ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށް، އެތަކެތި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރަން އިކޮނޮމިކް ޑިވެލޮޕްމަންޓުން މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިކަމާއި ގުޅިގެން އިކޮނަމިކް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ޤާނޫނު ނަންބަރު މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިވަގުތު އިޤްތިޞާދީ ޙާލަތު ހުރި ގޮތަށް ރިޢާޔަތްކޮށް، ބައެއް ބާވަތްތަކުގެ މުދަލުގެ އަގު ކޮންޓްރޯލްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި 6 އެޕްރިލް 2020 އިން ފެށިގެން، ބައެއް ބާވަތްތައް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު މި އިޢުލާނުގައި ކަނޑައަޅާ އާންމުކޮށްފައި ވެއެވެ.

އެގޮތުން އާދައިގެ ރަތް ފިޔާ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާ ކަމަށާއި، އަލުވި ކިލޯއެއް ވިއްކޭނެ އެންމް ބޮޑު އަގަކީ 20 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ރީނދޫ މުގު ކިލޯއެއް 45 ރުފިޔާ އަށް ވުރެ ބޮޑުކޮށް ނުވިއްކޭނެ ކަމަށާއި ކުކުޅު ބިހެއް ވިއްކޭ އެންމެ މަތީ އަގަކީ 1.80 ރުފިޔާ ކަމަށް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖަޢާ ކުރެވޭނެ ކަމަށާއި އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް މި އަގުތަކަށްވުރެ ބޮޑުކޮށް ވިއްކައިފި ނަމަ، ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން