ދިވެހި ގައުމީ އެއާލައިންސް، މޯލްޑިވިއަނުން ލަންކާއަށް އަލުން ދަތުރުތައް ފަށަން ނިންމައިފައިވާއިރު، މިދަތުރުތަކުގެ އަގު އުޅެނީ ޖީބަށް ވަރަށް ލުއިކޮށްކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް ފަށަން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ހަފްތާގެ ކޮންމެ ހޮނިހިރު އަދި ބުރާސްފަތި ދުވަހަކު ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ޝެޑިއުލްކޮށްފައިވާ ފްލައިޓް ތަކުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ޓިކެޓެއްގެ އަގުތައް ފެށެނީ 165 ޑޮލަރުންނެވެ.

މި ފެއާގައި 30 ކިލޯގެ ބެގޭޖް އެލަވަންސާއެކު ރަހަމީރު ކާނާވެސް ދަތުރުމަތީގައި ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މިވަރަކުން ނިމުނީކީ ނޫނެވެ. މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރާ ފަރާތްތަކަށް ލަންކާ ނަވަލޯކާ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކުން ޑިސްކައުންޓް ލިބޭނެ އިންތިޒާމުވެސް މޯލްޑިވިއަނުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އޯޕީޑީ މެދުވެރިކޮށް ކުރާ ލެބް ޓެސްޓުތަކުން 15 އިންސައްތައިގެ ޑިސްކައުންޓަކާއި، އެކްސްރޭ ހެއްދުމަށް 5 އިންސައްތައިގެ ޑިސްކައުންޓެއް ލިބެއެވެ. މީގެއިތުރުން ހެލްތު ސްކްރީނިންގ ޕެކޭޖުތަކުންވެސް ޑިސްކައުންޓް ލިބޭނެކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަނުން ލަންކާއަށް ފަށާ ދަތުރުތައް ހަފުތާ ބަންދާ ދިމާކޮށް ރާވައިފައި ވަނީ ހަފުތާ ބަންދުގައި ފަސޭހައިން ދިވެހީންނަށް ލަންކާއަށް ގޮސް ހޮނިހިރު ދުވަހު އަނބުރާ މާލެ އާދެވޭ ގޮތަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ މާލެއިން ފުރާ ފްލައިޓުން ދަތުރުކުރާ ފަރާތްތަކަށް ހޮނިހިރު ދުވަހުގެ ރޭ އެނބުރި މާލެ އާދެވޭނެ އެވެ.

މޯލްޑިވިއަނުން ލަންކާއަށް މި ފަށާ ދަތުރުތަކުގެ އަގުތައް ވަރަށް ބޮޑަށް ހެއުކޮށްފައިވާއިރު، މިދަތުރު ތަކުގައި ލިބޭ ޚިދުމަތްތަކަކީ، ޓިކެޓުގެ އަގުހެއު، ބަޖެޓް އެއަރލައިން ތަކުން އާންމުކޮށް ނުލިބޭ ވަރުގެ ރަނގަޅު ޚިދުމަތްތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

މޯލްޑިވިއަންގެ އަމާޒަކީ ދަތުރުގެ އަގުހެޔޮކޮށްފައިވެސް، ދަތުރުވެރިންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީ ލުއިފަސޭހަކަން ހޯދައިދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން