ކައިވެނީގެ ގުޅުމެއްގައި ތިބޭ ދެމީހުން އެކަކު އަނެކަކަށް ހިބައިންދޭ މުދަލެއް އަތުނުލެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ކައިވެނިކޮށްގެން އުޅުނުއިރު އަނބިމީހާ ފިރިމީހާއަށް ހިބައިން ދިން ގޯތި އަތުލަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ކޮށްފައިވާ ޙުކުމުގައެވެ.

އެގޮތުން ހިބައިން ދިން ގޯތީގައި ދެމަފިރިންގެ މަސައްކަތުން ހަތަރު ބުރީގެ އިމާރާތެއް އަޅާފައިވާއިރު ދެމަފިރިންގެ ނަމުގައި ބޭންކުން ލޯނެއް ވެސް ވަނީ ނަގާފައެވެ. އެ ލޯނަށް ފިރިހެން މީހާވެސް ޒިންމާވާން ޖެހޭކަމަށް ކަނޑައަޅައި ދިނުމަށް އެދި ވަކި މައްސަލައެއް ވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ހިބައިން ދީފައިވާ މިގޯތި އަތުލުމުގެ މައްސަލާގައި ކޯޓުން ނިންމާފައިވަނީ ހިބައިން ތަނެއް އަތުލުމުގެ އުސޫލެއް ބިމާ ބެހޭ ގާނޫނުގައި ވެސް، ހިބައިން އަދި ވަސިއްޔަތުން ދިނުމާ ބެހޭ ގަވާއިދުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ.

އަދި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ފަރުވާއެއް ފެންނަން ނެތް ކަންކަމުގައި ޢަމަލުކުރަން ޖެހޭނީ އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ކަމަށާއި އެހެންކަމުން އިސްލާމީ ޝަރީއަތުގައި ހިބައިން ދެވޭ މުދާ އަތުލުމުގެ ހަމަތަކަށް ބަލާއިރު ކައިވެނީގެ ގުޅުމަކުން ހިބައިން ދެވޭ މުދަލެއް އަތުނުލެވޭނެ ކަމަށް ޙުކުމުގައިވެއެވެ.

އޭގެއިތުރުން އިސްލާމީ ފިގުހު އިލްމުވެރިންގެ ނަޒަރުގައި ގާތްތިމާގެ މީހަކަށް ނުވަތަ ފަގީރަކަށް ހިބައިން ދެވޭ އެއްޗަކީ ސަދަގާތެއްކަން ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

ޚުސޫމާތު އުފެދިފައިވާ ގޯތި ފިރިހެން މީހާއަށް ހިބައިން ލިބިފައިވާ ކަމަށް، ކަނޑައަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ. އެކޯޓުގެ ހުކުމުގައި ކަނޑައަޅާފައި ވަނީ އަންހެން މީހާގެ މިލްކުވެރިކަމުން އެ ތަން ވަކިކޮށް، ފިރިހެން މީހާގެ މިލްކަކަށް އެ ތަން ބަދަލު ކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން