ނިކަމެތިން ހައްޖަށް ފޮނުވުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1،000 ރައްޔިތުން، ސަރުކާރުގެ ހަރަދުގައި މިދައުރުގެ ތެރޭގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެެވެ. އެވައުދުގެ ދަށުން ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ 50 މީހުން މިއަދު ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވީ ހައްޖަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާ އަދާކުރަންޖެހޭ އަޅުކަމެއް ކަަމަށެވެ. ނިކަމެތިން ހައްޖަށް ފޮނުވަން ދައުލަތުގެ ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާއިން ހަރަދުކޮށްގެން ނުވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

"ތަނަވަސްކަންހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ޚަރަދުގައި ނިކަމެއްޗަކު ހައްޖަށް ނުވަތަ ޢުމްރާއަށް ފޮނުވުމުގައި މައްސަލަ އެއް ނެތް." މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އިޔާޒު ވިދާޅުވިއެވެ.

ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ކަނޑައަޅަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެންނެވެ. ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން