ނައިފަރު ދާއިރާއަށް އަމިއްލަ ގޮތުން އިންތިޚާބުވި ޔާސީން ޕީއެންސީއަށް ސޮއިކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔާސީން ޕީއެންސީއަށް ސޮއި ކުރަށްވާފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ޙާޟިރުގައި އިއްޔެގެ ވަގުތެއްގައެވެ.

ޅ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޔާސީން، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެެއްވީ ޕީއެންސީގެ ޓިކެޓްގައި ނުކުންނެވި ހައްސާން އަލިފުޅު އިންތިޚާބުގައި ބަލިކުރެއްވުމަށް ފަހުގައެވެ.

ޔާސީން ޕީއެންސީއަށް ސޮއިކުރެއްވީ ހުއްޓިފައިވާ ނައިފަރުގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވިކޮށް ސަރުކާރުން ވައުދުވެފައިވާ ކަންކަން ވަގުތުން ފެށުމަށް ބާރު އެޅުމުގެ ގޮތުންކަމަށް ވެއެވެ.

ނިމިގެންދިޔަ މަޖިލީސް އިންތިޚާބުގައި ޔާސީނަށް ލިބިވަޑައިގެންނެވީ، 1،038 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓު ހައްސާނަށް ލިބިވަޑައިގެންނެވީ، 880 ވޯޓެވެ. އެ ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގީކީ، 158 ވޯޓެވެ.

ނައިފަރު ދާއިރާގެ މަޖިލީސް ގޮނޑި މިދިޔަ ދެ ދައުރުގައިވެސް ފުރުއްވާފައިވަނީ މިހާރުގެ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި 93 މެންބަރުންގެ ދައުރު ފެށެނީ އަންނަ މަހުގެ 28ގަ އެވެ. މި އިންތިޚާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން