[އެކަމަކު ނުގުޅޭ ވަރަށްގިނަ ކަންތައްތައް ހުންނާނެ.] ރާނިޔާ ޒަހީނާ ގާތަށް ޖެހިލަމުން ބުންޏެވެ.

[ކައިވެންޏަށްފަހު މިގޭގަދޯ އުޅޭނީ. އަހަރެން ޚިޔާލު ކުރަނީ ބައްޕައާއި މަންމަވެސް މިގެއަށް ގެންނަން.] ޒަހީން އޭނާގެ ޚިޔާލު ރާނީއަށް ހުށަހެޅިއެވެ.

[ރަނގަޅޭ. ދެން މަންމަމެން ވަކިތިބޭނީ ކޮންތާކު؟] ރާނިޔާއަށްވެސް ޒަހީންގެ ޚިޔާލު ކަމުދިޔައެވެ.

ޒަހީން ދިޔައީ ގެޔަށެވެ.

[މަންމާ....އަހަރެން މިއުޅެނީ މި ޢާއިލާއަށް އަންހެން ކުއްޖަކު ގެންނަން.] ޒަހީން އެ އުފާވެރި ޚަބަރު މަންމައަށް ދިނެވެ.

[ޙަޤީޤަތުގައިވެސްތަ؟ މަންމަ ވަރަށް އުފާވެއްޖެ. ކޮންދުވަހަކު؟] ފާއިޒާ އުފަލުން ވަރެއް ނެތެވެ.

[އާނ މަންމާ، ކީއްކުރަން އަހަރެން ދޮގު ހަދަންވީ.] ޒަހީންވެސް ހުރީ އުފާވެފައެވެ. މަންމަ އޭނާ ދެއްކި ވާހަކައާ ގަޔާވީމައެވެ.

[ތަންކޮޅެއް އަވަހަށް މަންމައަށް ޅީދަރިފުޅު ދައްކަންވީނު.] ފާއިޒާގެ ހިތް އަވަސްވިއެވެ. އެއީ ޒަހީންގެ ބައްޕަ ރާފިޢު އައިސް ވަން ވަގުތެވެ.

[އޭތް، ރާފިޢު އަހަރެމެންނަށް ޅީދަރިފުޅަކު ލިބެން އެބައުޅެޔޭ.] ފާއިޒާ ހީވީ ކެތް މަދުވެފައި ހުރިހެނެވެ.

[އޭނ.....ހަމަ ޙަޤީޤަތުގައިވެސްތަ؟ ތެދެއް ދަރިފުޅާ؟] ރާފިޢުވެސް ވަރަށް އުފާވެއްޖެއެވެ. އެކަން އޭނާ އުޅުނުގޮތުން އެނގެއެވެ.

ޖެހިގެން އައި ހުކުރު ދުވަހުގެރޭ ޒަހީނާއި ރާނިޔާގެ ކައިވެނި، ކުޑަވަރެއްގެ ސައި ޕާޓީއަކަށްފަހު ކުރެވިއްޖެއެވެ. ކައިވެންޏަށްފަހު ޒަހީންގެ ޢާއިލާގެ ދިރިއުޅުން ރާނިޔާގެ ގެ ކަމުގައި ދެކެމުން އަންނަ ޝިޒްނީގެ ގެޔަށް ބަދަލުކުރެވުނެވެ.

ޝިޒްނީ ހއ. ކެލާގައި

ޒަހީން ކައިވެންޏަށްފަހު، އުފާވެރި ދުވަސްތައް ގުނަމުންދާއިރު ޝިޒްނީގެ ޙާލަކީތޯއެވެ.

ޝިޒްނީ އުޅެމުންދަނީ ހއ. ކެލާގައެވެ. އޭނާ އެރަށަށް އައީ އެރަށުގައި ހުންނަ އޭނާގެ ބޮޑުދައިތަ ޙަފީޒާ ކައިރިއަށެވެ. ޙަފީޒާ އޭނާއަށް ނުލާހިކު ރަނގަޅެވެ. އޭނާ އެރަށަށް ދިޔައީ އޭނާގެ އަމިއްލަ ޙާލަތު ތަޞައްވުރު ކުރެވޭތީއެވެ. އޭނާ ބޭނުންވީ ލޯބިވެރިޔާ ބާއްޖަވެރި ޙަޔާތެއް ވެއަތުކުރުމުގެ ފުރްޞަތު ދޭށެވެ. އޭނާ ޒަހީންދެކެ ލޯބިވި ނަމަވެސް، ކައިވެނީގެ ގޮތުން ޒަހީނާ ގުޅުމުގެ ފުރްޞަތެއް އޭނާއަށް ނެތްކަން އޭނާ ދަނެއެވެ. މިކަންތައް ހިތަށް އެރުމާއެކު ޝިޒްނީއަށް ރޮވެއެވެ.

[އަނެއްކާ! ރޮނީތަ ބުނެފީމެއްނު، ނުރޯށޭ. ޝިޒޫ ނިކަން ކެތްތެރިވެބަލަ.] ޝިޒްނީގެ ބޮޑުދައިތަ ޙަފީޒާ އޭނާއަށް ނަޞޭޙަތްތެރިވިއެވެ. މިހާރަކަށް އައިސް ޝިޒްނީ ކޮންމެ ދުވަހަކުވެސް އޭނާގެ ޙާލަތާމެދު ވިސްނާ ކަރުނަ އޮހޮރައެވެ. އެކަމާ ޙަފީޒާ ހުންނަނީ ފިސާރި ކަންބޮޑުވެފައެވެ. ނިކަމެތި ޝިޒްނީގެ ހިތުގައި އަޅާ ވޭން އޭނާއަށްވެސް ތަޞައްވަރު ކުރެވެއެވެ.

[ޙަފިއްތާ އަޅެ އަހަރެން ހިތަށްއަރާ، މިނޫން އެހެން ދުވަހެއް ނެތްބާއޭ.] ޝިޒްނީ ކޮށިއެރިއެވެ.

[މިހުރިހާ ދުވަހުވެސް ޝިޒޫ ކެތްތެރިވީނު. އަދިވެސް ކެތްތެރިވެބަލަ.] ޙަފީޒާ ޝިޒްނީއަށް ވިސްނައިދިނެވެ. އޭރު ޝިޒްނީގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

[އެކަމަކު ޙަފިއްތާ.....ކެތްތެރިވެވޭނީވެސް ވަކިވަރަކަށްނު.] ޝިޒްނީއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

[ހުއްޓާލާ ޝިޒޫ. ޝިޒޫއަށް ބޭނުންވާނީ އެންމެ އެއްއަހަރު ދުވަސް. އޮޕަރޭޝަނަށް ބޭނުންވާނެ ފައިސާ ޖަމާކުރެވިދާނެ.] ހަފީޒާ ކަމެއް ހަނދާންވެގެން އުޅޭ ކަހަލަ ގޮތަކަށް ބުންޏެވެ.

[އެއީ ކިހިނެއް؟] ޝިޒްނީ ކަރުނަތައް ފޮހެލުމަށްފަހު ހަމަޖެހިލަން މަސައްކަތް ކުރިއެވެ.

[މާލޭގައި އެހުރީނު ޝިޒްނީގެ ބޮޑު ގެއެއް. އެގެ ކުއްޔަށް ދިނީމަ، އެއްއަހަރު ދުވަހުން އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ފައިސާ ޖަމާވެދާނެ.] ޙަފީޒާ ދިނީ ބުއްދިވެރި ޚިޔާލެކެވެ. އެ ޚިޔާލާ ޝިޒްނީ ގަޔާވިނަމަވެސް، އޭނާ މާލެދާ ޚިޔާލެއް ނުކުރިއެވެ. ޒަހީންގެ އުފާތަކަށް ހުރަސް އެޅިދާނެތީއެވެ. އެއީ އޭނާ ފަހަރެއްގައިވެސް ބޭނުންވާނެ ގޮތެއް ނޫނެވެ.

[އޭރުން ދެންވެސް ޖެހޭނީ ހިތާމަތަކާ ކުރިމަތިލާން.] ޝިޒްނީއަށް ގިސްލެވެން ފެށުނެވެ. ޙަފީޒާ ޝިޒްނީގެ ގާތަށް ހުއްޓި، ޝިޒްނީގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަ ދައްކަން ފެށިއެވެ.

[އެއީ ކީއްވެ؟ ޑޮކްޓަރު ދީފައިވާ ލިޔުން އެބައޮތެއްނު.] ޙަފީޒާ ޝިޒްނީއަށް ހިތްވަރުދިނެވެ.

[ތި ނޫން ވާހަކައެއް ނޫނޭ. އެކޮޅަށް ދިޔައިމަ ޒަހީނާ ދިމާވެއްޖެއްޔާޔޯ؟] ޝިޒްނީ ހުރީ މާޔޫސްވެފައެވެ.

[އޭނާއާ ގުޅުނީމަވީނު.] ޙަފީޒާ ލަފާދިނެވެ. ޝިޒްނީއަށް އެގޮތް ކަމަކުނުދިޔައެވެ. އެކަން އެނގެނީ އޭނާ ދެއްކި ވާހަކައިންނެވެ.

[މިހާރު ޒަހީން ޒަވާޖީ ޙަޔާތެއް ނުފަށާ ކަމެއް ނޭނގެއެއްނު.] ޝިޒްނީ ވަނީ އުއްމީދު ގެއްލިފައެވެ. އޭނާ މާޔޫސީ ނަޒަރަކުން ދައްތައަށް ބަލާލިއެވެ.

[އަދި އެހާ އަވަހަކަށް އޭނާވެސް މީހަކާ ނީންނާނެއެއްނު. ބުނަންތަ ޝިޒޫ، އުއްމީދު ނަގާނުލާބަލަ.] ޙަފީޒާ ޝިޒްނީއަށް ހިތްވަރުދިނެވެ.

[އަމިއްލައަކަށް ނޫނޭ އުއްމީދު ގެއްލުވަނީ. އަމިއްލަ ބާރެއްގެ ދަށުގައި އޮންނަ ކަމެއްނަމަތާ.] ޝިޒްނީ ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ.

[މެންދުރު ކައިފިންތަ؟] ޙަފީޒާ މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[އުނހު އަދި ނުކަން. ހިނގާދޯ ކާންދަމާ.] ޝިޒްނީ ތެދުވެ ހިނގައިގަތެވެ.

އާ ކައިވެންޏަށް ދެދުވަސްވީއިރުވެސް، ރާނިޔާގެ ފަރާތުން އާދަޔާ ޚިލާފު އެތައް ކަމެއް ޒަހީނަށް ފާހަގަކުރެވުނެވެ.

ފުރަތަމަ ފާހަގަކުރެވުނީ، ރޭގަނޑުގެ ދަންވަރު ވަގުތެއްގައި އޭނާ ކޮޓަރިން ނުކުމެގެން، ކޮންމެވެސް ތަނަކަށްދާކަމެވެ. ދެވަނަކަމަކީ އޭނާގެ އާދަޔާ ޚިލާފު ޙަރަކާތްތަކެވެ. ކަންތައްތަކުގެ އަވަސް ނިންމުންތަކެވެ.

[ރާނީ....ކޮންމެ ރެޔަކު ދަންވަރު ތެދުވެގެން ތިޔަދަނީ ކޮންތަނަކަށްތަ؟] ޒަހީން އެހިއެވެ. ރާނިޔާ އެނދުން ތެދުވިއެވެ.

[އެއްވެސް ތަނަކަށް ނުދަން.] ހޫނުވާތީ ފިނިކޮށްލަން ބޭރަށް ނުކުމެލަނީ.] ރާނިޔާ އަމިއްލަ ދިފާޢަށްޓަކައި ދޮގު ހެދިއެވެ.

[ދަންވަރު ބޭރުތެރެއަށް ނުކުމެ އުޅެން ރާނީ ބިރެއްވެސް ނުގަނޭތަ؟ އަހަރެން މިހާރުވެސް މިއުޅެނީ ހީކަރުވާތީ. މައްސަލައެއް ނެތް، ރާނީއަށް ފިނިނުވަންޏާ، މާދަމާ ފަންކާ ބަދަލުކޮށްލާނަން.] ޒަހީން ފަންކާ ބަދަލުކުރަން ނިންމިއެވެ.

[ކޮންމެ ކަހަލަ ފަންކާއެއްލިޔަސް، ފިނިވާނީ އެއްވަރަކަށްނު.] ރާނިޔާ ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. ކުއްލިއަކަށް ރާނިޔާ ހިތުގެ ހިނގުން އަވަސްވިކަހަލައެވެ.

[މާދަމާ ހެނދު ތެދުވަންވެސްޖެހޭ. ހިނގާ ނިދަން.] ޒަހީން އޮށޯވެލިއެވެ. އެއީ ރާނިޔާވެސް ބޭނުންވެފައިވާ ގޮތްކަމުން، އޭނާވެސް އެނދުގެ މަގަތުގައި އޮށޯވެލިއެވެ. އޭރު ގަޑިން ބާރަޖަހަން ހުރީ އެންމެ ބައިގަޑިއިރެވެ. ޒަހީނަށް ނުނިދުނަސް ބާރަ ޖެހުމުގެ ކުރިން، އޭނާ ކޮޓަރިން ނުކުންނަން ޖެހެއެވެ. ގަޑީގެ ކަށި އެނބުރެމުންދާ ވަރަކަށް، ރާނިޔާގެ ހަށިގަނޑުގައި ޖަހަމުންދާ ވިންދުވެސް ދިޔައީ އަވަސްވަމުންނެވެ.

ބާރަ ޖަހާއިރު އޭނާއަށް އެކޮޓަރިން ނުނުކުމެވިއްޖެއްޔާ، އޭނާގެ ފިރިމީހާގެ ފަހު ވަގުތު އައިސް ޖެހޭނެއެވެ. ފިރިމީހާ ދެކެ އޭނާ ކިތަންމެ ލޯބިވިޔަސް، ފިރިމީހާ ދިފާޢު ކުރުމުގެ ބާރެއް، އޭނާއަށް ލިބިގެނެއް ނުވެއެވެ. ކޮންމެ ރެޔަކު އޭނާ އެ ކޮޓަރިން ނުކުންނަނީވެސް އެ ސަބަބާ ހުރެއެވެ.

ގަޑިން ބަރާބަރު ބާރަޖެހުމާއެކު، ރާނިޔާ އެނދުން ތެދުވިއެވެ. ދެން އޭނާ ބަލައިލީ ފިރިމީހާގެ މޫނަށެވެ. އޭރު ޒަހީނަށް އޮތީ ގަދައަށް ނިދިފައެވެ. އެކަން ޔަޤީންވުމާއެކު، ރާނިޔާ ކޮޓަރިން ނުކުމެގެން ދުއްވައިގަތެވެ. އެވަގުތުގެ އޭނާގެ މަންޒިލަށެވެ.

ކޮޓަރިން ނުކުތްއިރުވެސް އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ބަދަލުވެއްޖެއެވެ. އަތުގެ އިނގިލިތައް، އާދަޔާ ޚިލާފަށް ދިގުވެ ނޭފަތްވެސް ދިގުވެ، އަނގައިގެ ދެމިޔަކަނުން ދިގު ދެދަތް ނުކުތެވެ.

އެރޭގެ ބަދު ނަޞީބު ކަމަށްވެސް ވެދާނެއެވެ. އޭނާގެ ޢާންމު މަންޒިލަށް އޭނާއަށް ދެވުމުގެ ކުރިން، އޭނާއަށްވާނެ ހުރިހާ އެއްޗެއްވިއެވެ. ހަށިގަނޑުގެ ސިފަ ބަދަލުވެ، ދިރޭ ފުރާނައެއް ޝިކާރަ ކުރުމުގެ އެދުން ބޮޑުވިއެވެ.

މަޑުމަޑުން އޭނާ ހިނގާފައި ގޮސް ވަނީ ކައިރީގައި ހުރި ގެޔަށެވެ. އެއީ މާގިނަ ބަޔަކު އުޅޭ ގެއެއް ނޫންކަން، ގޭގެ ބޮޑު ކޮޓަރިއަށް ބަލާލުމުން އެނގެއެވެ.

މެދުގޭތެރޭ އެލުވާފައި ހުރި އުނދޯލީގައި މުސްކުޅި ފުރައިގެ ފިރިހެނަކު ނިދާފައި އޮތެވެ. އެ އުނދޯލީގެ ކުރިމަތީގައި ކަހަލަ ގޮތަކަށް އެގޭގައި ގެންގުޅޭ ބުޅާވެސް އޮތެވެ.

ރާނިޔާ ބުޅަލަށް ބަލާލުމަށްފަހު، އުނދޯލީގައި އޮތް މުސްކުޅި މީހާއަށް ބަލާލިއެވެ. އެއަށްފަހު ދެފަރާތަކަށް ކަރު އަނބުރާލިއެވެ. ހީވީ އިތުރު މީހަކު ހުރިތޯ ބަލައިލިހެންނެވެ.

ދެން ފެނުނީ އޭނާގެ އަތުގެ ޙަރަކާތްތަކެކެވެ. ހަމަ އެހުރިގޮތަށް ހުރިތާހުރެ ޝިކާރަވެރިޔާގެ ފުރަތަމަ ފުރާނަ ޝިކާރަ ކުރެވުނެވެ. މިފަހަރު އޭނާގެ ޝިކާރައަކަށްވީ، އެ އުނދޯލީގެ ކުރިމަތީގައި އޮތް ބުޅަލެވެ.

ރާނިޔާ ކަރު ހިއްކުން ފިލުވުމަށްފަހު މޫދަށް އެރުނެވެ. މޫދުގެ ލޮނުގަނޑުގައި ޖެހުމާއެކު، އޭނާގެ ސިފަ ބަދަލުވިއެވެ. ކޮންމެރެޔަކު ބާރަޖަހާ އެހާކަންހާއިރު، އޭނާ ތެދުވެގެން ގޮސް އެރެނީ މޫދަށެވެ.

މޫދުލޮނަކީ އެހެން ހުރިހާ ވަގުތަކުވެސް އޭނާއަށް ބިރެކެވެ. ދުވާލުގެ ވަގުތުތަކުގައި އޭނާ މޫދު ލޮނަށް ބިރުގަނެއެވެ. އެހެން ނަމަވެސް، ކޮންމެ ރެޔަކުވެސް ވަކިވަގުތެއްގައި މޫދު ލޮނަކީ އޭނާއަށްޓަކައި ވަރަށް ބޭނުންތެރި އެއްޗެކެވެ. ރޭގަނޑު އޭނާ ސަލާމަތް ކޮށްދެނީ މޫދު ލޮނެވެ.

ކޮންމެ ރެޔަކު ބާރަޖަހާ އެހާކަންހާއިރު މޫދާ ހަމައަށް ނުފޯރައިފިއްޔާ، ކޮންމެވެސް ދިރިހުރި ފުރާނައެއް ޝިކާރަކޮށްގެން ނޫނީ އޭނާ ހަމައެއްނުޖެހޭނެއެވެ. ރާނީ އެކަމާ ފަހުން ހިތާމަވެސް ކުރެއެވެ. އޭނާއާހެދި ބަޔަކަށް ދެރައެއް ލިބުމަކަށް އޭނާ ނޭދެއެވެ.

ރާނީ ގެޔަށް އައިސް ވަންއިރުވެސް ޒަހީން އެއޮތްގޮތަށް ނިދާފައި އޮތެވެ. ރާނިޔާ ކޮޓަރިއަށް ވަންއިރު، ކޮޓަރިން ނުކުތްއިރާ އެއްވެސް ތަފާތެއް ނެތެވެ. ހަށިގަނޑުގެ އެއްވެސް ވަނާއެއްގައި ބަދަލެއް ނެތެވެ. ކުރިއަށްވުރެ މާ ތާޒާކަމަށް ދައްކައެވެ.

އަނެއް ދުވަހު ޒަހީން އޮފީހުން އައިސް ކޮޓަރީގެ ފަންކާ ބަދަލުކުރިއެވެ. ރާނިޔާ އެކަމާ ވަކިއެއްޗެއް ނުބުނެއެވެ. ޒަހީނަށް އޭނާގެ ޙަޤީޤަތް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

[ކުރީގައި ހުރީވެސް އާ ފަންކާއެއްނު.] ރާނިޔާ ބުންޏެވެ.

[އަލެއްކަމަކު ރާނީއަކަށް ފިންޏެއް ނުވެއެއްނު.] ޒަހީން ހިނިތުންވެލިއެވެ. ޙަޤީޤަތް ނޭނގޭ ޒަހީން ހުރީ ހަމަޖެހިފައެވެ.

[އަހަންނަށް ހޫނުވަނީ އެގަޑީގައި އެކަންޏޭ.] ރާނިޔާ ޒަހީނާ ގާތްވެލަމުން ބުންޏެވެ.

[ދެން ހޫނެއް ނުވާނެ. މިހާރު ނުލާހިކު ފިންޏެއްނު.] ޒަހީން ރާނިޔާގެ މޫނުގައި ތުންފަތް ޖައްސާލިއެވެ. ރާނިޔާ ލަދުގަތީ ކަމަށްވެސް ވެދާނެއެވެ. އޭނާ މޫނުމަތީ ދެއަތް އަޅައިގެން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ޒަހީން ހިނިތުންވަމުން ގޮސް ރާނިޔާގެ ހަށިގަނޑުގައި ބައްދާލިއެވެ.

[ނޫން...ޒަހީން....މީ ދެން ކޮންގަޑިއެއް....] ރާނީ ޒަހީންގެ ބާރުގަދަ މުލައްދަނޑީގެ އެހީގައި ބޮނޑިވެލައިފިއެވެ.

[އަހަންނަށް ބޭނުންގޮތެއް ހެދިދާނެއެއްނު. ތިޔައީ އަހަރެންގެ އަނބިމީހާ ވިއްޔަ.] ޒަހީން އިތުރަށް ރާނީގެ ހަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. އޭރު ރާނީގެ ލޮލުންވެސް ފާޅުވަމުންދަނީ މަސްތީ އަސަރުތަކެވެ. އެކަން ޒަހީނަށް ފާހަގަކުރެވުމާއެކު، ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ.

ޖެހިގެން އައި ރޭ ބާރަޖެހިއިރުވެސް ޒަހީނެއް ނުނިދިއެވެ. ރާނިޔާ ވަރަށް ކަންބޮޑުވެއްޖެއެވެ. އެންމެފަހުން އެކަން ޒަހީނަށް ފާހަގަކުރެވުނެވެ.

[ހާދަ ހާސްވެފައި އަނެއްކާ ކިހިނެއްވީ؟] ޒަހީން އެހިއެވެ.

[ކަމެއްނުވޭ. ދެން ޒަހީނަށް ހީވާނެ....] ރާނީ ހިނިތުންވާން މަސައްކަތް ކުރިއެވެ. ރާނީ ހިނިތުންވާން ކިތަންމެ މަސައްކަތް ކުރިޔަސް، އޭނާގެ މޫނުމަތިން އޭނާ ކޮންމެވެސް ކަމެއްގައި ނުތަނަވަސްވެފައިވާ ކަމުގެ ހެކިދައްކައެވެ. ކުއްލިއަކަށް ރާނިޔާއަށް ރަނގަޅު ޚިޔާލެއް ލިބުނެވެ.

[އަންނާނަން ފާޚާނާއަށް ވަދެފައި.] އެކޮޓަރީގައި ފާޚާނާ ނުހުންނަކަމީވެސް ނަޞީބޭ ރާނީގެ ހިތަށް އެރިއެވެ.

[އެކަނިދާން ކެރޭނެތަ؟] ރާނީއާއެކު ދާން ޒަހީން ތެދުވަން އުޅުނެވެ.

[އުހުނ ކީއްވެ ނުކެރޭންވީ. މަށަކީ ޒަހީނެއް ނޫނޭ ބިރުގަންނަން.] ރާނިޔާ ކޮޓަރިން ނުކުތެވެ. ޒަހީން ބޭނުންވީ ރާނީއަށް ކެރޭތޯ ބަލާލުމަށެވެ. އެހެންވެ އޭނާ އަނެއްކާވެސް އޮށޯވެލިއެވެ.

ގެއިން ނުކުމެވުމާއެކު، އޭނާގެ ހިނގުން އަވަސްވިއެވެ. މިފަހަރު ރާނީ އެދޭގޮތަށް ހުރިހާ ކަމެއް ނިމުނެވެ. އޭނާގެ ހަށިގަނޑު ބަދަލުވީ ތޮށިގަނޑު މައްޗަށް އެރުނުފަހުންނެވެ. އޭރު އެހިސާބުގައި އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ.

ހަށިގަނޑު ބަދަލުވުމުން އޭނާ މޫދަށް ފުންމާލިއެވެ. ހަމަ މޫދުގެ ލޮނުގަނޑުގައި ޖެހުމާއެކު، އޭނާގެ ހަށިގަނޑުގެ ސިފަ ޝިޒްނީގެ ސިފައަށް ބަދަލުވެއްޖެއެވެ. ޒަހީން އިންތިޒާރުގައި ހުންނާނެކަން އެނގޭތީ، ރާނިޔާގެ ޙަރަކާތް ފިސާރި އަވަހެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާ އިހު ހުރިގޮތަށް ބަދަލުވިއެވެ.

ރާނިޔާ ކޮޓަރިއަށް ވަތްއިރު ހީކުރިގޮތަށް ޒަހީން އިންތިޒާރުގައި ހުއްޓެވެ.

[ހާދަ ލަސްވީ....އަހަރެން ބޭރަށްވެސް ނުކުތީމޭ. އަހަރެން ނުކުތީމަ ފިލީދޯ.] ރާނިޔާ އައިސް ވަނުމާއެކު، ޒަހީން އެއްސެވެ.

[ކޮބާ މިހާރު އެނގިއްޖެއެއްނު. އަހަރެން ބިރެއް ނުގަންނާނެކަން.] ރާނިޔާ ފަޚްރުވެރިވެލިއެވެ.

[ރަނގަޅު. މިފަހަރު އަހަރެންގެ ކޮޅު ދަށްވެއްޖެ. އަހަރެން ޤަބޫލުކުރަން ރާނީއަކީ ބިރުކުޑަ މީހެއް ކަމަށް.] ޒަހީން ދެރަ ޤަބޫލުކުރިއެވެ. ރާނިޔާ ހިނިތުންވެލިއެވެ.

[އަހަރެން މިއައީ މަގަށްވެސް ނުކުމެލާފައި.] ރާނިޔާ އޭނާގެ ރޭވުމުގެ މޮޅުކަން އަންގާލިއެވެ. ޒަހީން އެނދުގައި އޮށޯވެލިއެވެ. ރާނިޔާވެސް އަނެއް ފަރާތުގައި އޮށޯތެވެ.

[ކިހިނެއްވީ އިސްތަށިގަނޑު ތެމުނީ؟] ރާނީގެ އިސްތަށިގަނޑުގައި ހުރި ފެނުގެ އަސަރު އެނގުމުން ޒަހީން އަހާލިއެވެ. ކުއްލިއަކަށް ޒަހީން އެހެން އެހުމުން ދޭނެ ޖަވާބަކާމެދު ވިސްނަން ރާނީއަށް ވަގުތު ބޭނުންވިއެވެ.

[ހޫނުވާތީ އިސްތަށިގަނޑު ތެންމާލީ.] ރާނީ ބުންޏެވެ. ޙަޤީޤަތް ނޭނގޭ ޒަހީން ދިޔައީ ރާނިޔާ ބުނާ ކޮންމެ އެއްޗެއްވެސް ޤަބޫލު ކުރަމުންނެވެ.

[ތިޔަހާވަރުވަންޏާ މާދަމާ ޑޮކްޓަރަށް ދައްކަންވީނު. އަޅާނުލާ ތިއްބާ ބޮޑަށް ސަކަރާތްވެދާނެ.] ޒަހީން ލަފާދިނެވެ.

[ދެން އެއީ އެހާވަރު ކަމެއްތަ؟ ދުވަސްކޮޅަކުން ރަނގަޅުވެދާނެ.] ރާނިޔާ ހާސްވިއެވެ. ޙަޤީޤަތް ހާމަވެދާނެތީ އޭނާ ބިރުގަނެއެވެ.

[އެންމެ ރަނގަޅު. އެއްވެސް ކަމެއް ނޫން. އެކަމަކު ކޮންމެ ރެޔަކު ހޫނުވެގެން ކޮޓަރިން ނުކުންނަމެއްނު. އެއީ ބައްޔެއް ނޫންތަ؟ ހެޔޮ މާދަމާ ޖެހޭނެ ހޮސްޕިޓަލަށް ދާން.] ޒަހީންގެ ގާތަށް ކޮންމެވެސްވަރަކަށް ރުޅިއައެވެ.

[ރުޅިއައީތަ؟] ޒަހީން ވާހަކަ ދެއްކި ގޮތުން، އޭނާ ރުޅި އައިސްފައި ހުރިކަން ރާނިޔާއަށް ފާހަގަކުރެވުނެވެ.

[ރުޅި އަންނާނެއެއްނު. ރާނީވެސް ބުނާގޮތް ހަދައިގެން ނުވަންޏާ.] ޒަހީން ރުޅިއަންނަގޮތް ދެއްކިއެވެ.

[އެންމެ ރަނގަޅު. މާދަމާ ހޮސްޕިޓަލަށް ދާނަން. ހެނދުނު ޒަހީނަކަށް ނުދެވޭނެއެއްނުދޯ.] ރާނީ ހޮސްޕިޓަލަށް ދާން އެއްބަސްވިއެވެ.

[އާނ މަންމަ ގޮވައިގެން ދާތި. މާދަމާ ހެނދުނު އެބަޖެހޭ އޮފީހަށް ދާން.] ޒަހީން ތެދުވެގެން ގޮސް ނިދާ ބޮކި ދިއްލިއެވެ.

ރާނިޔާ ހޮސްޕިޓަލަށް ދިޔުމުގެ ތާވަލާމެދު ވިސްނިއެވެ. މަންމައާއެކު ހޮސްޕިޓަލަށް ގޮސް އޭނާ ކަންތައް ކުރާނެ ގޮތެވެ.

*********************

ހެނދުނު ރާނިޔާ ފާއިޒާއާއެކު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ދިޔައެވެ. ނަންބަރު ނަގަން ކައުންޓަރާ ކައިރިވީ ރާނިޔާއެވެ. އޭނާ ނަންބަރު ވަރަށް ފަސޭހައިން ނެގިއެވެ. އޭރު ފާއިޒާ ކުރިމަތީގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެ އިނެވެ.

[ކިތައްވަނަ ނަންބަރުތަ؟] ރާނިޔާ ނަންބަރު ހިފައިގެން އައިސް ހުއްޓުމުން ފާއިޒާ އެއްސެވެ.

[ތިނެއް. މިހާރު ދޭއް ވަދެފި. މަންމަ މަޑުކޮށްލާ، އަހަރެން އަންނާނަން.] ރާނިޔާ ގޮސް ބަލިމީހުން ބަލާ ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ ކުރީގައި ހުރެގެން ތިންވަނަ ނަންބަރުގެ ބަލިމީހާ ގޮސް އެކޮޓަރިއަށް ވަނެވެ. އެހެނަސް އޭނާ ފަހެއް ނުޖެހެއެވެ. އޭނާވެސް ވަނެވެ. މަންޒަރު ބަލަން ފާއިޒާ އިނެވެ.

ޑޮކްޓަރ ރާޖަން ބަލި މީހަކު ބަލަމުންދިޔައިރު، ރާނިޔާ ޑޮކްޓަރުގެ އެއްފަރާތު ހުރި ގޮނޑީގައި އިށީނދެ އިނެވެ. ޑޮކްޓަރުގެ ޙަރަކާތް ހުރިގޮތުން ރާނިޔާ އެއްވެސް މީހަކަށް ނުފެންނަކަން އެނގެއެވެ.

އެތާ އެތެރޭގައި ހުރި ބަލިމީހާއަށް ވުރެން ކުރިން ރާނިޔާ ނުކުތެވެ. އޭނާ ނުކުތްއިރު ބޭސް ސިޓީއެއް ވައްތަރު ކަރުދާހެއްވެސް އޮތެވެ. އޭނާއަށް އޭނާގެ މަޤްޞަދު ވަރަށް ފުރިހަމައަށް އަދާކުރެވުނެވެ.

ރާނިޔާ ނުކުތްތަނާހެން ޑޮކްޓަރ ރާޖަނަށް ބޭސް ސިޓީ ގެއްލުނެވެ.

[ކޮބާ ބޭސް ސިޓީ....] ޑޮކްޓަރ ރާޖަން ބަލިމީހާ ކުރެން އެއްސެވެ.

[ޑޮކްޓަރ ނުދެއްވަމެއްނު.] ބަލިމީހާ ޖަވާބު ދިނެވެ.

[ދެންމެ މިތާ ބޭއްވީމެއްނު.] ޑޮކްޓަރ ބޭސް ސިޓީ ފެނޭތޯ ހޯދަން ފެށިއެވެ.

[ގައިމު މިތަނަކަށް އިތުރު މީހަކު ނުވެދޭ.] ކުއްލިއަކަށް ބޭސް ސިޓީ ގެއްލުމުން، ބަލިމީހާއަށްވީ ހެއްވާ ކަމަކަށެވެ.

ފަހުން ޑޮކްޓަރ އިތުރު ސިޓީއެއް ލިޔެދިނެވެ. ބަލިމީހާ ބޭރަށް ނުކުމެ، އެހީތެރިއަކަށް އައިސް ހުރި މީހާ ކައިރީ އެވާހަކަ ޖޯކަކަށް ހަދައިގެން ދެއްކިއެވެ.

[ވެދާނެއެއްނު، ފަންކާގެ ވަޔާއެކު ކޮންމެވެސް ދޭތެރެއަކަށް ވެއްޓުނީ ކަމަށްވެސް.] އެއީ އެހީތެރިޔާއަށް ލަފާކުރެވުނު ގޮތެވެ.

[ފަންކާއޭ!؟] ބަލަ އެއަރކޯނޭ ހުންނަނީ. ބޭސް ސިޓީއާއި މެމޯއާވެސް އެކުއޭ ގެއްލުނީ.] ބަލިމީހާ އިތުރަށް އޮޅުންފިލުވައިދިނެވެ.

ރާނިޔާއާއި ފާއިޒާ އެ ސިޓީއަށް ބޭސް ނަގައިގެން ގެޔަށް އައިއިރު ޒަހީންވެސް ގެޔަށް އައިސް އުޅެއެވެ.

[ދަރިފުޅާ މިއަދު މާ އަވަހަކަށްތަ؟] ޒަހީން ހުއްޓާ ފެނުމުން ފާއިޒާ އެއްސެވެ.

[އާނ މިއަދު މިއައީ ރާނީ ޑޮކްޓަރަށް ދައްކަންދާތީ. ކާކަށްތަ ދެއްކީ؟] ޒަހީން ބުންޏެވެ.

[ޑޮކްޓަރ ރާޖަނަށް.....] ޖަވާބު ދިނީ ރާނިޔާއެވެ.

[ދައްކަބަލަ ތިޔަ ބޭސް ސިޓީ.....] ޒަހީން ބޭސް ސިޓީ އަތުލިއެވެ.

[މިއީ ފިރިހެނެއްގެ ބޭސް ސިޓީއެއްނު. އާނ، އެހެންޏާ މީގައި މިއޮތީ ރާޝިދޭ ވިއްޔާ!] ޒަހީން ބޭސް ސިޓީއަށް ބަލައިލަމުން ބުންޏެވެ. ރާނިޔާ ހީލިއެވެ.

[ތިޔައީ [ރިސެޕްޝަން] ގައި އިން ކުއްޖާ، ރާނީއޭ ބުނީމާ ޖަހާފައި އޮތް ގޮތް.] ރާނީ ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރިއެވެ.

[އާނ އޭނާއަށްވެސް އެނގޭނެއެއްނު، ރާނީ އުޅޭނީ އިނގިރޭސިވިލާތުގައިކަން.] ޒަހީން ޖޯކެއް ޖަހާލިއެވެ.

[މި ޒަހީން އުޅޭނެ އަބަދުވެސް ސަމާސާ ކުރަން.] ރާނީ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ފަހަތުން ޒަހީންވެސް ވަނެވެ.

[ރުޅިއައީތަ؟ އަންހެނުން ދަންނާނެ، ވަރަށް އަވަހަށް ރުޅި އަންނަން.] ޒަހީން ރާނީގެ އަތުގައި ހިފެހެއްޓިއެވެ. ރާނީ ރުޅި އަންނަގޮތް ދެއްކިއެވެ.

[ވާހަކަ ނުދައްކާނަންތަ؟ އަޅެ އަހަރެން ވަރަށް ބަނޑުހައިވެއްޖެ.] ޒަހީން ބަނޑުގައި އަތް ކާއްތާލިއެވެ. ރާނިޔާ ހުރިގޮތަށް ހުރީއެވެ. އޭނާ ބޭނުންވީ ޒަހީން ތަޅުވާލާށެވެ.

[އަހަންނަށް ކާކަށް ނުދޭނަންދޯ. އެންމެ ރަނގަޅޭ، އަހަރެން ދަނީ.] ޒަހީން ނުކުންނަން ހިނގައިގަތެވެ.

[ނުދެވޭނެ! ކައިގެން ދެވޭނީ.] ރާނީ ޒަހީން ހިފެހެއްޓިއެވެ. ރާނީގެ އެ ޙަރަކާތުން ޒަހީންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

[ދަރިފުޅާ، މަންމަ ކާން ހަދައިފީމޭ.] ބޭރުން މަންމަގެ އަޑު އިވުނެވެ. ރާނީއާއި ޒަހީން ކޮޓަރިން ނުކުތެވެ.

[މަންމަ ކާން ހެދީތަ؟] ކޮޓަރިން ނުކުމެ ރާނީ، މަންމައާ ވާހަކަ ދެއްކިއެވެ.

[އާނ އަދިވެސް ދަރިފުޅުމެންގެ ބައްޕަ ހެނދުނުދިޔަ ގޮތަކަށް ނާދޭ.] ފާއިޒާ އިނީ ޒަހީންގެ ބައްޕަ ރާފިޢާމެދު ހިތްހަމަނުޖެހިފައެވެ. އެކަން އެނގެނީ އޭނާ ވާހަކަ ދެއްކި ގޮތުންނެވެ.

[އަޅެ....މަންމާ....ބައްޕައަށްވެސް މިނިވަންކަމެއް އޮންނަންވާނެއެއްނު. ހަމަ ބައްޕަ ގެޔަށް އައިސް ވަންނައިރަށް، މަންމަ ކޮންމެވެސް ޝަކުވާއެއް ކުރާނެ.] އަބަދުވެސް އާދަ. މިފަހަރުވެސް ޒަހީން ބައްޕަގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ. މިގޮތަށް ބައްޕަގެ ދިފާޢުގައި ވާހަކަ ދައްކާތީ، ބައެއްފަހަރު ފާއިޒާގެ ގާތަށް ރުޅިވެސް އާދެއެވެ. އެހެނަސް އޭނާ އެކަމެއް ދަރިފުޅަކަށް ނުދައްކައެވެ.

[ދަރިފުޅު އެންމެ ފަހަރަކުވެސް ބައްޕަގެ ކުރިމަތީގައި މަންމަ ދިފާޢުކޮށްދިނިންތަ؟] ފާއިޒާގެ މޫނުމަތިން ފާޅުވީ ނުރުހުމުގެ އަސަރެވެ.

[މަންމައާއި ބައްޕައާ ދެމީހުންގެ ދޭތެރެއަށް ޒަހީން ކީއްކުރަންތަ ވަންނަންވީ. މަންމަމެން ކުރާ ކަންތަކާ ޒަހީން ނުބެހިބަލަ.] ރާނިޔާވެސް ވާހަކަ ދެއްކީ ޒަހީނާ ދެކޮޅަށެވެ.

[އެއީ މަންމަމެންގެ ކަންތަކާ ބެހުމެއް ނޫނެއްނު.] މަންމަ ރުޅިއައިކަން އެނގުމުން ޒަހީންވެސް ދެރަވެއްޖެއެވެ. ޒަހީން ހިނގައިގަތީ އެނބުރި ކޮޓަރިއަށް ވަންނާށެވެ.

[ޒަހީން ދެން ކައިގެން ކޮޓަރިއަށް ވަދެބަލަ. ޔަޤީނޭ މިހާރު އެހުރީ ރުޅިއައިސްފައިކަން.] ފާއިޒާ ޒަހީން ހަމަޖައްސަން އުޅުނެވެ. މަންމަ ރުޅި ނާންނަކަން އެނގުމުން، ޒަހީން ހިނިތުންވަމުން ގޮސް ކާކޮޓަރިއަށް ވަނެވެ.

ކައިގެން ޒަހީން ދިޔައީ އޮފީހަށެވެ. ރާނިޔާ ގޭތެރޭގައި މަންމައާއެކު ކުރަންހުރި ބައެއް މަސައްކަތް ކުރުމައިގެން އަވަދިނެތި އުޅެމުންދެއެވެ.

[އައްސަލާމް ޢަލައިކުމް.] ބޭރުން މީހަކު ސަލާމް ގޮވި އަޑަށް ނުކުތީ ފާއިޒާއެވެ. ރާނިޔާ މަސައްކަތުގައި ހުއްޓެވެ. ފާއިޒާ ނުކުތްއިރު ދޮރުމަތީގައި ތިބީ ޒުވާން ފުރައިގެ ދެއަންހެން ކުދިންނެވެ.

[ޝިޒްނީ އުޅުއްވާތޯ؟] އެތަނުން ދޮންކޮށް ފަލަކޮށްހުރި އަންހެން ކުއްޖާ އެއްސެވެ.

[ޝިޒްނީ ކިޔާ މީހަކު މިގެޔަކު ނޫޅޭ.] ފާއިޒާ ބުންޏެވެ.

[މިބުނަނީ މިގޭ ކުއްޖެއްގެ ވާހަކަ.] ދެންހުރި އަންހެން ކުއްޖާ ރާގެއްލާފައި ބުންޏެވެ.

[މަޑުކޮށްލާ އަންނާނަން....] ފާއިޒާ އެތެރެއަށް ވަނެވެ.

[އެއީ ކޮންބައެއްތަ؟] ފާއިޒާ އައިސް ހުއްޓުމާއެކު، ރާނިޔާ އެއްސެވެ.

[މިގޭގައި ނުއުޅޭހޯ ޝިޒްނީއަކު. އެބަތިބި ބޭރުގައި ގޮސްބަލަ. އެ ވެދާނެ ދަރިފުޅު ދަންނަ ބަޔަކަށްވެސް.] ފާއިޒާ އެދުނެވެ. އެވަގުތު ރާނިޔާގެ ހިތަށް އެރިއެވެ. ޔަޤީނެވެ. އެވާނީ ޝިޒްނީ ރައްޓެހި ކުދިންނަށެވެ.

ރާނިޔާ ބޭރަށް ނުކުތީ ވަރަށް ޖެހިލުންވެހުރެއެވެ.

[އަހަނ.....ޝިޒޫ، އެކަމަކު ދެންމެ ނުކުތް މީހާ ބުނީ، ޝިޒްނީ ކިޔާ ކުއްޖަކު ނޫޅެޔޭ.] ރާނިޔާ ފެނުމުން އުފާވެފައި ތިބި ޝިޒްނީގެ ރަޙްމަތްތެރިން އަރައިގަތެވެ. އެއީ ރާނީ ހީކޮށްގެންވެސް ހުރިގޮތެވެ.

[މިހާރު ޝިޒޫ ހާދަ ނުފެނެޔޭ. އަންގާވެސްނުލާ ޓިއުޝަން ކަޓުވާލައިފި. އަނެއްކާ ކިހިނެތް ކިހިނެއް ތިޔަ ހަދަނީ. އަހަރެމެނަށްވެސް އަންގައިގެން އުޅެބަލަ.] އެތަނުން އެއްކުއްޖަކު ރާނިޔާގެ އަތުގައި ހިފެހެއްޓިއެވެ.

[ކޮންތާކަށް ތިޔަދަނީ؟] ޖެހިލުންވެފައި ހުރި ރާނިޔާ އިރުކޮޅަކު ވިސްނަން ހުރެލާފައި އެއްސެވެ.

[މި ލަހޫއާއެކު ލަހޫގެ ގެޔަށް މިދަނީ. އަހަރެމެންނާއެކު ދާންވީނު.] ރަޝްފާ އެދުނެވެ.

[މަންމަ އެބައުޅޭ އެއްޗެހި ދޮންނަން. އެކަނިކޮށްފައި ދާކަށް ނުވާނެއެއްނު.] ރާނިޔާ ޢުޒުރު ދެއްކިއެވެ. ރަޝްފާއާއި ލަހުފާ އެގޮތް ޤަބޫލުވެސް ކުރިއެވެ.

[އެހެން ވެއްޖެއްޔާ އަހަރެމެން ދެން ދަނީ.] ރަޝްފާ ރާނީގެ އަތުން ދޫކޮށްލިއެވެ.

[އަޅެ އަދި އަންނައްޗޭ. އަދި ކައިވެނީގެ ސައި ބުއިންވެސް އޮންނަންވާނެއެއްނު.] ރާނިޔާ އޭނާ ކައިވެނި ކުރިކަން ރަޝްފާމެންނަށް އަންގާލިއެވެ.

[ކައިވެނި ސަޔޭ! އަނެއްކާ ޝިޒޫގެތަ؟] ލަހުފާ ޝައުޤުވެރިވިއެވެ.

[އޭތް....އަޅެ މަޢާފް ކުރައްޗޭ. ރަޝްމެނަށް އަންގާނެ ފުރްޞަތެއް ނުލިބުނިއްޔޭ. މިހާރު އަހަރެން ޒަހީނާ މެރީކުރިތާ ދެހަފްތާވަރު ވެދާނެ.] ރާނިޔާ މަޢާފަށް އެދުމަށްފަހު އޮޅުންފިލުވައިދިނެވެ.

[މިރޭ އަށެއް ޖަހާއިރު ސްކޫޕަށްދާން އަންނާނަން. ހިނގާ އަވަހަށްދާން...ރަޝް.] ލަހުފާ ރަޝްފާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.

[މައްސަލައެއް ނެތް އަންނާތި.] ރާނިޔާވަނީ އެތެރެއަށެވެ.

[ދަރިފުޅާ ރާނީ އެއީ ކޮން ކުދިންނެއް؟] ރާނީ ބަދިގެޔަށް ވަނުމުން ފާއިޒާ އެހިއެވެ.

[އެއީ ރައްޓެހި ކުދިންތަކެއް.] ރާނިޔާ ޖަވާބު ދިނެވެ.

[އެކަމަކު އެކުދިން ހޯދަން އުޅުނީ ދަރިފުޅެއް ނޫން. ކޮންމެވެސް ޝިޒްނީއަކު.] ފާއިޒާ ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ތެދުވެ ހިންދެމިލިއެވެ.

[މަންމާ، އަހަރެންގެ ހުރިހާ ރައްޓެހި ކުދިން އަހަންނަށް ކިޔާނީ ޝިޒްނީ.] ރާނިޔާ މަންމައަށް އޮޅުންފިލުވައިދިނެވެ.

[އެހެންތަ ނޭނގޭނެއެއްނު. ކިރިޔާއެއްނު އެކުދިން ފޮނުވާނުލެވުނީ.]

[ކޮންކަމެއް ނޭނގޭނެއޭތަ؟] ބޭރުން އައިސް ވަން ރާފިޢު ފާއިޒާގެ ވާހަކަ ހުއްޓުވިއެވެ.

[ދެން އެއްޗެކޭ ބުނީމަ، ބުނި މީހާ ނުބައިވާނީ. އަދި ހެނދުނު ދިޔަގޮތަށް ކިރިޔާނު ތިޔަ އާދެވުނީ. މިހުރިހާއިރު ކޮންތާކު އުޅެފަތަ ތިޔައައީ....] ފާއިޒާ ހުރީ ރުޅިއައިސްފައެވެ. މަންމައާއި ބައްޕަގެ އަރާރުމުގެ އަޑުއަހާކަށް، ރާނިޔާ އެތާކު މަޑެއް ނުކުރެއެވެ. އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ.

******************

ރޭގަނޑުގެ އަށެއް ޖެހިއިރު ރާނިޔާ ރަޝްފާމެންގެ އިންތިޒާރުގައި ހުއްޓެވެ. ޒަހީންވެސް ހުރީ ރާނީގެ ރަޙްމަތްތެރިންނަށް ތަޢާރަފްވުމަށް ތައްޔާރުވެގެންނެވެ. ރަޝްފާމެނަށް އާދެވުނީ ރާނިޔާމެން އިންތިޒާރު ކުރާތާ ދޮޅުގަޑިއިރު ފަހުންނެވެ.

[އަދިވެސް ގަޑިކިޔާތި. ގަޑި ކިޔާފައިދާއިރު ވަރަށް ފޯރި ހުރެއެއްނު.] ރަޝްފާމެން އައުމުން ރާނިޔާ ޝަކުވާ ކުރިއެވެ.

[މި ލަހުފާ، މާ ތަތީޔޭ. އާނ ފާޚާނާއަށް ވަދެފައިވެސް އެއްގަޑިއިރު. އަދި މޭކަޕް ކުރަން އެއްގަޑިއިރު.] ރަޝްފާ ކުށްވެރި ކުރީ ލަހުފާއެވެ.

[ސޮރީ އިނގޭ ޝިޒޫ. ދެން ފަހަރަކުން ރަނގަޅުވާނެ.] ލަހުފާ ކުށް ޤަބޫލު ކުރިއެވެ.

[ދެންވެސް ތިބެނީތަ؟ އަވަސްކުރަން އުޅެބަލަ. މިހާރުވެސް މިހުރީ ކުޅު ދިޔާވެފައި.] ރަޝްފާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

[އަދިވެސް ޝިޒްނީ ފިރިމީހާގެ ތަޢާރަފެއް ނުދެމެއްނު.] ލަހުފާ ހަނދާންކޮށްލަދިނެވެ. ޙަޤީޤަތުގައި ރާނިޔާ ހަނދާން ހުއްޓެވެ. އޭނާ ޤަޞްދުގައި ތަޢާރަފްކޮށް ނުދިނީއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން