މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ލަންކާގެ ރައްޔިތެއްކަމަށްވާ ނަދީޝް ޕެރޭރާ ރާއްޖެ އެތެރެވިޔަ ނުދީފައިވަނީ އޭނާއަކީ މީގެކުރިން ރާއްޖެއިން ޑީޕޯޓު ކޮށްލާފައިވާ މީހެއްކަމަށްވާތީ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވިދާޅުވެއްޖެއެވެ.

ލަންކާގެ އެ މީހާ އެތެރެވިޔަ ނުދިނުމުން އޭނާގެ ގާނޫނީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްއެމް ޗެމްބާސްގެ މެނޭޖިން ޕާޓްނަރު މަރިޔަމް މުނާ މިއަދު ވިދާޅުވީ އެ މީހާ ރާއްޖެއައީ މިއަދު ހެނދުނު 8:30 ގެ ފްލައިޓުން ކަމަށެވެ. އެކަމަކު، އެ މީހާ ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓުމަށް ފަހު، ވަކީލުންނަށް ވެސް އޭނާއާ ބައްދަލުކުރެވިފައިނުވާ ކަމަށްބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ މީގެކުރިން ދިވެއްސަކާއި ކައިވެނިކޮށްގެން ދަރިންވެސް ލިބިފައިވާ މީހެކެވެ.

މި މައްސަލާގައި ސޯޝަލް މީޑިއާގައިވެސް އެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކޮންޓްރޯލަރ ޝަމްއާން މިއަދު ވިދާޅުވީ، އިމިގްރޭޝަންގެ ގާނޫނުގެ 20 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނޫގެ 33 ވަނަ މާއްދާގެ ދަށުން މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ނަދީޝަށް ވަކި މުއްދަތެއް ނެތްގޮތަށް ރާއްޖެ ނާދެވޭ ގޮތަށް ޑިޕޯޓްކޮށްލާފައިވާކަމަށެވެ.

އަދި އޭނާއަކީ އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން އޭނާގެ މައްސަލައެއް އިތުރަށް ބަލަމުންދާ މީހެއްކަމަށާއި ގާނޫނުގެ ދަށުން ލިބޭ އިހުތިޔާރުގެ ދަށުން އިމިގްރޭޝަން ގާނޫނާއި ހިލާފުވާ ހުރިހާ ފަރާތަކާމެދުވެސް ފިޔަވަޅު އަޅާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން