ފުށިދިއްގަރު ފަޅު ހިއްކައިގެން މާލެއަށް ލިބޭނެ ލުޔެއް ނެތް ކަމަށާއި ތަރައްގީ ކުރަންވީ ބޮޑެތި ސިޓީތައް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ އައްޑޫ ސިޓީއަށް ބޭނުންވަނީ އެސިޓީގައި ރައްޔިތުން ދިރިއުޅެވޭނެ ގޮތެއް ހޯދައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެެވެ. ސާލިޙު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކައިގެން މާލޭގެ ތޮއްޖެހުމަށް ލިބޭނެ އެއްވެސް ލުޔެއް ނެތް ކަމަށާއި ތަރައްގީ ކުރަންވީ އައްޑޫ ސިޓީފަދަ ބޮޑެތި ސިޓީތައް ކަމަށެެވެ. އެގޮތުން އައްޑޫ ސިޓީއާއެކު ތިނަދޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ތަރައްގީ ކުރަންޖެހޭ ކަމަށް ރަައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ކުރީ ސަރުކާރުން އައްޑޫގައި ފަށާފައިވާ ޕްރޮޖެކްޓުތައް މި ސަރުކާރުން ކުރިއަށް ގެންގޮސް ނިންމައިދޭން ގޮވާލައްވާފައެވެ. އެމްޑީޕީން ބޭނުން ވަނީ އެ މަޝްރޫއުތައް ނިމި އައްޑޫން ވަޒީފާގެ ފުރުސަތުތައް އުފެދި، އައްޑޫ އަށް އާމްދަނީއެއް ލިބޭނެ ގޮތެއް ވެގެންދިޔުން ކަމަށާއި ކަން ކުރީ ވަކި މީހެކޭ ބުނުވަން ބޭނުން ނުވާ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ އައްޑޫގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީ މެމްބަރުން އިންތިހާބުކޮށްދޭން އެދިވަޑައިގެންފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2026 ވަނަ އަހަރު ލޯނު ދައްކަން އޮންނާނެކަމަށާއި ނަމަވެސް އެލޯނު ދެއްކޭނެ ގޮތް އޮންނާނީ ފަހިކޮށްދީފައިކަމަށެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒުކޮށްފިކަމަށްވާނަމަ ދައްޗެއްނެތި ބަޖެޓް ތަންފީޒުކުރެވެމުންދާނެ ކަމަށް ސާލިޙު ވިދާޅުވިއެވެ.

ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މުޅި ރާއްޖޭގެ ތަރަައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތައް ދައްކަމުން ތަރައްގީ އަށް 36 ބިލިއަން ރުފިޔާ ބަޖެޓުން ހޭދަކޮށްފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން