މިދުވަސްވަރު ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު “ރަސް އޮންލައިނަށް” މަޢުލޫމާތު ދެމުން ބުނީ މަދިރީގެ ޒަރީޢާއިން ފެތުރޭ ޗިކުންގުންޔާގެ 46 ކޭސް މި މަހު މާލެ ސަރަޙައްދުން އެކަނިވެސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ހުންއައުމާއި ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމެވެ. ޗިކުންގުންޔާގެ އަލާމާތްތައް ފެންނަށް ފަށަނީ ޖަރާސީމު އަށަގެންފައިވާ މަދިރި ސަލާމަތުން ހުރި މީހާގެ ހަށިގަނޑުގައި ހަފާތާ 7-4 ދުވަހާ ނުވަތަ 5-2 ދުވަހާއި، ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ޗިކުންގުންޔާ އިން ރައްކާތެރިވުމަށްޓަކައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން، ސްޕްރޭ ފަދަ ރެޕެލެންޓް ބޭނުން ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެއިތުރުން އިރުއަރާ ވަގުތާއި، އިރު އޮއްސޭ ވަގުތަކީ މަދިރި ގިނައިން އުޅޭ ވަގުތުތަކަށް ވާތީ އެވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުމާއި، ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު ފެން ބަދަލުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ހަމައެއާއެކު ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަތަކެތި ސާފުކޮށް ފެން ނޭޅޭގޮތަށް ބަންދުކުރުމާއި، ޢާއްމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާނުލުމަކީ ރައްކާތެރި ވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކެވެ.

އަދި ހަމަ އެހެންމެ އާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުމަށާއި ނުވަތަ ފެން ހަރުނުލާނޭހެން ބަންޑުން ޖަހައި މަތިއެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން