މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރާއްޖޭގެ ކަދްޓަމްގެ ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2023 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 4 އިންސައްތަ ވަނީ އިތުރުވެފައެވެ.

އެގޮތުން 2023 ވަނަ އަހަރުގެ މާރިޗު މަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އެކަމަކު މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު މި އަަހަރުގެ މާޗު މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު ވަނީ ވަަރަށް ބޮޑަށް ދަށްވެފަ އެވެ.

އެގޮތުން 2023 ވަނަ އަހަރުގެ މާޗު މަހު 343 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އިރު މި އަހަރުގެ މާޗު މަހު އެކްސްޕޯޓްކުރީ އެންމެ 124 މިލިއަން ރުފިޔާގެ މުދަލެވެ.

2023 ވަނަ އަހަރު މާޗު މަހާ އަޅާބަލާއިރު މި އަހަރުގެ މާޗު މަހު އިމްޕޯޓް/އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ މާރިޗު މަހު 330 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި ޢަދަދުވަނީ 320 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަ މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރު އެވެ. އޮމާން އިން 777 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 763 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫއޭއީއިން 671 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 440 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ސިންގަޕޫރުން 401 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން