ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ބުރިޖު ވިއު ޕްލެޓުފޯމާއި އެތަނުގައި ހުރި ނިއުޕޯޓް ވިއު ރެސްޓޯރެންޓު ދަޢުލަތަށް ނަގާފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

ބުރިޖު ވިއު ޕްލެޓުފޯމާއި ނިއުޕޯޓް ވިއު ރެސްޓޯރެންޓު ތަރައްޤީކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިރު ރަމީޒްގެ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން 2016 ވަނަ އަހަރުއެވެ. ނަމަވެސް ރައީސް ޞާލިހުގެ ވެރިކަމުގައި އެކަމާއި ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުން ވަނީ 2019 ވަނަ އަހަރު ބާތިލުކޮށްފައެވެ.

ސަރުކާރުން އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެތަނުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ޤަވާއިދުން ދައްކަމުން ނުދާކަމަށް ބުނެއެވެ.

އެ ބިމަށް ސްޓްރާޑާ ކުންފުނިން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.15 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ސެޕްޓެމްބަރު 26، 2019 ގައި އެ ކޯޓުން ހުކުމްކުރީ 15 ދުވަހުގެ ތެރޭގައި ބިން ހުސްކޮށް ދައުލަތަށް އެ ތަން ހަވާލުކުރުމަށާއި، 30 ދުވަހުގެ ތެރޭ 1.15 މިލިއަން ރުފިޔާ ދައްކައި ނިންމުމަށެވެ.

ސިވިލް ކޯޓުގެ ނިންމުން ޒާހިދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އޮކްޓޯބަރު 11، 2021 ގައި އެ ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

އެމައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމްގައި ބުނީ، ދައުލަތާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާއިން ކުލި ދައްކާފައިނުވާ ކަމަށް ސްޓްރާޑާ ކުންފުނީގެ ބަހުން އެނގޭ ކަމަށާއި، އެއްބަސްވުން ބާތިލްކުރުމުގެ ކުރިން ސްޓްރާޑާ އަށް ދޫކުރި ބިމުން ބައެއް ދައުލަތުން ނަގާފައިވާތީ ދައުލަތުން އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، އެ ބަދަލު ނަގައިދެވޭނެ ޤާނޫނީ ހަމައެއް އެކުންފުންޏަށް ނުދެއްކޭ ކަމަށެވެ.

އެހެންކަމުން އެމައްސަލާގައި ހައި ކޯޓުން ނިންމި ނިންމުން ދެމެހެއްޓުމަށް މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިއްތިފާގުން މިއަދު ވަނީ ޙުކުމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން