ސަރުކާރުގެ ސްކޫލެއް؛ އާ އުސޫލާ ގުޅިގެން ދިވެހި ޕްރިންސިޕަލުން ދާއިރާ ދޫކޮށްލުމުގެ ބިރު އެބައޮތް
ސަރުކާރުގެ ސްކޫލެއް؛ އާ އުސޫލާ ގުޅިގެން ދިވެހި ޕްރިންސިޕަލުން ދާއިރާ ދޫކޮށްލުމުގެ ބިރު އެބައޮތް
ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލަކީ ވަރަށް ބޮޑު އަނިޔާ އެއް ކަމަށާއި، އެއީ ޕްރިންސިޕަލުންނަށް ކުރެވޭ ބޭ އިންސާފެއް ކަމަށް އެ ބޭފުޅުން ސިފަކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލެއް އެކުލަވާލައި އެ އުސޫލު އާންމުކޮށްފައެވެ. އެހެންނަމަވެސް އެ އުސޫލު އެކުލަވާލާފައި ވަނީ ޖަނަވަރީ 16، 2020 އެވެ. އުސޫލުގައި ބުނެފައިވަނީ ޕްރިންސިޕަލުން ވަޒީފާ އަދާ ކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުން ކަމަށެވެ. އުސޫލު ބުނާގޮތުން އެކަމުގައި ޕްރިންސިޕަލްގެ ރުހުމެއް ވެސް ބޭނުމެއް ނުވެއެވެ.

އުސޫލާއި ގުޅިގެން ޕްރިންސިޕަލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުގެ ސުކޫލުތަކުގެ ޕްރިންސިޕަލުން ތިއްބަވާ ވައިބަރ ގުރޫޕެއްގެ ތެރެއަށް ޕްރިންސިޕަލުން ވަނީ އެ އުސޫލާއި ގުޅިގެން ކަންބޮޑުވުންތަކާއި ޝަކުވާތައް ބަންޑުންކޮށްލައްވާފައެވެ. އެގުރޫޕްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ތިއްބަވައެވެ.

އެގުރޫޕްގައި ޕްރިންސިޕަލުން ދައްކަވާފައިވާ ވާހަކަތަކުން އެޑިއުކޭޝަނުން ކަނޑައަޅާ ކޮމެޓީގައި ތިއްބަވާ ފަސް ބޭފުޅަކު ބޭނުންވާ ސްކޫލަކަށް ބޭނުންވާ ޕްރިންސިޕަލަކު ހަމަޖެއްސުމުގެ ބާރު ދިނުމާއި ގިނަ ޕްރިންސިޕަލުން ދެކޮޅު ކަން ފާހަގަ ކުރެވެއެވެ. މިއީ ޕްރިންސިޕަލުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކާއި ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ޕްރިންސިޕަލުން ގުރޫޕްގައި ސިފަކޮށްފައިވެއެވެ.

ޕްރިންސިޕަލުން ދެކެވަޑައިގަންނަވާ ގޮތުގައި އެއް ސްކޫލުން އަނެއް ސްކޫލަށް ޕްރިންސިޕަލަކު ބަދަލު ކުރަން ވާނީ އެ މީހެއްގެ ރުހުމުގަ އެވެ. ނަމަވެސް އެޑިއުކޭޝަންގެ އުސޫލުގައި ބުނެފައިވަނީ ޕްރިންސިޕަލްގެ ރުހުމެއް އެކަމަށް ހޯދާކަށް ނުޖެހޭނެ ކަމަށެވެ. ކޮމެޓީން ކަނޑައެޅުމުން އެގޮތަށް ހަމަޖެހުނީއެވެ.

"އެއްވެސް މީހަކު އެމީހުން ބޭނުން ނުވާތާކަށް ނުދާނެ. ހާލަތަށް ބަލާ މަޖުބޫރުން އެ ތަަނަކަށް ދިޔަސް މަސައްކަތެއް ނުކުރެވޭނެ." ރުހުމާއި ނުލައި ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ތަން ބަދަލުކުރާ އުސޫލާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި ޕްރިންސިޕަލަކު ވިދާޅުވެފައިވެއެވެ.

އެފަދަ އުސޫލެއް އެކުލަވާލީ އެޑިއުކޭޝަނުން ބޭނުންވާ ވަކިވަކި ސުކޫލްތަކަކަށް ވަކި ބަޔަކު އައްޔަން ކުރަންތޯ  ބައެއް ޕްރިންސިޕަލުން ވަނީ ސުވާލު އުފައްދަވާފައެވެ. ޕްރިންސިޕަލުންގެ އުސޫލެއް އެކުލަވާލިއިރު އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާއިރު އުސޫލުގެ ސަބަބުން ނުކުންނާނެ ކަމަށް ފެންނަ ބައެއް މައްސަލަތަށް ވެސް އެޑިއުކޭޝަންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ޕްރިންސިޕަލުން ވިދާޅުވިއެވެ.

މިހާރުވެސް އެކި ސަބަބުތަކާއި ގުޅިގެން ޕްރިންސިޕަލުންނާއި ޓީޗަރުން ދާއިރާ ދޫކުރަމުންދާއިރު މި އުސޫލަށް އަމަލު ކުރަން ފަށައިފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށާއި، މިއީ ދިވެހި ޕްރިންސިޕަލުން ވަޒީފާ ދޫކޮށް ހިނގައިދާނެ ބަދަލެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވައެވެ. ނަތީޖާ އަކީ ގިނަ ދިވެހި ޕްރިންސިޕަލުންތަކެއް ދާއިރާ ދޫކޮށް ގޮސް، ސްކޫލުތައް ހިންގަން ބިދޭސީ ޕްރިންސިޕަލުން ތިބުން." ޕްރިންސިޕަލަކު ވިދާޅުވިއެވެ.

އުސޫލާއެކު އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ވަޒީފާއާ ދުރަށް ދިއުން ކަމަށާއި، އުސޫލު ހެދީވެސް ދިވެހި ޕްރިންސިޕަލުން ވަޒީފާއާ ދުރަށް ދާން މަޖުބޫރުކުރުމަށް ކަމަށް ވިދާޅުވެ ބައެއް ޕްރިން ސިޕަލުން ޚިޔާލު ފާޅުކުރައްވާފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އުސޫލުގައި އެއް ސުކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަ ވެގެން ހުންނެވޭނީ އަށް އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.  ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލަށް ޕްރިންސިޕަލުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެ އުސޫލަށް އަމަލު ނުކުރުމަށްވެސް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން