މިހާތަނަށް ސިޔާސީގޮތުން ޖެއްސެވި އެއްވެސް ހިސާބެއް ދިމާނުވެ ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރ ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީގައި ސިޔާސީ އެކި ކަންކަމުގައި ހިސާބު ޖެއްސެވުމަށް ފަރިތަ ބޭފުޅެކެވެ. އަބްދުއްރަހީމް ޖައްސަވާ ހިސާބު ދިމާނުވާކަމަށް ބުނެ ގިނަބަޔަކު ކުރިން ޖޯކު ޖެހިނަމަވެސް، މިހާރު އަބްދުއްރަހީމަކީ ހިސާބު ދިމާ ކުރައްވާ ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

އެގޮތުން އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް އޭނާ ޖެއްސެވި ހިސާބު ދިމާވުމުން އެކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ، އޭނާ ސިޔާސީ ހިސާބު ޖައްސަވަނީ ވަރަށް ގިނަ ތަޖުރިބާ އާއިއެކު ކަމަށެވެ.

ހާއްސަކޮށް އޯޑިއަންސްގައި ތިބޭބަޔަކު ހިތްހަމަ ޖައްސުވަން ނޫނީ، ނޫސްވެރިއަކު ސުވާލުކުރުމުން ޖަވާބެއް ދިނުމުގެ ގޮތުން ހިސާބެއް ދަންނަވަނީ ނޫންކަމަށާ އެއީ ސިޔާސީ ތަޖުރިބާގައި ހަމަ ހިސާބު ޖައްސަވައި ދިރާސާ ކުރައްވައިގެން ދޭ އަދަދުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ބޭއްވި 25 ބައި އިލެކްޝަނުން 22 ބައި އިލެކްޝަން ކާމިޔާބު ކޮށްފައިވާނޭ ކަމަށާއި އެ އިންތިހާބުތަކުގައި މަސައްކަތް ކުރައްވާފައިވާނީ ސީދާ ގްރައުންޑްގައި ހުންނަވައިގެން ކަމަށާއި އޭނާ ޖައްސަވާ ހިސާބާއި އިންތިހާބުގައި ވޯޓުލިބޭ އަދަދާ އަބަދުވެސް އުޅޭނީ ވަރަށް ކުޑަ ފަރަގެއް ކަމަށެވެ.

އޭނާ ބުނާ އަދަދާއި އެންމެ ގިނަވެގެން ނުވަތަ މަދު ވެގެންވެސް 5 ވޯޓު ތަފާތުވެފައި ނުހުންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިފަހަރުގެ އިންތިހާބުގައި އަބްދުއްރަހީމްވަނީ 70 އަށްވުރެ ގިނަ ގޮނޑި ސަރުކާރުން ނަގާނެކަމަށް ވިދާޅުވެފައެވެ. އިންތިހާބުގެ ނަތީޖާ ނުކުތްއިރު ސަރުކާރަށް ވަނީ 71 ގޮނޑި ލިބިފައެވެ. އެހެންކަމުން ގިނަ ބަޔަކު ދަނީ ސިޔާސީގޮތުން އަބްދުއްރަހީމް ޖައްސަވާ ހިސާބަށް ތައުރީފު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން