ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީން ޕީޢެންސީއަށް ތާއިދުކުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމާ ގުޅިގެން ޑިމޮކްރެޓްސްއިން ހޫނު ރައްދެއް ދީފި އެވެ.

ޑިމޮކްރެޓްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ކެމްޕޭން އިވެންޓެއްގެ ތެރެއިން މިނިސްޓަރ އިހުސާން އެ ޕާޓީއާއި ގުޅޭ ގޮތުން ދައްކަވާފައިވަނީ ހަގީގަތާއި ހިލާފު ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކުރަން ނިންމާ، މުއިއްޒުގެ އަރިހުގައި ދަ ޑިމޮކްރެޓްސް އިން މަސައްކަތްކުރިކަމަށް އިހުސާން ދެއްކެވި ހަގީގަތާއި ހިލާފު ދޮގު ވާހަކަ ކުށްވެރިކުރާ ކަމަށް ވެސް ބުނެފައި ވެެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ކުރިއަށްދާނެ ގޮތެއް ނިންމުމަށް ބޭއްވި ޕާޓީގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީން ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

"ދިވެހި އަސްކަރިއްޔާގެ ހަތިޔާރުތަކެއް ފަޅުރަށަކުން ފެނުނުކަމަށް ބުނާ ހާދިސާއާއި، ޑިފެންސް މިނިސްޓަރުގެ ކޮޓަރިކޮޅުން ހަތިޔާރު ފެނުނުކަމަށް ބުނެ ފްރޭމްކުރުމަށް ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެތައް ފަހަރަކު ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޢަލީ އިޙްސާން ފަދަ ދޮގު ހެދުމާއި އޮޅުވާލުމުގެ މާޒީއެއް އޮތް ބޭފުޅެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމީ ހައިރާންކުރުވަނިވި ކަމެއްކަމުގައި ނުވިނަމަވެސް ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމު މަސްއޫލިއްޔަތު މަތިވެފައިއޮތް ވުޒާރާގެ ވަޒީރުގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލެއް ފެނުން މި ޕާޓީއިން ނުހަނު ކަންބޮޑުވަމެވެ." ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން