ރައްޔިތުން މީސް މީޑިއާގައި އިއްވާ އަޑު ބޮޑުންނަށް އިވޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން މި ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވުނު އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅޭ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

"މީސްމީޑިއާގައި ރައްޔިތުންގެ އަޑު ރައްޔިތުން އެބަ އިއްވައޭ. އެ އަޑު ބޮޑުންނަކަށް ނިއިވެއޭ، މިއީ ވެސް އަޅުގަނޑުމެންނަށް އިވޭ އެއްޗެއް. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވައިލަން، ބޮޑުންނަށް ހަމަ ހުރިހާ އަޑެއް ވެސް އިވޭ." ރައްޔިތުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުއޫރުތަކާއި ބެހޭ ގޮތުން ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުން ދަނީ މީސް މީޑިއާގައި އަދި މަގުމަތީ ހަރަކާތްތަކުގައި އިސްރާއީލް ޕާސްޕޯޓު މަނާކުރަން ގޮވާލަމުންނެވެ. އެގޮތަށް ކަންތަށް ކުރުމުން ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަވެގެންދާނެ ކަމަށް ބުނެ ރައްޔިތުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

"ޤައުމު ދެކެ ލޯބިވުމަކީ ޤައުމަށް ދުޝްމަނުން ހޯދައި ލިބިގަތުމެއް ވެސް ނޫން. އަދި އެހެން ޤައުމުތަކަށްވުރެ ތިމާމެން މި ނަގާ ޕޮޒިޝަން މާ ހަރުދަނާވެފައި މާ މޮޅޭ ބުނުމެއް ވެސް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ނިންމާ ނިންމުމަކީ ޖުމުލަގޮތެއްގައ،ި ޖަމަޢީ ގޮތެއްގައި އަޅުގަނޑުމެންގެ މިނިވަންކަމާއި ރައްކާތެރިކަން އަދި އިޤުތިޞާދީ ގޮތުން ވެސް އަޅުގަނޑުމެންނަށް ގެއްލުންނުވާނެ ގޮތްތަކަކަށް މި ކަންކަން ނިންމުން." ނާޒިމް އިތުރަށް ވިދާޅުވިއެވެ.

އިސްރާއީލު ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ވަނީ މިއަދު ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން