އިރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ޑރ.މުޙައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ ރައީސް ޑރ އިބްރާހީމް ރައީސީ އާއި އިސް ވަފުދުގެ ބޭފުޅުން ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ދިމާވި ހާދިސާގެ ޚަބަރު ލިބިވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށެވެ.



ރައީސް މުޢިއްޒު ވަނީ އީރާނުގެރައީސީ އާއި އެމަނިކުފާނާއިއެކު ދަތުރުކުރި ވަފްދުގެ ބައިވެރިން ހެޔޮ ސިއްހަތުގައި ފެނުމަށް އެދި ހެޔޮ ދުޢާ ފޮނުއްވާފައެެވެ. ރައީސް މުޢިއްޒު ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މިހާރު ކުރިޔަށްދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކާމިޔާބުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އީރާނުގެ ރައީސް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ދަތުރުމަތީގައެވެ. ރައިސީ އާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި އަދި އިތުރު ދެ ބޭފުޅަކު ވެސް ތިއްބެވި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

އީރާނުގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ހޯދުމަށް ރެސްކިއު ޓީމުތަކުން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް ކުރި މަސައްކަތުން އެ ހެލިކޮޕްޓަރު ވެސް އަދި ފެނިފައެއް ނުވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ރައިސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ.

މިހާދިސާ އަށްފަހު ރައީސް ރައީސީގެ ޚަބަރެެއް އަދި މިހާތަނަށް ވެފައިނުވާއިރު އީރާނުގެ އެތަށް ސަތޭކަ ބަޔަކު ދަނީ މަގުތަކަށް ނިކުމެ އީރާނުގެ ރައީސް އާއި އިސްވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުމަށް އެދި ދުޢާ ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން