ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ތެރޭގައި ވަޒީފާ އަދާކުރާ އާމްދަނީ ލިބޭ މީހަކު ހިމެނުނީ ކުރީގެ ސަރުކާރުގެ ލިސްޓަކަށް މީހުން ހައްޖަށް ފޮނުވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން 50 މީހަކު މި އަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ވަނީ ފޮނުވާފަ އެވެ. ފަސް އަހަރުގެ ދައުރުގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.

ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ތެރޭގައި ވަޒީފާ އަދާކުރާ އާމްދަނީ ލިބޭ މީހަކު ހިމެނޭ ކަން ފާހަގަވީ ދައުލަތުގެ މީޑިއާ ޕީއެސްއެމުން މި އަހަރު ހިލޭ ހައްޖަށް ދާން ފުރުސަތު ލިބުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ގެނެސްދިން އިންޓަވިއު އެއްގެ ތެރެއިންނެެވެ. މުދައްރިސުކަން ކޮށްފައިވާ އެމީހާ އަކީ އަދި މިހާރު އިމާމެއްގެ ވަޒީފާ ވެސް އަދާކުރަމުންދާ މީހެކެެވެ.

އެކަމާ ގުޅިގެން ގިނަ ބަޔެެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ އެއީ ކިހިނެއް ހިގައިދިޔަ ކަމެއްތޯ މިހާރު ބަލަމުންދާ ކަމަށެވެ. އަދި ހައްޖަށް ފޮނުވި ފަގީރުންގެ ލިސްޓަކީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން