މާލޭގައި މިއަދު ހަވީރު ސައިކަލު ބުރު ބާއްވާ ފަރާތްތަކާއިމެދު އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާއި ޚިލާފްވާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. ފުލުހުން މިފަދަ އެންގުމެއް އަންގާފައި މިވަނީ މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ވާއްވަން ރަވާފައިވާ ކަމުގެ އަޑުތަކާއި ގުޅިގެންނެވެ.

ފުލުހުން ބުނީ ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފު ނުވުމަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ ބޭފުޅުންވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިފަދަ އެންގުމެއް އަންގާފައިމިވަނީ މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ބާއްވާނެ ކަމަށް ބަޔަކު ހާމަކޮށްފައިވަނިކޮށެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި އެޗްޕީއޭގެ އެންގުމާއި ޚިލާފަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން މީގެކުރިން ވަނީ މާލޭގައާއި މުޅި ރާއްޖޭގައި އިހްތިޖާޖްކޮށްފައެވެ. މިމައްސަލާގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީވަނީ 150،0000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެ ދެޕާޓީގެ ބައެއް އިސްބޭފުޅުންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން