އަޟްހާ އީދުގެ ބަންދުގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް 17 ޖޫން އިން ފެށިގެން 20 ޖޫން އާ ހަމައަށް ކޮންމެ ދުވަހަކުވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

އެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށައެޅުމުގެ ހިދުމަތް ހުޅުވާލާފައިވަނީ 65 އަހަރުން މަތީގެ ފަރާތްތަކަށާއި އެމަޖެންސީ ހާލަތްތަކުގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ޕާސްޕޯޓް ނެގުމަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަނަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށް ވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

”ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަނީ ހެނދުނު 8:30 ހަވީރު 16:00 އަށް. އަދި މެންދުރު 12:00 އިން 12:45 އަށް ނަންބަރު ދޫކުރުން މެދުކެނޑޭނެ.“ އިމިގްރޭޝަނުން އާންމުކޮށްފައިވާ އިޢުލާނުގައި ވެއެވެ.

މެޑިކަލް އެމަރޖެންސީ ހާލަތްތަކުގައި 9555333 ނަންބަރު ފޯނަށް ގުޅުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.

ސަރުކާރުން ވަނީ އަޟްހާ އީދާ ގުޅިގެން އެ ހަފްތާ އެއްކޮށް ބަންދު ކުރުމަށް ނިންމާފައެވެ. އެއާއިއެކު އަންނަ ހަފްތާގެ ހަތް ދުވަހުގެ އިތުރުން ހުކުރު ހޮނިހިރާއެކީ 9 ދުވަސް މިފަހަރުގެ އީދު ބަންދަށް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން