ދިވެހިރާއްޖޭގައި ކޮލޮމްބޯ ޕްލޭން ސްޓާފް ކޮލެޖް (ސީ.ޕީ.އެސް.ސީ) އާއި ގުޅިގެން ވޮކޭޝަނަލް ޓްރެއިނިންގ ގެ ތަމްރީނު ފެށިތާ 50 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

މި ހަފްލާ ބާއްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖާއި ގުޅިގެން ކުރިޔަށްދާ "އިންކަންޓްރީ ޕްރޮގްރާމް އޮން ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވާރކް" ގެ ތެރެއިންނެވެ.

ދިވެހިރާއްޖޭގައި ވޮކޭޝަނަލް ޓްރެއިނިންގ ދިނުން ރޭވުމާބެހޭ ކޮލަމްބޯޕްލޭން ނޭޝަނަލް ސެމިނާރ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1974 ވަނަ އަހަރުގެ ޖޫން މަހުގެ 3 ން 6 އަށް މާލޭގަ އެވެ. އޭގެ ފަހުން، ދިވެހިރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ކަމުގެ ދާއިރާއިން މީހުން ބިނާކުރަން އެކި ގޮތްގޮތުން އެކި ސަރުކާރުތަކުން ވަނީ މަސައްކަތްކޮށްފައެވެ.

ތާރީޚުގެ ތެރެއިން ދިވެހިރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު ދިނުން

ދިވެހިރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ކަމުގެ ދާއިރާއިން މީހުން ބިނާކުރަންފެށުނީ ޔޫ.އެން.ޑީ.ޕީ އާއި އައި.އެލް.އޯގެ އެހީގައި 1975ވަނަ އަހަރު މާލޭގައި ހުޅުވި ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރ (ވީ.ޓީ.ސީ) ގެނަމުގައެވެ. ވީޓީސީގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަން ފަށާފައިވަނީ 1980ގެ ކުރީ ކޮޅުގައެވެ.

އެގޮތުން, 1982 ގައި ހދ. ކުޅުދުއްފުށީގައި ޑީސަލް އިންޖީން މެއިންޓެނަންސް އަދި ކ. ތުލުސްދޫގައި ފައިބަރ ކްރާފްޓް، ޖުވެލަރީ މޭކިންގް އެންޑް ކާޕެންޓްރީ ކޯސްތައް އުފެދި ރޫރަލް ޔޫތު ވޮކޭޝަނަލް ޓްރޭނިންގެ ސެންޓަރު (އާރު.ވައި.ވީ.ޓީ.ސީ) ތައާރަފު ކުރެވުނެވެ. އަދި 1985 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އާއި އައި.އެލް.އޯ ގެ އެހީގައި އިލެކްޓްރޯނިކްސް އެންޑް ބިލްޑިންގް ކޮންސްޓްރަކްޝަން ކޯސް ވީ.ޓީ.ސީގައި ފެށިގެންދިޔައެވެ.

އޭގެފަހުން، 1990 ގައި މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނިކަލް އެޑިޔުކޭޝަން (މައިޓް) ގެ އާ އިމާރާތުގެ މަސައްކަތް ފެށިގެންދިޔައެވެ. އަދި 1990 ގައި އޮކިއުޕޭޝަނަލް ސްޓޭންޑާރޑްސް، ޓެސްޓިންގް އެންޑް ސަރޓިފިކޭޝަން އެޕްރެންޓިސް ޓްރޭނިންގް ޕްރޮގްރާމު އާރު.ވައި.ވީ.ޓީ.ސީ ތަކުގައި ފެށުނެވެ.

ދިވެހިރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ދަށުން، ރ. އަލިފުށީގައި ބޯޓް ބިލްޑިންގް އަދި ސ. ހިތަދޫގައި ވުޑް ކާވިންގް ކޯސްތައް ފެށިގެންދިޔައީ 1993 ވަނަ އަހަރުގައެވެ. އަދި އޭގެ ފަހުން 1995 ގައި ކޮމަންވެލްޓު ފަންޑް ފޮރ ޓެކްނިކަލް ކޯޕަރޭޝަންގެ އެހީގައި ވޮކޭޝަނަލް ޓްރޭނިންގެ ސެންޓަރުގެ ކަރިކިއުލަމް ތައްޔާރުކުރަން ފެށިއެވެ.

މީގެއިތުރުން، 1996 ގައި ސ. ހިތަދޫގެ އާރު.ވައި.ވީ.ޓީ.ސީ ގައި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ކޯސް ތައާރަފްކުރުމުގެ އިތުރުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ ދަށުން ހިނގަމުންދިޔަ ވީ.ޓީ.ސީގެ މަސައްކަތްތައް އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެވުނު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަން (މައިޓް) އަށް ބަދަލުކޮށް އުންމީދީ ބަދަލުތަކާއި ކުރިއެރުންތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި 2000 ގެ އަހަރުތައް ފެށުނު ހިސާބުން، ދިވެހިސަރުކާރުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އުފައްދާ، ހިންގުމަށް އައި ބަދަލުތަކާއި އެކު، "މައިޓް" ގެ ހިންގުން ކޮލެޖްގެ ފެކަލްޓީ އޮފް އިންޖިނިއަރިންގް ޓެކްނޮލޮޖީއަށް ބަދަލުކުރެވުނެވެ.

އޭގެފަހުން، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދާއިރާތަކުން ތަމްރީނު ލިބިފައިވާ ދިވެހީން، އަވަސް ސްޕީޑެއްގައި އިތުރުކުރުމަށް 2005 އަހަރު، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަމްރީނު ޕްރޮގްރާމުތައް ހިންގަންފެށިއެވެ.

މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރި މީހުންނަށް ތަމްރީނު ދިނުމަށް ދުނިޔޭގައި މިހާރު ފުޅާދާއިރާއެއްގައި ބޭނުންކުރާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގް (ޓިވެޓް) ނިޒާމް ރާއްޖެއަށް ތަޢާރަފްކޮށް، ރާއްޖޭގެ މުހިއްމު 6 ސިނާއަތަކަށް ބޭނުންވާ ހުނަރުވެރި މީހުން ތަމްރީނުކުރުމަށް ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އެކުލަވާލުމަށް، އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތައް އުފައްދާ، ޓިވެޓް ނިޒާމުގެ ދަށުން ތަމްރީނުދިނުމަށް ބޭނުންވާ ކޮމްޕިޓެންސީ ސްޓޭންޑާރޑްތަކާއި މުޤައްރަރު ތައްޔާރުކޮށްގެން އެމްޕްލޯއިމަންޓް ސްކިލްސް ޓްރޭނިންގް ޕްރޮޖެކްޓްގެ ނަމުގައި އޭ.ޑީ.ބީ ލޯނުއެހީއާއި އެކު، 2006 ވަނަ އަހަރު މަސައްކަތް ފެށިއެވެ. މިގޮތުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ޓިވެޓް ސެކްޝަނެއް އުފައްދައި، އެ ސެކްޝަނުގެ ދަށުން ބައިނަލްއަޤުވާމީ މިންގަނޑަށް ޓިވެޓް ތަމްރީނުތައްވެސް ފެށިގެންދިޔައެވެ.

އަދި މީގެއިތުރުން، ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު އިތުރުކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގް (މިވެޓް) ގެ ނަމުގައި އައު މުއައްސަސާއެއް 2009 ވަނަ އަހަރު އުފެއްދިއެވެ. މިވެޓް ގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަމުގައި 2010 ގައި ތަމްރީނުދޭ މަރުކަޒެއް އުފެއްދިއެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ ހިންގަވަމުން ގެންދެވި ޑިގްރީ ފެންވަރަށްފުރެ ދަށުގެ ކޯސްތައް ހިންގުން ޕޮލިޓެކްނިކްގެ ދަށަށް ބަދަލުކުރުމަށް ފަހު ޖެހިގެން އައި އަހަރު ތަމްރީނުދޭ މަރުކަޒުތަކުގެ ޤާބިލުކަން އިތުރުކުރުމަށާއި، ހުނަރުވެރި ތަމްރީނުގެ ދާއިރާ ރެގިއުލޭޓްކޮށް ކުރިއެރުވުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގް (ޓިވެޓް) އޮތޯރިޓީގެ ނަމުގައި ސަރުކާރުން މުއައްސަސާއެއް އުފެއްދިއެވެ.

ދިވެހިރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ދަށުން، 2014 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް "ދަސްވާރު" ގެ ނަމުގައި އިންޓާންޝިޕް ޕްރޮގަރާމެއްވެސް ތަޢާރަފްކޮށްފައިވެއެވެ. އަދި 2016 ވަނަ އަހަރު ބީ.ޓެކް ސްޓްރީމް މާއްދާއެއްގެ ގޮތުގައި ސްކޫލުތަކުގައި ކިޔަވައިދޭންވެސް ފެށިއެވެ. އޭގެފަހުން 2019 ވަނަ އަހަރު އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތައް އަލުންއެކުލަވާލައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު އިފްތިތާހުކުރިއެވެ.

ޓިވެޓު އޮތޯރިޓީ، މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އަށް ބަދަލު ކުރެވިގެންދިޔައީ 2021 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު ތަސްދީގުކުރެވުނު، މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 6 ވަނަ ބާބުގެ ދަށުންނެވެ. އަދި ހަމަ އެއަހަރު ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއްނެތި އެއްބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްްޒަފުންނަށް މަތީ ހަރުފަތަކަށް ވާސިލްވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ނެޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ) ތަޢާރަފްކޮށް، ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ފަންނީ ހުނަރުވެރި ޤާބިލް މީހުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި 5 އަހަރަށް އަމާޒުކޮށް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލައި، އިފްތިތާހް ކުރިއެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓިވެޓް ސެންޓަރުތައް ޤާއިމްކުރަންފެށިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ޒުވާނުންނާއި އަންހެނުުން ބާރުވެރި ކުރުމަށާއި އެންމެންނަށް ހަމަހަމަކަމާއިއެކު ވަޒީފާގެ ފުރުސަތުގެ ސިޔާސަތު އެކުލަވާލައި ހަރުދަނާ ޖީލެއް ބިނާކުރުމަށާއި ޓިވެޓް ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަކީ މިސަރުކާރުން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން