ރޭގެ މެޗްގައި ޔުވެންޓަސްގެ ގޯލްތައް ކާމިޔާބުކޮށްދިން ރޮނާލްޑޯ
ރޭގެ މެޗްގައި ޔުވެންޓަސްގެ ގޯލްތައް ކާމިޔާބުކޮށްދިން ރޮނާލްޑޯ
ޔުވެންޓަސް ބަލިކޮށް ލިޔޯން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ލިޔޯނުން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ރޭ ރަށުން ބޭރުގައި ޔުވެންޓަސް އަތުން 2-1 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. އަމިއްލަ ދަނޑުގައި 1-0 އިން ޔުވެންޓަސް އަތުން މޮޅުވެފައި އޮތުމުން އެގްރިގޭޓް 2-2 އިން އެއްވަރުވެ ލިޔޯނަށް ކުއާޓާ އިން ފުރުސަތު ލިބުނީ އަވޭ ގޯލުގެ އުސޫލުން ކުރި ލިބިގެންނެވެ.

ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި ލިޔޯނުން ވަނީ މެމްފިސް ޑިޕާއީ ވައްދާލި ޕެނަލްޓީން ލީޑު ނަގައިފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުވެންޓަސް އަށް ރެފްރީ ދިން ޕެނަލްޓީން ރޮނާލްޑޯ ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޔުވެންޓަސް ކުރިއަށް ޖެހިގެން ކުޅެމުން ގޮސް ރޮނާލްޑޯ ވަނީ ދެ ވަނަ ލަނޑެއް ޖަހައި އުއްމީދެއް ގެނެސްދީފަ އެވެ. އޭރިޔާ ބޭރުން ވާތުފައިން ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފަ އެވެ. ދެ ވަނަ ލަނޑަށް ފަހު ޔުވެންޓަސްގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހިގެން ކުޅެ ލަނޑެއް ކާމިޔާބުކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ލިޔޯން އިން ވަނީ ފަހަތަށް ޖެހި ޔުވެންޓަސްގެ ހަމަލާތައް ހުއްޓުވައި މުބާރާތުން ޔުވެންޓަސް ކަޓުވާލާފައެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅޭނީ އިޓަލީގެ އެޓަލާންޓާ އާއި ޕީއެސްޖީ އެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި 13 ވަނަ ދުވަހުގެ ރޭ ރެޑްބުލް ލައިޕްޒިގް ނުކުންނާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ކުއާޓާގެ ތިން ވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ކުޅޭނީ މިރޭ ކުޅޭ ދެ ވަނަ ބުރުގެ ފަހު މެޗުތަކުން ކުރި ހޯދާ ދެޓީމެވެ. ޔުވެންޓަސް ކަޓުވާލި ލިޔޯނުން ކުއާޓާގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން ކުރިއަށް ދާނީ މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގަ އެވެ. ކުއާޓާ އިން ފެށިގެން އެއް ލެގްގެ ނޮކްއައުޓް މެޗެއް ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން