ރައްޔިތުންގެ މަޖިލީހުގައި ތިމާގެ ދާއިރާ ނޫނީ ސީދާ ތިމާ ތަމްސީލު ކުރާނެ ފަރާތެއް ހޮވުމަށް ގޮތް ނިންމަން ލިބޭ ފުރުސަތަކީ ފަސް އަހަރުން އެއްފަހަރު ލިބޭ ފުރުސަތެކެވެ. ހަގީގަތުގައި މިއީ ހަމައެކަނި ތިމާގެ އަމިއްލަ ފައިދާއަކަށް، ތިމާއަށް ލިބޭ ވަގުތީ މަންފާއަކަށް ވުރެ މާ ފުންކޮށް، ފުޅާކޮށް މާދުރަށް ވިސްނަންޖެހޭ މާ ހައްސާސް ކަމެކެވެ.

ތިމާގެ ވޯޓު ހޯދާން އައިސް ދޮރުގައި ޓަކި ދީފާ ދިއްކޮށްލާ ސިޓީ އުރައިގައި ހިފައިގެން އެލިބޭ ވަގުތީ ފައިދާ އަކީ ހަމަ ފަޅި ސިކުންތުކޮޅެއްގެ ކަމެކެވެ. ވޯޓު ހޯދަން އައިސް ކެންޑިޑޭޓު އެކަނޑާލާ، ބުރުވާލާ ފޮންޏަކީ ހަގީގަތް ކަމުގައި ދެކި ހެއްލޭ ކޮންމެ ގޯހަކީ ތިމާގެ ކުރިމަގަށް، ދާއިރާގެ ތަތައްގީއަށް އަދި މުޅި ގައުމުގެ ކުރިއެރުމަށްވެސް އޭގެ ނުބައި އަސަރު ކުރާނެ ކަމެމެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ކޮށްފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހަކީ ވެރިކަމުގެ އެންމެ މުހިންމު ބާރެވެ. ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ހޮވަނީ ރައްޔިތުންގެ އަޣުލަބިއްޔަތުން ކަމަށް ވިޔަސް އަދި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ކިތަންމެ ސާފުކޮށް ގާނޫނު އަސާސީގައި ލިއެފައި އޮތެއް ކަމަކު ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ މަގާމުން ނަގާ ހޫރާލުމުގެ ބާރާއި އެރައީސް ސަރުކާރު ހިންގިޔަ ނުދީ ދަތިއަޅުވައި އޮބަހެއްޓުމުގެ ފުރިހަމަ ބާރު މުތުލަގަށް ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ.

މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ އަޣުލަބިއްޔަތު ނެތްނަމަ ސަރުކާރުން ހަދަން ހުށައަޅާ ގާނޫނުތައް ޕާކުކޮށް މަތާރަންފިލާ މަތީގައި ބޭއްވުމުގެ ބާރުވެސް އޮތި އަދި އެ ބޭރުކޮށް ކުނިވައްޓާލުމުގެ ބާރުވެސް އޮތީ އެމަޖިލީހަށް ދީފައެވެ.

މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު ނެތްނަމަ ދެއިރު ކާބޭހެއްހެން ދެއިރު ދެދަޅައަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މައްސަލަ ހިންގައި މުޅި ސަރުކާރު ހުއްޓުވާލުމުގެ ބާރު ވެސް އޮތީ މަޖިލީހުގައެވެ. ސަރުކާރުގެ ވަޒީރުން މަޖިލީހަށާއި ކޮމިޓީތަކަށް ހާޒިރުކޮށް އެތަނުގައި ތާށިކޮށްފައި ބައިތިއްބައިގެން ސާރުކާރުގެ މަސައްކަތް ހުއްޓުވާފައި ބޭއްވުމުގެ ބާރު ވެސް މަޖިލީހަށް އޮތީ ދީފައެވެ.

މިހާރުވެސް ހިނގަމުން އަންނަ، މިއަދުވެސް ތަޖުރިބާ ކުރަމުންދާ ދިރިހުރި މިސާލެއް ދަންނަވާލާނަމެވެ.

ވަޒީރުން އައްޔަނު ކުރަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވިޔަސް އެވަޒީރުން ގާނޫނީ ގޮތުން ވަޒީރުންނަށް ވަނީ ނުވަތަ ވަޒީރުގެ ހައިސިއްޔަތު ލިބެނީ މަޖިލީހުން ރުހުން ދިނީމައެވެ. މި ސަރުކާރަށް ފަސް މަސް މިއަދު ފުރުނުއިރު ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ ގާނޫނީ ކެބިނެޓެއް އެކުލަވާލެވިފައެއް ނުވެއެވެ. އޭގެ ހުރަހަކަށްވީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނެތުމެވެ. އެއްވެސް މަގުބޫލު އުޒުރެއް ވެސް ނެތި ބައެއް ވަޒީރުންނަށް ރުހުން ނުދީ އޮތް ހަމައެކަނި ސަބަބަކީ ސަރުކާރުގެ ހިންގުން މަޑުޖެއްސުމެވެ. ހުރަސް އެޅުމެވެ. ޖެއްސުން ކުރުމެވެ.

ގާނޫނީ ޝަރުތެއް އުނި ނުވާނަމަ ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓުމަކީ މީގެ ކުރިން ގާނޫނު ދަންނަ ކަމެއް ނޫނެވެ. އަދި އެއީ މަލްޓިޕާޓީ ޑިމޮކްރެސީގެ ރިވެތި އުސޫލެއްވެސް ނޫނެވެ. ގާނޫނު ދަންނަނީ ގާނޫނީ ފުށުއެރުމެއް ނެތްނަމަ ވަޒީރުންނަށް ރުހުން ދިނުމެވެ. ވަޒީރުން ޖަވާބުދާރީ ކުރުވައި ކަމުނުދާ ނަމަ ނުވަތަ މައްސަލައެއް އޮތްނަމަ އެވަޒީރު މަގާމުން ދުރުކުރުމުގެ ފުރުސަތު ގާނޫނުން އޮތީ މަޖިލީހަށް ދީފައެވެ. މިނޫނަސް މިފަދަ ކިތަންމެ މިސާލެއް މިއަދުވެސް ދެއްކިދާނެއެވެ.

ރައްޔިތުން ސަރުކާރެއް ނުވަތަ ރައީސަކު ހޮވަނީ ވަރަށްވެސް ފޮނި އުއްމީދު ތަކަކާއި އެކުއެވެ. ރައީސުލްޖުންހޫރިއްޔާ ގައުމަށާއި އެރައްޔިތުންގެ ލާބައާ މަންފާއަށް ކޮށްދޭން ވައުދުވާ ކަންތައްތަކާއި މެދު ފުންކޮށް ވިސްނުމަށް ފަހުގައެވެ. ނަމަވެސް އެކަކަން ރައީސަށް ކުރެވެނީ އެއްކަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެއްބާރުލުން ލިބިގެންނެވެ.

ރައްޔިތުންނަށް ރައީސް ކޮށްދޭން ވައުދުވާ ކަންކަމަށް ބޭނުންވާ އެންމެ މުހިއްމު އެކައްޗަކީ ފައިސާއެވެ. ބަޖެޓާއި ލޯނެވެ. ބަޖެޓުގައި ޖަހާ އަދަދު އުނިކުރުމާއި މަދު ކުރުމުގެ ބާރު އޮތީ މަޖިލީހުގައެވެ. ބަޖެޓުން ބޭރުން ކަންކަން ކުރެވޭނެ ގޮތަކީ ލޯނާއި އެހީއެވެ. އެކަން ކުރެވޭނީވެސް މަޖިލީހުގެ ރުހުން ލިބިގެންނެވެ. އެއިރަކު އޮންނަ ސަރުކާރަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ނެތި މިކަންކަން ހާސިލު ކުރުމަކީ މިއަދުގެ ސިޔާސީ އޮއިވަރު ހުރި ގޮތަށް ބަލާއިރު ނުވާނެ ކަމެކެވެ.

މިއަދުގެ ސިޔާސީ ހަހީގަތަކީ އެއްކޮޅާ ދެކޮޅެވެ. ސަރުކާރާއި ދެކޮޅު ނުވަތަ ވާދަވެރިންގެ ހުރިހާވެސް އަމާޒަމީ، މަގުސަދަކީ އަދި ބޭނުމަކީ އަވަސް ގޮތަކަށް ސަރުކާރު ބަލިކޮށް، ދުރުކޮށް ވެރިކަން ހޯދުމެވެ. މިނޫން އެހެން އެއްވެސް ނިޔަތެއް ނޯވެއެވެ. އެހެންވީމާ އިދިކޮޅުގެ މުޅި ވިސްނުމާއި ފިކުރަކީ މަޖިލީހުގެ ތެތެއިންނާއި ބޭރުންވެސް ވެރިކަން ވައްޓާލާ އަވަހަށް ކުރުމަގަކުން ވެރިކަން ހޯދުމެވެ.

އެހެންވީމާ ސަރުކާރު ދީފައި މަޖިލިސް މެޖޯރިޓީ އިދިކޮޅަށް ދިނުމަކީ ހަސަނަށް އޮޑި ދިނުން ކަހަލަ ކަމެކެވެ. ރައީސް މީހާ ވެރިކަން ކުރަން މިޖެހެނީ ހަތަރެސްފަޔާއި އަނގަވެސް ބަނދެގެން އިނދެގެންނެވެ. ރައްޔިތުން ހަވާލުކުރި މަސައްކަތް ތަކާއި ވީ ވަޢުދުތައް ހުންނާނީ ހަމައެކަނި ފޮތްތަކާއި ލައިބްރަރީތަކާއި އަރުޝީފު ތަކުގައެވެ.

މިހެން މިކަން ނުވެ ރައީސް މީހާއަށް ހެޔޮނިޔަތުގައި ދާން ބޭނުންވާ ބާރު ސްޕީޑުގައި ކުރިއަށް ދެވޭނީ އަތްލެވޭ އަދި އިހުސާސް ކުރެވޭ ތަރައްގީ ގެނަސްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެތެއިން ކަންކަމަށް މަގުފަހިވާނެ ގޮތަކަށް ރައްޔިތުން ފުރުސަތު ދީގެންނެވެ.

މިއަދު ކެމްޕޭން ޖަލާސާ ތަކާއި ރައްޔިތުން ގާތަށް ގޮސް ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މަޖިލިސް އިދިކޮޅަށް ދީގެންނޭ ކިތަންމެ އަޑަށް ބާރުލާފައި ބުންޏަސް އެކަން ގަބޫލު ނުކުރެވޭ ސަބަބުތައް މިދެންނެވީއެވެ. ތަރައްގީއާއި ފުދުންތެރިކަމާއި ބޯހިޔާވަހިކަން ގެނެސްދެވޭނީ އިދިކޮޅަށް މަޖިލިސް ދީގެން ކަމަށް ބުންޏަސް އެކަން ގަބޫލުކުރެވެން ނެތީ މިއަދު އެވާހަކަ އެގޮތަށް ދައްކާ މީހުންނަކީ ނިމިދިޔަ ވެރިކަމުގައާއި މިވެރިކަމުގައި މިހިނގާދިޔަ ފަސް މަހު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީގެ މީހުންނެވެ. އެ ފަސް އަހަރުގައި ނުވަތަ މިހާތަނަށް އެމީހުންނަށް ނުކުރެވި އޮތް ނުވަތަ ނުކޮށް ދޫކޮށްލި ކަމެއް އަދި ފަސް އަހަރު ދިނީމާ ކޮށްދޭނަމޭ ބުނުމަކީ ބޮޑު ޖޯކެކެވެ.

ސަރުކާރުގައި ތިބެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮވެ ތިމާމެންނަށް ނުވި ކަމެއް ސަރުކާރު ނެތި އަމަލީ ގޮތުން ކަމެއް ކޮށްދެވޭނެ އެއްވެސް ބާރެއް ނެތް ބަޔަކަށް މަޖިލިސް ދީގެން ރައްޔިތުންގެ ތަރައްގީއަށް، ގައުމުގެ ފުދުންތެރި ކަމަށް ކަމެއް ކޮށްދެވޭނެ ގޮތެއް ހަމަ ނުވިސްނެއެވެ. އަދި އެ ހުރިހާ ބާރެއް އޮވެމެ ނުކޮށްދިން ކަމެއް ދެން ކޮށްދީފާނޭ ކަމަށް ނުވަތަ ކޮށްދެވޭނެ ކަމަށް ބަޔަކަށް ވިސްނައިދޭން އުޅުމަކީ ކަނޑުކޮސް ކަމެކެވެ. ތިޔަ ބުނެވެނީ ދިވެހީންނަކީ ވަރަށް ތަންދޮރު ނުދަންނަ ގަމާރު ބައެއް ކަމަށެވެ.

ރައްޔިތުންގެ ލާބައާ މަންފާއަށް، ދާއިރާގެ ކުރިއެރުމާ ތަރައްގީއަށް އަމަލީ ގޮތުން ކަމެއް ކޮށްދެވޭނީ ހަމަ ސަރުކާރަށެވެ. މަޖިލީހަށް ހެދޭނީ ގާނޫނެވެ. ދެން މެންބަރުންނަށް ހުށައެޅޭނީ ގަރާރާއި ކުއްލި މައްސަލައެވެ. ތަޅުގައި ކުރެވޭނީ ބަހުސެވެ. އިދިކޮޅު މެންބަރު ތަމްސީލުކުރާ ދާއިރާއަށް ވެސް ކަމެއް ކޮށްދެވޭނީ ސަރުކާރަށެވެ. އަމިއްލަ މެންބަރަކީ މަޖިލީހުގައި އަދި މާ "ނިކަމެތި" ގޮތަކަށް އިންނަ މީހެކެވެ. އޭނާއަށް ބަހުސް ކޮށްލާން ވެސް ލިބޭނީ ކުޑަ ވަގުތުކޮޅެކެވެ. އެހެން މެންބަރުންގެ ތާއީދާ ނުލައި މަޖީހުގައި ހަމައެއްވެސް ކަމެއް ނުކުރެވޭނެއެވެ. އޭނާ ކަމެއް ކުރަންޏާ ޖެހޭނި ދެކޮޅުން ކުރެ ކޮންމެވެސް އެއްކޮޅަކަށް ޖެހިލާށެވެ.

އަންނަ އާދިއްތަ ދުވަހަކީ ފަސް އަހަރަށްފަހު ގައުމުގެ ބަރުލަމާނީ ހަޔާތުގައި ރައްޔިތުންނަށް ލިބޭ ވަރަށް ވެސް މުހިންމު ފުރުސަތެކެވެ. އެފަދަ މުހިންމު ނިންމުމެއް ނިންމާއިރު ތިމާއަށާއި ތިމާގެ ދަރީންގެ ދަރިންނާއި ދާއިރާއާއި މުޅި ގައުމަށް ފައިދާހުރި ނިންމުމަކަށް އެނިންމުން ނުވެއްޖެ ނަމަ މުޅި އުމުރުގައި ހިތާމަކުރަން ޖެހުމަކީ މާޒީން ފެންނާންއޮތް ހަގީގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން