ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން ގެއްލިފައިވާ މީހުން ހޯދަން ކޮންނަނީ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން ގެއްލިފައިވާ މީހުން ހޯދަން ކޮންނަނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕަޕުއާ ނިއުގިނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިދިޔަ ހުކުރު ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެޤައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުން ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރެއްވިއެވެ. އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތަށް ގެންނަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އެ މަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޕަޕުއާ ނިއުގިނީގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި، އެކުވެރި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ޤައުމެއްގެ ގޮތުން، ދިވެހި ރައްޔިތުން ޕަޕުއާ ނިއުގިނީގެ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މީހުން ސަލާމަތް ކުރުމުގައި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުޞަތެއްގައި ނިމުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވައި، ފުރާނަ ގެއްލުން ފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުން އެދިވަޑައިގަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން