ޔޫކްރެއިންގެ ޝަކްތަރ ޑޮނެޝް އާއި ސްވިޒަލޭންޑްގެ އެފްސީ ބަސެލް ބައްދަލުކުރި މެޗްގެ ތެރެއިން
ޔޫކްރެއިންގެ ޝަކްތަރ ޑޮނެޝް އާއި ސްވިޒަލޭންޑްގެ އެފްސީ ބަސެލް ބައްދަލުކުރި މެޗްގެ ތެރެއިން
ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި ރޭ ކުޅުނު މެޗްތައް ކާމިޔާބުކޮށް ސްޕެއިންގެ ސެވިއްޔާ އާއި ޔޫކްރެއިންގެ ޝަކްތަރ ޑޮނެޝް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސެވިއްޔާ ސެމީން ޖާގަހޯދީ އިނގިރޭސި ޕްރިމިއަރ ލީގުގެ ވުލްވްސް އަތުން 1-0 އިން ކުރި ހޯދައިގެންނެވެ. މި ސީޒަނުގައި ރަގަޅު ކުޅުމެއް ދައްކަމުން އައި ވުލްވްސް އަށް ރޭގެ މެޗްގެ ވަރަށް ކުރީކޮޅު ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައިވެއެވެ. އެކަމަކު މެޗްގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ރައުލް ޖިމިނޭޒް ފޮނުވާލުމުން ސެވިއްޔާގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.

ސެވިއްޔާއިން ރޭގެ މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށް ދީފައިވަނީ ލޫކަސް އޮކަމްޕޮސް އެވެ. އޭނާ ގޯލް ކާމިޔާބު ކޮށްފައިވަނީ، އީވާ ބަނޭގާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މިހާތަނަށް މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ސެވިއްޔާ އަށް ސެމީފައިނަލުގައި ވާދަކުރަންޖެހޭނީ ވަރުގަދަ މެންޗެސްޓަރ ޔުނައިޓެޑާ އެވެ. މި މެޗް ކުޅޭގޮތަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.

ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ އަނެއް މެޗުގައި ޔޫކްރެއިންގެ ޝަކްތަރ ޑޮނެޝް ވަނީ ސްވިޒަލޭންޑްގެ އެފްސީ ބަސެލްގެ މައްޗަށް 1-4 އިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސެމީގައި ޝަކްތަރު ވާދަކުރަންޖެހޭނީ އިންޓަރ މިލާން އާ އެވެ. މި މެޗް ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.

ކޯވިޑް-19ގެ ސަބަބުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި މިނި ޓޯނަމެންޓެއްގެ ގޮތުގައި ކުޅޭއިރު ހުރިހާ މެޗެއް ކުޅޭނީ ޖަރުމަނުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން