ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްގެން އިންޑިއާ ބޯޓަކަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ސަރުކާރުން މާފުކޮށްދީފި އެވެ.

އެގޮތުން އިންޑިއާގެ “ހޮލީ ސްޕިރިޓް” ބޯޓުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީ، އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ޖޫރިމަނާކުރުމަށް އެދި ފިޝަރީސް މިނިސްޓްރީން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި ސިވިލް ކޯޓުން މިހާރުވަނީ ޙުކުމް އިއްވާފައެވެ.

އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ވަނީ، އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސް އޮފީހުގެ 10 މާޗް 2024ގެ ސިޓީން މައާފު ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް އުޅަނދު 17 މާޗް 2024 ވަނަ ދުވަހު ރާއްޖެއިން ފުރުވާލާފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެދައުވާ އަނބުރާ ގެންދަން ބޭނުން ކަމަށް ފިޝަރީޒް މިނިސްޓްރީން 7 މެއި 2024 ގައި ސިވިލް ކޯޓަށް ފޮނުވި ސިޓީން އަންގާފައިވާ ކަމަށް ސިވިލް ކޯޓުގެ ޙުކުމުގައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ބޭރުގެ ގިނަ ބޯޓުތަކެއް އެމްއެންޑީއެފުން މީގެ ކުރިންވެސް ވަނީ އަތުލައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން