އއ. ތޮއްޑޫގެ ދަނޑުބިންތައް ދިނުމާ ގުޅޭ އުސޫލުތަކަށް ގެނައި ބަދަލާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ކައުންސިލުން ނިންމާފައިިވާ ކަމަށް ބުނެ އަދި ކުރީގެ އުސޫލާ ހިފާލަށް ކުރިއަށް ވުރެ ދިގު މުއްދަތަކަށް ދަނޑުބިންތައް ދޭން އުޅޭތީ މިދިޔަ ބުދަ ދުވަހު އެ ރަށުގެ ބަޔަކު ކައުންސިލް އިދާރާ ދޮށަށް އެއްވެ އިހުތިޖާޖުކޮށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަށް މީހަކު ހައްޔަރުކުރި އެވެ.

ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ އެންމެންވެސް ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ތޮއްޑޫގައި އިޙްތިޖާޖު ކުރި މީހުންގެ ތެރެއިން ބަޔަކު ކައުންސިލް އޮފީހުގެ ފުރާޅު މައްޗަށް ގާ އުކައި، މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ވެސް ކުރި އެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް އަނިޔާވެ ފަރުވާވެސް ދިނެވެ.

ތޮއްޑޫއިން ދަނޑުވެރިކަމަށް މީގެ ކުރިން ބިން ދޫކުރަމުން އައީ ފަސް އަހަރަށެވެ. ނަމަވެސް އެ މުއްދަތު 10 އަހަރަށް ދަންމާލަން ނިންމުމުން ރައްޔިތުން ރުޅިގަދަވީ އެވެ.

ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އެއް ރަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން