އަޙްމަދު ޙުމައިދު   14 އޭޕްރީލު 2024 - 8:13
ވައިގެ މަގުން އިރާނުން އިސްރާއީލަށް ހަމަލާ ދޭން ފަށައިފިއެވެ.

އިރާނުން ވަނީ 200 އަށް ވުރެން ގިނަ ޑްރޯން އާއި މިސައިލް އިސްރާއީލަށް ހަމަލާ ދިނުމަށް ފޮނުވާފައެވެ. އިސްރާއީލުގެ އެތަށް ޝަހަރަކަށް ވަނީ މި ހަމަލާތައް އަމާޒުވެފައެވެ.

އިސްރާއީލުން ބުނި ގޮތުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެހީގައި ވަނީ 100 އެއްހާ ޑްރޯން އިސްރާއީލަށް ވަނުމުގެ ކުރިން ވައްޓާލާފައެވެ. އަދި ގިނަ މިސައިލްތައް ވަނީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައެވެ.

އިރާނުން އދ އަށް ކަނޑައަޅާފައިވާ މިޝަން އިން ބުނީ އިސްރާއީލުން މި ހަމަލާ އާއި ގުޅިގެން ބަދަލު ހިފުމުގެ ހަމަލާއެއް ދީފިނަމަ، މިފަހަރު ދިން ހަމަލާއަށް ވުރެ ބޮޑު ހަމަލާއެއް ދޭނެ ކަމަށެވެ. އަދި ސީރިޔާގައި ހުރި އެމްބަސީއަށް ދިން ހަމަލާގެ މައްސަލަ ނިމުނީ ކަމަށެވެ.

މި މަހުގެ 1 ވަނަ ދުވަހު ސީރިޔާގައި ހުންނަ އިރާންގެ އެމްބަސީއަށް ދިން ހަމަލާގެ ބަދަލު ހިފާނޭކަމަށް އިރާނުން ދިޔައީ ބުނަމުންނެވެ. އިސްރާއީލުން އެ ހަމަލާގެ ޒިންމާ ނުނެގިޔަސް، ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ހަމަލާ ދިނީ އިސްރާއީލުންނެވެ. އެ ހަމަލާގައި ވަނީ އިރާންގެ ރެވޮލޫޝަނަރީ ގާރޑް ކޯރޕްސްގެ 7 މީހަކު މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން