ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ޖެސީ ލިންގާޑް
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ޖެސީ ލިންގާޑް
ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުން އިންޓަމިލާނާއި މެންޗެސްޓަރ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ލޭސްކް އަތުން 2-1 އިން މޮޅުވެ ދެލެގުގެ އެގްރިގޭޓުން 7-1 އިން ކުރި ހޯދައިގެންވެ. މި މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ ޖެސީ ލިންގާޑާއި، އެންތޮނީ މާޝަލްއެވެ. ކުއާޓާފައިނަލުގައި ޔުނައިޓެޑް ބައްދަލު ކުރަންޖެހޭނީ ޑެންމާކުގެ ކޯޕަން ހޭގަންއާއެވެ.

އިންޓަމިލާން ކުއާޓަރ ފައިނަލުން ޖާގަ ހޯދީ މިރޭ ސްޕެއިނުގެ ގެޓާފޭ 2-0 އިން ބަލިކޮށްފައެވެ. ފުރަތަމަ ލެގް އިންޓައިން ކާމިޔާބު ކުރީ 4-3 އިންނެވެ. މިރޭ އިންޓައަށް ލަނޑުތައް ޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކަކޫ އާއި ކްރިސްޓިއަން އެރިކްސަންއެވެ. މިމެޗުގައި ލުކަކޫ ކާމިޔާބު ކުރި ލަނޑާއެކު އޭނާވެފައި ވަނީ ޔުރޮޕާ ލީގުގައި 2005 ވަނަ އަހަރަށްފަހު ޖެހިޖެހިގެން 8 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ކުރިން މިރެކޯޑް އޮތީ ނިއުކާސަލް ޔުނައިޓެޑުގެ ލެޖެންޑްރީ ފޯވާޑް އެލަން ޝިއަރާ އަތުގައެވެ.

ޔޫރޮޕާ ލީގް ކުއާޓާފައިނަލުގައި އިންޓަމިލާން ބައްދަލު ކުރަންޖެހޭ ޓީމެއް ކަށަވަރު ވާނީ މިރޭ ސްކޮޓްލޭންޑުގެ ރޭންޖާސް އާއި ޖަރުމަނުގެ ބެޔާލެވަކޫސަން ބައްދަލު ކުރާ މެޗަށްފަހުއެވެ. އިންޓަމިލާނާއި ޔުނައިޓެޑާއި ކޯޕަންހޭގަންގެ އިތުރުން ކުއަރޓަރ ފައިނަލުން ދެން ޖާގަ ހޯދާފައިވަނީ ޔޫކްރައިންގެ ޝަކްތާ ޑޮނެސްކެވެ. ބާކީ ހަތަރު ޓީމު ކަށަވަރު ވާނީ މިރޭ ކުޅޭ މެޗުތަކަށްފަހުއެވެ.

ކޯވިޑް-19 ގެ ސަބަބުން ޗެމްޕިއަންސް ލީގެކޭ އެއްގޮތަށް ޔުރޮޕާ ލީގްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުއާޓާފައިނަލާއި ސެމީފައިނަލުގައި އެއްލެގް ކުޅޭ ފޯމެޓަށެވެ. ކުއާޓާފައިނަލުން ފެށިގެން ޔުރޮޕާ ލީގުގެ ހުރިހާ މެޗުތަކެއް ޖަރުމަނުގައި ކުޅޭއިރު، ޗެމްޕިއަންސް ލީގް މެޗުތައް ކުރިއަށްދާނީ ޕޯޗުގަލްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން