިލާފަށް ގިނަ ޢަދަދަކަށް ޓަރމިނަލް ތެރޭގައި ފުލުހުން ޙަރަކާތްތެރިވަމުންދެއެވެ. އެ މަންޒަރު ފެނުމާއެކު، ޝަބްނަމް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. އޭރު ރިޝްފާނާއި ޒައިދު ފައިބައިފިއެވެ.

އެއަށްފަހު، މިނިޓެއްވެސް ނުވަނީސް ޝަބްނަމް ފައިބައިފިއެވެ. ރިޝްފާން ޝަބްނަމާ އެކީގައިހެން ކުރިޔަށް ހިނގައިގެންފިއެވެ. ނަމަވެސް، ފްލައިޓާ ދިމާއަށް ބަލަހައްޓައިގެން ޒައިދު ހުއްޓެވެ. ޝަބްނަމް ފޭބިތަން އޭނ ނުދެކެނީ ކަމަށް ވެދާނެއެވެ. ޓަރމިނަލް ތެރެއިން ފުލުހުން ކުރިން ނުކުރާ ކަންތައްތަކެއް ކުރަމުންދާތަން، އޭރު ފެނެއެވެ.

ފްލައިޓުން ދަތުރުކުރި ކޮންމެ މީހެއްގެ އައި.ޑީ ކާޑު ބަލައި، އެއީ ކާކުކަން ރަނގަޅަށް ބަލައެވެ. ނަމަވެސް، ވެގެންއުޅެނީ ކީއްކަމެއް، ދަތުރުވެރިން ގާތަކު ފުލުހުން ނުބުނެއެވެ.

ރިޝްފާން ޖީބުގައ އޮތް ވޮލެޓްނަގައި އައި.ޑީ ކާޑު ފުލުހަކާ ޙަވާލުކުރި ވަގުތު، ޝަބްނަމް މީހުންތަކުގެ ތެރެއިން ފުރޭނިގެން ބޭރަށް ނުކުތެވެ. ނަމަވެސް، އެތާނގައި ތިބި އެއްވެސް ބަޔަކަށް އެކަމެއް ނޭނގޭނެއެވެ. އޭރު ޒައިދުވެސް އޭނާގެ އައި.ޑީ ކާޑު ދިއްކޮށްގެން ހުއްޓެވެ.

އައި.ޑީ. ކާޑު ބަލައި، މީހާ ޔަޤީން ކުރުމާއެކު، ކޮންމެ މީހަކުވެސް ދޫކޮށްލަނީ މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.

ރިޝްފާން ބޭރަށް ނުކުމެ އެތާނގައި ތިބި މީހުންތަކުގެ ތެރެއިން ދިމާވި ރައްޓެއްސަކާ ސުވާލު ކުރުމުން، އެމީހާ ބުނީ ޢަޖައިބުވާ ކަހަލަ ވާހަކައެކެވެ.

ލ. ފޮނަދޫން އައްޑުއަށް ދަތުރުކުރުމަށްޓަކައި ޓިކެޓް ނަގައި ޗެކިންގވެސް ނިންމާފައިވާ މީހަކު ޓަރމިނަލް ފާޚާނާތެރޭ ބަނދެލާފައި ބޭއްވުމަށްފަހު، އެކަން ކުރި މީހަކު، އޭނާގެ ސާމާނާއެކު މި ފްލައިޓްގައި ދަތުރުކޮށްފައިވާ ކަމަށެވެ.

[ވަރަށް ހެއްވާ ކަމެއް...ތިމީހަކު މިޔަށް އެރިނަމަ އަހަރެމެނަށްވެސް ފެނުނީހެއްނު....] ރިޝްފާނަށްވީ މަޖަލަކަށެވެ.

އެދިމާގައި އޮތް ކާރެއްގެ ފަހަތު ސީޓްގައި އިން ޝަބްނަމް ރިޝްފާނަށް ފެނުނީ އެވަގުތެވެ. ރިޝްފާން އެމީހާ ގާތު ދަނީއޭ ބުނެފައި ގޮސް ޝަބްނަމް އިން ކާރަށް އަރައިފިއެވެ. ރިޝްފާންގެ ފަހަތުން އައިސް ކުރީ ސީޓަށް ޒައިދުވެސް އަރައިފިއެވެ.

އެއާއެކު، ރިޝްފާންގެ އިޝާރާތާއެކު ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. ކާރުތެރޭވެސް ދެކެވުނީ ކައްދޫ އެއަރޕޯޓުން އެރި މީހެއްގެ ވާހަކައެވެ. ޝަބްނަމްވެސް ޒައިދުމެނާ ބައިވެރިވެގެން އެވާހަކަ މަޖަލަކަށް ހަދައިގެން ދެއްކިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން