ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ފެރީގެ ހިދުމަތް ފެށުމާއިއެކު ރާއްޖޭގެ ވިޔަފާރީގެ މިނިވަންކަމަށް ހުއްޓުމެއް އަންނާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ފެރީގެ ހިދުމަތް މި މަހުގެ 20 ގައި ފަށާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ދިވެހި ސަރުކާރުންވެސް ވަނީ މި ތާރީހުގައި ފެރީގެ ހިދުމަތް ފަށާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު ދޭއް ނުވަތަ ތިން ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

ކޮޗިން ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރު ވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަށްވައި ކުރީގެ އިކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ މިކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ވެގެންދާނީ ދިވެހި ވިޔަފާރި ވެރިންނަށް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ބައިނަލްއަޤުވާމީކަން ކެނޑި ވިޔަފާރީގެ މިނިވަންކަން ގެއްލިގެން ދާނެކަމަށެވެ.

"ޖީއެމްއާރަށް އެއާރޕޯޓް ދިނުމާއިއެކު ރާއްޖޭގެ ވައިގެ ބަނދަރަކީ ކައިރި ޤައުމުތަކުން ޝަޓަލް ކުރާ ޑޮމެސްޓިކް އެއާރޕޯޓަކަށް ހެދުމަށް ޕްލޭން ކުރި. ކަނޑުމަގުން މީހުންނާއި ކާގޯ ފެރީ ކުރުމަކީ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ބައިނަލްއަޤުވާމީ ބުރަދަން ކަނޑުވާލުން. އަދި ވިޔަފާރީގެ މިނިވަންކަން ހުއްޓުވުން." ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.

ރާއްޖެ އާއި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.

ކާގޯ ފެރީގެ ހިދުމަތާ އެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި މި ހިދުމަތުގެ ސަބަބުން އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށާއި ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން